އަދުގެ ޚާއްސަ

Print

އަލްފު ލައިލާ ވަލައިލާ (2)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

430 ވަނަ ރޭ، ޝަހުރުޒާދު ވާހަކަ ކިޔައިދޭން ފެށި އެވެ.
ބާއްޖަވެރި ރަސްގެފާނެވެ.

އަބުލްޙަސަނުގެ ރައްޓެހިން އޭނާއާ އެކު ސަކަރާތް ޖަހައި، މަޖާކުރަން ފެށުމުން އޭނާގެ ހިތާމަވެރިކަން ފިލައިގެން ހިނގައްޖެ އެވެ. ދެން އޭނާގެ ބައްޕަ، އޭނާއަށްޓަކައި ހޯދާފައިވާ މުދާތަކަށް ނަޒަރުހިންގައި ބަލާލި އެވެ. އޭގެ ގިނަކަން އޭނާއަށް ފެނިފައި، އޭގެ ދަޅައަށް ހެއްލި، އޭނާގެ ބައްޕަ ކުޅަ ވަޞިއްޔަތުގެ މަތިން ހަނދާން ނެތިއްޖެ އެވެ.

ދުނިޔޭގެ ތަނަވަސްކަމުގައި ޣާފިލުވެވުމުން، އޭނާއަށް ހީވީ، ދުވަހަކު ވެސް އޭނާގެ އަތުން މުދާ ހުސްނުވާނޭ ކަމަށެވެ. ޙާލަތު ބަދަލުވުމެއް ނެތި، މުއްސަނދިކަންމަތީ، އަބަދު ހުރެވޭނެ ކަމަށެވެ. އޭނާއަށް މިބުއްދި ކުރެވުމުން، ރައްޓެހިންނާއެކު ކައިބޮއި، މަޖާކޮށް، ދުނިޔޭގެ އުފަލާއި އަރާމުގެ ތެރެއަށް ގެއްލި، ހިސާބެއް ކިތާބެއް ނެތި ޚަރަދުކުރަން ފެށި އެވެ. ރަން، ރިހިން އިސްރާފުކޮށް ކޮންމެ އިރަކުހެން ކަލިޔާބިރިންޖީ އާއި ކުކުޅު ކާންފެށި އެވެ. އެއާއެކު، ފުރާވަރަށް އަރާފައިވާ އަންހެން ކުދިންގެ ލަވަކިއުމާއި ނެށުމާއި ހުނުމުގެ އަޑަށް ގެއްލިއްޖެ އެވެ.

ތިމާގެ ދިރިއުޅުމަށް މަންފާއެއް ކުރާނޭ އެއްވެސް ކަމެއް ނުކޮށް، މިޒާތަށް އުޅެމުން ދަނިކޮށް، މުދާތައް ހުސްވެ، ޙާލުގައި ޖެހި، ނިކަމެތިވެއްޖެ އެވެ. ދެންފަހެ، ކުރިން އެކުގައި އުޅުނު ރައްޓެހިންނާއި މިތުރުން ވެސް އޭނާ ދޫކޮށް ހިނގައްޖެ އެވެ.

އަބުލްޙަސަނަށް ދުނިޔޭގެ ހޭވެރިކަންވީ، މިކަންތައްތައް މިމަގަށް ހިނގައިދިޔަ ފަހުންނެވެ. ދެން އޭނާގެ އަތުގައި އެއްޗެއް އޮތްތޯ ބެލިއިރު، އެންމެ ޖާރިޔާއެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. އެއީ ރީތިކަމާއި ފުރިހަމަކަމާއި ޗާލޫކަމުގައި އެފަދަ ދެވަނައެއް ނެތް ލާމަސީލު ޖާރިޔާއެކެވެ. ހެދިހެދި ހުރި ހަށިގަނޑުގެ ލަޠީފީ ކަމާއެކު، އެއީ، ޢިލްމާއި ފަންނާއި ހުނަރުގެ މައިދާންތަކުގައި ވެސް ފުންނާބު އުސް ޖާރިޔާއެކެވެ. އެޒަމާނުގެ ޢިލްމާއި ފަންނާއި ހުނަރަށް އަރާތިބި އެންމެންގެ މައްޗަށް އޭނާ ވަނީ ޝުހުރަތާއި ކުރިއެރުން ހޯދާފަ އެވެ.

އޭނާގެ ހަށިގަނޑު، ވިދައި ބަބުޅަމުންދާ ފަސްފިޔައިގެ ތަރިއެއް ފަދަ އެވެ. ނިތްކުރި، ނަޞްރާއި ނަސީބު ރަމްޒުކޮށްދޭ ޝަޢުބާން މަހުގެ ހުޅެވި ހަނދު ފަދަ އެވެ. ގައިގޯޅިވަމުންދާ ދެ ބުމައިގެ ދަށުން ދެލޯ ފެންނަނީ ފުއްލާއެއްގެ ދެލޯ ހެންނެވެ. އޭނާގެ ނޭފަތުގެ ތޫނުކަން، ހިންދުކަރައިގެ ތޫނު ކަނޑިތައް ފަށްފަށް ކޮށްލަ އެވެ. ކޯތާފަތުގެ ކުލަވަރު، މޫދުގައިވާ ކުލަކުލައިގެ ބަގީޗާތަކަށްވުރެ މާ ރީއްޗެވެ.  ދެތުންފަތް، ސުލައިމާނުގެފާނުގެ އަނގޮޓިފުޅު ފަދަ އެވެ. ދަތްޕިލަ، ރަންމުތުން ގަތާލެވިފައިވާ އަބާރަނައެއް ފަދަ އެވެ. ފޫޅުގެ ބޮޑުމިން، ތެޔޮ އައުންސެއް އެޅޭވަރު ވެ އެވެ. ދެފިނދުކިބަ ބޮޑެއްކަމަކު އުނަގަނޑު ނުހަނު ހިމަތޮޅި އެވެ. އޭނާގެ ކިބައިގައިވާ ރީތިކަމާއި ޗާލޫކަން، ޝާޢިރަކު ކިޔުއްވާފައިވާ ޅެންބައިތުތަކެއްގައި ވެ އެވެ.

އޭނާ ކޮޅަށް ތެދުވެ ކުރިމަތިލައިފިނަމަ، ފިރިހެނުންގެ ހިތްތައް ފިތުނަވެރިކުރުވަ އެވެ.
އޭނާ ފުރަގަސްދީފިނަމަ، އެކަމުގެ ހިތާމައިން، ފިރިހެނުންގެ ހިތްތައް ކުދިކުދިކޮށްލަ އެވެ.
އެއީ އިރެކެވެ. ނުވަތަ ހަނދެކެވެ. ނުވަތަ ހެދެމުންދާ، މާ ރީތި ރީތި ގޮތްޕެކެވެ.
ހިތްނުބައިކަމާއި ދުރުހެލިވުމާއި ބީރައްޓެހިކަން، އޭނާގެ ކިބަޔަކު ނެތެވެ.
އޭނާގެ ކިބައިގައިވަނީ، ހިތްހެޔޮކަމާއި ރައްޓެހިކަމާއި މީހުންނާ ގުޅި ލާމެހިގެން އުޅުމެވެ.
ޢަދަނުގެ ބަގީޗާތައް ވަނީ، އޭނާގެ ލިބާހުގެ ކަރުވަޅުގަ އެވެ!
އަދި ސާދަވިލޭރޭގެ ހަނދު ވެސް ވަނީ، އޭނާގެ އަތުކުރީގައިވާ ރަންރިހީގެ އުޅާތަކުގަ އެވެ!!!


ހަށިގަނޑުގެ ލަޠީފީ ކަމާއި، ހިނިތުންވުމުގެ ރީތިކަމުން، އޭނާ ދެކޭ ކޮންމެ ފިރިހެނެއްގެ ހިތް ދަމައިގަނެ އެވެ. އޭނާގެ ލޮލުގެ ބެލުންތަކުން ދުނި އުކާ ކަހަލަ އެވެ. ދޫ ފަސޭހަ އެވެ. ބަސްމަގު ރީއްޗެވެ. އުޅުމާއި ގުޅުން ބަނިޔާދަމެވެ.

އަބުލްޙަސަނުގެ އަތުން، މި ޖާރިޔާ ފިޔަވައި އެހެން ހުރިހައި އެއްޗެއް ހުސްވުމުން ހިތާމަކުރަން ފެށި އެވެ. ކާއެއްޗެއް ނުކައި، ބޯ އެއްޗެއް ނުބޮއި، ނިދުމެއް، އަރާމެއް ނެތި އެވެ. މިގޮތުގައި އޭނާ ހިތާމަކުރަމުންދާތާ ތިން ދުވަސްވެއްޖެ އެވެ. ދެން އޭނާގެ ޙާލާމެދު ކަންބޮޑުވެގެން މި ޖާރިޔާ އައިސް އޭނާގެ ގާތުގައި ބުނެފި އެވެ.

"ސާހިބާ އެވެ! އަމީރުލް މުއުމިނީން، ޚަލީފާ ހާރޫނުއްރަޝީދުގެ އަރިހަށް އަޅުގަނޑު ގޮވައިގެން ދުރުވަންވީ ނޫންތޯ އެވެ؟"

މިހިސާބަށް ކިޔައިދެވުނުތަނާ، ވާހަކައަށް ހުއްދަވެފައިވާ ވަގުތު ނިމި، ފަތިސްވެއްޖެކަން އެނގުމުން، ޝަހުރުޒާދު ވާހަކަ ކިޔުން ހުއްޓާލައިފި އެވެ.


(ނުނިމޭ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ