އަދުގެ ޚާއްސަ

Print

މާ އަވަހަށް މުސްކުޅިވާ ނަމަ...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް (2010)

ހަމަ އެއްވެސް މީހަކު ޢަޖޫޒު މުސްކުޅިއެއްގެ ގޮތުގައި މައިބަނޑުން މި ދުނިޔެއަށް އުފަންވެ، އެތައްޒަމާނެއްވާންދެން ދުނިޔޭގައި ދިރި އުޅުމަށްފަހު، ތުއްތު ކުއްޖެއްގެ ގޮތުގައިވެގެން މަރުވެ ދިޔަ ކަމެއް އެނގިފައެއް ނެތެވެ. އެއާ ޚިލާފަށް، ކޮންމެ މީހަކު ވެސް އުފަންވަނީ ތުއްތު ކުއްޖެއްގެ ގޮތުގަ އެވެ. އެއަށް ފަހު ކުޑަ ކުއްޖަކަށްވެދެ އެވެ. ފުރާވަރެއް އަތުވެދެ  އެވެ.  ޒުވާނަކަށްވެ އެވެ. މެދު އުމުރުން ހަރު އުމުރުން ދުވަސްވީ މީހަކަށް ބަދަލު ވެދެ އެވެ. އެ އަށް ފަހު  ދުނިޔޭގައި
 ލެހެއްޓެވި މުއްދަތެއްގެ ނިސްބަތަކުން ލޯބޯ ކޮށިވެ، ''ގުނަންތައް ޅީވެ ކުރުގެޅިގެން، ފުނަށްކީގޭގެ ކަށްވަޅަކަށް'' މަރުވެގެން ހިނގައި ދެ އެވެ. 

ދުނިޔޭގައި އިންސާނާގެ ޙާލަކީ މިއީ ކަމުގައި ވާއިރު، ޢުމުރުގެ އެކި ފިޔަވަހީގައި އޭނާގެ ވިސްނުމުގެ ފޯރުންތެރިކަމާއި، ނަފުސާނީ ކުޅެދުންތެރިކަމާއި، ޖިސްމާނީ ޤާބިލުކަން ތަފާތެވެ. ރޫޙާނީ ފުދުންތެރިކަން ވެސް އެއްގޮތެއް ނޫނެވެ. މުޅިން ތަފާތެވެ. ވަކި މީހެއް ނޫނެވެ. އާދައިގެ ކޮންމެ އިންސާނެއްގެ ޠަބީޢަތެވެ.  ދެން އޮތީ، ޤުދުރަތުން އޭނާގައި ލައްވާފައިވާ ހުނަރުތައް ތަރައްޤީވެ، ކުޅަދާނަވެ މޮޅުމީހަކަށް ވުމެވެ.  ޢިލްމު މަތިވެރިވެ،  ޙިލްމު ތަނަވަސްވުމެވެ. ބުއްދި ފުރިހަމަވެ، ކަންކަމަށް ލޯ ހުޅުވުމެވެ. އޭނާ އެ ކުރި އަރައިދާ ފަންނެއްގައި ''ތަރިއެއް'' ގެ މަޤާމަށް ފޯރުމެވެ. މި ހިސާބަށް އޭނާ އަށް މައްޗަށް އެ ރެނީ އެތައް ހަރުފަތްތަކެއް ކަޑައްތު ކޮށްގެންނެވެ. މަސައްކަތުގެ އަޚްލާޤާއި ސުލޫކެވެ. އޭނާ އެކަމެއްގައި ހޭދަކުރަން ލިބުނު ދިގު މުއްދަތެވެ.   ޢަމަލީ ގޮތުންނާއި ފިކުރީ އޮތުން އެތައް ފަހަރަކު، އެތައް ކަމެއް  ތަކުރާރުކޮށް، ކުރެވިފައިވުމެވެ.  ހެދޭ ގޯސްތަކާއި ވެވޭ ރަނގަޅުތަކާ އަޅައި ބަލައިގެން ކުރަހައިލެވޭ އާ ކުރެހުންތަކެވެ.  ތިމާ ފިޔަވައި އެހެން މީހުންގެ ޙަޔާތުން ފެނި ދެނި އިވި، އެނގިފައިވާ ކަންތައްތަކެވެ. ކިއިފައިވާ ގިނަގުނަ ފޮތްތަކާއި، ބެލިފައިވާ ތަފާތު ފިލްމުތަކާއި، ހެދިފައިވާ އެތައް އެތައް ދިރާސާތަކެވެ. މި ހުރިހާ ކަމެއްގެ އަލީގައި އޭނާގެ މަސައްކަތަށް ގެންނަ އާ  އިޞްލާޙުތަކެވެ. މި އަށް، އިންސާނީ  ތަޖުރިބާއޭ ކިޔަ އެވެ.

އެއްކަމެއް އެތައް ފަހަރަކު ކުރެވޭ ނަމަ އެ ކަމެއް ފަރިތަ ނުވެ އެއް ނުދާނެ އެވެ. ފިކުރުކޮށް، ވިސްނުން ހިންގައި، ކަންކަން އަޅައިބަލާ މީހަކަށް ތަޖުރިބާތަކެއް ހާސިލު ނުވެ އެއް ވެސް ނުދާނެ އެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ހިމެނުނު ދައުރުގައި، ބަތްތަށިން ބަތްސުވަލެއް ނަގައި އަނގަޔަށްލާން އުޅެ ނޭފަތު ވަސްކަށިގަނޑުގައި ހޭކުނީ ކީއްވެތޯ އެވެ؟  ފޮތެއްގައި ވަށްރޮނގެއް އަޅައިފައި ''ތުއްތު'' އަވަހަށް މި އޮރެންޖުގައި ކުލަ ޖައްސާށޭ ބުނީމާ މުޅި ކަރުދާހުގައި ރޮނގު ދެމެނީ ކީއްވެތޯ އެވެ؟ އެންމެ ފުރަތަމަ ބައިސްކަލު ދުއްވަން ދަސްކުރި ދުވަހު، މަގު މެދުގައި އޮތް ކޯކު ހުސްކުރި ދަޅުން ނައްޓައި ނުލެވިގެން ދެ ލޯ މުދުނަށް އެރީ ކީއްވެތޯ އެވެ؟ އެންމެ ފުރަތަމަ ބައެއްގެ ކުރިމަތީ ހުއްޓި ވާހަކަ ދައްކަން ޖެހުނު ދުވަހު ދެފައި ތުރުތުރު އަޅައިގެންފައި، ބުނަން އުޅުނު ވާހަކަ، އޭގެ އަނެއް ކޮޅަށް ބުނެ ނިންމައިލެވުނީ ކީއްވެބާ އެވެ؟ މިހާރު މި ކަންކަން އެއްވެސް ބުރަޔަކާ ނުލައި ކުރެވެނީ ކީއްވެބާ އެވެ؟ 

އަލަށް ދުނިޔެ އަށް އުފަންވާ ތުއްތުކުއްޖާގެ ''ސިކުނޑި'' ހުސްކަރުދާހެއް ފަދަ އެވެ. ނުވަތަ އެއީ ހުސް ޞަފުޙާތަކެއްގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ.  އެ ފޮތުގައި ލިޔާ އެއްޗެއް ލިޔެ، ކުރަހާ އެއްޗެއް ކުރަހަނީ ޒަމާނެވެ. ދުނިޔޭގައި ވޭތުކުރަން އިންސާނާއަށް ލިބިފައިވާ ޢުމުރެވެ. އެ އުމުރު އޭނާއަށް ދޭ ފުރުޞަތުތަކެވެ. ޢިލްމާއި މަޢުރިފާގަ އެވެ. ޙިލްމާއި ތަޖުރިބާގަ އެވެ. ޙަޔާތުގެ އަވަދިނެތްކަމާއި، އުޅުން ގުޅުމުގެ ތެރޭން ދުނިޔެ ކުރިމަތިކުރާ ހިތްޗާއި ފޮނީގަ އެވެ.
 
މި ވިސްނުމުން ބަލާއިރު، އިންސާނާގެ އުމުރުގެ ކޮންމެ ދުވަހަކީ، އެ ފޮތުގެ ޞަފުޙާއެއް ލިޔެވިގެންދާނެ ދުވަހެކެވެ. އެހެންކަމަށް ވާނަމަ، އެ ފޮތުގެ ބާބުތައް ތަރުތީބު ވެގެން އަންނާނެ ގޮތަކާ މެދު ވިސްނާލަމާތޯ އެވެ. ތިބާގެ ފޮތުގެ ފުރަތަމަ ޞަފުޙާގައި ލިޔެވިފައިވާނީ ކީކޭތޯ އެވެ؟ އެއީ އެންމެ ފުރަތަމަ މި ދުނިޔެ އަށް ނޭވާ ލެވުނު ދުވަހުގެ ޞަފުޙާ އެވެ. 

އެ ދުވަހުގެ ޔައުމިއްޔާގައި، މަތިންދާ ބޯޓު ޕައިލެޓުކަމުގެ ކޯހެއް  ފުރިހަމަ ކޮށް، ފުރަތަމަ ފަހަރަށް  މަތިންދާ ބޯޓެއް ދުއްވި ވާހަކަ އޮންނާނެ ތޯއެވެ. ނުވަތަ އަންހެނުންގެ ބަނޑަށް ހަތަރުމަހުގައި ދަރިފުޅު ބައިގެންދިޔަ ވާހަކަ އޮންނާނެ ތޯ އެވެ. ނުވަތަ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރަކަށް އުޅޭތާ، ދިހަ އަހަރު ވެގެން ޑިރެކްޓަރަކަށް ބަދަލު ކުރިވާހަކަ އޮންނާނެ ތޯ އެވެ؟ ދަރިފުޅު ކޮންސެޓަކަށް ތައްޔާރުކޮށް ނަލަހެއްދި ވާހަކަ އޮންނާނެ ތޯ އެވެ؟ ނޯންނާނެ އެވެ. އެކަމަކު އެ ދުވަހުގެ ޞަފުޙާ ފުރިފައި އޮންނާނީ މުޅިން އެހެން ވާހަކަތަކަކުންނެވެ.  އޭގެ ތެރޭން ބައެއް ވާހަކަ ހަމަގައިމު ވެސް 20 އަހަރު ފުރޭ ދުވަހުގެ ޞަފުޙާއަކު ވެސް ނުލިޔެވޭނެ އެވެ. ރަނގަޅެވެ. އުފަންވި ދުވަހު ވެސް ވާނީ ރޮވިފަ އެވެ. ތިން މަސް ފުރުނު ދުވަހު ވެސް ރޮވިފައި އޮވެދާނެ އެވެ.  20 އަހަރު ފުރުނު ދުވަހު ވެސް ރޮވުނުކަމަށް ވެދާނެ އެވެ. ކީއްވެގެންހެއްޔެވެ؟ 20 އަހަރު ފުރުނު ދުވަހު ރޮވުނީ ރައްޓެހިވެގެން އުޅުނު ކުއްޖާ ބޭވަފާތެރިވީމަ އެވެ. އޮފީހުގެ ވެރިޔާ ކޯފާވެގެން އެއްޗެހި ވިދާޅުވީމަ އެވެ.  އެކަމަކު 3 މަސް ފުރުނު ދުވަހު މާބާރަށް ރޯން ފެށީމައި، މަންމަ އައިސް ''ސާފުކޮށްލައިފައި'' ނެޕީ ބަދަލު ކޮށްލައި ދިނުމުން އެކަން ހަމަޖެހިއްޖެ އެވެ.
 
ކަންމިހެން އޮތް އިރު ގަބޫލު ކުރަންޖެހޭ ހަގީގަތެއް އެބަ އޮތެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ކުޑަވެގެން ބޮޑުވި މީހެއްކަމެވެ. ބޮލުން ފަތްވެރޭނެ، ލޮލުން އޮފުކެނޑޭނެ، ކޮލަށް ރޫ އަރާނެ މީހެއްކަމެވެ. އުމުރުން ދުވަސްވެ މުސްކުޅިވާނެ މީހެއްކަމެވެ. ''މަ ވެސް އެހެންނެވެ. އޭނާ ވެސް އެހެންނެވެ. މީނާ ވެސް އެހެންނެވެ. ކަލޭ ވެސް އެހެންނެވެ.'' 

ދެން ބަލައިލަންވީ އުމުރަށް މި އަންނަ ދޮށިކަމުގެ ސަބަބުން ތިމާގެ ފިކުރާއި، ޚިޔާލާއި، ހުނަރަށް ބަދަލެއް އަންނަ ނަމަ، އެ ބަދަލަކީ ކޮބައިތޯ އެވެ. ފަހަރެއްގައި މިހާރު ތިބާގެ އުމުރަކީ ވިއްސަކަށް ފަންސަވީހަކަށް އަހަރުކަމަށް ވެދާނެ އެވެ. އެހެންކަމަށް ވާނަމަ، ފަންސާސް އަހަރު ވެފައިވާ މީހެއްގެ ފޮތާއި ތިބާގެ ފޮތާ ދެމެދުގައި ވަރަށް ބޮޑު ތަފާތެއް ހުންނާނެ އެވެ. ދުވާލަކަށް ޞަފުޙާއެއްގެ މަގުން ބެލީމާ ތިބާގެ ފޮތުގެ ޞަފުޙާގެ އަދަދަކީ، ގާތްގަނޑަކަށް 7,300 ޞަފުޙާ އެވެ. އެކަމަކު 50 އަހަރު ވެފައިވާ މީހާގެ ފޮތަށް ބަލާއިރު އޭގައި، 18,250 (އަށާރަ ހާސް ދުއިސައްތަ ފަންސާސް) ޞަފުޙާ އެބަ ހިމެނެ އެވެ. ދެން ވިސްނައިލަންވީ މި ދެ ފޮތުގައި ހިމެނޭނެ މައުޟޫޢުތަކަށެވެ. އޭގައި ހިމެނޭނެ އޮއްޓަރަށެވެ. އޭގެ ލުއި ބުރަ މިނަށް ވެސް މެ އެވެ.

ތިބާގެ ވިހި ބާވީސް އަހަރުގެ ކުޅެދުމާއި، 50 އަހަރުވެފައިވާ މީހާގެ އުރަތްޕާ އަޅައި ކިރައިލެވޭނެ ކަހަލަ ތިލަފަތެއް ދުނިޔޭގައި އުފެއްދިފައިވާކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް އަދި އެނގިފައެއް ނެތެވެ.  އެ ފަދަ ތިލަފަތެއް އީޖާދު ކުރެވި އޭގެ ބޭނުން ހިފޭހިސާބުގައި ހުރި ނަމަ،  އުމުރުގެ ފަރަގުގެ ނަތީޖާ ދެނެގަންނަން ވަރަށް ފަސޭހަ ވީހެވެ. އޭރުން ތިބާގެ ޒުވާންކަމާއި، އަނެކާގެ ''މުސްކުޅިކަން'' އެ ތިލަފަތުގެ ދެކޮޅަށްލައި ކިރާލެވިދާނެ އެވެ. އިންސާފުވެރި ކިރުމަކުން ކިރާލެވިއްޖެނަމަ، މަދު ކިލޯ ގުރާމު ކޮޅަކާއި، އެތައް ޓަނެއްގެ ތަފާތު ނުފެނި ނުދާނެކަން ކަށަވަރެވެ. 

ރަޙްމަތްތެރިޔަކު ކިޔައިދިނެވެ. އިންސާނާގެ ޙަޔާތާމެދު ކުރެވިފައިވާ ދިރާސާއެއް ދުށީމެވެ. އެ ދިރާސާ ބުނާގޮތުން އިންސާނާގެ ފިކުރާއި، އުންމީދުތަކާއި، ހުވަފެންތައް އޭނާގެ އުމުރުގައި ފިޔަވަހި ތަކަކަށް ބެހިގެންވެ އެވެ. އެންމެ ތުއްތު އިރުން ފެށިގެން ގާތްގަނޑަކަށް ހަތެއް، ނުވަތަ ދިހަވަރަކަށް އަހަރާ ހަމަޔަށް،  އޭނާ ވަރަށް ބޮޑަށް މައިންބަފައިންނާއި އެ ނޫން މީހުންގެ ޙިމާޔަތަށް ބޭނުންވެ އެވެ. ކޮންމެ ކަމެއްގައި އެ ފަރާތްތަކަށް ބަރޯސާވާން ބޭނުންވެ އެވެ. ކުއްޖަކު ތޮޅުނަސް މަންމަގާތުގައި ބުނާނަމޭ، ބައްޕައަށް އަންގާނަމޭ ބުނެލަނީ އެހެންވެގެންނެވެ. އެކަމަކު ފުރާވަރަށް އަރައިގެން ގޮސް، ވިހި ފަންސަވީހުގެ އުމުރުގައި އޭނާ ހުންނަނީ މާ އުފާވެރި ހުވަފެނީ ޢާލަމެއްގަ އެވެ. އޭނާގެ ޚިޔާލުތައް އޭނާ ގޮވައިގެން އަބަދު ވެސް  އުދުހެނީ މިނިވަންކަމުގެ ޖައްވެއްގަ އެވެ. ކާމިޔާބު މީހަކަށްވުމުގެ ފޮނި އުންމީދުތަކާއި އާދަޔާ ޚިލާފު މީހަކަށްވުމަށް ކުރެވޭ އިޙްސާސްތަކެއްގެ މުންތަހާގަ އެވެ. އޭނާ ގަބޫލު ކުރާގޮތުއި އޭނާ އަކީ ''ގަދަ'' މީހެކެވެ. ނަތީޖާ އަކީ ކޮބައިތޯ އެވެ. އޭނާގެ ހިތް ބުނަމުންދަނީ ކީކޭތޯ އެވެ.  ''މަ އިންނާނީ އެންމެ ރީތި ކުއްޖާ އާ އެވެ. މަ ދިރިއުޅޭނީ އެންމެ ފައްކާ ގޭގަ އެވެ. މަ ދުއްވާނީ އެންމެ ފަހުގެ ސައިކަލެކެވެ. އެންމެ ފަހުގެ ކާރެކެވެ. މަ ވާނީ މިވެނި މަގާމެއްގެ އެ ވެނި ނުފޫޒެއްގެވެރި ބަޠަލަކަށެވެ.'' 

ތިރީސް، ނުވަތަ ތިރީސްފަހަކުން  މައްޗަށް ޖެހިލުމުން ދެން ފޫދި ގަންނަނީ މުޅިން ތަފާތު ޖަޒުބާތުތަކެކެވެ. ކުރެވުނު އުންމީދުތަކުން ހާސިލު ނުވި ކަންކަމުގެ ހިތި ހިތާމައިގެ އިޙްސާސްތަކެވެ.  ޅަދުވަހުގައި ބޭކާރު ކޮށްލެވުނު ހުސް ވަގުތުތައް މި ވެނި ގޮތަކަށް ބޭނުން ކުރެވުނު ނަމައޭ ހިތަށް އަރަ އެވެ. އޮފީހަށް ގަޑި ނުޖެހި ހުރިހާ ދުވަހަކު ދެވުނު ނަމައޭ ހިތާހިތާ ކިޔާ ލެވެ އެވެ.  ކޮފީ އަށް އެހައި ބޮޑު ޚަރަދެއް ނުކުރެވުނު ނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ؟  ކާވަނީ ގެ ގޮތުން މި ގުޅެވުނު މީހާގެ ބަދަލުގައި ''އެއްކަލަ އަނެކަކު'' އާ އިނދެވުނު ނަމަ އޭނާ އަހަންނަށް ކިހައި ހެޔޮ ވީސްހެއްޔެވެ؟  ބަލައިލައިގެން ކައިބޮއި އުޅެވުނު ނަމަ، ކަސްރަތު ކޮށްލައި ދުވެލައި ހެދެނު ނަމަ، ޞިއްޙީގޮތުން މި ހާލަށް ވެއްޓޭކަށް ވެސް ނުޖެހުނީސްކަން ކަށަވަރެވެ.
 
ސާޅީހުން މައްޗަށް ދިޔުމުން ދެން މަސައްކަތް ކުރަނީ މި ހުރިހާ ތަޖުރިބާތަކެއްގެ އެހީގަ އެވެ. އަނބި/ފިރި މީހާއާ ޖެހުނު މައްސަލަތަކުގެ ތަޖުރިބާ އެވެ. ގޭތެރޭގެ މަސައްކަތްތަކާއި، އޮފީހުގެ މަސައްކަތްތަކާއި، ދިރިއުޅުމުގެ އޮޅިތައް ގިރާކުރުމުގައި ހެދިފައިވާ ގޯސްތަކެވެ. މިހައި ހިސާބުން މާ ބޮޑަށް ވިސްނައިގެން ކަންކަން ކުރަން ފަށަ އެވެ.  ''މިހެންވީމާ އެހެންވި، އެހެންވީމާ މިހެންވި'' ކަންކަން ވަޒަންކުރުމުގައި  މާޒީގެ ތަޖުރިބާތަކުގެ މި ފުންކަނޑަށް ފީނަންފަށަ އެވެ.   ހަމަ މި އާ އެކު ކަންބޮޑުވާ އެހެން ކަންތައްތަކެއް ހުރެ އެވެ. ''މި ހާރުގެ ކުދިންނަށް މި ކަން މި ކުރެވެނީ އެހައި ރަނގަޅަށް ނޫންކަމެވެ. އޭގައި މި ވެނި އެވެނި ކުށެއް އެބަހުރި ކަމެވެ. އެކަން މި ގޮތަށް ކުރާނެ ނަމަ އެވެ. އެ ކުދިން އަދި އަލީތާ އެވެ. ތަޖުރިބާ މަދީތާ އެވެ. މިއީ އަހަރެމެން މުޅި އުމުރު މި ކަމުގައި ހޭދަކުރި ކަންކަން ވިއްޔާ އެވެ.''  

މި އިޙްސާސްތަކާއެކު، ޒުވާނުންގެ ކަންކަމަށް ގޮތް ކިޔެން ފަށަ އެވެ.  އެ ޒުވާނުންނަށް ހެޔޮ އެދިގެންނެވެ. ތިމާގެ ޙަޔާތުގެ ތަޖުރިބާގެ އަލީގަ އެވެ. ތިމާ އަށް ލިބުނު ދެރަ، އެ ޒުވާނާ އަށް ލިބުން ނޭދޭތީ އެވެ. އަދި ކުށެއް ނެތް ހިމުން ގޮތުގައި އެ ޒުވާނާ ފުރިހަމަޔަށް ކަންތައްތައް ކުރާ މަންޒަރު ދުށުމަށް، ''މުސްކުޅިޔާ'' ގެ ފެނާއި އަލިފާން ރަނގަޅަށް ދަސްވެފައިވާ ހިތް، ނިހާޔަތަށް ޝައުޤުވެރިވާތީ އެވެ. އެކަމުން އޭނާގެ އިންސާނީ ޟަމީރަށް  ފަހިކަމާއި ލުއިކަން ލިބޭތީ އެވެ. 

ޔަޤީނެވެ.  ކޮންމެ ފަންނެއްގައި ވެސް ކޮންމެ ދާއިރާއެއްގައި ވެސް ޚިދުމަތުގައި ގިނަ ދުވަސްވެފައި ތިބި މީހުންނަކީ، އަގުހުރި ބައެކެވެ. ވަރަށް ކުޅަދާނަ ބޭނުންތެރި މޮޅުބައެކެވެ. ހިތާމަ އަކީ، އެމީހުންނަށް އެމީހުން މުސްކުޅިވެއްޖެކަން ނޭނގެނީސް، އަޅުގަނޑުމެންނަށް އެ މީހުން މުސްކުޅިވެއްޖެކަން އެނގޭކަމެވެ. މީރު އަޅުގަނޑުމެންގެ ކަންހުޅިން އަދި ހައެއްކަ ލޯލި ނޫނީ ފެންނާކަށް ނުހުރެ އެވެ. މިހާލަގައި ތިބެ މުސްކުޅިކަމާއި ޒުވާންކަން ވަކި ކޮށްދޭ މާސިންގާ އިންފާރެއް މި ދެމެދުގައި ލެވިއްޖެ ނަމަ އެ ކުރެވުނީ ކީއްތޯ އެވެ؟  އޭރުން އަޅުގަނޑު މެންނަށް އެ ފުރަގަސް ދެވެނީ އެތައް ޒަމާނަކުން ޖަމާވެ މުއްސަނދިވެފައިވާ ރަންރިހީގެ ޚަޒާނާއަކަށެވެ.  އަޅުގަނޑުމެންނަށް އެ  އެއްފަރާތްކޮށްލެވުނީ ކުރަމުންދާ  ދަތުރުގެ މިސްރާބު އަންގައިދޭން ހުރި  ސަމުގާ އެވެ. އެއީ ކޮންމެ ދާއިރާއެއްގެ މީހެއްކަމަށް ވިޔަސް ވަރި ހަމަ އެވެ. ކެޔޮޅުންނާއި، ދަނޑުވެރިންނެވެ. ވަޑިންނާއި، މޭސްތިރިންނެވެ. މުމައްޘިލުންނާއި، މުމައްޘިލާއިންނެވެ. ޓީވީ، ރޭޑިޔޯ ޕްރޮގްރާމު އުފެއްދުންތެރިންނާއި، ހުށަހެޅުންތެރިންނެވެ. ތަފާތު ފަންނުތަކުގެ ފަންނާނުންނާއި، އެކި ދާއިރާތަކުގެ ޢިލްމީ ޚިދުމަތްތެރީންނެވެ. 
 
އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. ދުރު ދެ ޒަމާނަކަށް އުފަންވުމުން ފިކުރާ ޚިޔާލުގެ ބޮޑު ފަރަގެއް ހުންނާނެ އެވެ. އެއީ ޠަބީޢީ ކަމެކެވެ. އެކަމަކު އޭގެ މާނައަކީ، ދޮށީމީހާގެ ކުރިމަތީގައި ހަގު މީހާ އެއްވެސް އެއްޗަކަށް ނުވުމެއް ނޫނެވެ. ހަގުމީހާގެ ނަޒަރުގައި ދޮށީ މީހާ، ރުކަކުން ލުއްސައި އެއްލައިލެވޭ ހިކި އިހާގޮނޑިއަކަށް ވުމެއް ވެސް ނޫނެވެ.
 
އަޅުގަނޑު ވެސް އެއްބަހެވެ. ވަކި ވަރަކަށް މީހާ ޢަޖޫޒު ވުމަކީ،  އޭނާ އަކީ ހަމައެކަނި މުޖުތަމަޢަށް ''ބުރައެއް'' ކަމަށް ވެދާނެ ކަމެކެވެ. އެކަމަކު، އެ ކަން ކަނޑައަޅާނީ، ފަހަރެއްގައި ވެސް، ތިބާގެ އުމުރުގެ ޅަކަމެއް ނޫނެވެ. ސަބަބަކީ، އޭނާ އަށްވުރެ އުމުރުން ހަގު ބައެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހިއްޖެ ކޮންމެ މީހަކީ، މި ދެންނެވި ފަދަ ބުރަ އަކަށް ނުވާނެތީ އެވެ. އަމުދުން، ރާއްޖެ ފަދަ މީސްކޮޅުމަދު، ޢިލްމާއި ފަންނުގެ ފެންއާރުތައް ތަދު ގައުމެއްގައި އެ ފަދަ ޤާބިލު ޚިދުމަތްތެރިންނަކީ، މާނަވީ ގޮތުން ބަލާއިރު، އޭގެ ޙަޤީޤީ އަގު ވަޒަން ނުކުރެވޭނެ މުތްތަކެއް ފަދަ ނާދިރު އަގުހުރި ބައެކެވެ. 

އެ ފަދަ ކޮންމެ ބޭފުޅަކީ، އެ ބޭފުޅެއްގެ  ރޮނގުގައި، ދިރިހުރި ކުތުބުޚާނާ އެކެވެ. ދިރިހުރި ޚާރުޚާނާއަކާއި، ތަމްރީނުދޭ މަރުކަޒެކެވެ. ފީއެއް ދައްކަން ނުޖެހި އެ ތަނަކުން ހިލޭ ކިޔެވޭނެ އަދި ހަރުދަނާ އުޅުންތެރިކަމެއް ދަސްކުރެވޭނެ، ޕްރޮފިޝަނަލް އިންސާނީ އެކަޑަމީ އެކެވެ. 

ކޮންމެއަކަސް، އަޅުގަނޑަށް މި ދެންނެވޭ އެއްޗެއްގެ މާނައަކީ، ދިވެހިންގެ އަދުގެ މާހައުލުން ''ޤާބިލް'' މި ބަހަށް ޙައްޤު މަގާމު ދޭންވެއްޖެ ވާހަކަ އެވެ. ''ތަޖުރިބާކާރު'' މި ލަފުޒުގެ ޢިއްޒަތްތެރިކަން ބައެއް ޅަޒުވާނުންނާއި ހަރުވަމުން އަންނަ މީހުންނަށް ހަނދާން ކޮށްލައިދޭން ޖެހޭ ވާހަކަ އެވެ. ހަމަ އެހެންމެ ''ކަމޭހިތުން'' މި ލަފުޒަކީ ވެސް އިންސާނުން ދިރި އުޅޭތަނެއްގައި އޭގެ ގެރެންޓީ ހަމަވާނެ ލަފުޒެއް ނޫނެވެ. އަމިއްލަ ފެންވަރާއި، އަމިއްލަ ކުށް އެނގުމަކީ، ކުރިޔަށް އަޅަންވީ ފިޔަވަޅު ސީދާ ކުރަން ހަދަންވީ ގޮތް އެނގޭނެ ކަމެކެވެ. މާކު ކުރުމަށްފަހު އިމްތިހާނު ކަރުދާސް އަތަށް ލިބޭ ދުވަހު އަލުން އެ ކަރުދާސް ބަލައިލައި، ނުބައިވި ޖަވާބުތައް ނުބައިވި ސަބަބު މުދައްރިސާ ސުވާލުކޮށްގެން  ދެނެގަންނަ ކުދިން، ދެވަނަ ފަހަރު ހޯދާ ނަތީޖާ ރަނގަޅުވެ އެވެ. 
  
ދިރި އުޅުމުގެ މި ފަދަ އާންމު ޙަޤީޤަތްތަކުން، ޢިބްރަތާއި ފިލާވަޅު ލިބި ނުގަނެވޭނަމަ، ޒަމާނުގެ އެހީގައި  އުމުރު ތިމާގެ ބޭރުފުށުގެ ބޮނބިގަނޑު ހަރުކުރަމުން  ދިޔަޔަސް، ސިކުނޑި ގަބުޅީގެ މަރުޙަލާ ކަޑައްތު ނުކޮށް އޮވެދާނެ އެވެ؟ އެ ފަދަ ޒުވާނެއްގެ މިސާލަކީ، ނު ކެކެނީސް ދުންގެންފައިވާ ބަތްތަވައެއްގެ މިސާލެވެ. 

އެއް އަހަރެއްގައި  އަޅުގަނޑު ޝްރީލަންކާގައި ހުއްޓައި މުދައްރިސުންގެ ދުވަހެއް ފާހަގަކުރެވުނެވެ. އަޅުގަނޑު ދުށީ ލޮލުން ފެން އަންނަ ފަދަ މަންޒަރެކެވެ. ދުވަސް ވެގެން ގޮސް، އިހު މީހުން ބުނާހެން ''އަދުތޯ މާދަންތޯ'' ވެފައި ތިބި އެތައް މުދައްރިސުންނެއް އެ ދުވަހު އަޅުގަނޑު ހުރިގޭ ކައިރީގައި ހުރި ކޮލެޖަކަށް ޒިޔާރަތް ކުރި އެވެ. ޒިޔާރަތް ކުރިއޭ ދެންނެވުމަށްވުރެ އިންސާފުވެރި ގޮތަކީ އެ މީސްމީހުންގެ ދަރީން އެ މީސް މީހުން އެ ތަނަށް ގެނެސްދިނޭ ދެންނެވުމެވެ. ހައްތާ ވެސް ރިޓަޔަޑް މީހުންނެވެ. ގިނައީ އަސާގަނޑުގަނޑާއި، ފޮރޮޅުލީ ގޮނޑިގޮނޑީގެ އެހީގައި ހެލިފެލިވެ އުޅުނު ''ނުކުޅެދޭ'' މީހުންނެވެ.

ދެން ފެނުނީ އަޖައިބުވެ އަންތަރީސް ވާފަދަ މަންޒަރެކެވެ. އެ މީހުންނަށް ކުރެވުނު ހޫނު އިސްތިޤުބާލެވެ. ކުރެވެމުން ދިޔަ ސަލާމާއި، އަދަބު އަދާ ކޮށް، ދެމުން ދިޔަ ބޮސްދިނުންތަކެވެ. އޮހެމުން ދިޔަ މަރުޙަބާއާއި ތަހުނިޔާގެ މާބޮނޑިތަކެވެ.  އެމީސް މީހުން ކިޔަވައިދިން މީހުން މިހާރު އެތާނގައި އެ ތިބީ އެ އިސް އެދުރުން ނެތުމުން ހުސްވި ގޮޅި ފުރާށެވެ. މުވައްޒަފުންގެ ގޮތުގަ އެވެ. ތަފާތު މަގާމުތަކުގަ އެވެ. ކިޔަވައިދޭ  އެ ދުރުންގެ ގޮތުގަ އެވެ. އެ ޒުވާން އެދުރުންނަށް  ދަރިވަރުވާ ކުދިންނަކީ، އަދި ޅަކުދީންނެވެ. އެހެންވީ އިރު އެ ކުދީންނަކީ މި ޒިޔާރަތްކުރި އިސް އެދުރުންގެ ''ކާފަ ދަރިވަރުން'' ދޮގެއްތޯ އެވެ. ހަމަ އެއާ އެކު އެއީ ''ކާފަރު ދަރިވަރުން'' ވެސް މެ އެވެ. އެކަމަކު އެ އެންމެން އެ ދެއްކި  ގުޅުންތެރިކަމާއި، މާތް  އަޚްލާޤުގެ ރީތި ތަހުޒީބީ ހަރަކާތްތައް ފެނުން އެންމެ އެކަށީގެންވަނީ މަކާރިމުލްއަޚުލާޤުގެ ދީނުގެ އަހުލުވެރިންގެ ތެރޭން ނޫންހެއްޔޭ ހިތަށް އެރި އެވެ. 

މީހާގެ ފަތިހަށިކަމާއެކު މުލައްދަނޑިޔާއި ބުރަކަށީގައި ބޮނޑިޖެހި ހަރުވެފައިވާ މަސްތައް  އޭނާއަކީ ބަރާބަރަށް ކަސްރަތުކުރާ މީހެއްކަން ބުނެދެ އެވެ. ނިތުގައި ލައިފައި ހުންނަ ކުރަ، އޭނާ އަކީ ނަމާދަށް ފަރުވާތެރި މީހެއްކަން ބުނެދެ އެވެ. ބެރާއި ތާރަ ޖެހުމުގައި ގިނަ ދުވަސްވެ ތަޖުރިބާ ލިބިފައިވާ މީހާ ބުނެދެނީ އޭނާ އާއި ސަލާން ކޮށްލާވަގުތު އަތުގެ ބަނޑުފުށުން ކޭެއްތިލާ ހަމުގެ ކުރަކި ކަމެވެ. ވީއިރު، ޒުވާނާ އައިނަކާ ނުލާ ކިޔާ ލިޔުމެއް ދުވަސްވީ މީހާ އައިނެއްގެ އެހީގައި ކިޔަން ޖެހުމަކީ، ދުވަސްވީ މީހާގެ ނުކުޅެދުންތެރިކަމެއް ނޫނެވެ. ދުނިޔޭގައި އެންމެ ފުރަތަމަ އައިނު އީޖާދު ކުރިމީހާ އައިނު އީޖާދު ކުރީ ވެސް އޭނާ ކިރުތުނބުން ވީއްލި ދުވަހަކު ނޫނެއް ނޫންތޯ އެވެ.  
ޤާނޫނު އޭގެ ވާޖިބު އަދާކޮށް މުވައްޒަފަކު ރިޓަޔަރ ކުރުމަކީ، އޭނާއަށް އިހާނެތިކޮށް ހިތުމުގެ މާނަ، ކުޑަކޮށް ވެސް އޭގައި ހިމެނޭކަމެއް ނޫނެވެ.  އެކަމަކު އެއީ އޭނާގެ މުޅި އުމުރުގެ ޚިދުމަތާއި، ތަޖުރިބާގެ އަގުވަޒަން ކުރުމެވެ. އެއީ ތިބާގެ އާއިލީ ގުޅުންތަކަށް ޚިދުމަތުގެ ދައުރުގައި ލިބުނު ފަޅުކަން  ދެން އޮތްތާނގައި ނިޔަނެތިކަމާއެކު ފޫބައްދައިލައްވާށޭ ބުނުމެވެ. އާރާސްތުކުރުމުގެ މަސައްކަތުގައި ވަރުބަލިވެފައިވާ ތިބާގެ މައިކަށްޓަށް ދެން ލުއިކަމާއި ފަސޭހަކަން ދެއްވާށޭ ބުނުމެވެ. ތިޔަ އިންދެވި ގަސްގަހުގެ މޭވާގެ ފޮނިމީރުކަން ދެކިލައްވައި އުފާކުރައްވާށޭ ބުނުމެވެ.  ދެއްކެވި އަލި މަގުގައި އަޅުގަނޑުމެން އާޖީލު ޒުވާންކަމުގެ ހަކަތައާއިގެން އިސްވެ ތެދުވެއްޖައީމުއޭ  ދެން ހިތްސަހޭކަމާއެކު ޢިއްޒަތުގައި އަރާމު ކުރައްވާށޭ ދެންނެވުމެވެ. ރިޓަޔަރ ވުމާއެކު، އޭނާ އަށް ދޭންޖެހޭ އިތުރު އިނާޔަތްތަކެއް ކަމާބެހޭ ފަރާތުގެ މައްޗަށް ޤާނޫނު ލާޒިމު ކުރަނީ މި މަތިވެރި މާނައިގަ އެވެ. 
މަޒުމޫނުން އަތް ދޫކޮށްލުމުގެ ކުރީގައި، މި ޝުޢޫރުތައް ލިޔެ ހުށަހަޅައިލަން އަޅުގަނޑުގެ ޟަމީރު އަޅުގަނޑަށް މަޖުބޫރުކުރި  ހާދިސާ، ދަންނަވާލާނަމެވެ.

9- ސެޕްޓެމްބަރ 2010ވީ ބުރާސްފަތި ވިލޭރޭ، 9.30ގައި ރާއްޖެ ރޭޑިޔޯގެ ސްޓޫޑިޔޯ 2 ގައި ޑްރާމާއެއް ރެކޯޑު ކުރުން އޮތެވެ. އަލްއަޚް ނަޞްރުﷲ އިދުރީސްގެ އެދިވަޑައިގަތުމަކަށް  ޑްރާމާ ލިޔުނީ އަޅުގަނޑު ކަމަށްވާތީ، ރެކޯޑުކުރިގަޑީގައި އެ ސްޓޫޑިޔޯގައި މަޑުކޮށްލުމުގެ ފުރުޞަތު އޮތީ އަޅުގަނޑަށް ލިބިފަ އެވެ. މި ޑްރާމާގައި، ދިވެހިރާއްޖޭގެ ރޭޑިޔޯގެ ޚިދުމަތުގެ މޫތައް ކަމުގައި ހިމެނޭނެ ކުޅަދާނަ ބޭފުޅުންކޮޅެއް ހިމެނުނެވެ.

އޭގެ ތެރޭން ގިނަ ބޭފުޅުންނަކީ މި ހާރު އެތާނގެ މުވައްޒަފުންނެއް ނޫނެވެ. އެ ބޭފުޅުންނަށް ތިބާ އަރުއްވާނީ ކޮންނަމެއްތޯ އެވެ؟ ''މުސްކުޅިވެރިން''ތޯ އެވެ؟ ނުވަތަ ''މުސްކުޅި ގުރޫޕު''ތޯ އެވެ؟ ނުވަތަ  ޕްރޮފެޝަނަލް ޓީމު ތޯ އެވެ؟ 

ވަރަށް ވިސްނައިވަޑައިގެންފައި މި ތަނުން ނަމެއް ޚިޔާރު ކުރައްވާށެވެ!  އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީ ދިވެހި ރޭޑިޔޯއަށް ޚިދުމަތް ކުރުމުގެ ދާއިރާގައި އެ ފަދަ ދެވަނަ އެއް މިރާއްޖޭން ހޮވައި ނުނެގޭނެ، ޤާބިލް، ކުޅަދާނަ، ތަޖުރިބާކާރު، އެދާއިރާގެ ޚިދުމަތްތެރި ޢިއްޒަތްތެރިންނެވެ.
މި ދެންނެވި ބައެއް ބޭފުޅުންގެ ނަންފުޅުތައް ލިޔެލާނަމެވެ. 

1- އަލްފާޟިލް ބަދުރު ނަޞީރު 
2- އަލްފާޟިލާ މުއުމިނާ އިބްރާހީމް 
3- އަލްފާޟިލް ޢަލީ ޢަބްދުﷲ 
4- އަލްފާޟިލާ ޙަފުޞާ ޢަލީ
5- އަލްފާޟިލާ ނަޖުމާ ޙުސައިން

އާދެ! މި ނޫނަސް، އަލްފާޟިލް ނަޞްރުﷲ އިދުރީސް، އަލްފާޟިލާ މަރިޔަމް ޝައުޤީ، އަލްފާޟިލް ޢަލީ ޚާލިދު، އަލްފާޟިލް މުޙަންމަދު ރަމީޒު، އަދި، އަލްފާޟިލް މުޙަންމަދު ނިހާނު މި ތަމްސީލުގައި ބައިވެރިވެވަޑައިގަތެވެ. މި އެންމެހާ ބޭފުޅުންގެ ކުޅަދާނަފުޅުކަމަށް އަޅުގަނޑު އިޢުތިރާފުވަމެވެ. 

ކޮންމެ އަކަސް މި ޑްރާމާ ރެކޯޑު ކުރަމުން ދިޔަ އިރު ފާހަގަ ކުރެވުނު އެންމެ ޚާއްޞަ ކަމަކީ، ތަޖުރިބާކާރު ހަރުބޭފުޅުންގެ ކުޅަދާނަފުޅުކަމެވެ. ދެކެވޭވަހަކަތައް ހުށަހެޅުއްވުމުގައި ރާގު ގެންގުޅުންވާލެއް ފުރިހަމަ ކަމެވެ. ބާރުލައްވަންޖެހޭ އަކުރު އެހެން މީހަކު ފާހަގަ ކޮށްދިނުމަކާ ނުލައި ފާހަގަ ކުރައްވަ އެވެ. ކޮންމެ ޖުމުލަ އެއް އަމިއްލައަށް  ވިދާޅުވާއިރު، އެ ހުންނަނީ އާދަޔާ ޚިލާފު ފުރިހަމަކަމެކެވެ. އެ ލަފުޒެއްގެ ޖަޒުބާތާއި ފުރިހަމަ އިޙްސާސުގައި ވިދާޅުވާލެއް މޮޅެވެ. ތަމްސީލެއް ހެނެއް ހީއެއް ވެސް ނުވެ އެވެ. ހީވަނީ މި ހާރު މި ތާނގައި މި ކަން ހިނގަނީ ކަމުގަ އެވެ. 
        
ހަމަ އެވަގުތު ހިތަށް އަރަމުން ދިޔަ އެވެ. އަޅުގަނޑަކީ، މި ނޫނަސް މި ބާވަތުގެ މަސައްކަތް ކުރުވާ މީހެއްގެ ގޮތުގައި ބައެއް ތަންތަނުގައި ކޮންމެ ވެސް ވަރަކަށް މަސައްކަތް ކުރެވިފައިވާ މީހަކީމެވެ. އެ ތަޖުރިބާ އާއި މި ތަޖުރިބާ ހާދަ ތަފާތެވެ. ޒުވާންކަމާއި މުސްކުޅިކަމުގެ ތަފާތުތޯ އެވެ؟ ނޫނެކެވެ. ދަތުމާއި ނުދަތުމުގެ ފަރަގެވެ.

ފަހަރެއްގައި ވެސް ޒުވާނުންނަށް ބަރުބަހެއް ބުނަނީ އެއް ނޫނެވެ. ބުނާކަށް ނުވެސް ޖެހެ އެވެ. ޙަޤީޤަތުގައި ޒުވާން ކުދީން ވަރަށް ހޭލުންތެރިވާނެ އެވެ. އާ ޚިޔާލުތައް ހުންނާނެ އެވެ. އާ ބަދަލުތައް ދަންނާނެ އެވެ. އެކަންކަން ހެޔޮ ހިތުން ގަބޫލު ކުރަމެވެ. އަދި އެ ކުޅަދާނަކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހިތްވަރު ދެމެވެ. ތިޔަ އުފެއްދުންތެރި ހުނަރުވެރިކަމަށް މަރުޙަބާ ކިޔަމެވެ. ނަމަވެސް އެއާއެކު އަޅުގަނޑު މި ދަންނަވަނީ އެންމެ ވާހަކަ އެކެވެ. އުމުރުން ދުވަސްވުމަކީ، ''އައްޗިވާކަމެއް'' ނޫނެވެ. އެކި ދާއިރާތަކަށް އަލަށް ނިކުވެވަޑައިގަންނަވާ ޒުވާނުން އެކި ރޮނގު  ރޮނގުން ލިބެންހުރި ''އިންސާނީ ތަރިކަތައް'' ދޫކޮށް ނުލައްވާށެވެ. ވަކި ދާއިރާއެއް ނޫނެވެ. ހަމަ ކޮންމެ ދާއިރާ އެއްގަ ވެ.  އެ ބޭބޭފުޅުންގެ މޮޅުފުޅުކަމުން މޮޅުވެގަންނާށެވެ. ހުނަރުވެރިކަމުން ހުނަރުވެރިވެގަންނާށެވެ. މަ ކުރާކަމެއްގައި ޚިޔާލެއްދީ، މަށަށް އެއްޗެއް ބުނެދެވޭނީ، އުމުރުގެ ގޮތުން މަށާ އެއް އުމުރެއްގެ، ފާހުގެ ގޮތުން މަށާ އެއްފެންވަރެއްގެ ޒުވާނަކަށް ނޫންހޭ ބުނެ، ބާލިޣު ނުވާ ގެރިޔަކުން ކިރުފެއްލަވަން ނޫޅުއްވާށެވެ!  އެއީ ބުއްދިވެރީން ކަންކުރާނެ ގޮތެއް ނޫނެވެ.
 
ވިސްނަވާށެވެ! އަޅުގަނޑުމެންގެ މާ ޅައުމުރުގައި އަނެކާ މުސްކުޅިވެއްޖެކަން އަޅުގަނޑުމެންނަށް އެނގުނީމާ އެ ވަނީ ކިހިނެއްތޯ އެވެ؟ ބިޔަ ގަހަކުން ނިރެއް ފަޅާ އިރަށް، މައި މުލާއެކު، އެ ބިޔަ ގަސް ކަނޑައި އެއްލައިލަންވީތޯ އެވެ؟ އޭރުން ނިރަށް ވާނީ ކިހިނެއްތޯ އެވެ؟ ހެދި ބޮޑުވެ މޭވާގެން ފައްކާ ވާނީތޯ އެވެ؟ ކުރި ގުރުޑުވެ ފެނާ ކާނާ ނުލިބި، ގަދަ އަވީގައި ހިއްކާލާނީ ތޯ އެވެ؟
 
(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ