އަދުގެ ޚާއްސަ

Print

އައްސުލްޠާނު ޙަސަން ނޫރައްދީނުއްޘާނީ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް

އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުން


ޙަބީބާ ޙުސައިން ޙަބީބު

ތަޢާރުފު

    އައްސުލްޠާނު ޙަސަން ރޫރައްދީނަކީ ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި ހުރަވީ ދަރިކޮޅުން ރަސްކަން ވާރުތަވީ ރަސްކަލެކެވެ. މި ރަދުންގެ ކޮޅީނަންފުޅަކީ ކުލަ ސުންދުރަ ކައްތިރި ވަބަވަ މަހާރަދުންނެވެ. މި ރަދުންގެ ބައްޕާފުޅަކީ އައްސުލްޠާނު މުޙަންމަދު މުޢީނުއްދީން (ކުޑަބަންޑާރަ) އެވެ. މި ރަދުންގެ މަންމާފުޅަކީ ދަނޑިކޮށީގޭ ޒުލައިޚާދީދީ އެވެ.
  

     މީލާދީން 1887ވަނަ އަހަރު މާޖޭހިގޭގައި ދުނިޔެއަށް ވަޑައިގެންނެވި މި ރަދުންނަށް މާޖެހިގޭ މަނިއްޕުޅު ނުވަތަ އެއްގަމުގޭ މަނިއްޕުޅު އަދި ދަނޑިކޮށީގޭ މަނިއްޕު މިހެން ކިޔައި އުޅެ އެވެ. މި ރަދުން ރަސްކަން ކުރެއްވީ 1353 ން 1362ހ. އަށެވެ.

ރަސްކަން ލިބިވަޑައިގަތުން؛

     މި ރަދުންނަށް ވާރުތައިން ރަސްކަން ލިބިވަޑައިގަތްކަމުގައި ވިޔަސް، މި ރަދުންނަށް ރަސްކަން ލިބިވަޑައިގެންނެވި ސަބަބުތަކާމެދު، ސިޔާސީ ނަޒަރަކުން ބަލައިލަން ޖެހެ އެވެ.

     މީލާދީން 19ވަނަ ޤަރުނާ ހަމަޔަށް އައި އިރު، ރާއްޖޭގައި ރަސްކަމުގެ ނުފޫޒާއި ބާރުތައް ބެހެމުން ދިޔައީ ޚާންދާނީ ބާރެއްގެ ގޮތުގަ އެވެ.  އެ ދުވަސްވަރު އާއިލީ ބާރާއި ނުފޫޒު އެންމެ ގަދަ ދެ ޕާޓީގެ ގޮތުގައި އޮތީ އަތިރީގޭ ޕާޓީއާއި ކަކާގޭ ޕާޓީ އެވެ. މި ދެ އާއިލާ އަކީ ވެސް ރަސްކަމުގެ ޚާންދާނު ކަމުގައިވާ ހުރަވީ ދަރިކޮޅާއި ގުޅިފައިވާ ދެ އާއިލާ އެވެ.
   
      ނޫރައްދީނު ރަދުންގެ ބައްޕާފުޅު، ކުޑަބަންޑާރައިންނަކީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރަސްކަލެކެވެ. މި ގޮތުން ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ އަޅުވެތިކަމުގެ ދަށަށް ދިޔުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވަނީ މި ރަދުންނަށެވެ. 1887ވަނަ އަހަރު ދިވެހިރާއްޖެ އާއި އިނގިރޭސި ސަރުކާރާއި ދެމެދުގައި ވެވުނު ޙިމާޔަތުގެ ސޮއި ކުރެއްވީ ކުޑަ ބަންޑާރައިންނެވެ. މީގެ އިތުރުން އޭރު ރާއްޖޭގެ ސިޔާސީ އެންމެ ނުފޫޒު ގަދަ ޕާޓީ ކަމުގައިވާ އަތިރީގޭ އާއިލާގެ އެންމެ އިސް ތަނބު ކަމުގައިވާ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޖެހިވަޑައިގަތީ ރަސްކަމުން އިސްތިޢުފާ ދެއްވާށެވެ.
   
     ކުޑަބަންޑާރައިންގެ ދަރިކަލުން ޙަސަން ނޫރައްދީނަށް ރަސްކަން ލިބިވަޑައިގަތުމުގައި އެ ދުވަސްވަރުގެ ރާއްޖޭގެ ސިޔާސީ ޙާލަތު އެހީތެރިވެދީފައި ވެ އެވެ. މި ގޮތުން ބޮޑުންގެ އާރާއި ބާރާއި އެހީތެރިކަމުގެ ސަބަބުން ދިގު މުއްދަތެއްގައި ރަސްކަން ކުރެއްވި އައްސުލްޠާނު މުޙަންމަދު ޝަމްދުއްދީނުގެ ސިޔާސީ ތަރި އޮއްސުމާއި ގުޅިގެން ހުސްވި ޖާގަ ފުރާނޭ ފަރާތެއްކަމުގައި ވެވަޑައިގަތީ ޙަސަން ނޫރައްދީނެވެ.

ދެވަނަ ބޮޑު ހަނގުރާމަ؛

ޙަސަން ނޫރައްދީނު ރަދުންގެ ދައުރަކީ، ތާރީޚީ ގޮތުން ވަރަށް ފާހަގަ ކުރެވޭ ކަންތައްތަކެއް ހިނގައިދިޔަ ދައުރެކެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމަ އެވެ. 1939ގައި ފެށުނު މި ހަނގުރާމައިގެ ސަބަބުން މި ރަދުންގެ ދައުރު ވެގެން ދިޔައީ، ރައްޔިތުންނަށް ތަދުމަޑުކަމާ ކުރިމަތިލާންޖެހުނު ދައުރެއްކަމުގަ އެވެ. ބަނޑުހައި ހޫނުކަމާއި، ފަގީރުކަން ރާއްޖެ އަށް ފެތުރިގެން ދިޔުމުގެ ސަބަބުން ގައުމުގެ އިޤުތިޞާދީ ދުވެލި ހުއްޓިގެން ދިޔަ އެވެ. ހަމަ އެހެންމެ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހައިހޫނުކަމުގައި ރައްޔިތުން މަރުވަމުން ދިޔަ އެވެ. ދަނޑުވެރިކަން ނެތް ސަރަހައްދުތަކުގައި ކާނޭއެއްޗެއް ނެތިގެން މަގޫފަތާއި، ފަޅޯގަސްގަހުގެ އެތެރެޔާއި، ކެޔޮ ދަޅި ވެސް ކެއިކަމަށް ވެ އެވެ. ދިވެހި ތާރީޚުގައި ބޮޑުތަދުގެ ނަމުގައި ފާހަގަ ކުރެވިގެން ދިޔަ މި ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ނެތި ދިޔަކަމުގައި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވި  އެވެ. މި މައްސަލަ ހައްލުކުރުމުގެ ޤާބިލިއްޔަތު ސަރުކާރަށް ފުރިހަމަޔަށް ލިބިފައި ނެތަސް، ވީ އެންމެ ފުރިހަމަޔަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކުރައްވާފައިވާކަން ވެސް ފާހަގަ ކުރެވެ އެވެ.

އިޤުތިޞާދީ ސިޔާސަތު؛

    ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ މައްސަލަތައް ހައްލުކުރުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ޙަސަން ނޫރައްދީނު ރަދުންގެ ދައުރުގައި އެޅިފައިވެ އެވެ.

  19ވަނަ ޤަރުނުއްސުރެ ރާއްޖޭގެ އިޤުތިޞާދު އޮތީ، ރާއްޖެ އަށް ވިޔަފާރި ކުރަން އުތުރުކަރައިން އައިސްތިބި ވޯރާ ވިޔަފާރި ވެރިންގެ އަތްމަތީގަ އެވެ. ޤައުމުގެ އުފެއްދުންތެރިކަމާއި، ވިޔަފާރިއާއި، އިންޕޯޓު އެކްސްޕޯޓު ފާހަގަކުރެވޭ ދަރަޖައަށް ކަންޓުރޯލު ކުރަމުން ދިޔައީ ވޯރާއިންނެވެ. އެބައިމީހުންގެ އިޤުތިޞާދީ މަކަރުވެރި ރޭވުންތަކުގެ ސަބަބުން ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބެންޖެހެނީ އެބައިމީހުންނަށް ދަރަނިވެރިވެފަ އެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ރާއްޖޭގައި އެ ދުވަސްވަރު ހިނގާ ސިޔާސީ ހުރިހައި ގަޑުބަޑެއްގައި އެންމެ ފިތުނަވެރި ދައުރު ކުޅޭބައެއްކަމުގައި ވެސް ވެފައިވަނީ ވޯރާއިންނެވެ.

ޙަސަން ނޫރައްދީނު ރަދުންގެ ދައުރުގައި ރާއްޖޭގެ އިޤުތިޞާދު މިނިވަން ކުރައްވަން ވަރަށް ގިނަ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާކަން ފާހަގަ ކުރަންޖެހެ އެވެ. މި ގޮތުން ދިވެހި ވިޔަފާރި އާއި އިޤުތިޞާދު މިނިވަން ކުރެއްވުމުގެ ގޮތުން 9 ޑިސެމްބަރު 1942ގައި ދިވެހި ރައްޔިތުންގެ ބޮޑު އިސްޓޯރު އުފެއްދެވި އެވެ. އަދި ދިވެހިންގެ އުފެއްދުންތައް ކަމުގައިވާ މަހާއި ރޯނާއި، ބޮލި ފަދަ ތަކެތި ގަނެ އެކްސްޕޯޓު ކުރާ ދައުލަތުގެ އިދާރާއެއްކަމުގައި މި ތަން ވެގެން ދިޔަ އެވެ. ނަތީޖާއަކަށްވީ، ދިވެހިންގެ އުފެއްދުންތަކުގެ ފައިދާ ލިބިގަތުމުގެ ފުރުޞަތު ލިބުމެވެ. އޭގެ ކުރިން ދިވެހި މަސްވެރިން ގަދަ އަވީގައި ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ވޯރާއިންނަށް ނުއަގުގައި ވިއްކައިގެން އޭގެ މައްޗަށް ބަރޯސާވެގެން ތިބުން ނޫން އެހެން ގޮތެއް ނެތެވެ. ބޮޑު އިސްޓޯރު އުފެއްދެވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ވިޔަފާރި ތަނަވަސްވެ ޤައުމުގެ އިޤުތިޞާދު ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަންފެށި އެވެ.

ވާރުކަނޑާލުން؛

    ވާރަކީ ވަރަށް ކުރީޒަމާނުއްސުރެ ދިވެހިރައްޔިތުންގެ ކިބައިން، ސަރުކާރަށް ނަގަމުން ދިޔަ ޓެކުހަކަށް ކިޔާ ނަމެކެވެ. ތާރީޚީ އަލީގައި ބަލާއިރު، ބޮޑުތަކުރުފާނުގެ ޒަމާނުގެ ކުރިން ވެސް ވާރު ނަގަ އެވެ. ވާރަކީ، މި ޒަމާނުގައި ބައެއް ޤައުމުތަކުގައި އިމްކަމްޓެކްސް ނަގާފަދައިން އެ ޒަމާނުގައި ރައްޔިތުންގެ އާމްދަނީން ދައުލަތަށް ދައްކަންޖެހޭ ޓެހުކެވެ. ރައްޔިތުން ބާނާ މަހާއި، ހިލާ ބޮއްޔާއި، ވަށާ ރޯނުން ވާރު ނަގަ އެވެ. އަދި މީގެ އިތުރަށް ރައްޔިތުންގެ އާމްދަނީ އާއި ގުޅިފައިވާ ހުރިހާ އެއްޗަކުން ވެސް ވާރު ނަގަ އެވެ. ކޮންމެ އަތޮޅެއްގައި ވެސް ވާރުވެރިޔާގެ ނަމުގައި ވާރުގެ ކަންތައްތައް ބެލެހެއްޓުމަށް ވެރިޔަކު ޢައްޔަން ކޮށްފައި ހުރެ އެވެ. އަތޮޅުގެ އަތޮޅުވެރިޔާއަކީ، ވާރުވެރިޔާ ވެސް މެ އެވެ. މީގެ އިތުރުން ބައެއް އަތޮޅުތަކަށް ވާރު ނެގުމަށް، ދައުލަތުގެ ވަރަށް ޚާއްޞަ ވަފުދުތަކެއް ފޮނުއްވާކަމަށް ވެސް ވެ އެވެ. އެ ޒަމާނުގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ލިބޭ އެންމެ ބޮޑު އާމްދަނީއެއްކަމުގައި ވެފައިވަނީ ވާރެވެ.

    އައްސުލްޠާނު ޙަސަން ނޫރައްދީނުގެ ދައުރާ ހަމަޔަށް އައި އިރު، ދިވެހީންނަށް ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހައިހޫނުކަމުގެ ސަބަބުން ވާރުފަދަ ބޮޑު ޓެކުހެއް ދެއްކުމަށް ރައްޔިތުން ތިބީ ނުކުޅެދިފަ އެވެ. އެހެންކަމުން އެ ދުވަސްވަރު ދައުލަތަށް ފެނިވަޑައިގަތީ ވާރުކަނޑާލުން އެއީ ޝަރުޢީ ކަމެއްކަމުގަ އެވެ. މި ގޮތުން ވާރުކަނޑާލެވުނީ 1939ގަ އެވެ.

އުތުރުގަޑުބަޑު؛

ނޫރައްދީނު ބަންޑާރައިންގެ ރަސްކަމުގައި ދިވެހިރާއްޖޭގައި ވަރަށް ނުރައްކާތެރި ސިޔާސީ ގަޑުބަޑެއް ހިނގި އެވެ. 4 މާޗު 1943ގައި ހިނގި މަޝްހޫރު ''އުތުރުގަޑުބަޑު'' ގެ ނަންދެވޭ މި ގަޑުބަޑަށް ވަރަށް ގިނަ ނަންތައް ތާރީޚު ޢިލްމުވެރިން ދެ އެވެ. މި ގަޑުބަޑަކީ މާލެއިން އެންމެ އުތުރު ތިލަދުންމަތީގެ ރައްޔިތުން، އިސްވެ ޙަރަކާތްތެރިވެފައިވާ ޙަރަކާތަކަށްވާތީ ''ތިލަދުންމަތީ އައުން'' މި ފަދައިން ވެސް ކިޔަ އެވެ. ހައިހޫނުކަމާއި ފަގީރުކަމުގެ ސަބަބުން ދައުލަތާ ނުރުހިގެން އުފެދުނު މި ފިތުނަ ބެލެވިފައިވަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި ފިތުނަ ކަމުގަ އެވެ. ގާތްގަނޑަކަށް ހަތަރު ހާހަށްވުރެ ގިނަ މީހުން އެތައް ސަތޭކަ އުޅަނދެއްގައި މާލެ އައެވެ. މި ކަން ނިމުނު ގޮތް ދައްކައިދެނީ މިއީ އޭގެ ޒާތަށް ބަލާއިރު، ކިތަންމެ ބޮޑުކަމެއް ކަމުގައި ވިޔަސް، އޭރު ރާއްޖޭގެ ސިޔާސީ ނަވުގައި ތިއްބެވި އިސް މާލިމީންގެ ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމުން މި ކަން މައިތިރިކުރެއްވި ކަމީ ދައުލަތުގެ އޭރުގެ ދާޚިލީ ސިޔާސަތުގެ ހަރުދަނާކަން ހުރި ވަރެވެ.

ޚާރިޖީ ސިޔާސަތު؛

ހަސަން ނޫރައްދީނުގެ ދައުރަކީ އިނގިރޭސީންގެ ދިދަޔަށް އިރެއް ނުއޮއްސޭނެ ކަމަށް އެ މީހުން ބުނެ އުޅުނު ޒަމާނެވެ. ދިވެހިރާއްޖެ އެ ދުވަސްވަރު އިނގިރޭސިންގެ ސިޔާސީ ޙިމާޔަތް ލިބިފައިވާ ޤައުމެއްގެ ގޮތުގައި އޮތްކަމުން އެ ދުވަސްވަރު ދިވެހި ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދެއްވާފައިވަނީ އިނގިރޭސި ދައުލަތާ ދެމެދުގައިވާ ގުޅުންތައް އޮމާންކޮށް ބޭއްވުމަށެވެ.
ޙަސަން ނޫރައްދީނު ރަދުންގެ ދައުރަކީ ރާއްޖޭގެ ދުކުނުން އައްޑު އަތޮޅު ގަމުގައި އިނގިރޭސިންގެ ރޯޔަލް ނެވީންގެ ބޭހެއް ޤާއިމު ކުރެވުނު ދައުރެވެ. 1940ގައި ޤާއިމު ކުރެވުނު މި ބޭސް ވެގެން ދިޔައީ ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާ ދެމެދު ސިޔާސީގޮތުން އެކުވެރި ގުޅުމަކަށް އިތުރަށް އެޅުނު ފިޔަވަޅެއްކަމުގަ އެވެ.

އިސްތިޢުފާ ދެއްވުން؛

އައްސުލްޠާނު ޙަސަން ނޫރައްދީނު ރަދުންގެ ރަސްކަމުގެ ފަހުކޮޅުގައި ދިމާވި ސިޔާސީ މައްސަލަތަކެއްގެ ސަބަބުން ރަދުންގެ އިސްތިޢުފާ ހުށަހެޅުއްވުން ވަރަށް މުހިންމުކަމަށް ވެގެން ދިޔަ އެވެ. ވުމާއެކު މި ރަދުން ރަސްކަމުން އިސްތިޢުފާ ދެއްވީ 2 ރަބީޢުލްއާޚިރު 1362 (8އޭޕްރީލު 1943)ގަ އެވެ. ނަމަވެސް އޭގެ ފަހުން ދައުލަތް ހިންގުމަށް އުފެދުނު ވަލީ ކޮމިޓީގެ ރައީސްކަމުގައި ވެސް ހުންނެވީ އެ މަނިކުފާނެވެ. ޙަސަން ނޫރައްދީނު ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 15 އޭޕްރީލް 1967، 5 މުޙައްރަމް 1387ގަ އެވެ.
ނިމުނީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ