އަދުގެ ޚާއްސަ

Print

ކާމިޔާބުގެ ބާވަތްތަކާއި އޭގެ ދަރަޖަތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ

ޒުވާން ފިރިހެން ކުއްޖަކަށް ދަޅަދައްކައިގެން، އޭނާއަށް އޮޅުވާލުމުގައި، ޒުވާން އަންހެން ކުއްޖަކު ހޯދާ ކާމިޔާބަކީ ގަޑުބަޑު ކާމިޔާބެކެވެ. ޒުވާން އަންހެން ކުއްޖަކަށް މަކަރުހަދައިގެން އޭނާ ޝިކާރަކުރުމުގައި، ޒުވާން ފިރިހެން ކުއްޖަކު ހޯދާ ކާމިޔާބަކީ ވެސް ގަޑުބަޑު ކާމިޔާބެކެވެ.


ޤަދާސަތުލް ބާބާ ޝަންނޫދާ އައްޘާލިޘް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ކާމިޔާބަކީ، އުފާވެރިކަމުގެ ލަފުޒެކެވެ. ކާމިޔާބު މީހާ އޭނާގެ ކާމިޔާބުކަމަށްޓަކައި އުފާކުރާނެ އެވެ. އަދި އޭނާގެ ސަބަބުން، އޭނާގެ ޢާއިލާއަށާއި މިތުރުންނަށާއި އޭނާގެ ވަށައިގެންވާ މުޖުތަމަޢަށް އުފާ ލިބޭނެ އެވެ. ކާމިޔާބުގެ ބައެއް ބާވަތްތަކުން، މުޅި ޤައުމަށް އުފާ ލިއްބައިދެ އެވެ. ރޫޙާނީ ގޮތުން މީހަކު ޙާޞިލްކުރާ ކާމިޔާބަށްޓަކައި މަލާއިކަތްބޭކަލުން ވެސް އުފާކުރައްވަ އެވެ.

މިދުވަސްވަރު އަޅުގަނޑުމެން އެންމެން މިދައްކަނީ ދިރާސީ އަހަރުގެ ނަތީޖާގެ ވާހަކަ އެވެ. އެތައް ދަރިވަރުންނެއް ފާސްވެ، ކިޔެވުމުގެ މައިދާނުގައި ދަރިވަރުން ކާމިޔާބު ޙާޞިލްކުރި ވާހަކަ އެވެ.

ކާމިޔާބުގެ ގިއުގަނޑުގެ ތެރޭގައި މަދްރަސާކުދިން ހިމެނޭ ފަދައިން، ނޯބެލް އިނާމު ޙާޞިލްކުރައްވާ ބޭފުޅުން ވެސް އެ ގިއުގަނޑުގެ ތެރޭގައި ހިމެނެ އެވެ. މިސާލަކަށް އަލްއަދީބު ނަޖީބު މަޙުފޫޡެވެ. އަދި އަލްޢާލިމު އަޙުމަދު ޒުވައިލެވެ. މިނޫނަސް އޮށްޓަރުހުރި، އާރުލާ ރިސާޗްތަކެއް ހުށަހަޅުއްވާފައިވާ ކޮންމެ ބޭފުޅެކެވެ. ނުވަތަ މަޤުބޫލު އެއްޗެއް އީޖާދުކުރައްވާފައިވާ ކޮންމެ ބޭފުޅެކެވެ. އެހުރިހައި ބޭފުޅުންނަށްޓަކައި ޤައުމު އުފާފާޅުކުރެ އެވެ.

އެހެންވީމާ، ހަމައެކަނި ކާމިޔާބަކުން ނުފުދެ އެވެ. އެންމެންގެ ސަމާލުކަމަށް އަންނަ ފަދަ، މޮޅުކަމާއި ތޫނުފިލިކަމާއި ކުރިއެރުން އެބަ ބޭނުންވެ އެވެ. އެޔަށްޓަކައި އެންމެން އުފާކޮށް ފަޚުރުވެރިވާނެ އެވެ.

ކާމިޔާބަކީ، ހަމައެކަނި ޢިލްމީ ކާމިޔާބު ކަމަކަށް މާނައެއް ނުކުރަމެވެ. ނަމަވެސް އެއީ، ހުރިހައި މައިދާނެއްގައި ހިމެނޭ ކާމިޔާބެވެ. އޭގެ މިސާލަކީ، ޤާނޫނީ ވަކީލަކު ވަކާލާތުކުރެއްވުމުގައި ޙާޞިލްކުރައްވާ ކާމިޔާބެވެ. ޑަކުޓަރަކު ބޭސްފަރުވާކުރެއްވުމުގައި ޙާޞިލްކުރައްވާ ކާމިޔާބެވެ. މަސައްކަތްތެރިޔަކު މަސައްކަތް ފުރިހަމަކުރެއްވުމުގައި ޙާޞިލްކުރައްވާ ކާމިޔާބެވެ. ފިލްމީ ފަންނާނަކު އޭނާގެ ދައުރު އަދާކުރެއްވުމުގައި ޙާޞިލްކުރައްވާ ކާމިޔާބެވެ. މައިންބަފައިން ދަރިން ތަރުބިއްޔަތުކުރެއްވުމުގައި ޙާޞިލްކުރައްވާ ކާމިޔާބެވެ. ފުޓްބޯޅަ ޓީމެއްގެ ކުޅުންތެރިން ދަނޑުމަތީގައި ޙާޞިލްކުރައްވާ ކާމިޔާބެވެ. ޤައުމުތަކުގެ ރައީސުން ވެސް، އެބޭފުޅުންގެ ޤައުމުތަކުގެ ޓީމު މޮޅުވުމުން އުފާފާޅުކުރައްވާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުންދެ އެވެ. ... ހަމައެފަދައިން، މޮޅު ހުށަހެޅުންތަކާއި، ތޫނުފިލި ވިސްނުންތަކާއި، ފައިދާހުރި މަޝްރޫޢުތައް ވެސް، ކާމިޔާބުގެ މާނައިގެ ތެރޭގައި ހިމެނެ އެވެ.

ކާމިޔާބު ޙާޞިލްވުމުން އުފާކުރާ ފަދައިން، ކާމިޔާބުގެ ދަރަޖަ މަތިވެރިވުމުން އުފާވެރިކަން އިތުރުވެ އެވެ. އާދައިގެ ގޮތެއްގައި ފާސްވާ ދަރިވަރަކާ، މަތީ ދަރަޖައެއްގައި ފާސްވާ ދަރިވަރަކާ ތަފާތުވާނެ އެވެ. މަތީ ދަރަޖަތަކާއި މަތީ ވަނަތައް ޙާޞިލްކުރާ ދަރިވަރުންގެ ސަބަބުން، އެކުދިންނާ ގުޅުންހުރި އެންމެން އުފާފާޅުކުރާނެ އެވެ.

ކާމިޔާބުގެ އިދިކޮޅަކީ ނާކާމިޔާބެވެ. ނާކާމިޔާބުވުމުން އެކަމުގެ ހިތާމައިން ޚަބަރު ހުސްވާތަން ވެސް ފެނިފައިވެ އެވެ.

ކާމިޔާބު ޙާޞިލްކުރުމަކީ، ރޫޙާނީ އިންސާނާގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ. އޭނާއަކީ ހުރިހައި ކަމެއްގައި ކާމިޔާބު މީހެކެވެ. އޭނާ ކުރާ ކޮންމެ ކަމެއްގައި އޭނާ ކާމިޔާބު ޙާޞިލްކުރެ އެވެ. ކާމިޔާބު ލިއްބައިދޭ ހަކަތަވަނީ، އޭނާ އެކިއެކި މަސައްކަތްތައް ކުރާއިރު، އޭނާއާ ވަކިނުވާނެހެން އޭނާގެ ޝަޚުޞިއްޔަތާ ގުޅިލާމެހިފަ އެވެ. އެހެންކަމުން، އޭނާ އަދާކުރާ ވަޒީފާގައި އޭނާ ކާމިޔާބު ހޯދަ އެވެ. އަނެކުންގެ އިޙުތިރާމު ލިބިގަތުމުގައި ވެސް އޭނާ ކާމިޔާބު ހޯދަ އެވެ. އޭނާ މުޢާމަލާތްކުރި ކޮންމެ މީހަކަށް އިތުބާރު ދިނުމުގައި ވެސް އޭނާ ކާމިޔާބު ހޯދަ އެވެ. ރިވެތި އަޚުލާޤެއްގެ ވެރިޔަކަށް ވުމުގައި ވެސް އޭނާ ކާމިޔާބު ހޯދަ އެވެ. ޢާއިލީ ދިރިއުޅުމުގައި ވެސް އޭނާ ކާމިޔާބު ހޯދަ އެވެ. އޭނާ އަދާކުރަން ޖެހުނު ކޮންމެ ދައުރެއް އަދާކުރުމުގައި ވެސް އޭނާ ކާމިޔާބު ހޯދަ އެވެ. ކުރިމަތިވާ ދަތިތަކާއި މައްސަލަތައް ޙައްލުކުރުމުގައި ވެސް އޭނާ ކާމިޔާބު ހޯދަ އެވެ. އޭނާއާ ދެކޮޅަށް ރޭވޭ މަކަރުވެރި ރޭވުންތަކުން ރެކުމުގައި ވެސް އޭނާ ކާމިޔާބު ހޯދަ އެވެ. އެއިން އެއްވެސް ކަމަކުން އޭނާއަށް އިދި އަސަރެއް ނުކުރެ އެވެ. ކީއްތޯ އެވެ. އެހުރިހައި ކަމަކުން އޭނާ މިންޖުވަނީ ނުހަނު ކާމިޔާބާއެކުގަ އެވެ.

ޔޫސުފުގެފާނަކީ އިންސާނީ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބު ޝަޚުޞިއްޔަތެކެވެ. އެކަލޭގެފާނަކީ ތެދުވެރި ބޭކަލެކެވެ. ކޮންމެ މަޤާމެއްގައި ވެސް އެކަލޭގެފާނުވަނީ، ކާމިޔާބުކަމާއި ލޯބިވެތިކަން ޙާޞިލްކުރައްވާފަ އެވެ. ދަރިކަލެއްގެ ހައިސިއްޔަތުން މަންމާފުޅާއި ބައްޕާފުޅުގެ ލޯބިފުޅު ލިބިވަޑައިގަތުން ކާމިޔާބުކުރެއްވި އެވެ. ޚާދިމެއްގެ ހައިސިއްޔަތުން މިޞްރުގެ ޢަޒީޒަށް ޚިދުމަތްކުރެއްވުން ވެސް ކާމިޔާބުކުރެއްވި އެވެ. ޖަލުގެ ޤައިދީއެއްގެ ހައިސިއްޔަތުން ޖަލުމީހުންނާ އެކުވެރިކަން ބަދަހިކުރެއްވުން ވެސް ކާމިޔާބުކުރެއްވި އެވެ. މާލީ ވަޒީރުގެ ހައިސިއްޔަތުން މިޞްރު ބަނޑުހައިހޫނުކަމުން ސަލާމަތްކުރެއްވުން ވެސް ކާމިޔާބުކުރެއްވި އެވެ.

ޝައްކެއްނެތެވެ. އިންސާނީ ތާރީޚުގެ އެކިއެކި މަރްޙަލާތަކުގައި ކާމިޔާބު އެތައް ޝަޚުޞިއްޔަތެއް ހިމެނިފައިވާނެ އެވެ. އެބޭފުޅުންގެ ޤައުމުތައް ހަނގުރާމަތަކުން ސަލާމަތްކުރައްވައި، އެ ޤައުމުތަކުގެ ދަރަޖަ މަތިވެރިކުރެއްވި ޤާއިދުންނެވެ. ޒަމާންތަކަށް ދެމިހުންނާނޭ ފަދަ ޢިލްމީ ތަރިކަތައް ދޫކުރެއްވި ލިޔުންތެރިންނާއި ފިލޯސަފަރުންނެވެ. އެބޭކަލުންގެ ޢިލްމުން އެތައް ޤަރުނެއް ވަންދެން ދުނިޔެއަށް މަންފާކޮށްފައިވާ ޢިލްމުވެރިންނެވެ. މިމޭރުމުން ވާހަކަދައްކާއިރު، އިޖުތިމާޢީ މުޞްލިޙުންނާއި ޔުނިވަރސިޓީތަކުގެ މުއައްސިސުން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަދި ގިނަގުނަ ދާއިރާތަކުގައި ތަފާތު ޙަރަކާތްތައް ހިންގަވައި މިންނެތް ޚިދުމަތްކުރެއްވި ހިންމަތްތެރިން ވެސް ހަނދާން ނައްތާލައިގެން ނުވާނެ އެވެ.

ނަމަވެސް، މީހެއްގެ ކާމިޔާބާ ބެހޭ ގޮތުން ވާހަކަދައްކާއިރު، އޭނާގެ ފެށުން އޮތީ ކިހިނަކުންތޯ ބެލުން އެހާ މުހިންމެއް ނޫނެވެ. ބައެއް ފަހަރު އޭނާ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައި ވެދާނެ އެވެ. އަޅުގަނޑުމެންނަށް މުހިންމީ، ކާމިޔާބުގެ އަހުލުވެރިޔާ، ކާމިޔާބު ޙާޞިލުކުރާ ނިމުމެވެ. ކާމިޔާބުގެ އަހުލުވެރިޔާ ވަރަށް ގިނަ ފަހަރު، ދަތި އުނދަގޫތަކާ ކުރިމަތިލާފައިވާނެ އެވެ. އޭނާގެ ކުރިމަރާ އެތައް މައްސަލަތަކެއް އޭނާގެ މަގުބަންދުކޮށްފައިވާނެ އެވެ. އެހެންވީމާ، ކުރީކޮޅުގައި ކާމިޔާބު ޙާޞިލުނުވިޔަސް ނާއުންމީދު ނުވާށެވެ! ކާމިޔާބަށް އެދޭ މީހާ ކެތްތެރިވާން ޖެހެ އެވެ. ކެތްތެރިކަމެއް ނެތި، އަވަހަށް ފޫހިވާ މީހާއަށް ކާމިޔާބު ޙާޞިލެއް ނުވާނެ އެވެ. މަޢުނަވިއްޔާތުގެ ގޮތުން ބާރުގަދަ، ރޫޙާނީ ގޮތުން ވަރުގަދަ މީހާ، ކަންބޮޑުވެ ހާސްނުވާނެ އެވެ. އޭނާ ގަދައަޅައި ކުރާ މަސައްކަތުގެ މޭވާ ދޮންވެ ފައްކާވަންދެން، އޭނާ އިންތިޒާރުކުރާނެ އެވެ.

މަޢުނަވިއްޔާތު ގޮތުން ބާރުގަދަ، ރޫޙާނީ ގޮތުން ވަރުގަދަ މީހަކީ، ނަފުސާނީ ގޮތުން ވެސް ދުޅަހެޔޮ މީހެކެވެ. އޭނާއަކީ، ސޮހޮލުވެ، ގަޑުބަޑުވެ، ކުރިމަތިލާން ނުކެރިފައި ހުންނާނެ މީހެއް ނޫނެވެ. އޭނާގެ ހިތާއި ނާރުތަކާއި ނިންމުންތަކުގައި ކާމިޔާބުގެ ވިންދު ޖަހާނެ އެވެ. މިހުރިހާ ކަމެއްގެ ކުރީގައި، އޭނާއަކީ، ޚާލިޤުވަންތަ ރަސްކަލާނގެ ޙަޟުރަތާއެކު ބާއްވަންޖެހޭ ގުޅުން ދެމެހެއްޓުމުގައި ވެސް ކާމިޔާބު މީހެކެވެ. އަމާޒަށް އޭނާ ދަތުރުކުރާނީ ތީރެއް ފަދައިންނެވެ. ދާންޖެހޭ މަގުން ކައްސާލުމެއްނެތި އޭނާ އަމާޒަށް ވާޞިލުވާނެ އެވެ. ކިތަންމެ ރާޅެއް، އޭނާ ދަރުތުކުރާ އުޅަނދު ބަންޑުން ޖަހާލަން އުޅުނަސް، އޭނާގެ މަޢުނަވިއްޔާތު ނިކަމެތިވެ، އީމާންކަން ބަލިކަށިވެގެނެއް ނުދާނެ އެވެ. ކިތަންމެ ހުރަސްތަކެއް ކުރިމަތިވިޔަސް، ކާމިޔާބަކީ ޙާޞިވާނެ އެއްޗެއް ކަމަށް އޭނާ ޤަބޫލުކުރާނެ އެވެ. ކީއްތޯ އެވެ. ކުރިމަތިވާ ހުރަސްތަކާއި މުޞީބާތްތަކުގެ މައްޗަށް، މާތް ﷲ ގެ ވާގިފުޅާއެކު ގަދަވެގަތުމަކީ، އޭނާއަށް ފޮނިމީރުކަން ލިބޭނެ ކަމެކެވެ. ކުރިމަތިވާ ގިނަގުނަ ދަތިތަކާއެކު ވެސް، ކާމިޔާބު ޙާޞިލުވުމަކީ، އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިއްބައިދޭނެ ކަމެކެވެ. އަދި އެއީ، މާތް ﷲ އޭނާއަށް ކަންތައްތައް ފަހިކުރައްވާ ގޮތުގެ ރޫޙާނީ ފުން ތަޖުރިބާއެއް ވެސް އޭނާއަށް ލިއްބައިދޭނެ ކަމެކެވެ.

ކާމިޔާބު ޙާޞިލުވާނީ، ޙިކުމަތާއި ބުއްދިއާ ވެސް އެކުގަ އެވެ. ރޫޙާނީ ނުވަތަ މާއްދީ ނުވަތަ ޢާއިލީ ދިރިއުޅުމާއި، މުޢާމަލާތް ކުރުމުގައި، ގިނަބަޔަކު ނާކާމިޔާބާ ކުރިމަތިލާންޖެހެނީ، ޙިކުމަތްތެރިކަން ކުޑަވެފައި، ކަންކުރަންވާ ރަނގަޅު ގޮތް ނޭނގޭތީ އެވެ. ނުވަތަ ދާންވީ މަގު އެބައިމީހުންނަށް ސާފުކޮށް އޮޅުންފިލާފައި ނުވާތީ އެވެ. އެފަދަ މީހުން، އެމީހުންނަށް އިރުޝާދު ދެއްވާނެ ޙިކުމަތްތެރި މުރުޝިދަކަށް ބޭނުންވާނެ އެވެ. އަދި އެމީހުންނަށް މާތް ﷲ ތެދުމަގު ދެއްކެވުމަށްޓަކައި، އެކަމަށް އެދިގެން ކުރެވޭ ހެޔޮ ދުޢާތަކަށް ވެސް ބޭނުންވާނެ އެވެ.

ކާމިޔާބު ޙާޞިލްވާނީ، މެދުކެނޑުމެއްނެތި ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. ގޮވާން ކަނޑާ ދުވަހު އިންސާނާއަށް ލިބޭނީ އޭނާ އިންދި އެއްޗެއްގެ އޮށްޓަރުކަން ކަށަވަރެވެ. ކާމިޔާބު ހޯދަން އެދޭ ކަމެއްގައި، ކާމިޔާބު ޙާޞިލްވާނީ، އެކަމެއް ނިމެންދެން ސާބިތުކަންމަތީ ދެމިހުރެގެން ވެސް މެ އެވެ. ކާމިޔާބު މީހަކީ، އެއް ފުރުޞަތު ގެއްލިއްޖެ ނަމަ، އަނެއް ފުރުޞަތެއްގެ ބޭނުން ހިފާ މީހާ އެވެ. އޭނާ އެއްގޮތަކަށް ވެސް ނާއުންމީދެއް ނުވާނެ އެވެ. ކީއްތޯ އެވެ. ފުރަތަމަ އަޅާ ފިޔަވަޅުތަކުގައި ނާކާމިޔާބުވެއްޖެ ނަމަ، އަލުން ފިޔަވަޅު އަޅައި ކުރިޔަށް ދާނެ އެވެ. ކާމިޔާބު ޙާޞިލުކޮށްފައިވާ ބަޠަލުންގެ ވާހަކަތައް ކިޔައި އަބަދުވެސް އޭނާ އެއިން ޢިބްރަތް ލިބިގަންނާނެ އެވެ. އެބަޠަލުން މި ޙަޔާތުގައި ކާމިޔާބު ޙާޞިލްކުރުމަށް ބޭނުންކުރި ވަސީލަތްތަކަކީ ކޮބައިކަން އޭނާ ދެނެގަންނާނެ އެވެ. އެބަޠަލުންނާ އިޤުތިދާވެ، އެބަޠަލުން ފަދައިން ކާމިޔާބު ޙާޞިލްކުރުމަށްޓަކަ އެވެ. މިބީދައިން ޢަމަލުކުރާ މީހާ، ކާމިޔާބު ޙާޞިލްކުރުމަށްޓަކައި، މާތް ﷲ ގެ ޙަޟުރަތުން އޭނާއަށް ބަރަކާތް ލެއްވުމަށް ވެސް ބޭނުންވާނެ އެވެ. އަދި އޭނާގެ މަންމައާއި ބައްޕަގެ ހެޔޮ ދުޢާތަކަށް ވެސް ބޭނުންވާނެ އެވެ.

މި މައުޟޫޢުގައި ވާހަކަދައްކާއިރު، ޙަޤީޤީ ކާމިޔާބާއި، ގަޑުބަޑު ކާމިޔާބު ވަކިކުރަން ޖެހެ އެވެ. ޒުވާން ފިރިހެން ކުއްޖަކަށް ދަޅަދައްކައިގެން، އޭނާއަށް އޮޅުވާލުމުގައި، ޒުވާން އަންހެން ކުއްޖަކު ހޯދާ ކާމިޔާބަކީ ގަޑުބަޑު ކާމިޔާބެކެވެ. ޒުވާން އަންހެން ކުއްޖަކަށް މަކަރުހަދައިގެން އޭނާ ޝިކާރަކުރުމުގައި، ޒުވާން ފިރިހެން ކުއްޖަކު ހޯދާ ކާމިޔާބަކީ ވެސް ގަޑުބަޑު ކާމިޔާބެކެވެ. ދޮގުވެރިޔަކު، ހިތްހެޔޮ މީހަކަށް މަކަރާއި ޙީލަތް ހެދުމުގައި ހޯދާ ކާމިޔާބަކީ ވެސް ގަޑުބަޑު ކާމިޔާބެކެވެ. އެކަމަށްޓަކައި އުފާކޮށް، ތިމަންނައަށް ކުޅިފަސް ލިބިއްޖެޔޭ އެ ދޮގުވެރިޔާ ބުނެފާނެ އެވެ. މި މިސާލުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޒަމާންވީ މައްސަލައެކެވެ. ނުބައި ނުލަފާ މީހުން ކާމިޔާބު ހޯދާ މައްސަލަ އެވެ. ހެޔޮކަމެއް ކޮށްދޭ މީހާއަށް ތެޔޮ ހަމެއްދޭ ޣަދަރުވެރިން ހަމަޖެހިލައިގެން ތިބޭތަން ފެންނަ މައްސަލަ އެވެ. ނުބައި ނުލަފާ މީހުންގެ ޙާލަތު ބަޔާންކޮށްދެއްވަމުން، ޤިއްދީސް އޯގަސްޓީނަސް ވަރަށް ފުރިހަމަ މިސާލެއް ޖައްސަވާފައިވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. "ނުބައި ނުލަފާ މީހުން ހޯދާ ކާމިޔާބުގެ މިސާލަކީ މައްޗަށް އަރައިގެންދާ ދުމުގެ މިސާލެވެ. މައްޗަށް އެރިވަރަކަށް އެ، ހަލާކުވަމުން ދެ އެވެ. ނަމަވެސް ދުން ފަދައިން މައްޗަށް އަރައިގެން ނުގޮސް އަލިފާން ވާނީ ތިރީގަ އެވެ. އޭގެ ހަކަތައާއި ހޫނުކަމާއި ހީވާގިކަންމަތީގަ އެވެ. އެހެންވީމާ، ނުބައި ނުލަފާ މީހުން ހޯދާ ކާމިޔާބަކީ، ގަޑުބަޑުވެފައިވާ ވަގުތީ ކަމެކެވެ. އެމީހުން އެ ކާމިޔާބު ހޯދަނީ ނުބައިކަން ބޮޑުވެގެންވާ ގޮތްތަކުންނެވެ.

އެހެންވީމާ، ޙާޞިލްކުރަންވީ ޙަޤީޤީ ކާމިޔާބެވެ. މާތް ﷲ ބަރަކާތް ލައްވާނީ އެ ކާމިޔާބުގަ އެވެ. އަދި މީސްތަކުން އުފާކުރާނީ ވެސް އެކާމިޔާބަށްޓަކަ އެވެ.


މަޞްދަރު:
އަލްއަހުރާމް ދުވަހު ނޫސް (މިޞްރު)



ހަމަމިގަލަމުން

އިދާރާ

ވާހަކަ