އަދުގެ ޚާއްސަ

Print

އަހަރެމެންނަށް އެހެން ބުނެވިދާނެ ހެއްޔެވެ؟

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ދުނިޔެ


އާދަމްޝަރީފު މުޙައްމަދު، ރޯޒީ/ށ.ފުނަދޫ
 
ގަދަކަމުން ރަށުން ބޭރުކޮށްލުމުން ޢާއިލާ އާއި ރަޙުމަތްތެރިން ދޫކޮށް އެހެން ޤައުމެއްގައި އުޅެންޖެހުމުން އިޙުޞާސް ކުރަންޖެހޭނެ ހިތްދަތި އިޙުޞާސްތައް ހިތަށް ގެންނާށެވެ. ފަހަރެއްގައި ތިބާ ދިރިއުޅުނު ގެ މިހާރުވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައި ކަމުގައި ވެދާނެ އެވެ. ނޫނީ ތިބާއަކީ ކުރަންއުޅުނު ކައިވެންޏެއްގެ ސަބަބުން ރަށުން ބޭރުކޮށްލެވުން މީހަކަށް ވެސް ވެދާނެ އެވެ. މިފަދަ ކޮންމެ ސަބަބެއް މެދުވެރި ވެގެން ނަމަވެސް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާ މީހުން ވަރަށް ގިނައެވެ. މިގޮތުން އިނގިރޭސިވިލާތަށް ހިޖުރަކުރާ މީހުންގެ 80 އިންސައްތައަކީ 17 އަހަރުން ދަށުގެ ޒުވާނުންނެވެ. އެއިގެތެރެއިން ޒުވާނަކު އޭނަގެ ޙަޔާތާއި ބެހޭގޮތުން ވަނީ އަންނަނިވި ވާހަކަތައް ކިޔައިދީފަ އެވެ.

ބްލާތާ މޭޓާ 15 އަހަރު : ކޮސޯވޯ
މީގެ ތިން އަހަރު ކުރިން ސާބުން ކޮސޮވޯއަށް ޙަމާލާ ދިނުމާއި އެކު އަހަރެންގެ ޙަޔާތް އަބަދަށްޓަކައި ބަދަލުވެގެން ދިޔައެވެ. ހަނގުރާމަ ފެށުނީ އަހަރެމެންގެ ގޭ ދޮރުމަތިންނެވެ. އެހެންކަމުން އެ ހިސާބުގަނޑުގެ އެތައް ބަޔަކު މަރުވި އެވެ. ކޮންމެ ރެއަކުވެސް ކެނޑިނޭޅި ބަޑިޖަހާއަޑު އިވެއެވެ. ބަޑިބޭހުގެ ކުޅިވެރެކޭ އެއްފަދަ އެވެ. އަހަރެމެންގެ ސުކޫލު ބަންދުކުރެވުނީ ބޭރަށް ނިކުމެ އުޅުމަކީ ނުރައްކާ ކަމަކަށް ވުމުން ރައްކަލަކަށް ޓަކައެވެ. އެއާއި އެކު އެއްވެސް މުދައްރިސަކަށް ފިލާވަޅު ނަގައިދޭން ސުކޫލަށް ދިއުން ނުކުޅެދުން ތެރި ކަމަކަށް ވީމައެވެ.

އަހަރެންގެ ބައްޕައާއި ބޭބެވެސް އުޅެނީ ކޮސޯވޯ ލިބަރޭޝަން އާމީ ( ކޭ. އެލް. އޭ ) ގައެވެ. ހަނގުރާމައިގެ ނުރައްކާތެރިކަން އެމީހުން ދަނެއެވެ. އަހަރެމެންގެ ވިލެޖާއި އެންމެ ކައިރިއަށް އޮތް ވިލެޖު ރަޙުމުކުޑަ ސާބުން އެއްކޮށް ނެތި ފަނާކޮށްލި އެވެ. އެމީހުން އަހަރެމެންގެ ވިލެޖާއި ގާތްވުމުން އަހަރެމެން ނިންމީ އެތަން ދޫކޮށް ދިއުމަށެވެ. ފަހުން އެގެއަށް ދިއުމަށް އަހަރެން އުއްމީދު ކުރީމެވެ. އެހެނަސް އެ ގެ ނުހުންނާނެ ކަމާއި ހަނގުރާމައިގެ ސަބަބުން ބިމުގެ ވެއްޔަށް ވާނެ ކަން ބައްޕަ ވިސްނައިދޭން އުޅުމުން އެކަން ޤަބޫލު ކުރަން ދަތިވި އެވެ. އެކަމަކު ފެންނަމުންދާ މަންޒަރުތަކުން އެކަން ޤަބޫލު ކުރެވުނެވެ. އެހިނދު އަހަރެންގެ ޅަފުރާ ގެއްލުނު ކަމުގެ ހިތާމަވެރި އިހުޞާޞް އަހަންނަށް ކުރެވުނެވެ.

ރަށުން ނިކުމެގެން ދިޔައިރު ދާނެ ތަނަކާއިމެދު އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. އެހެންކަމުން މެސަޑޯނިއާގެ ސަރަހައްދީ ރޮނގުމަތިން ހިނގަމުންދިޔަ މީހުން ތަކެއްގެ ތެރެއަށް ވަނީއެވެ. ފުރަތަމަ އަހަރެމެން ދިޔައީ ބެލްޖިއަމަށެވެ. އެތަނުން ބަހަކަށް އަރައިގެން އިނގިރޭސި ވިލާތަށް އައީމެވެ. އެއީ 25 ޖުލައި 1998 ގައެވެ. އަހަރެންގެ މަންމަ މިތަނުން ސިޔާސީ ހިމާޔަތަށް އެދުނެވެ. ދިގު ބަސްދީ ގަތުމަކަށްފަހު އަހަރެމެން ފޮނުވީ ހޮޓަލަކަށެވެ. ރަޙުމަތްތެރިއަކު މީގެ އެއްއަހަރުކުރިން މި ޤައުމަށް ހިޖުރަ ކޮށްފައިވާ ކަމާއި އޭނާ އުޅެނީ އޮކްސްފޯޑުގައި ކަން އެނގުމުން މީހުން ކައިރީގައި އަހައި އޮޅުން ފިލުވައިގެން އޭނާ ހޯދީމެވެ. އަހަރެމެން މި ޤައުމުގައި އުޅޭނެ ތަނެއް ހޯދުމުގައި އޭނަގެ އެހީތެރިކަން ވަރަށްބޮޑަށް ލިބުނެވެ.

ފުރަތަމަ ހަމަސްދުވަސް ފާއިތުވެގެން ދިޔައީ އަހަންނަށް އިނގިރޭސިބަސް ނޭނގޭ ހަމަސްދުވަހުގެ ގޮތުގައެވެ. އޭރު މިތަނުގައި އުޅުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވިއެވެ. ޓީޗަރު ކިޔަވައިދެއްވާއިރުވެސް އެއްވެސް އެއްޗެއް އޮޅުމެއް ނުފިލައެވެ. ބަސް ނޭނގޭތީ ރަހުމަތްތެރިން ހޯދުމަށްވެސް ވަރަށް ދަތިވިއެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ އަހަރެންގެ ފަސްމަގު އޮތްގޮތެއް ބަލާށެވެ. އެހެނެއްކަމަކު އެވާހަކަތައް ކިޔައިދިނުމަށް އަހަރެންވަނީ ނުކުޅެދިފަ އެވެ. ހަމަސްފަހުން މިހާރު އަހަރެންގެ ވަރަށްގިނަ ރަޙުމަތްތެރިން ސުކޫލުގައި އުޅެއެވެ.
 
ހަމަހަށްފަހު ބައްޕަ އަހަރެމެންނާއި ގުޅުނެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން ބޭބެވެސް އައެވެ. މިހާރު އަހަރެމެންގެ މުޅި އާއިލާ މިއުޅެނީ އޮކްސްފޯޑު ގައެވެ. އަހަންނަށް މިހާރު އިޙުޞާޞް ކުރެވެނީ އަހަރެމެންނަކީ ވަރަށް ނަޞީބުވެރި ބައެއްގެ ގޮތުގައެވެ. ސިޔާސީ ޙިމާޔަތް ލިބިގެން މިތަނުގައި އުޅެވޭނީ ކިހާ ދުވަހެއްވަންދެން ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. އެކަމަކު މިތަނުގައި އުޅެން ބޭނުމެވެ. ކުރިމަގުގައި ބޭނުންވަނީ ޤާނޫނީ ވަކީލަކަށް ވާށެވެ. އަދި މީސްތަކުންގެ ޙައްޤުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާށެވެ. އަހަންނަށް އެކަމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭނެ ދާއިރާއަކީ އެއީއެވެ.

އަހަރެމެން އަމިއްލަ ވަޒަނުން ބޭރުގައި ދިރިއުޅެން މަޖުބޫރު ކުރުވީ އެއްވެސް މީހަކަށް ބެލުމެއްނެތި ކުރަން ފެށުނު ނަސްލީ ހަނގުރާމައެއްގެ ސަބަބުންނެވެ. ކޮންމެ އިންސާނަކުވެސް ކުށްވެރިވެ އަދަބު ލިބޭނީ ހެއްކާއި ޤަރީނާއިން އޭނާ ކުށްވެރި ވާނަމައޭ ތަރައްޤީ ދުނިޔޭގެ އެއެްކޮޅުން ބުނަމުންދާއިރު ހަމަ މި މީހުންގެ ތެރެއިން ބަޔަކުމީހުން ކުށެއްނެތް މައުޞޫމް އެތަކެއް ހާސް މީހުން މަރަމުން އަނެއްބަޔަކު ރަށުން ބޭރުކުރަމުން މިގެންދަނީ ހަމައެކަނީ ހީއެއެްގެ މައްޗަށް ބިނާކޮށެވެ. މިއީވެސް މި ތަރައްޤީގެ ދުނިޔޭގެ ޙާލަތު ހުރި ގޮތެވެ. މިފަދަ ގޮތަކަށް ކަންކަން ހިނގަމުން ދާއިރުވެސް އަހަރެމެން މީ ތަރައްޤީވެފައިވާ ތަހުޒީބު ބަޔެކޭ ބުނެވިދާނެ ހެއްޔެވެ؟

(ނިމުނީ)

( މަތީގައިވާ ލިޔުމަކީ ސާބުން ކޮސޯވޯގައި ހިންގި އިންސާނިއްޔަތާއި ޚިލާފު ޢަމަލުތަކުން ސަލާމަތްވުމަށް ޒުވާނަކު މަސައްކަތް ކުރިގޮތް ބަޔާންކޮށްދީ ޖޭ-17 ކިޔާ މަޖައްލާއެއްގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުން ނަގާފައިވަނީ ފުނަދޫ ސުކޫލުގެ އަދަބީ ހިޔާވަހީގެ ނޫސް ހުވާސްގެ ޖޫން 2001 ގެ ނަމްބަރުންނެވެ. )

ހަމަމިގަލަމުން

އިދާރާ

ވާހަކަ