އަދުގެ ޚާއްސަ

Print

ކުކުޅު މަސް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ޤައުމުތަކުގެ ވެރިންގެ ތެރޭގައިވެސް ހެއްވާ ކަންތައްތައް ހިނގައިފައި ހުރެއެވެ. އެއީވެސް ހަމަ އަޅުގަނޑުމެން ކަހަލަ އިންސާނުންނެވެ. އެހެންވީމާ ހަމަ އެހެން މީހުންނަށްވެސް ދިމާވާ ކަހަލަ ކަންތައްތައް ދިމާވެފައި ހުންނާނެއެއް ނޫންތޯއެވެ؟ އެކަމަކު ގަނޑުވަރު ގަނޑުވަރު ތެރޭގައި ހިނގާ ކަންތައްތައް ބޭރަށް ނުކުންނަނީ ވަރަށް މަދުންނެވެ. އެހެންވީމާ އެ ކަހަލަ ވާހަކަތައް ޢާއްމުންނާ ހަމައަށް ނާންނަނީއެވެ.
   
މި ފަހަރު މި ދަންނަވާލަނީ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހްރޫ ގެ ޙާދިޘާ އެކެވެ.އެއީ 1958 ވަނަ އަހަރެވެ. ސަރްހަންދް ކްލަބޭ ކިޔާ ތަނެއްގައި އޮތް ޕާޓީއެކެވެ. ޕާޓީގެ ޝަރަފުވެރި މެހްމާނަކީ ނެހްރޫއެވެ.
    
ޕާޓީއަށް ދަޢުވަތު އެރުވިފައިވާ ބޭފުޅުންގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ހިމެނެ އެވެ. ޕާޓީ އޮތީ ބުފޭ އެއްގެ ގޮތުގައެވެ. އާދެ، މޭޒެއްގެ މަތީގައި ކާއެއްޗެތި ތަށި ތަށްޓައް އަޅައިފައި ބަހައްޓައިފައި ހުންނަނީއެވެ. އެ މީހަކު ބޭނުން އެއްޗެއް އަޅައިގެން ގޮސް އެ މީހަކަށް ހުރި ގޮނޑިއެއްގައި އިށީނދެ ކާންވީއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިންވެސް މިހާރު ފެންނަ ކަމެކެވެ.
    
ޕާޓީއަށް ތައްޔާރު ކޮށްފައި ހުރި ކާ އެއްޗެތީގެ ތެރޭގައި ބަކަރި މަހާއި ކުކުޅު މަހާއި ކަންބަޅި މަހުގެ ބާވަތްތައް ހިމެނެ އެވެ. ބުނެވޭ ގޮތުގައި ނެހްރޫ އަކީ ޞިއްޙަތަށް ވަރަށް ބޮޑަށް ބައްލަވައިގެން އުޅުއްވި ބޭފުޅެކެވެ. އެހެންވީމާ ޕާޓީއަކަށް ވަޑައިގަތަސް ފަރީއްކުޅުއްވަނީ ވަރަށް މަދުންނެވެ. އެކަން ބަޔަކަށް ފާހަގަ ކުރެވިދާނެތީ ހައްދަވާ ގޮތަކީ އެކި މީސް މީހުންނާ ވާހަކަފުޅު ދައްކަވަމުން ހިންގަވަނީއެވެ. މި ދެންނެވީ ބުފޭ ގައި ހައްދަވާ ގޮތެވެ. މޭޒުދޮށަށް ކާއެއްޗެތި ގެނެސްދޭ ގޮތަށް އޮންނަ ޕާޓީތަކުގައި މިހެންނެއް ނުހެއްދެވެއެވެ. އެހެންވީމާ ހައްދަވާ ގޮތަކީ މަޖާ ވާހަކަފުޅެއް ފައްޓަވަނީއެވެ. އެހެން މީހުންނަށް އޭނާ ފަރީއްކުޅުއްވާ މިންވަރު ފާހަގަ ނުކުރެވޭ ގޮތް ހައްދަވަނީއެވެ.
    
މި ދެންނެވުނު ޕާޓީއަށް ދިޔަ މީހުން ވެސް އުޅުނީ ނެހްރޫ ހައްދަވާ އެއްޗަކުން ނުކެވިގެންނެވެ. ހަމަ ކާން ފަށާ އިރަށް ކައިރިއަށް ވަޑައިގެން ކޮންމެވެސް ވާހަކައެއް ފައްޓަވަނީއެވެ. އެހެންވީމާ ކެވޭ ގޮތް ނުވަނީއެވެ.
    
ޕާޓީ ފެށިގެން ކުރިއަށް ދަނީ އެވެ. ނެހްރޫ އާދައިގެ މަތީން އެކި ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން މުޅި ތާނގައި ހިންގަވަނީއެވެ. ޕާޓީ އިންތިޒާމު ކުރެއްވި ބޭފުޅުން އަރިހުގައި ހިންގަވަނީއެވެ.
    
މި ޕާޓީއަށް ދަޢުވަތު ދެވުނު މީހުންގެ ތެރޭގައި ސިފައިންގެ އެކި ފެންވަރުގެ މީހުންވެސް ހިމެނެއެވެ. ސިފައިންގެ އޮފިސަރަކު ނެހްރޫ ދުރަށް ޖެހިވަޑައިގަތް ވަގުތު ބަލައިފައި ތަށްޓައް ކުކުޅު މަސް ބުރިއެއް ލައިގެން ކާން ފަށައިފިއެވެ. ނެހްރޫ އެނބުރި އޭނާ ހުރި ތަނަށް ވަޑައިގެންފާނެތީ ކަމުން ދިޔައީ ވަރަށް އަވަސް އަވަހަށެވެ. ކެއުމުގެ ތެރޭގައި އުޅުމުގެ ސަބަބުން ނެހްރޫ ކައިރިއަށް ވަޑައިގެން އޭނާގެ ފުރަގަހުގައި ހުއްޓިވަޑައިގަތް ކަމެއް އޭނާއަކަށް ނޭނގުނެވެ. ކޮނޑުގައި މީހަކު ކޮށްޓާލީމާ އެނބުރި ބަލައިލި އިރު ކައިރީގައި މި ހުންނެވީ ނެހްރޫއެވެ. އޭނާ ހާސްވެގެން ތެޅިގަތީމާ ނެހްރޫ ހިނިފުޅު ވަޑުވާފައި ވިދާޅުވިއެވެ.
    
"އާހިސްތާ ކާއޯ- މުރްދާހޭ- ބާގްތޯ ނެހީ ޖާއޭގާ-"
    
 (މަޑު މަޑުން ކާށެވެ. (ކުކުޅު) ތިޔަ އޮތީ މަރު ވެފައެވެ. ފިލައިގެންނެއް ނުދެވޭނެއެވެ.)

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ