އަދުގެ ޚާއްސަ

Print

މިޒަމާނުގެ ޅަޒުވާނުން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިޖުތިމާޢީ


އައްޝައިޚުލްމަރުޙޫމު ޢުމަރު ޢީސާ

އެއުރެންނާއިމެދުގައި ފިކުރުހުއްޓުވައި، ނަޘަރުހިންގަވައިލެއްވުން ހުއްޓެވެ. އަޅުގަނޑުމެންގެ ޅަފުރައެކޭވެސް އެއްގޮތުން އެއުރެންގެ މިހާރުގެ ޅަފުރާގައިވެސް އެއުރެންނަށް ސޫރަކުރެވިފައިވާ ވަހްމީ ތަސްވީރުތަކެއް އެބައޮވެއެވެ.

އަޅުގަނޑުމެންގެ މުސްކުޅިފުރަޔަށްވުރެ އެއުރެންގެޒުވާންފުރާ މާ އޮފްގަދައެވެ. އެފުރާގައި އެކުލަވާ ހީވާގިކަމާއި، އާރާބާރުގަދަކަމާއި، ވިންދާ ލޭގެހޫނުގަދަކަމާއި، ހިތްވަރުއިތުރުކަން އެތައްދަރަޖައެއް ބޮޑުކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އަދި އެއުރެންގެ ޚިޔާލުގައި ފޯރިގަދަކަމާއި އުއްމީދުތަކުގައި ފޮނިރަހައިތުރުކަމީ، މެންދުރުގެ އިރުފަދައިން، ފާޅުވެގެންވާ ކަމެއްމެއެވެ. އެކަންކަމާއިމެދަކު އެއުރެންނަށް މުޢާޚިޛަޘް ކުރެވޭނެ އެއްވެސް މަޙައްލެއްނެތެވެ.

ޒުވާން ފުރައަކީ އަޅުގަނޑުމެންނަށްވެސް އޭގެވާދީގައި ޖޫލާކޮށްކޮށްފައި އުޅެލާން ލިބުނު ފުރައެކެވެ. އެފުރައަކީ ފުރަގަހަށާއި، ކުރިމައްޗަށް ވިސްނާބަލާނުލެވޭގޮތް ވަރަށްބޮޑަށް ހުންނަ ފުރައެކެވެ. ތެދުތެދަށް ދަންނަވަނީނަމަ މާޟީއާއި ޙާލާއި މުސްތަޤްބަލާއި މިތިންދައުރު މީހާއަށް އޮންނާނޭކަން އުޅޭނީ އެފުރާގައި ހަނދާންނުވާށެވެ.

އިއްޔެ އަކީ އަދުގެ އަޞްލާއި ބިންގަލެވެ. މިއަދަކީ، އިއްޔެގެ ބަނޑުތެރެއިން ނުކުމެގެންއައި މަޚްލޫޤެކެވެ. ނަޡަރުދަށަށް ނައިސް އޮތްހާހިނދު މިއަދުގެ ޚަބަރެއް ޖިންސެއް ކުލައެއް، ވައްތަރެއް، އޮތީނޭނގިއެވެ. މާދަމާއަކީ މުޅިން ޣައިބުގައި ފޮރުވިފައިއޮތް ދުވަހެކެވެ. މާދަމާގެ ތަޞްވީރުވަނީ މިއަދުގެ ފަށަލަތަކުގެ ތެރޭގައި ފޮރުވިފައެވެ. ހުރިހާ ފަށަލައެއް ނޮޅެމުންގޮސް ހުސްވި ހިނދަކުން މެނުވީ މާދަމާގެ ބާވަތެއް ޖިންސެއް ހަމަހިލާ ނޭނގޭނެއެވެ.

މިހެން ކަންހުރުމާއިއެކުވެސް މިތިންދުވަސްވަނީ އެތައްމަގަކުން ގުޅިފައެވެ. ޗޭނެއްގެ ބޮޅުހެން ލާމެހިފައެވެ. ގާތްކަމާއި ނަސަބުގެ ގުޅުމެވެ. ޖެހިޖެހިގެން، ވިދިވިދގެން އޮންނަކަމުގެގުޅުމެވެ. އެއްދުވަސް އަނެއްދުވަހުގެ މައްޗަށް ބިނާވާކަމުގެ ގުޅުމެވެ.

ކޮންމެ ފަރުދަކަށްމެ ޢުމުރުގައި ތިންދުވަހެވެ. ތިންދުވަހުންކުރެ ކޮންމެ ދުވަހަކަށްމެ ޚާއްޞަ ތަޞްވީރަކާއި ތަޞައްވުރެކެވެ. ޚާއްޞަ ޚިޔާލުތަކާއި ޠަބީޢަތެކެވެ. ކޮންމެ ފަރުދަކުވެސް މިތިންދުވަހުންކުރެ ކޮންމެދުވަހަކުމެ އެދުވަހާއި މުއާފިޤް ހެދުމަކާއި ފޭރާމެއް ބޭނުންނުކޮށެއް ނުހުންނާނެއެވެ.
އަޅުގަނޑުމެންގެވެސް ޅަފުރައިގެ ވާހަކައަކީ ރީތިކުދިންގެ ވާހަކައެވެ. ނަލަހެދުމާއި ކުޅިވަރުބެލުމުގެ ވާހަކައެވެ. ފަރިކަންދެއްކުމާއި، ޗާލޫހިނގުންތަކުގެ ވާހަކައެވެ. ވާދަކުރުމާއި، ވާދަކިއުމާއި، ހިތުގައިހިނގާ ހުވަފެނީ އުއްމީދުތަކުގެ ވާހަކައެވެ.

އޭރު އަޅުގަނޑުމެންވެސް މުސްކުޅިންގެ ހަރުކަމަށާއި، އެއުރެންއުޅޭ އުޅުންތަކަށާއި، ކިޔަވާތަކެއްޗަށް ތިބެނީ ހިތުގެ އަޑިން ނުރުހިފައެވެ. އޭރު އައު ކޮންމެކަމަކަށް ތަރްޙީބުދެވެނީ، ކުޑަވެސް ފިކުރުކޮށްލުމަކާ ނުލައެވެ. މުސްކުޅިންގެ ޢަމަލާއި، ބަސް ބިނާވެފައި އެހުންނަނީ ލޮލުންދެކެ އަތުންހިފާ، ތަޖްރިބާކޮށް، ޚަބަރުބަލައިގެންލިބޭ، ޙަޤީޤަތުގެ މައްޗަށްކަމެއް، އޭރަކު ނުވިސްނެއެވެ.

އަދި ޒުވާނުންގެ ފޯރިއާއި ޖޯޝުގައި އުފެދޭ އުއްމީދާއި ޚިޔާލަކީ، ގިނަފަހަރަށް ހުވަފެންތަކެއްގެ މައްޗަށް، ބިނާވާ އެއްޗެއްކަމެއްވެސް، ނުމެވިސްނޭމެއެވެ. އެހެންވެ ހެވަކަށް ނުބައަކަށް، ފަހުކޮޅަކަށް ނަތީޖާއަކަށް ނުބަލާ، އައުކަމަކާއި ދިމާވެއްޖިއްޔާ، އެއީ ފޫނުބެއްދޭކަމެއްކަމުގައިވިއަސް، އެކަމަކަށް ތަރްޙީބު ދެވެނީއެވެ. އަނެއްކޮޅުން އިހުގެކަމެއް ކުރިމަތިވެއްޖިއްޔާ، އެކަމަކީ، މާނައިން ފުރިގެންވާ މަޞްލަޙަތުން ފޯވެގެންވާ ކަމެއްކަމުގައިވިއަސް ހަމައެކަނި އިހުގެކަމެއްވެގެން، އެކަމަކަށް ފުރަގަސްދެވެނީއެވެ.

މިހެން މިކަން  އޭރުހުންނަ ހުރުމުގެ އެންމެ މުހިންމު ސަބަބަކީ، އަޅުގަނޑުމެން ތިބި ދައުރު މޮޔަނުފިލާޅަފަތުގެ ދައުރާއި ގާތްކަމުން، އެދައުރުގެ ޠަބީޢަތް ނުފިލާހުރީއެވެ.

އެންމެ ޅަފަތު ދައުރުގެ އެއްޚާއްޞިއްޔަތަކީ، ހަލަބޮލިކަމެވެ. ބަދަލުކުރުމަށް ލޯބިހުންނަކަމެވެ. އަތުޖެހުނު އެއްޗެއްވިއްޔާ ވަރަށް އަވަހަށް ފޫހިވެގެން ބިންމައްޗަށް އެއްލާލައިފާ އެހެންއެއްޗަކާއި ދިމާއަށް ހިނގައިގަނެވޭކަމެވެ. ނުވަތަ ފިރުކިގަނެވޭކަމެވެ.

އަޅުގަނޑުމެންވެސް، ޅަފުރާގައި އުޅުނީ، އެއްކަމެއްގައިވެސް ވަކިގޮތެއްގައި، ސާބިތުނުވެވިގެންނެވެ. އެއްޗެއް ފެންނައިރަށް އެއެއްޗަކަށް ދަހިވެތިކަން ފޯރުވެނީއެވެ. ކަމެއްފެންނައިރަށް އެކަމެއްގެތެރެއަށް ވަދެގަނެވޭތޯ އުޅެނީއެވެ. ފާއްދާލާހައި މަންޘަރަކަށް، ބެލުމަކާނުލައި ފުރާނައާ ޚިޔާލު ދޫކޮށްލެވެނީއެވެ.
ޒުވާންކަމަށް ވަޤުފުވެފައިވާ ޚިޔާލީ ދާއިރާއިން، މިހާރު އަޅުގަނޑުމެންނަށް ނިކުމެވިއްޖެއެވެ. އޭރު އެޒުވާންފުރާގައި، ހިތަށް އެގެނެވުނު އުއްމީދުތަކަކީ، މިސާލުގައި ހުވަފެންތަކެއްކަން އެނގިއްޖެއެވެ. ޚިޔާލުގެފީތާއަށް ނެގުނު ތަޞްވީރުތަކަކީ، ހެއްލުންތެރި ވަހުމުތަކެއްކަން ސާބިތުވެއްޖެއެވެ. އެހުރީ މަތިމަތީން ހިނގަހިނގާހުރި ހިޔަނިތަކެއްކަން ހަމަބަޔާންވުމުން އެޅިފައިތިބި ހިޔަނިތަކުން ސަލާމަތްވެ އަލިވިލިއްޖެއެވެ. އޭގެތެރޭގައި މަގުއޮޅިފައިތިބި އަނދިރިތަކުން ނުކުމެވިއްޖެއެވެ.

މިހާރު އަޅުގަނޑުމެންގެ މިޒާޖު ހަމަހިމޭންވެއްޖެއެވެ. ޠަބީޢަތުގައި ހުރި ހޫނުކަން މެދުމިނާއި ގާތަށްތިރިވެއްޖެއެވެ. ބައެއް ބައެއް އާކަންތަކުގައި އެދައްކާއޮފަކީ، ވަރަށް އަވަހަށް ފިލައިހިނގައިދާނޭ ދަޅައެއްކަމާއި އިހުގެބައެއް ކަންތަކުގައި އެކުލަވާ މާނައަކީ، މަތިވެރި ޙިކްމަތެއްކަން، ހިތާއި ރޫޙުން ޤަބޫލުކުރެވިއްޖެއެވެ. ހިމަނައި ވަޒަންކުރުމަށް، ހުރި އަމާޒު ސީދާމަގަށް ތެދުވެ ރަނގަޅަށް ވިސްނާފައިނޫނީ، ކަމަކަށް ރަނގަޅޭ ނުވަތަ ނުބައޭ ކިޔާ ޙުކުމް ނުކުރާން ދަސްވެޖެއެވެ.

އަޅުގަނޑުމެންގެ ޅަފުރާގައިވެސް މިހާރުގެ ޒުވާނުންގައިހުރި ޒުވާންކަމުގެ މަޒިއްޔާތައް ހަމައަށްހުއްޓެވެ. އަޅުގަނޑުމެންގެ މޮޔަކަމަކުންނޫނެވެ. ލިބިފައިއޭރުއޮތް ދައުރުގެ ބާވަތުންނެވެ. އަޅުގަނޑުމެންގެ ޒުވާންދުވަސްވަރުގައި، މިހާރުގެ ޒުވާނުންނާއިހުރި ތަފާތަކީ، މިހާރަށްވުރެ ތަންކޮޅެއް ލަދުޙަޔާތާއި އަގަލުބަހައްޓައިގެން އުޅެން ޢާއްމުވެފައިވާކަމެވެ.

މިހާރަކަށްއައިސް އަންހެން ޒުވާނުންނަކީވެސް ފިރިހެނުންނާއި އެއްފަދަބަޔަކަށްހެދިގެން އަދިހައްދައިގެން ރައްކާތެރިކުރުމެއް ނުވަތަ ވެގަތުމެއްނެތި ދުވާލާއި ރޭގަނޑުގައި މަގުމައްޗަށް ނުކުމެ މީހުންތައްކޮއްޕަމުން މީހުންގެ އަތްތިލަތަކުން ކޮއްޕެމުން، އަޑުގެކޮޅަށް އުފަލުގައި ހެމުންނަށަމުން މިނިކާވަގަށް ކަންބަޅި ވީއްލޭހެން ވީއްލިގެން ރަށުތެރޭގައި، އުޅެންފަށައިފިއެވެ.

ފިރިހެން ކުދީންނާއި، އަންހެންކުދީން އެކުދީންގެ މައިންބަފައިންނަށް ބޭޙުރުމަތްތެރިވެ، މުސްކުޅިން ގޮއްވާ ފުރައްސާރަކޮށް އެއުރެނަށް އިހާނަތްތެރިކޮށްހިތާއުޅެނީއެވެ.

ބައެއް ޒުވާނުން މިނިވަންކަމުގެ ނަމުގައި ތަޢްލީމީ ދައުރެކޭ ކިޔައިގެން އެންމެމާތް، އަގުހުރި އަޚްލާޤީ ސިފަތައް މުޅިން ބަރުބާދުކޮށްލަނީއެވެ!

މިނިވަންކަމަކީ، ޤަވާޢިދެއްގެތެރޭގައި، ހަމަތަކެއްގެމަތިން އަޞްލުތަކެއް އޮވެގެން އެކިއެކި ދާއިރާގައި މަޙްޞޫރު ވެފައިވާ ކަމެއްކަން މިހާރުގެ ޒުވާނުންނަކު، ނުވިސްނައެވެ. ދުވަހަކުވެސް އިންސާނުންނަކަށް ބުއްދިނުވާ ސޫފީގެ މިނިވަންކަމެއް ހުއްދަނުވާނޭކަމެއް މިހާރުގެ ބައެއްޒުވާނުން ނުދަނެއެވެ.

އަޅުގަނޑުމެންގެ ޒުވާންފުރާގައި ކާބަފައިންނާއި، މައިންބަފައިން ދޫކުރާ ތަރާޘްގައި ހިފުމުގެ ގޮތުންނަމަވެސް މިހާރަށްވުރެ އިސްލާމީ އަދަބުތަކަށްބެހެއްޓޭ ޣީރަތްތެރިކަން އިތުރުވެ ހަމައެކަނި އޭރު ފޫޅާއި ކަކުލާއިދެމެދު މީހުންތެރޭގައި ނިވާކުރުމަށް ރައްކާތެރިކަން އެބަހައްޓާ މިންވަރުންވެސް އެކަން ޘާބިތުވެއެވެ. އެއީ އެޒަމާނުގައި މިދުވަސްވަރާ ޚިލާފަށް ރީތިގޮތަކީ ނުވަތަ މިހާރުގެ ޢިބާރާތުންނަމަ، ތަހްޛީބަކީ އިސްލާމީ އަދަބުތަކުގައި ފުރާފުރިހަމައަށް އެކުލަވާ އެއްޗެއްކަން ޟަމީރާއި ޢަމަލުން ޤަބޫލުކުރެވިފައިވާތީއެވެ. އަދިއޭރު އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަށް އެހެންހުރިހާ ތަނަކާއި، ޚިލާފު ނިޢުމަތްތަކާއި އިމްތިޔާޒުތަކެއް ދީލަތިވަންތަ ކަލާނގެ ދެއްވާފައިވާކަން ވިސްނާ އެއަށް ޙުރުމަތްތެރިކަން ބަހައްޓަނީއެވެ. ޝަރަފާއި ޤަދަރަކީ ދީނަށާއި، ޤައުމިއްޔަތަށް ލޯބި ބެހެއްޓުންކަން ދަންނަނީއެވެ.

އެންމެބޮޑު ޢަޖާއިބަކީ މިހާރުގެ ޒުވާނުން ތަނުގެ ޠަބީޢަތަށާއި، ތިމާމެންގެ ޙާލަކަށާއި، ޤައުމިއްޔަތުގެ ޝުޢޫރުތަކަށް ކުޑަވެސް ބަލައިލުމެއް ނުބަހައްޓާކަމެވެ. ފަހެ ތަހްޛީބަކީ، ކާޅެއް ކޮރަމުން ހިނގާތަންފެނުނަސް އެގޮތަށް ހިނގޭތޯ ތިމަތިމާމެންގެ ގޮތާއިފޮތް ދޫކޮށްލުންބާވައޭ ހިތަށްއަރައެވެ. ކަމަކަށް ފަށައިގަންނައިރު ތަނުގެ ޠަބީޢަތާއި ޤައުމީ އުޞޫލާއި، ދީނީ އަދަބުތަކަށް ނުބަލާ، ހަމައެކަނި ކަނުތަޤްލީދަކަށް ލޯބިކޮށްގެން ހިތަށްއެރި މަގަކުން ހިނގައިގަތުމަކީ، ކޮންކަހަލަކަމެއްބާވައެވެ.
އަޅުގަނޑުމެންވެސް އެއްބަހެވެ. މިހާރު މިޒަމާނުގައި ތަޢްލީމީ ޙަރަކާތުގެ ފޯރި އިހުނަށްވުރެ އެތައްގުނައެއް ހޫނުވެފައި ގަދައެވެ. އެކަމަކު އަނެއްކޮޅުން އަޚްލާޤާއި އަދަބުވެރިކަން، އެތައް ދަރަޖައެއް ފަހަތަށް ސޮއްސާލައިފިކަން ޔަޤީނެވެ. ހާދަހާ ދެރައެވެ. އެވަނީ ކީއްތޯއެވެ.
އަޅުގަނޑުހިތުން އެކަމުގެ ސިއްރަކީ، ސަބަބަކީ، މިހާރު މި ޢާއްމުވާ ތަޢްލީމުގައި އެޔާއި އެކަށީގެންވާ މިންވަރަށް އިސްލާމީ ތަރުބިއްޔަތުގެ ރޫޙް ނުހުންނަނީއެވެ. އެހެންކަމާއެކު ތަހްޛީބަކީ، އަދި ތަރައްޤީއަކީ ސިންގަޅަވުމެވެ. ނުވަތަ ހިންދީވުމެވެ. ނޫންނަމަ އިނގިރޭސިވުމެވެ. ހީވަނީއެވެ. އެހެންވެ އަމިއްލަ ވަޠަނާއި ދީނީ އާދަކާދަތަކަށްވުރެ ގޮތްކުޑައެއްޗެއްނެތޭ ހީވެގެން ކޮންމެވެސް ބޭރުބަޔަކާއި ބޭރުސިފަގަނޑުނަމަވެސް އެއްގޮތްކޮށް ދިގުފަޓުލޫނެއް ލައިގެން މަރަވަޅިއަކަށް އަރައިގެން ނަމަވެސް ތަޤްލީދު ކުރުމަކީ އުފަލަކަށް ހަދަނީއެވެ.

ތަހްޛީބަކީ، އިންސާނީ ދިރިއުޅުމާއި ޖަމާޢަތުގެ މަޞްލަޙަތު ކުރިޔަށްދާނޭމަގުން ހެޔޮ ޚަޞީލަތްތަކުގައި ހިފަމުންދިއުމެވެ. ތަހްޛީބަކީ ކުރުފަޓުލޫނުބުރި ލުމުގައި، ނުވަތަ ތާކިހާ ބޮލުންނަގައިގެން އަވީގެ ހޫނުގައި އިސްތައްޓެއްނެތް ތަލައެއް ފިއްސާލުމުގައި، ނުވަތަ ބޭރުބަހަކުން ދޮޅަހަކަށް ލަފްޘް ދަސްކޮށްލައިގެން ބޮލިރަވައެއްހެން އެދޮޅަހަކަށް ލަފްޘް ކޮލުތެރެއަށްލައިގެން މީހުންނަށް އިވޭނޭހެން ގުޑުވަމުން ގުޑުވަމުން ދިއުމުގައި އެކުލަވާ ކަމެއްނޫނެވެ. މިހާރުގެ ޒުވާނުންނަކަށް މިގޮތެއްވެސް ނުފިލައެވެ.

(ނިމުނީ)

ނޯޓް: ލަފާކުރެވޭގޮތުގައި މިލިޔުމަކީ 1960 ގެ އަހަރު ތަކުތެރޭ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

ހަވާލާ:
    
އައްޝައިޚުލްމަރުޙޫމު ޢުމަރު ޢީސާ ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް 8

މިލިޔުން:
     ޓައިޕްކުރުން:  މުޙަމްމަދު އަޙްސަން
     އަލުންބެލުން:   -
     ޝާއިޢުކުރުން: އަޙްމަދު ސަމީޢު


ހަމަމިގަލަމުން

އިދާރާ

ވާހަކަ