އަދުގެ ޚާއްސަ

Print

ޞަދަޤާތުގެ ފަރުވާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުލްމުޢީދު ޙަސަން


ޑަކުޓަރުންނާއި ބޭސްވެރިން ކުރާ ބޭހުގެ އިތުރުން، ޞަދަޤާތުން ފަރުވާ ކުރުމަކީ މުސްލިމުންގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމެކެވެ. އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ޞަދަޤާތް ދިނުމަކީ، އެކަންކުރާ ބަޔަކު ޠާހިރުވެ އުޖާލާވާ ކަމެކެވެ. ބަލިބައްޔާއި އޭގެ އަސަރުތައް މީސްތަކުންގެ ހަށިތަކުން ފިލުވައިލުމަށްޓަކައި ޞަދަޤާތް ދިނުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައި ވެ އެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘްކުރައްވާފައި ވެ އެވެ.

(دَاوُوا مَرْضَاكُمْ بِالصَّدَقَةِ)

ރިވާކުރެއްވީ އަބޫދާވޫދު.

މާނައީ، "ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާހުށިކަމެވެ."

ޞަދަޤާތްދިނުމުން ބަލިފަސޭހަވާގޮތް ޝަރަޙަކުރެއްވުމަށް މިޒަމާނުގައި މަސައްކަތް ކުރައްވާފައިވާ އެއް ބާހިސަކީ އަލްމުހަންދިސް ޢަބްދުއްދާއިމެވެ. އޭނާއަކީ ކީރިތި ޤުރްއާނާއި ސައިންސްގެ ދިރާސާތައް ކުރައްވާ އިންޖިނޭރެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޞަދަޤާތުން ފަރުވާ ލިބުން ބިނާވެފައިވަނީ، އެކަންކުރުމުން ލިބޭ މަޢުލޫމާތުގެ މައްޗަށެވެ. މަޢުލޫމާތުން ފަރުވާދިނުމަކީ، ކުރިއަރާފައިވާ ޤައުމުތަކުގައި ކުރާ ކަމެކެވެ. އަދި އެއީ ތަރުބިއްޔަތުގެ މައިދާނުގައި ވެސް ފަރުވާދިނުމަށް ބޭނުންކުރާ ވަސީލަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަލިމީހަކަށް މަޢުލޫމާތުގެ ފަރުވާދޭއިރު ހަދާގޮތުގެ މިސާލެއް ޢަބްދުއްދާއިމް ބަޔާންކުރައްވާފައިވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި، ބަލިމީހާއަށް އަރާމު ލިބޭނެހެން ރަނގަޅަށް އޮށޯންނަން ޖެހެ އެވެ. ދެން އޭނާގެ ސިކުނޑިއަށް މަޢުލޫމާތެއް ފޯރުކޮށްދޭނެ ޢިބާރާތެއް، ތަކުރާރުކޮށް އޭނާ ކިޔަން ޖެހެއެވެ. އެފަދަ ޢިބާރާތެއްގެ މިސާލަކީ "އަހަރެން މިބަލި މަތަކުރަން ޖެހޭނެ. މި ބަލީގެ މައްޗަށް ގަދަވެގަތުމުގެ ކުޅަދާނަކަން އަހަންނަށް ލިބިފައިވޭ." މިއެވެ. މިފަދަ ޢިބާރާތްތަކުން ފަރުވާކުރަން އެންމެ ކަމުދާ ވަގުތަކީ ނިދުމުގެ ކުރިއެވެ. ނިދުމުގެ ކުރިން ދުޢާކުރުމަށް އިރުޝާދު ދެއްވައި، އެފަދަ ދުޢާތައް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ބަޔާންކުރައްވާފައިވާކަން މިތަނުގައި ފާހަގަކޮށްލަން ޖެހެ އެވެ.

ނިދުމުގެ ކުރިން މަޢުލޫމާތުގެ ފަރުވާ ދެވިފައިވާ މީހުންގެ ބަލި ފަސޭހަވުމުގައި އެ ފަރުވާ ބައިވެރިވެ އެވެ. އެކަން އެނގެނީ ނިދިން ހޭލާއިރު އެމީހުންގެ ބަލި ފަސޭހަވެފައިވާ މިންވަރާއި، އަދި އެމީހުންގެ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމަށް އަލަށް ލިބިފައިވާ ބާރުންނެވެ. މިކަން މިހެން ވަނީ ކީއްވެގެންތޯއެވެ؟ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ބަލިމީހާ ދުލުންކިޔާ ކޮންމެ ޢިބާރާތަކީ، އޭނާގެ ސިކުނޑިއަށް އެއިން އަސަރުކުރާނެ މަޢުލޫމާތެކެވެ. ސިކުނޑީގެ ދިރުތައް މަސައްކަތްކުރަނީ އެއަށް ދެވޭ މަޢުލޫމާތުގެ އަލީގަ އެވެ. ހަށިގަނޑުގެ ހުރިހައި ދިރުތަކަކީ، ގުޅި ލާމެހިފައިވާ ވިއުގައެއް ކަމަށްވާތީ، ސިކުނޑީގެ ދިރުތަކަށް ދެވޭ މަޢުލޫމާތު، ހަށިގަނޑުގެ އެހެން ދިރުތަކަށް ވާސިލުވެ އެވެ. މަޢުލޫމާތުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑަށް ހެޔޮބަދަލު އަންނަނީ މިކަން މިހެން ހިނގާތީ އެވެ.

މަޢުލޫމާތުން ފަރުވާކުރައްވާ މާހިރުން، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާ އެއްބަސްވެ ވަޑައިގަނެއެވެ. އެބޭފުޅުން ވެސް ވިދާޅުވަނީ، ފަޤީރުންނަށް ޞަދަޤާތް ދޭންޖެހޭނެ ކަމަށެވެ. ބަލި ފަސޭހަކުރުމަށްޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެނީ، އެކަމުގެ ސަބަބުން އިންސާނާގެ ނަފުސަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދެ އެވެ. އެއްޗަކަށް ބޭނުންވެފައިވާ ފަޤީރަކަށް، އޭނާގެ ބޭނުން ފުއްދައިދިނުމުން، އެ ހެޔޮކަން ކުރި މީހާގެ ހިތުގައި އުފެދޭ ޝުޢޫރަކީ އޭނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ނުހަނު ބޭނުންތެރި ޝުޢޫރެކެވެ.

އިންސާނުންނަށް ވަރަށް ގިނަ ބަލިތައް ޖައްސާ އެކައްޗަކީ ވައިރަހެވެ. ޙަޤީޤަތުގައި ވައިރަހަކީ މަޢުލޫމާތުގެ ފީތާފަށެކެވެ. ބަންދުކުރެވިފައިވާ އެ ފީތާފަށް ހުޅުވެނީ ހަށިގަނޑުގައިވާ ދިރުތަކުގެ ތެރެއަށް ވަނީމަ އެވެ. ވައިރަހުގައިވާ ފީތާފަށުން ދިރަށް ލިބޭ މަޢުލޫމާތުގެ ސަބަބުން، ދިރުގެ މަސައްކަތްތައް މުޅިން ބަދަލުވެދެ އެވެ. ދިރަކީ، ހަށިގަނޑު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތްކުރާ ޔުނިޓެއްގެ ގޮތުގައި އޮތުމަށްފަހު، އެ މަޢުލޫމާތުގެ ސަބަބުން ދިރު ބަދަލުވެގެންދަނީ ވައިރަސް އުފައްދާ ކާރުޚާނާއަކަށެވެ. އެގޮތުގެ މަތިން ހަށިގަނޑުގައި ވައިރަސްތައް ގިނަވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އޮބި ނޯންނަ ވަރުވެދެ އެވެ. މިއިން އެނގޭ އެއްޗަކީ، ވައިރަސް ވެސް އޭގެ އަމާޒަށް ވާޞިލުވުމަށްޓަކައި ބޭނުންކުރާ ވަސީލަތަކީ މަޢުލޫމާތު ކަމެވެ. ވައިރަހުގެ މަޢުލޫމާތުން ކުރާ އިދި އަސަރާ ޚިލާފަށް، ޞަދަޤާތުގެ މަޢުލޫމާތުން ކުރަނީ ފަހި އަސަރެވެ.

ޞަދަޤާތަކީ ހަމައެކަނި މުދަލާއި ފައިސާއިން ދޭ އެއްޗެއް ނޫނެވެ. މުދަލާއި ފައިސާއިން ޞަދަޤާތް ދިނުމުގެ ކުޅަދާނަކަން ލިބިފައި ނެތް މީހަކަށް އެހެނިހެން ގޮތްގޮތުން ޞަދަޤާތް ދެވިދާނެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައިވަނީ، ހިނިތުންވެލުން ވެސް ޞަދަޤާތެއް ކަމުގައި ލައްވާފަ އެވެ. އާދޭހެވެ. މީހަކާ ބައްދަލުވާ ހިނދު، ހިތްހެޔޮކަމާއެކު ހިނިތުންވެލުމަކީ ޞަދަޤާތެކެވެ. ބަޔަކަށް ފޯރުކޮށްދޭ ޚިދުމަތެއް، އިޚުލާޞްތެރިކަމާއެކު ފޯރުކޮށްދިނުމަކީ ވެސް ޞަދަޤާތެކެވެ. މީހުނަށް ގެއްލުން ލިބިދާނެ އެއްޗެއް މަގުމަތިން ނަގައި ދުރަށްލުމަކީ ވެސް ޞަދަޤާތެކެވެ. ދުލުން ހެޔޮބަހެއް ބުނެލުމަކީ ވެސް ޞަދަޤާތެކެވެ. ... މިއިން ކޮންމެ ކަމަކީ، ވިސްނުމާއި ފިކުރަށް ފަހި މަޢުލޫމާތެއް ފޯރުކޮށްދީ، ދުޅަހެޔޮކަން އިތުރު ކޮށްދޭނެ ކަމެކެވެ.


މަޞްދަރު:
ކަޙީލް7 ޑޮޓް ކޮމް.



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ