އަދުގެ ޚާއްސަ

Print

ކިހާ މަޖާ ދޯ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2010)

ދައުލަތުގެ މުއައްސަސާއަކުން ބޭފުޅަކު އަޅުގަނޑަށް ފޯނު ކުރެއްވި އެވެ. ބޭނުންފުޅެއް ކަމުގައިވީ، އެ މުއައްސަސާގެ އިސް ބައެއް ވެރިން، ދިވެހި ބަހުގެ ހަމަތަކަށް އަހުލުވެރި ކުރެއްވުމަށްޓަކައި ބަހުގެ ކިލާހެއް ހިންގެވުމެވެ. އެ ކިލާހުގައި ކިޔަވައި ދިނުމަށް އަޅުގަނޑަށް ވަގުތުކޮޅެއް ހުސްކުރެވިދާނޭތޯ ބެއްލެވުމެވެ. އަޅުގަނޑު ދެންނެވީ މެވެ. ވެދާނެ އެވެ. އެކަމަކު ބޭނުންފުޅުވަނީ ބަހުގެ ކޮންކޮންބައިތަކެއްތޯ އެވެ؟ ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ފަހަކަށް އައިސް ދިވެހިން މި ގެންގުޅޭ ''ދޯ'' އެއްގެ ވާހަކަ ވެސް އަ އެވެ.

މިހާރުގެ ދިވެހިން ކޮންމެ ދެބަހުން އެއްބަހަށް ދޯ ބޭނުން ކުރާތީ، އެކަމާ އޭނާ ވަރަށް ކަންބޮޑުވެވަޑައިގެން ވާހަކަ ދެއްކެވި އެވެ. މުނާސަބު ނޫން، ނުގުޅޭ ތަންތަނަށް ''ދޯ'' ގެނައިމާ އުނދަގޫވަނީ އެވެ. އެތައް ދިވެހިންނެއް  މި ''ދޯ'' ގެ އޮއިވަރުގައި ޖެހިގެން، ބަހުގެ ހަމަތަކުން ނެއްޓި ކައްސައިލައި ސޮހިގެން، ގަވައިދުތަކާ ދިމާ ދުރަށް ބެހިގެން ހިނގައްޖެ އެވެ.

ހަގީގަތުގައި މި ''ދޯ''ގެ މައްސަލަ އަކީ އަޅުގަނޑަށް ވެސް ކުޑަ މައްސަލައެއް ނޫނެވެ. ވަރަށް ގިނަ ދިވެހިންގެ ކިބައިން ފާހަގަ ކުރެވިފައިވާ މައްސަލަ އެކެވެ. އެކަމާ ބެހޭ ގޮތުން، މި ފަންވަތުގައި ވެސް ބައެއް ލިޔުންތައް ލިޔެވިފައި ވެއްޖެ އެވެ. އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވެސް މި ''ދޯ''ގެ މައުޟޫޢުގައި ވަރަށް ރަނގަޅު ލިޔުމެއް ފަންވަތުގައި ޝާއިޢު ކުރައްވާފައި ވެއްޖެ އެވެ. ހަމަ އެހެންމެ  ވަރަށް ގިނަ ކިލާސްތަކުގައި މި ''ދޯ'' ގެ ވާހަކަ އަޅުގަނޑަށް ދެއްކިފައި ވާނެ އެވެ. މީން ކޮންމެ ފަހަރަކު ވެސް ހިތަށް އަރަނީ ދިވެހި ބަސް ހަލާކުވަނީ ކަމުގަ އެވެ. ބޭރު ބަސްބަހުގެ މީހުން އެ މީހުންގެ ބަހަށް ދޭ އަހަންމިއްޔަތު ދިވެހިން ދިވެހި ބަހަށް ނުދެނީ ކަމުގަ އެވެ.

އޮފީސް ނިންމާލައިފައި ބޭރަށް ނިކުންނަށް ވެގެން ފެންފޮދެއް ބޯލާނީއޭ ހިތާ ބަލައިލި އިރު ކޫލަރު ހުރީ މައްސަލައެއް ޖެހިފަ އެވެ. ވީ ކިހިނެއްތޯ އަހައިލެވުނީ އޮފީހު ކުޑަ ދޮރެއް ފޮހެ ސާފު ކުރަން ހުރި އަވަށްޓެރި ގައުމެއްގެ މީހަކު ގާތުގަ އެވެ. އޭނާ ޖަވާބު ދިނެވެ. ''ބޭބޭ ބޮރު މަސާޅާ ހުންނަނީ. އެކަމު އާރެން ނައިންގޭ ދޯ! އާރެން ފޮންކާ އޮޅިބުރީ ތޮޅުންގޮނޑު ސާފު ކުރާ މީހާ ހުންނަނީ ދޯ''

މާ ބޮޑު ކަމަކަށް ނުހަދަމެވެ. އޮފީހުން ނިކުމެގެން ގެޔަށް ދާން ހިނގައިގެންފީ މެވެ. ދިޔަ ދިޔުމުގައި  ރައްޓެއްސަކު ހިންގާ  ފުރެއްދެ ބަސް ކިޔަވައިދޭ މަރުކަޒަކަށް ވަދެލީމެވެ.  އޭރު އެތާނގެ ވަރަށް ގިނަ މުދައްރިސުން އެ މީހުންގެ އަމިއްލަ ވާހަކަ އެއްގައި ތިއްބެވެ. އެކަކީ ޕޮލެންޑު މީހެކެވެ. އަނެކަކީ އިޓަލީ މީހެކެވެ. އަނެކަކީ ރަޝިޔާ މީހެކެވެ.  ފިލިޕީންސް ދެމީހެކު ވެސް ތިއްބެވެ.  ދެން އިނގިރޭސީންގެ ދެމީހަކާއި، ދިވެއްސަކާއި، އަދި އަޅުގަނޑު ވަނުމުން، އަޅުގަނޑެވެ.

ދެކެވޭ ވާހަކަ އެއް ދެކެވެނީ އިނގިރޭސި ބަހުންނެވެ. މި އެންމެންގެ ބައިވެރިވުން ލިބިގެން އެންމެންގެ މެދުގަ އެވެ. އެމީހުން ވާހަކަ ދެއްކި މައުޟޫޢަކީ ކޮބައިތޯ މި ތަންވަޅު ސުވާލު ނުކުރަމާ ހިންގަވާށެވެ!  ކޮންމެ އަކަސް އެއީ އަޅުގަނޑުގެ ވެސް ރައްޓެހި ބަޔަކަށްވާތީ،  އެ މީހުންގެ ވާހަކައިގެ ތެރޭގައި އަޅުގަނޑަށް ވެސް ބައިވެރިވެވިއްޖެ އެވެ. ނުވަތަ ބައިވެރި ކޮށްފި އެވެ.  އިސާހިތަކު މި ވާހަކައިގެ ކުންނަށް އަރައިފި އެވެ. މިތާ އިން ޕޮލެންޑް ޓީޗަރު  ދެ އަތްތިލައިގެ ބަނޑުފުށް ކުރިމައްޗަށް ހާމަވާގޮތަށް ފުރޮޅައިލައި، ''ހުޅަނގު ދޮން މީހުންގެ ފާޑަށް'' ދެކޮނޑު އުފުލައިލައި ސުވާލުގެ ރާގުގައި އަޑަށް ބާރުލައިފައި ބުންޏެވެ. ''އިޓް އިޒް ޓޫ މަޗް ދޯ!''

މި ވަގުތު ހިތަށް ވަނެވެ. މިވަނީ ކިހިނެއްބާވަ އެވެ؟ މި ފަހަރު ''ދޯ'' މި ބޭނުން ކުރީ ހަމަ ގައިމު ވެސް ދިވެހި ޒުވާނެއް ނޫނެވެ. އަވަށްޓެރި ގައުމެއްގެ ތަޢުލީމެއް ނެތް، ދެބަސް މަސްހުނި މީހެއް ވެސް ނޫނެވެ. ޕޮލެންޑު މީހެކެވެ.  ކިޔަވައިގެން ހުރި މީހެކެވެ. ''ދޯ'' ފިޔަވައި އެހެން ހުރިހާ ލަފުޒެއް އޭނާ ބޭނުން ކުރީ އިނގިރޭސި ބަހުންނެވެ. ކީއްވެގެން ކަމެއް ނޭނގެ އެވެ. ވިއްސަކަށް މިނިޓުވަންދެން މި ދެކެވުނު ވާހަކައިގައި އެތާ އިން އިޓަލީ މީހާ ވެސް މި ''ދޯ'' އެތައް ފަހަރަކު ބޭނުންކުރި އެވެ. ހަމަ ގައިމު ވެސް  ''ދޯ'' މިއީ އިޓަލީ ބަހަކަށް ނުވާނެތާ އެވެ. މިއީ އަނެއްކާ ރާއްޖޭގައި މިވެރިން ހޭދަކުރި ފަސް ހަ އަހަރުގެ ތެރޭގައި ގައިން ގަޔަށް އަރާފައިވާ ކަމެއް ނޫންބާވަ އެވެ؟
 
އަނެއް ދުވަހުގެ ރެއަކީ، އަޅުގަނޑު ކިލާހުގައި ކިޔަވައިދޭން ހަމަޖެހިފައި އޮތް ރެ އެވެ. ހެނދުނު ހޭ ލެވުނީއްސުރެ ބޮލުގައި ރިއްސާތީ، ހަވީރު ޑަކްޓަރަކަށް ދައްކައިލަން ދިޔައީމެވެ. ދިޔައީ ސީނީ ފަރުވާ ދޭ ތަނަކަށެވެ. ޑަކްޓަރަކީ ސީނީ އެކެވެ. އާދެ! ސީނުކަރައިގެ ނުވަތަ ޗައިނާގެ ބޭކަލެކެވެ. ދެ މީހުން ވެސް ވާހަކަ ދެއްކޭތޯ ބެލީ އިނގިރޭސި ބަހުންނެވެ.  ދެކެވުނު އެއްވާހަކަ އަކީ ކޮލެސްޓްރޯލުގެ ވާހަކަ އެވެ. ކެއުމަށް ބަލައިލަން ޖެހޭ ވާހަކަ އެވެ. އަޅުގަނޑު ނަންގަތީމެވެ. ތެޔޮ އެކުލެވޭ ކެއުންތައް ކެއުން މުޅިން ހުއްޓާލަންވީ ދޮގެއްތޯ އެވެ؟ ހީނލައްވާފައި ޑަކްޓަރު ބުނުއްވި އެވެ.  ''އޮއިލީ ފުޑްސް އަރ ދަ މެއިން ފުޑް ފޯރ ދަ މޯލްޑިވިއަންސް ދޯ!''

(ނިމުނީ)

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ