އަދުގެ ޚާއްސަ

Print

އަލްފު ލައިލާ ވަލައިލާ (1)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އަލްފު ލައިލާ ވަލައިލާގެ ރޭތަކުގެ ތެރެއިން 429 ވަނަ ރޭ، ޝަހުރުޒާދު ވާހަކަކިޔަމުން ގެންދިޔަ އެވެ.

އެއްޒަމާނެއްގައި، ވަރަށް މުއްސަނދި ސާދާގަރަކު ބަޣުދާދުގައި އުޅުނެވެ. އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ދަނޑުފަނގު ވަރަށް ގިނަ އެވެ. ދުނިޔޭގެ ތަނަވަސްކަން އޭނާއަށްވަނީ އިންތިހާ ދަރަޖައަށް ލިބިފަ އެވެ. ނަމަވެސް އޭނާގެ މިލްކުގައިވާ މުދާތައް ވާރުތަކުރާނޭ ދަރިއެއް، އޭނާއަކަށް ލިބިފައެއް ނެތެވެ. އެގޮތުގައި ދުވަސްތައް މާޒީވަމުން ދަނިކޮށް އޭނާ މުސްކުޅިވެ، ބުރިކަށި ގުދުވެ، ހަށިގަނޑަށް ނިކަމެތިކަން ވެރިވެއްޖެ އެވެ.

ދެން އޭނާގެ މުދަލާއި ނަސަބު ގެއްލިގެން ހިނގައިދާނެތީ، އެކަމާމެދު ކަންބޮޑުވެ، ދަރިޔަކު ދެއްވާތޯ އަރަހުށި މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވަން ޤަޞްދުކުރި އެވެ. ދެންފަހެ، އޭނާ ދުވާލު ރޯދަހިފައި، ރޭ އަޅުކަންކުރަން ފެށި އެވެ. މާތް ﷲ ގެ ޙަޟުރަތަށް އެތައް ނަދުރެއް ބުނެ، ޞާލިޙު ވަލީވެރީންގެ އިރުޝާދާއެކު ޞާލިޙު، ހެޔޮ ޢަމަލުތައް ކުރުން ގިނަކުރި އެވެ. އެގޮތުގައި އޭނާ މާތް ﷲ ގެ ޙަޟުރަތަށް ޚުޝޫޢަތްތެރިވެގެން އުޅެނިކޮށް، އެކަލާނގެ އޭނާގެ ދުޢާ އިޖާބަކުރެއްވައިފި އެވެ. މާގިނަ ދުވަސްތަކެއް ނުވެ، އޭނާގެ އަނބީންގެ ތެރެއިން އަނތްބަކާއެކު ރޭކުރުމުން، އެ އަނބިމީހާގެ ބަނޑުގައި ދަރިއެއް ގަރުބަގެންފި އެވެ. ދެން އެ އަނބިމީހާ މާބަނޑުވެ އިނުމުގެ ދުވަސްތައް ފުރިހަމަކޮށް، ސާދަވިލޭރޭގެ ހަނދެއް ފަދަ ފިރިހެން ދަރިއަކު ވިހައިފި އެވެ.

ދެން ސާދާގަރު ބުނެފައިވާ ނަދުރުތައް ފުއްދައި، ޔަތީމުންނާއި ހުވަފަތްވެފައިވާ ނިކަމެތީންނަށް ކާބޯތަކެއްޗާއި ފޭރާންދީ އެފަދަ އެތައް ޞަދަޤާތެއް ކުޅަ އެވެ. އެއަށްފަހު، ހަތްވަނައަށްވީ ދުވަހު އެ ދަރިފުޅަށް އަބުލްޙަސަނު ކިޔައި ނަންދިނެވެ. އަދި އެ ދަރިފުޅަށް ކިރުދޭނޭ ކިރުމައިންނާއި، ގެންގުޅެ ތަރުބިއްޔަތުކުރާނޭ އެތައް ބަޔަކު ލިއެވެ.

އެ ދަރިފުޅު ބޮޑުވެ ހޭޖެހޭވަރު ވުމުން، ކިޔަވާދެއްވާނޭ އުސްތާޛުން ހަމަޖެއްސި އެވެ. އެދަރިފުޅު، ކީރިތި ޤުރުއާން ކިޔަވައި، އިސްލާމްދީނުގެ ފަރުޟުތަކާއި ޝަރީޢަތުގެ ކަންތައްތައް ދަސްކުރި އެވެ. ފުރާފުރިހަމަވިއިރު، އެ ދަރިފުޅު ވަނީ، އަތުލިއުމާއި ޅެންވެރިކަމާއި ޙިސާބާއި ދުނިއުކުން ފަދަ ޢިލްމާއި ހުނަރާއި ފަންނު ވެސް ދަސްކޮށްފަ އެވެ.

އަބުލްޙަސަނު ވެގެން ދިޔައީ، އެކިއެކި މައިދާންތަކުގައި، އޭރު އެފަދަ ދެވަނައެއް ނެތް ލާމަސީލު ދަރިއަކަށެވެ. އޭނާގެ ހަށިގަނޑުގެ އިސްކޮޅާއި ރޫފަ ފުރިހަމަ އެވެ. މޫނުގެ އުޖާލާކަން ވިދައި ބަބުޅަ އެވެ. ދުލުގެ ފަޞާޙަތްތެރިކަން ބަސްތައް ވިރުވައި އަޅަ އެވެ. ކަންކަށީގެ ކުލަވަރު ފޮޅެމުންދާ ރަތް ފިނިފެން މަލެއް ފަދަ އެވެ. ކަންހުޅީގެ ނަޔާކަން ޅަނދޮޅު ކުރިއެއް ފަދަ އެވެ. ޅެންވެރިޔަކު ކިއުއްވާފައިވާ ޅެމެއްގައި އޭނާގެ މިސާލު ޖެހިފައިވެ އެވެ.

މަޢުޞޫމުވީ ގަހަނާތަކެއް އެޅިގެން ބަހާރު އަތުވެއްޖެޔޭ،
            ނަލަރީތިވީހައި މާމަލެއް ގުލްޝަންތެރޭން ފޮޅިލައިފިޔޭ.
ހެދެމުން އެދާ ކަންހުޅި ވަޔާއެކުގައި ހެލޭއިރު ހީވެޔޭ،
            ވަސްމީރުވީހައި މާމަލާ އަދި ރަންކޮކާ ވެސް އުތުރެޔޭ.


ބާލިޣުވެ ފުރާފުރިހަމަވަންދެން، އަބުލްޙަސަނު އޭނާގެ ބައްޕައާއެކު ހެޔޮ ޙާލުގައި ދިރިއުޅެމުން ގެންދިޔަ އެވެ.

އެއްދުވަހަކު އަބުލްޙަސަނު ގެނެސް ގާތުގައި ބައިންދާފައި ސާދާގަރު ބުންނެވެ.

"ދަރިފުޅާ އެވެ! ބައްޕަގެ އަޖަލު ގާތްވެއްޖެ ހެން އެބަހީވެ އެވެ. ދާދި އަވަހަށް ބައްޕަ މިދުނިޔެއާ ވަކިވެ، މާތް ﷲ ގެ ޙަޟުރަތަށް ދާން ޖެހިދާނެ އެވެ. ބައްޕަ މިވަނީ ދަރިފުޅަށްޓަކައި ގިނަގުނަ ހަރު މުދަލާއި ބަގީޗާތައް ހޯދައިދީފަ އެވެ. ދަރިފުޅުގެ ދަރީންގެ ދަރީންނާ ހަމައަށް ދިޔަޔަސް މި މުދާތަކެއް ހުހެއް ނުވާނެ އެވެ. ދަރިފުޅަށްޓަކައި ބައްޕަ ދޫކޮށްފައިދާ ތަކެތީގެ ބޭނުން ހިފާއިރު، މާތް ﷲ ގެ ޙަޟުރަތަށް ތަޤުވާވެރިވެ، ހެޔޮގޮތުގައި މިތަކެތިން ހޭދަކުރާށެވެ."

ދެން މާގިނަ ދުވަސްތަކެއް ނުވެ، ސާދާގަރު ކުޑަކޮށް ބަލިވެ އުޅުމަށްފަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފި އެވެ.

އަބުލްޙަސަނު އޭނާގެ ބައްޕަގެ ކަށުކަމާކެމީގެ ކަންތައްތައް ހަމަޖައްސައި، އެންމެ ފުރިހަމަ ގޮތުގައި ހިނަވާ ކަފުންކޮށް ވަޅުލި އެވެ. އެއަށްފަހު ގެޔަށް އައިސް، ކަޅު ހެދުން ލައި، ހިތާމަކުރުންމަތީ، ދުވަސްތައް ހޭދަކުރަމުން ގެންދިޔަ އެވެ. މިގޮތުގައި އޭނާ ހުއްޓައި އޭނާގެ ރައްޓެހީން އައިސް ކިޔަންފަށައިފި އެވެ.

"މިތުރާ އެވެ! ތިބާ ފަދަ މީހަކު ދޫކޮށްފައި ދިޔަ މީހަކަށް ކަމެއް އުންޏެއް ނުވާނެ އެވެ. ވެދިޔަ ކަމެއް ވެ ނިމުނީތާ އެވެ. ތިޔަގޮތަށް ހިތާމަކުރުމަކީ ޒުވާން އަންހެންކުދިންނާއި ބުރުގާއެޅި މައިންގެ ކަމެކެވެ."

މިޒާތުގެ ވާހަކަތައް އޭނާގެ ގާތުގައި ދައްކައިގެން އެއުރެން އޭނާގެ ހިތަށް އުފާވެރިކަން ވެއްދި އެވެ. ދެން ހިތާމައިގެ ކަޅު ފޭރާން ބާލައި، ކުލަކުލައިގެ ފޭރާން ލައި އުފާވެރިކަން ފާޅުކުރި އެވެ.

މިހިސާބަށް ކިޔައިދެވުނުތަނާ، ވާހަކައަށް ހުއްދަވެފައިވާ ވަގުތު ނިމި، ފަތިސްވެއްޖެކަން އެނގުމުން، ޝަހުރުޒާދު ވާހަކަ ކިޔުން ހުއްޓާލައިފި އެވެ.


(ނުނިމޭ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ