ދިވެހި ޤައުމަށް ............
ލިޔުއްވީ: ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު
ފޮނުއްވީ: މުޙައްމަދު ޢަބުދުއްޞަމަދު/އިހަވަންދޫ
މިއީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ވަރަށް އާލާސް ކަންފުޅާ އުޅުއްވާ ޙާލުކޮޅެއްގައި، ފަރުވާކުރެއްވުމަށްޓަކައި ކޮޅުބަށް ފުރާވަޑައިގަންވަމުން، އޭނާގެ ލޯބިފުޅުވާ ދިވެހި ރަޢިއްޔިތުންނާ މުޚާޠަބުކުރައްވައި ޝާއިޢުކުރެއްވި ލިޔުމެކެވެ. މި ލިޔުން ނަގާފައިމިވަނީ ސަރުކާރުގެ ޚަބަރު 117 ވަނަ ނަންބަރުންނެވެ. ( 1 ރަޖަބު 1372 )
ތިޔަ އެންމެ ބޭފުޅުންނަށާއި، އެންމެ ކަނބަލުންނަށާއި، ކަލުންނަށްވެސް މިހާރު އެނގިވަޑައިގެންފައި ވާނޭ ފަދައިން، ވަރަށް ބަލި ހާލެއްގައި އުޅެމުން، އަޅުގަނޑު މި އަދު ސިލޯނަށް ދިއުމަށް މި ފުރަނީ އެވެ. އާދޭހެވެ! މާތް ރަސްކަނލާގެ އިރާދަފުޅު ކުރެއްވިޔާ ބޭސްކުޅައުމަށްޓަކައެވެ. ދިވެހި އުއްމަތުގެ ހެޔޮ ދުޢާ ތަކާއި އެކުގައެވެ.
ނަމަވެސް........... ޝައްކަކަށް ވަސްވާހަކަށް ތަނެއްނެތެވެ. ދުނިޔެއަކީ ދުނިޔެއެވެ. އިންސާނުންނަކީ އިންސާނުންނެވެ. ދުނިޔެވީ ޙަޔާތަކީ ޤަރާރުކަމެއްނެތް ޙަޔާތެކެވެ. އެހެންކަމުން އަޅުގަނޑުގެ ލޮބުވެތި ވަޠަނަށް ދެން އެނބުރި ނާދެވުން އެއީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ. މިދެންނެވި ފަދަ ގޮތުގެ މަތިން، މާތްރަސްކަނލާގެ މިންވަރު ކުރައްވައިފި ނަމަ، އަޅުގަނޑުގެ އެންމެ ފަހު ނަސޭހަތަކީ މިއީ ކަމުގައި ގަބޫލުފުޅު ކުރެއްވުން ވަރަށްވެސް އެދެމެވެ.
ހަނދުމަފުޅު ކުރައްވާށެވެ. ދެދުނިޔޭގެ ސަލާމަތީ، ދުނިޔޭގެ ތަހުޒީބާއި ތަމަށްދުންގެ ޙަޤީޤީ ސިއްރުކަމުގައިވާ މާތް އިސްލާމް ދީނެވެ. އެދީނުގެ އަޞްލު އުޞޫލުތަކުގައު ހިފަހައްޓައިފި މީހަކީ، މިއުއްމަތުގެ މާތް ނަބިއްޔާގެ މަތިވެރި އުޅުއްވުންފުޅު ތަކަށް ތަބަޢަވެއްޖެ މީހަކީ ސަލާމަތްވެއްޖެ މީހެކެވެ. މި ދެންނެވި ގޮތުން އެއްކިބާވެއްޖެ މީހަކީ ގެއްލި ހަލާކުވެއްޖެ މީހެކެވެ. ދީނުގެ ފަރުޟުތައް ހަނދުމަކުރައްވާށެވެ. ޚާއްޞަކޮށް އިސްލާމުދީނުގެ ތަނބުކަމުގައިވާ ނަމާދާއި ގައިގޯޅިވެވަޑައިގަންނަވާށެވެ. ގައުމުގެ ދިފާޢީ އައްޑަނަތަކަކީ ތެދުވެރި ދުޢާކަމުގައި ހައްދަވާށެވެ.
ދެން އަޅުގަނޑު އެއްޗެއް ދަންނަވާނީ ސިޔާސީ ރޮނގުންނެވެ. އަޅުގަނޑުގެ ވާހަކަ ކުރުވެފައި ސާދާ އެވެ. އަޅުގަނޑަށް ޔަގީންވާގޮތުގައި މި ޤައުމު މާތްރަސްކަނލާގެ ވާގިފުޅާލައިގެންސަލާމަތްވާނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އަޅުގަނޑުމެންގެ ނައިބު ރައީސް ޞާހިބުލްމަޖުދު އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީގެ ފަހަތްޕުޅުން ދިވެހި އުއްމަތުގެ އެންމެ ދަރިން ބިރެއްނެތި ސިހުމެއްނެތި ހިނަގަމުން ދިއުމެވެ.
ޝައްކުކުރުމަކީ ހިތަށްވަސްވާސް ވެއްދުމަކީ ވަރަށް ގިނަފަހަރަށް އުއްމަތުގެ އެއްހަލާކެވެ. އިއްތިޙާދަކީ، ވެރިއެއްގެ މައްޗަށް ހިތަށް ގެނެވޭ ޔަގީން ކަމަކީ، ގާތްގަނޑަކަށް ކޮންމެ ފަހަރަކުމެ އުއްމަތުގެ ސަލާމަތެކެވެ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމެވެ. އަޅުގަނޑު ނެތިއްޖެ ނަމަ، އުއްމަތުގެ ބަހުސެއްނެތް ވެރިއަކީ އަލްފާޟިލް އިބްރާހިމް މުޙައްމަދު ދީދީ ކަމުގައި ގަބޫލުފުޅު ކުރައްވާށެވެ. އޭނާއަށް އުއްމަތު ހަމްދަރުދީއާއި، އެހީތެރިކަމާއި، މަދަދުވެރިކަން ދެއްވާށެވެ. މާތްރަސްކަނލާގެ އަޅުގަނޑުމެންގެ ނާއިބުރައީސަށާއި، ދިވެހި ދަރީންނަށް ގައުމުގެ އެންމެހައި ކަންތައްތައް ހެޔޮގޮތުގެމަތިން ގެންދެވުމުގެ ތައުފީޤު ދެއްވާށިއެވެ.
އަޅުގަނޑު ދެން އެއްޗެއް ދަންނަވާލާހިތް އޮތީ ޤައުމުގެ ވެރިންނާއި މުޚާޠަބުކޮށެވެ. ވެރިންނަކީ ރައްޔިތުންގެ ޚާއްޞަކޮށް ނިކަމެތި ފަޤީރު ރައްޔިތުންގެ ހާލު އަހުވާލު ބެލުމަށްޓަކައި މާތްރަސްކަނލާގެ އިސްކުރައްވާ ބަޔެކެވެ. ރައްޔިތުންނާއި މެދު ވެރީން އަދާކުރަންވެފައިވާ ޙައްޤުތައް ގިނަގުނަވެފައި ތަފާތެވެ. އެ ޙައްޤުތަކާ މެދު ޚިޔާނާތްތެރިވެއްޖެ ނަމަ، އެކަމަށްޓަކައި އާޚިރަތްދުވަހުން ޖަވާބުދޭން ޖެހޭނޭކަމާމެދަކު ޝައްކެއް ނެތެވެ. ޚިޔާނާތްތެރިވެރީންގެ މަގާމަށް އެހެންވެރީން އިސްކުރައްވާނޭކަމުގައި އަޅުގަނޑުމެންގެ މާތް ދީން ވަރުގަދައަށް އަންގައިދެއެވެ. އާދޭހެވެ! ރައްޔިތުންގެ ހާލު ބައްލަވާށެވެ. ޚާއްޞަކޮށް ބާރެއް އާރެއްނެތް ނިކަމެތީންގެ ހާލު އިޞްލާޙު ކުރެވޭތޯ މަސައްކަތްކުރައްވާށެވެ. އެކަމުގެ ހެޔޮ ޘަވާބު މާތްރަސްކަނލާގެ ތިޔަބޭފުޅުންނަށް ދެއްވާށިއެވެ.
އަޅުގަނޑު ލޯބިވާ އަޚުންނާއި އުޚުތުންނޭވެ! ދިވެހިންގެ މާތް ދީނަށާއި ފަޚުރުވެރި މިނިވަންކަމަށް، އަމިއްލަ ފުރާނަފުޅަށްވުރެ ބޮޑަށް ރައްކައުތެރިވެ ވަޑައިގަންނަވާށެވެ. ވިދާހައި އެއްޗަކީ ރަނެއްނޫން އިނގޭތޯ އެވެ!
އަޅުގަނޑު މަރުވެ، ފަނާވެދިއުމަށްފަހު އަޅުގަނޑާ މެދު ދިވެހި އުއްމަތް ހީކުރުން އަޅުގަނޑު އެދެނީ އެންމެ އެއްޗެކެވެ. އަޅުގަނޑު ގައިހުރި ހުރިހައި އުނިކަމަކާއެކުވެސް ދައުލަތަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއިއެކު ޚިދުމަތް ކުރެވޭތޯ މަސައްކަތްކުރި، ވަފާތެރި ދިވެހި ދަރިއެއްކަމުގައެވެ.
އަޅުގަނޑުގެ ލޯބިވާ އަޚުންނާއި އުޚުތުންނަށް، އަލްވަދާޢު ކިޔަނީ ޝުކުރުވެރި ހިތަކާއެކުގައެވެ. އަޅުގަނޑުގެ މިދިގުބަލީގައި އުއްމަތުގެ ފަރާތުން ފެންނަމުންދިޔަ ހަމްދަރުދީގެ ނިޝާންތަކަށް ޓަކައެވެ. ލިބެމުންދިޔަ ބަޔާންނުކުރެވޭ ފަދަ އެހީތެރިކަމަށްޓަކައެވެ.
މާތްރަސްކަނލާގެ ރުއްސެވިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ދީދީ ނިޔަމިކަމުގެ ދަށުގައި ދިވެހި އުއްމަތް ހިނގަމުންދާނީ ކުރިއަށެވެ. އަޅުގަނޑުގެ އަމިއްލަ ދަރިފުޅާއި، އަޅުގަނޑުގެ ލޯބިވާ ބޭފުޅުންކޮޅާއި އަޅުގަނޑުގެ ދަރީންކަމުގައިވާ ދިވެހި އުއްމަތުގެ ދަރީން ނުގުޑާ ފަދަ އީމާނަކާއި ހިތްހަމަ ޖެހުމާކާއިއެކު އަޅުގަނޑު ވަކީލް ކުރަނީ އިންސާފުވަންތަ ރަޙީމުވަންތަ ރަސްކަނލާގެއާއެވެ. މާތްރަސްކަނލާގެ އެ ކުދީންނަށާއި ދިވެހި އުއްމަތަށް އަބަދަށް ހެޔޮ ރަޙުމަތްފުޅު ލައްވާށިއެވެ. .............
ޝުކުރިއްޔާ އަދި އަލްވަދާޢު !
23 ޖުމާދިލްއޫލާ 1372
ޤައުމަށް ޚިދުމަތްކުރެވޭތޯ މަސައްކަތްކުރާ
މުޙައްމަދު އަމީން
މުޙައްމަދު އަމީން
(ނިމުނީ)