އަދުގެ ޚާއްސަ

Print

މާހިރެއްގެ ފަލްސަފާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2010)

އެއްކަމެއްގައި މާގިނަ ދުވަހު އުޅެ ތަޖުރިބާ ލިބުމުން އެކަމެއްގެ މާހިރެކޭ ކިޔައި އުޅޭ ދޮގެއްތޯ އެވެ؟ ހީވާ ގޮތުން މި މަޒުމޫނުގެ ބަޠަލެއްގެ ގޮތުގައި މި ހިމެނުނު ތުއްތުބެއަކީ އެ ފަދަ ބޭކަލެކެވެ. މާހިރެކެވެ. ތަޖުރިބާ ކާރެކެވެ. އޭނާގެ މުޅި އުމުރުގެ ތަޖުރިބާގެ މައްޗަށް އޭނާ ނެރުނު ފަލްސާއާ މެދު ފަހުން އަޅުގަނޑުމެން ވިސްނައިލާނީ އެވެ.  އޭރުން ބޭނުމިއްޔާ ހީނލެވިދާނެތާ އެވެ. ބޭނުމިއްޔާ  ހަމްދަރުދީ ފާޅުކުރާނީ އެވެ.

ދުވަސްވަރަކީ، މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި، ޑަކްޓަރީ ފަރުވާ ލިބެން ނެތް ދުވަސްވަރެވެ. ކަރަންޓުގެ އަލިކަމެއް ނެތެވެ. އެނބުރޭ ފަންކާގެ ފިނިކަމެއް ނެތެވެ.  އައިސް އަލަމާރީގެ ގަނޑުކަމެއް ވެސް ނެތެވެ. މީންކަމެއް ހުވަފެނަކުން ދުށް މީހަކު ވެސް އޭރު ރަށްފުށަކު ހުންނާނެއެކޭ ހިތެއް ނުބުނެ އެވެ.  އެކެއް ދެމީހަކު ނެތެކޭ ނޫނެވެ. އެހެންނަމަ ވެސް ގިނަ މީހުންގެ ހާލަކީ މި ފަދަ ތަކެއްޗާއި ކަންކަމަށް އިންތިހާއަށް ބީރައްޓެހިވުމެވެ. ނުފަރިތަ ވުމެވެ. އާވުމެވެ.

ތުއްތުބޭ އަކީ، ރިޔަލު މަސްއޮޑިއެއްގެ ފަޅުވެރިއެކެވެ. ފަޅުވެރިއެއްގެ އިތުރަށް އޮޑީގެ އެންކެޔޮޅު ވެސްމެ އެވެ. މުރާލީ ހީވާގި މީހެކެވެ.  އޮޑި ފެހިބަރުވެއްޖެ ނަމަ އެކަން އެންމެ ފުރަތަމަ އެނގޭނީ އޭނާ އަށެވެ. ތަނަކުން ދިޔަވާނަމަ އެ ތަނެއް ކޮޅާނީ ތުއްތު ބެއެވެ. ދަތުރަށް ބޭނުންވާ ފެންގާގަނޑާއި، އުނދުންކޮށްޓާއި ވާވެލާވެއްޔަށް ދަންދެން އަރުވައި ހަމަކުރާ މީހަކީ ތުއްތުބެ އެވެ. ޚާއްޞަ ކޮށް އޮޑީގެ ވާވެލާވެލީގެ ކަންތައް ހިނގާ ނުހިނގާ ގޮތެއް، އޮޑިވެރިޔާ ބަލައިލަން ވެސް ނުޖެހެ އެވެ. އަބަދު ވެސް ހުންނަނީ ބަރާބަރަށެވެ.  ތަކެތި ހަމަޔަށެވެ.

އެ ޒަމާނަކީ ދިވެހިން އަމިއްލަޔަށް ވާ އަޅައި އުޅުނު ޒަމާނެވެ. ކޮންމެ އޮޑިޔަކަށް  ބޭނުންވާ ވާވެލާވެއްޔަކީ، ދިވެހިންގެ އަމިއްލަ މަސައްކަތުން އުފައްދާ އެއްޗެކެވެ. ތުއްތުބޭއަކީ މި ކަމުގެ މާހިރެކެވެ. ވަލުގެ އުޅި އެނބުރޭ ގޮތާއި، ފިޔަރިތެރޭން ދެމޭގޮތާއި، ކާލިގަނޑަށް އޮޅޭގޮތާއި، މިއީ ތުއްތުބޭ ހިތުދަސް ކަންކަމެވެ. ވަލެއް ބުރިވާނީ ކިހިނެއް ކުއްލި ޖެހިގެންކަން، އޭގެ ބާރުގަދަ ވާނީ ކޮން ގޮތަކަށް އުޅި އެޅިގެންކަން އޭނާ އަށްވުރެ ބޮޑަ ދަންނަ ދެވަނަ މީހަކު އެ އަތޮޅުގައި ވެސް ހުރިހެނެއް ހީއެއް ނުވެ އެވެ.

ކޮންމެ އަކަސް ބައްޔެއްވެގެން ތުއްތުބޭ ގޮވައިގެން އޭނާގެ ދޮށީ ދަރި، ޖަލީލު މާލެ އަތުވައްޖެ އެވެ. ސޯޅަ ވަރަކަށް ރިޔަނުގެ އަނގަމަތީ މަސްދޯންޏެއްގަ އެވެ. ދިހަ ވަރަކަށް ގަޑި އިރު ކަނޑުމަތީ ހޭދަ ކުރަންޖެހުނެވެ. އިރުވައި ހަޅައިގެ ދުވަސްވަރު ކަމަށް ވީތީ، ކަނޑުގެ ގޮއްރާޅުތަކުގެ ތެރޭގައި އޮޑިގަނޑު އެފުށް މިފުށަށް އުކައި ތަޅުވައި ފޮޅުވައި ހެދިލެއް ބޮޑުކަމުން ޖަލީލު  ހުރީ ވަރަށް ވަރުބަލި ވެފަ އެވެ.

ރަށްފުށް އަނދިރި ސަހަރާއެއްހެން އޮތަސް، މާލޭގައި އޭރު ވެސް، ކަރަންޓު އޮވެ އެވެ. އެނބުރޭ ފަންކާ ވެސް ހުރެ އެވެ. ތުއްތުބޭ ގޮވައިގެން، ޖަލީލު ދިޔަ ގޭގެ ކޮޓަރިކޮޓަރީގައި ފަންގެފިލާ ފަންކާ ހަރުކޮށްފައި ހުރެ އެވެ.  ނިދަން ދެއްކި ކޮޓަރިގަނޑުގައި ވެސް ފަންކާއެއް ހުއްޓެވެ. އެކަމަކު އެނދެއް އައްޓެއް ނެތެވެ. ނިދަން ޖެހުނީ ތަޅުންމަތީ ކުނަލެއް ފަތުރައިގެންނެވެ.

ޖަލީލު ހިތަށް އެރި އެވެ. ހާދަ ހޫނު ދުވަސް ވަރެކެވެ. ވަރުބަލި ދަތުރެކެވެ. އެކަމަކު ބޮޑަށް ވަރުބަލިވާނީ ބައްޕަތާ އެވެ. ބޮޑަށް ވައިފިނިކަން ބޭނުންވާނީ ވެސް ބައްޕައަށްތާ އެވެ. އެހެންވީމާ ފަންކާއާ ވީ ދިމާގައި ބައްޕަ ބާއްވާނީ އެވެ. އޭގެ ތަންކޮޅެއް ދުރުން އޮތް ހުސްތަނުގައި އޮވެ ލޮލުފިޔައެއް ޖަހައިލެވޭތޯ  އަހަރެން ބަލާނީ އެވެ. ހޫނު މި ވަނީ މާވަރަކަށް ވިއްޔާ އެވެ.

މިހާރު ދެބަފައިން އެތިބީ ކައިގެން އައިސް ނިދަން އޮށޯވެ އެވެ. ގޭ މީހުން ފަންކާ ޖަހައިލައިދީފައިވާތީ، ފަންކާ ހުރީ އެނބުރި އެނބުރި އެވެ. ފަންކާއާ ދިމާ ތިރީގައި ބޭއްވި ބާލީހުގައި ބޯ އަޅައިލައިގެން ތުއްތުބެ އެބަ އޮތެވެ. ހަމަ އެސް ފިޔައެއް ވެސް ޖަހައި ނުލައި ދިމާ މައްޗަށް ފަންކާއަށް ބަލަހައްޓައިގެންނެވެ.  މި މަންޒަރު ބަލަން ޖަލީލު ވެސް އެބަ އޮތެވެ. ބައްޕަގެ ހާލަށްޓަކަ އެވެ. ވަނީ ކީއްކަމެއް ނޭނގޭތީ ވެސް ތޯއްޗެކެވެ.

ދެއެއް ޖެހިފަހުން ޖަލީލަށް ނިދިއްޖެ އެވެ. އޭރު ވެސް ތުއްތުބޭގެ ކަޅި ހަމަ އަތަކަށް ފިރާވެސް ނުލަ އެވެ. ޖަލީލުގެ ނިދީގައި ގުގުރީގެ ފޯރި ހިފައިލީ ފަނަރަ ވަރަކަށް މިނިޓު ފަހުންނެވެ. ދުވާލުގެ ހަތަރު ދަމު ރަތްދަކަ އަވީގައި ކަނޑުމަތީގައި ތެޅިތެޅިފައި އައި މީހަކަށް މި ލިބުނު ނިދިފުކަކީ، ކިހައި ފޮނި އެއްޗަކަށް ވާނެތޯ އެވެ.

''އޭތް! އޭތް!..ޖަލީލު!''

ތުއްތުބޭ މަޑުމަޑުން ތެދުވެގެން ގޮސް ވައި އަޑަކުން ޖަލީލަށް ގޮވަން ފެށި އެވެ. ހަމަ ލޯމެރިލި ތަނާ އެވެ.

''ހޫނ! ހޫނ.. އަހަނ! ބައްޕާ ކިހިނެއްވީ؟''

ޚަބަރު ހުސްވެފައި އޮތް މީހަކު ހޭ އަރަމުން ދައްކާ ވާހަކައިގެ ރާގުގައި ޖަމީލު އާނ ހޫނ އަކާއެކު ހޭވެރިކަމެއްގެ ތެރެއަށް އާދެ އެވެ. އޭނާގެ ސުވާލަށް  ތުއްތުބޭ ދެން ޖަވާބު ދިނީ އަނގަބަހަކުން ނޫނެވެ. މަޑު މަޑުން އަތުން ކުރާ އިޝާރާތަކުންނެވެ. އެ އިޝާރާތް ބުނަނީ މަޑުމަޑުން ތެދުވާށެވެ!

ޖަލީލު ދެ ފަރާތް ބަލައި ހޯދައިލައިފައި ތެދުވެއްޖެ އެވެ. ކޮޓަރިތެރެ ވަރަށް ނާމާން ވެއްޖެކަމުގެ އިޙްސާސެއް އޭނާ އަށް ކުރެވުނެވެ. ވަގަކު ވަދެ އުޅޭކަމުގެ އަލާމާތެއް ފެނޭތޯ ވެސް ބަލައިލެވުނެވެ. ކޮންމެ އަކަސް، ބައްޕަގެ އިޝާރާތަށް ޖަލީލު ތެދުވެ ބައްޕަގެ ކޮމާންޑާ އެއްގޮތަށް، ހިނގައި ގަތެވެ. ކޮޓަރީގެ އެއްކަނުގައި ހުރި ގޮނޑިއެއް ދައްކައިފައި އިށީންނަށް އެންގި އެވެ. ދުލަކުން ލިޔުމަކުން ނޫނެވެ. ފިސާރި ހުޝިޔާރުކަމާ އެކީގައި ކޮށްލާ އަތުގެ އިޝާރާތަކުންނެވެ.

އިތުރު ސުވާލެއް ނުކޮށް ޖަލީލު އިށީނެވެ. ޖަލީލަށް ކުރިމަތިލައި ދެ ކުޑަކުވާއަށް ހަށިގަނޑުގެ ބަރުދޫކޮށްލައިގެން ތުއްތުބޭ ވެސް އިށީނެވެ. ސުވާލުގެ ޙަރަކާތުގައި  ޖަލީލުގެ މޫނާ ދިޔާމަށް ކަނާތް ތިލަ ދެ އަތަށް ދެއަތަށް ފިރުކައިލަމުން އެބަ ބުނެ އެވެ.

''މި ދުނިޔެ އަށް މިހެރަ ވާނުވާ ގޮތެއް ކަލޭއަށް އެބަ އެނގޭތަ''؟

ޖަލީލު ގަތީކީ އަމަށަކު ބިރެއް ނޫނެވެ. އޭނާއަށް ދުލުން އެއްވެސް އެއްޗެއް ނުބުނެވުނެވެ. ތުއްތުބެއާ ހަތަރު ކަޅި ހަމަ ކޮށްލެވުނު އިރު، ދެލޯ ހީވަނީ ދެ ކާށި ކިބަހެންނެވެ. ކޮންފަދަ ބިރެއް ފެނުނީބާ އެވެ. ޠޫފާނެއް ލައިގަތީބާ އެވެ.

ނިދިބުރާންތީގައި އެ ފަކީރު އޭނީ ދެބަ ހޭވެރިކަމެއްގެ ތެރޭގައެވެ.  މި ފެންނަ އިޝާރާތްތަކާއި، ވައިއަޑުން ބުނެވޭ ބުނެވުންތައް ދޭހަކޮށް ތަރުޖަމާ ކޮށްލެވޭ ފަދަ ހާލަތަކަށް އަދި އޭނާގެ ޠަބީޢަތެއް ނާދެ އެވެ. ގަދަކަމުން، ދެ ލޯ ތަންމިނަށް ހުޅުވައިގެން އިނަސް، ހިތާ ސިކުނޑިވަނީ ދެބަދޭތެރޭގަ އެވެ.

ދުލުން އެއްޗެއް ނުބުނެވުނަސް، ޖަލީލު ބޮލުގެ އިޝާރާތުން ތުއްތުބެއަށް ޖަވާބު ދިނެވެ. ނޫނެކޭ ނޭނގެޔޭ ބުންޏެވެ.

'' އެހެންދޯ! ނިކަން ދެކިބަލަ އެހެރަ އެއްޗެއް''

ތުއްތުބޭ މިހެން ބުނެފައި އިޝާރާތްކުރީ ޖަލީލާ ދާދި ގާތުން ފުރަގަހަށް ވާގޮތަށް މައްޗަށެވެ. ޖަލީލު ދިޔައީ ސިއްސައިގެންނެވެ. އޭނާ ބިރުން އަވަދި ނުވީ ކިރިޔާ އެވެ. އަނެއްކާ މުސްކުޅިން އެބުނާ ކަހަލަ ފުރޭތައެއް ވިގަންޏެއް މި ތަނަށް ވަދެ ހުރީބާ އެވެ.  ކޮންމެއަކަސް ތުއްތުބޭގެ ޝަހާދަތް އިނގިލީގެ އިޝާރާތް މިސްރާބުވި ދިމާޔަށް ޖަލީލު ފަސް އެނބުރި ބަލައިލީ އެވެސް މަރޭ މި ވެސް މަރޭ ހިތާހިތާ ކިޔައިލަމުންނެވެ.   ކިހައި ދެރަކަމެއް ހެއްޔެވެ؟ މި ހުރިހާ ބިރުވެރި ސުވާލުތަކަށްފަހު ބައްޕަ މި ދެއްކީ ފަންގެފިލާގައި އެނބުރި އެނބުރި ހުރި ފަންކާ އެވެ.

''ބުނަންތަ؟ ކިތަންމެ ވަރުގަދަ ނަނަކުން، ކިތަންމެ  އާ ވަކަޔަކުން ބަނދެ ހަރުކޮށްފައި ހުއްޓަސް،  ނުހުއްޓި އެހެން އެއްއަތަކަށް އަބަދު އެނބުރޭ އެއްޗެއް ކަމަށްވަންޏާ ކޮންމެ ވެސް އިރަކުން ހަރުވެ ކާށިވެގެން، އެ ކަނޑައިގެން ވެއްޓޭނެ.  މި ގޮލައި ވެއްޓެންޏާ  ވެއްޓޭނީ ހަމަ ސީދާ ބައްޕަގެ ބޮލަށް''

ޖަލީލަށް ކުރެވުނުހާ ވެސް ކަމަކީ ހަށިފުރާ ބޮޑު ނޭވާއެއް ދޫކޮށްލުމެވެ.  އަންނަންވީ ހިނިކަމެއް، ނޫނީ ރުޅިކަމެއް ވެސް އޭނާ އަކަށް ނޭނގުނެވެ. ބައްޕައަށް  ދޭނީ ކޮންޖަވާބެއްހެއްޔެވެ؟ ވާއަޅައި ނަނު އަޅައި ހެދުމަކީ ބައްޕަގެ މުޅި އުމުރު ދުވަހުގެ މަސައްކަތެވެ. އެހެންވީމާ ބައްޕަ އެ ވާހަކަ ދެއްކީ މުޅި އުމުރުގެ ތަޖުރިބާގެ އަލީގަ އެވެ.

އަނގައިން ވެސް ނުބުނެ ތެދުވެގެން ގޮސް ''ޓައްކިޔާފައި'' ފަންކާގެ ސުވިޗް އޮފްކޮށްލި އެވެ. ދެން އަވަހަށް އޮށޯވެ ނިދާލާށޭ ތުއްތުބެއާ ދިމާއަށް ބުނަމުންނެވެ.  ޖަލީލު ވެސް އޮށޯވެލި އެވެ. އެކަމަކު މިހާރު މިރޭގެ ނިދި ވަނީ އޭނާގެ ދެލޯ ދޫކޮށް ފިލައި ރައްކާވެފަ އެވެ. މި ވަރުގެ ފޫއްސެއް އުމުރުގައި ވެސް ވީކަމެއް ނޭނގެ އެވެ.

އިސާހިތަކު ތުއްތުބޭ އެ އޮތީ މާގުގުރީގަ އެވެ. ޖަލީލުފަކީރަށް ޖެހުނީ ދަތްކުނޑި ވިކަވިކާފައި ދާހިއްލައި ފޯވެގެން ދެއަތަށް ދެ އަތަށް ފުރޮޅި ފުރޮޅި އޮންނާށެވެ.

ހެނދުނު ސައިބޯން ދެ ބަފައިން ތިބި އިރު،  ފަންކާ އެނބުރޭ ގޮތާއި، އެ ހަރުކޮށްފައި ހުންނަ ގޮތުގެ ވާހަކަ ޖަލީލު ތުއްތުބެއަށް އޮޅުން ފިލުވައިދޭ އަޑު ކޮންމެ ވެސް މީހަކު އެއްސެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ