އަދުގެ ޚާއްސަ

Print

މުސްކުޅިންނަށް އިޙްތިރާމު ކުރަމުތަ؟

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

މުސްކުޅިންނަށް އިޙްތިރާމު  ނުކުރަނީ ކޮންބައެއްތޯ އެވެ. މިސުވާލުގެ ޖަވާބަކަށް، އިޙްތިރާމު  ކުރަނީ ކޮންބައެއްތޯ ސުވާލުކޮށްލުމުން ފުދެއެވެ. މުސްކުޅިންނަށް އިޙްތިރާމު ކުރުމަކީ ދީނުގައިވެސް ވަރަށް ބާރުއަޅާފައިވާ ކަމެކެވެ. މުޅި މުޖްތަމަޢުވެސް ބަލައިގަންނަ ރީތި ސިފައެކެވެ. ސުވާލަކީ މުސްކުޅިންނަށް އިޙުތިރާމު ކުރުމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. މިސުވާލަށް ސީދާ ޖަވާބެއްދޭން ވަރަށް ދަތިވާނެއެވެ. ނަމަވެސް އިޙުތިރާމު ކުރުމުގެ ގޮތުން ކުރެވިދާނެ ވަރަށް ގިނަކަންތައްތައް ހުރެއެވެ.

ތިމާއަށްވުރެ އުމުރުން ދުވަސްވީ މީހުންނާ ވާހަކަދައްކާއިރު ރީތިބަހުން ވާހަކަ ދައްކާށެވެ. މަޑުމައިތިރިކަމާއެކު މުޚާތަބު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުވައިދޭށެވެ. ފުރައްސާރަކުރުމާއި ދުއްތުރާކުރުމުން އެއްކިބާވުމަކީވެސް ރިވެތި އަޚްލާގު ގެތެރެއިން ހިމެނޭ ކަމެކެވެ. މަގުހިނގާ އިރުވެސް އެމީހުނަށް ދަތިވާނެހެން ހުންނަ ކަންތައްތައް ރަގަޅުކޮށްދޭށެވެ. ޚިދުމަތް ދިނުމުގައިވެސް ޚާއްސަ ނަޒަރަކުން ބެލިދާނެއެވެ. ދިރިއުޅުމުގެ ކަންކަމުގައި އެމީހުންގެ ލަފާ އަހާލުންވެސް އެއީ ރަނގަޅު ކަމެކެވެ. އެމީހުންގެ ވާހަކަތައް އަޑުއަހައި ޝަކުވާތަކަށް މެދުމިންވަރުގެ ހައްލެއް ހޯދަދޭން މަސައްކަތް ކުރާށެވެ.

އަހަރެމެންގެ ތެރެއިން ގިނަމީހުންނަށް ނޭނގިނަމަވެސް ތިމާއަށްވުރެ ދުވަސްވީ މުސްކުޅިންނަށް ކުރަންވާ ގަދަރާއި އިޙްތިރާމް ނުކުރެވޭތަން ވަރަށް ގިނަފަހަރަށް ފެނެއެވެ. މިދާކަށްދުވަހު ފެނުނު މިބާވަތުގެ މަންޒަރަކުން ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން މިމައުޟޫއުގައި އެއްޗެއް ދަންނަވާނުލައި ހަމަކެތެއް ނުވިއެވެ.

އަހަރެން މީ ދިވެއްސެއްކަން އެހެން މީހުނަށް އެންގުމަށްޓަކައި ހައްދަންޖެހޭ މުހިންމު އެއްޗެއް ހެއްދުމަށް އެ ހައްދައިދޭ އިދާރާއަށް ދިޔަދުވަހެކެވެ. ކިޔޫނަންބަރު ތަރުތީބުން ޚިދުމަތް ދެމުންދެއެވެ. އެހެން ހުއްޓައި މުސްކުޅި މީހަކު އެތެރެއަށް ވަދެގެން އައިސް ދާނެވަކި ދިމާއެއް، ހަދާނެ ވަކިގޮތެއް ނޭގިފައި ޚިދުމަތް ހޯދަން އައިސް ތިބި މީހުންތަކުގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ކުޑައިރުކޮޅަކު އެހެން ހުރެލާފައި ޚިދުމަތްދޭ ކައުންޓަރު ކައިރިއަށް ގޮސް ކޮންމެވެސް އެއްޗެއް ބުނެފިއެވެ. ކައުންޓަރުގައި އިން ޒުވާނާގެ ޖަވާބު ވަރަށް ކުރުވެފައި ރުންކުރެވެ. " ކިޔޫނަންބަރާ ޖެހެންދެން މަޑުކޮށްލާ". އިށީނދެލާނެ ޖާގައެއްވެސް ނެތް ހޯލުގެތެރޭގައި ކޮޅުކޮޅަށް ބަލަބަލައި މުސްކުޅިޔާ ހުއްޓެވެ. އެވަގުތު ތަންކޮޅެއް ދުރުގައި އިން ޒުވާނަކު އައިސް އެދައްކައިދިން ރިވެތި ނަމޫނާއަކީ އެތާތިބި އެންމެންވެސް އެކަމަކުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމެކެވެ. ހަމަ ހަގީގަތުގައިވެސް އަޅުގަނޑުގެ ލޮލުން ކަރުނަ ހިލުނެވެ.

މިދެންނެވި ޒުވާނާ ތެދުވެގެން އައިސް އެ ބޭބެގެ އަތުގައި ހިފައިގެން ގެންގޮސް ކުރިން އެޒުވާނާ އިށީދެގެން އިން ގޮނޑީގައި ބޭންދިއެވެ. އަދި ޚިދުމަތްދޭ ކައުންޓަރަށް ގޮސް އެތާހުރި އިސްމުވައްޒަފަކާ ވާހަކަދައްކައި، މުސްކުޅިބޭބެއަށް ތަންކޮޅެއް އަވަހަށް ޚިދުމަތް ލިބޭނެގޮތަށް މަގުފަހިކޮށްދިނެވެ. އަދި ނިމުނީއަކީ ނޫނެވެ. އެބޭބެއަށް ޚިދުމަތް ލިބުމުން އޯގާތެރިކަމާއެކު ގެންގޮސް ޓެކްސީއަކަށްވެސް އެރުވިއެވެ. ކިހާރިވެތި ނަމޫނާއެއްތޯއެވެ.

އޭގެ ދެދުވަހެއް ފަހުން ހަމަ މިފަދަ އެހެން މަންޒަރެއްވެސް ފެނުނެވެ. އަނެއްކާވެސް މުސްކުޅިއެކެވެ. ހަމަ ކިރިޔާ ހިނގާބިގާވެ އުޅެވޭވަރު މުސްކުޅިއެކެވެ. ނޫކުލައިގެ ކުޑަ ފޮތެއްހިފައިގެން ސަރުކާރުގެ އިދާރާއަކުން ޚިދުމަތެއް ހޯދަންވެގެން އައިސް ހުރި މުސްކުޅިއެކެވެ.
ބޭބެ: ވާހަކަދައްކަން ހުރި ދެޒުވާނަކާ މުޚާތަބުކޮށް. "ބައްލަވާ!! ފެންސަން އޮފީސް ހުންނަނީ ކޮންތާކުތޯ؟"

ދެޒުވާނުންގެ ތެރެއިން އެކަކު: "އެކޮޅުގަ" (އެބުނާ އޮފީހެއް ހުންނަ ދިމާއަށް އިޝާރާތް ކޮށްފައި)
އެދެއްކިދިމާއަށް ބޭބެ ހިގައިގަތެވެ. ފަސްހަ ފިޔަވަޅުވެސް ނޭޅެނީސް އެހެން ޒުވާނަކާ ދިމާވެއްޖެއެވެ.
ބޭބެ: "ބައްލަވާ ފެންސަން އޮފީސް ހުންނަނީ ކޮންތާކުތޯ؟"
ޒުވާނާ: "ތިޔައެތި ދައްކަން ޖެހޭނީ އެކޮޅަށް" (ބޭބެ އަތުގައި އޮތް ނޫކުލައިގެ ފޮތަށް އިޝާރާތްކޮށް، ބޭބެ އައިކޮޅަށް ދާށޭ ބުނާބީދައިން)
އެ ބޭބެއަށް ވާނުވާ މުޅިން އޮޅިއްޖެއެވެ. ހަދާނެ ނުހަދާނެ ގޮތެއް ދާނެ ނުދާނެ ދިމާއެއް ނޭގިފައި ހުއްޓިހުރެއްޖެއެވެ. އެބޭބެގެ ހިތަށް އެރިއެއްޗެއް ދަންނަވާކަށް ނޭގެއެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އެއުމުރުގެ މީހަކު ހިތަށް އަރާފައިބާނެ އިހުސާސްތަށް ވިސްނާލަބަލާށެވެ. ބޭބެ ހުއްޓި ހުރިގޮތަށް ހުއްޓާ ދެންއައި އެހެން ކުއްޖަކު ބޭބެއަށް ވަރަށް އެހީތެރި ވެއްޖެއެވެ. އެޒުވާނާޔާވެސް ބޭބެ ކުރީ ހަމަ އެއްސުވާލެކެވެ. "ފެންސަން އޮފީސް ކޮބައިތޯ؟" އެ ޒުވާނާ އެސުވާލަށް އެއްލަފްޒުން ޖަވާބެއް ދިނުމުގެ ބަދަލުގައި، ބޭބެއަށް މަގުދައްކައި ދިނެވެ. އަދި ހޯދަން އެއުޅޭ ޚިދުމަތް ލިބޭނެ ގޮތާއި އެ ޚިދުމަތް ލިބިގަންނަން އިތުރަށް ބޭނުންވާނެ ލިޔުންތައް ބުނެދިނެވެ. އަދި އެ ލިޔުންތައް ހަމަތޯ ބަލައިދީ އެގެންގޮސްދޭންވާ ކައުންޓަރާ ހިސާބަށް ގެންގޮސްދިނެވެ.

ޔަޤީނުންވެސް އެބޭބެ އެދުވަހު އެތަނުން ނުކުމެގެން ދިޔައީ ހިތްހަމަ ޖެހިގެންނެވެ. އަދި ފަހުންމިދެންނެވި ޒުވާނާއަށް ޝުކުރު އަދާކޮށް ހެޔޮދުޢާވެސް ކުރަމުންނެވެ. މުސްކުޅިންނަށް އިޙްތިރާމު  ކުރުމުގެ ކިހާރިވެތި މިސާލެއްތޯއެވެ.

މީގެއިތުރުންވެސް މިމައުޟޫގައި ފާހަގަކޮށްލަން ރަގަޅު ދެކަމެއް ހަނދާނަށް އާދެއެވެ. ތަންކޮޅެއް ކުރީގައި މާލޭގެ މަގުމަތިން ވަރަށްގިނައިން ފެންނަ ހިތްވަރުގަދަ، ހީވާގި މުރާލި ދެމީހެއްގެ ވާހަކައެވެ. ގާޑިޔަލަކަށް ފޮތްއަޅައިގެން ފޮތްވިއްކަން ހިނގާ ބޭބެއަކާއި ހަނޑޫގުޅަ އަދި ކަވާބު ވިއްކަން ހިނގާ ބޭބެއެކެވެ. އެދެމީހުނަށް ޖެއްސުންކޮށް ފުރައްސާރަކޮށް ހާރުވާ ހަދާ މަންޒަރު ވަރަށްގިނައިން އަޅުގަނޑު ދުށީމެވެ. މިކަމުގައި ޒުވާނެއް މެދުއުމުރުގެ މީހެއް ވަކި ތަފާތެއް ހުރިހެނެއް ހިތެއްނުބުނެއެވެ. އަޅުގަނޑުގެ ހިތުގައި ހާދަހާ ވޭނެއް އެޅިމަންޒަރުތަކެކެވެ. ހާދަހާ އަސަރެއް ކުރިމަންޒަރުތަކެކެވެ.

ވިސްނާލުން ރަނގަޅުކަމެއް ނޫންތޯއެވެ. އިޙްތިރާމް ކުރުމަކީ ކޮބައިކަން، ކަމޭހިތާނީ ކިހިނެތްކަން އިނގެނީ ވަރަށް މަދު މީހަކަށެވެ. އަޅުގަނޑުމެން އެންމެން ވެސް ދުނިޔޭގައި ހުރެއްޖެނަމަ މުސްކުޅިވާނެ އެވެ. އެ ދުވަހަކުން އަޅުގަނޑުމެންނަށް އިޙްތިރާމު  ކުރާނެ ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ޒިންމާއެކެވެ. ހަމައެފަދައިން މިހާރު ދުނިޔޭގައި ތިބި މުސްކުޅި އުމުރު މީހުންނަށް އިޙްތިރާމު ކުރުމަކީ ވެސް އަޅުގަނޑުމެންގެ ވާޖިބެކެވެ.

(ނިމުނީ)
 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ