އަދުގެ ޚާއްސަ

Print

''ކަހުފު ބާގައިގެ މީހުން''

ޝާޢިއުކުރީ އިބްރާހީމް ޙުސައިން މަނިކު . ހިމެނޭބަޔަކީ ވާހަކަ


އިބްރާހީމް ޙުސައިން މަނިކު (1998)

ވަލީދަށް ހޭލެވުނީ ހީކަރުވައިގަނެގެންނެވެ. އޭރު ބުރުލުފަޅުގެ އަމާންކަމުގެ ތެރޭގައި ދޯނި މަޑުމަޑުން ހެއްލޭ އުނދޯއްޔެއްހެން އެއްބޯސަލަށް ވަޔާ ދެ އަތަށް ހެލިލަ ހެލިލާ އޮތެވެ. ކުދިރާޅުތައް ދޯނީގެ ކަންކަށީގައި ނާނާ ކިޔަމުންދެ އެވެ. ހަނދު ނެތަސް، ވިދާބަޅުޅާ ތަރިތަކުން އުޑުމަތި އަލިވެފައިވެ އެވެ. ފުރަމެންދަމުގެ އަނދިރިކަމުގެ ތެރޭން ގާފަރުގެ މޭގަ ނާމާން ގޮތަކަށް ދައްކާލަ އެވެ. ވަލީދު ބާލީސް ރަނގަޅުކޮށްލުމަށްފަހު، ފިލާގަނޑުގެ އަނެއް ފަރާތުގައި ނިދާފައި އޮތް އޭނާގެ އަންހެނުން ސަމީރާގެ ގައިން ހޫނުކަން ހޯދި އެވެ. އަދި ރޭގެ ފިނި ރޯޅިން ފުރިހަމަޔަށް ދިފާޢުވުމަށްޓަކައި ދެ މަފިރިން އެއްކޮށް ރަޖާ އަޅައިލި އެވެ.
މިރޭ އޭނާޔަށް އިޙްސާސް ކުރެވެމުންދަނީ ބުނަން ވެސް ނޭނގޭ ފަދަ ހިތްގައިމު ކަމެވެ. ތަންމަތީގައި ގޮދަޑި ނެތަސް އޭނާޔަށް މި ރޭ ލިބުނު ކަހަލަ ފުން ފޮނި ނިންޖެއް ހަމަގައިމު ވެސް ވޭތުވެ ދިޔަ ފަންސަވީސް އަހަރު ތެރޭގައި ތަޖުރިބާ ކުރެވިފައެއް ނެތެވެ.  މި ދަތުރު ފެށުނީއްސުރެ އޭނާ ވަނީ އުންމީދުތަކުން ފުރިފަ އެވެ. އޭނާ އަށް އިޙްސާސް ކުރެވެމުން ދިޔައީ ހަލަބޮލި ކަނޑެއްގައި ޒަމާންގަނޑަކު ވިއްސި ވިހާލިވުމަށްފަހު، އަމާން ބަނދަރެއް ހިފުނު ކަލާސީއަކަށް ތަޞައްވުރު ކުރެވޭނެ ފަދަ މަސަލަސް ކަމެވެ.

ވޭތުވެ ދިޔަ ފަންސަވީސް އަހަރަކީ އޭނާގެ ޒުވާން ދައުރެވެ. ދެން ދުވަހަކު ވެސް އަނބުރާ ލިބުމެއް ނެތް ފޮނި ފުރާވަރެވެ. ނަމަވެސް އެއީ ހުވަފެނެއްގެ އަވައިގައި ނަގާލެވުނު ފުރާވަރެވެ. އެއީ މާލޭގައި އޭނާ ދިރިއުޅުނު ދުވަސްވަރެވެ. މާލޭ މީހަކަށް ވާން މަސައްކަތް ކުރި އަހަރުތަކެވެ.

އެހެން ވެސް އެ ދުވަސްވަރުގެ ރާއްޖެތެރޭގެ ގިނަ ޒުވާނުންހެން އޭނާ ވެސް މާލެ ފޭބީ ސަނަދަށް ކިޔަވާށެވެ. ވަޒަންވެރިވާކަށް ނޫނެވެ. ސެކެރެޓަރީކަމުގެ ސަނަދު ނެގުމަށްފަހު، ސަރުކާރުގެ އޮފީހަކަށް ވަނީވެސް ދާއިމީ ދިރިއުޅުމެއް މާލޭގައި ފެށްޓުމުގެ ނިޔަތުގަ އެއް ނޫނެވެ. ރަށަށް ގޮސް ކުރާނެ ވަކި މޮޅު މަސައްކަތެއް ނުވަތަ އަދާކުރާނޭ ވަޒީފާއެއް ނެތީމަ އެވެ. އެ ދުވަހު މާލެއިން ވަޒީފާ ހޯދުނު މޮޔަ މި އަދު ހީވެ އެވެ. ރަށަށް އެނބުރި ގޮސް އެހެން ކަމެއް ނޫންނަމަ ލުނބޯ މިރުސް ހައްދަން އުޅެވުނު ނަމަ ކޮން ފަދަ ހޭ ހީވެ އެވެ.

ފިކުރެއް ނެތި މާލޭގައި ފިނިބުރު ޖެހި ދުވަސްވަރު އޭނާޔަށް ސަމީރާޔާ ބައްދަލުވެ ރައްޓެހި ވެވިއްޖެ އެވެ. ސަމީރާ އަކީ، މާލޭ ކުއްޖަކަސް އުޅެވޭ މީހެއްގެ ދަރިއެއް ނޫނެވެ. ފަގީރު މަސްވެރިއެއްގެ  ދަރިއެކެވެ. ބައްދަލުވިތާ ތިންވަނަ ރޭ އޭނާ ރަން ކިޔުއްވި އެވެ. އަނެއްރޭ ކާވަނި ވި އެވެ.

ހިނގާ ކޮންމެ އަހަރަކު އާއިލާއަށް ކުއްޖަކު އިތުރު ވަމުން ދިޔަ އެވެ. ވިހެއުން މަދު ކުރުމަކީ އެދުވަސްވަރު އޭނާ ފަދަ މެދުފަންތީގެ މީހުންނަށް ފަހިވެފައިވާ މަގެއް ނޫނެވެ. ހަމަ އެކަނި ރާއްޖޭން ބޭރަށް ދިޔުމުގެ މުއްސަނިދިކަން ލިބިފައިވާ މީހުންނަށް ހުޅުވިފައިވާ ދޮރެކެވެ. އާއިލާ ބޮޑުވީވީހެން އޭނާގެ އަތްމަތި ދިޔައީ ދަތިވަމުން ދުނިޔެ ބަނަވަމުންނެވެ.

އާއިލާއާއެކު ދެ މަފިރިން މޫސުން ބަދަލުވާހެން އެއްކުލީ ހޮހަޅުން އަނެއް ކުލީ ހޮހަޅަށް ބަދަލުވަމުން ދިޔަ އެވެ. މާލޭގައި 25 އަހަރު ދިރި އުޅެ ކުއްޔަށް އެތައް ލައްކަ އެއް ޚަރަދު ކުރެވުނު އިރު ވެސް އޭނާޔަށް މާލޭގެ ބިމުން ހަމަ އެންމެ ކައިވަތެއްގެ މިންވަރު ވެސް މިލްކެއް ނުކުރެވުނެވެ.

މި އަދު އޭނާޔާ ސަމީރާ ދުނިޔެ އުޅުމުގެ އެތައް މަންޒިލެއް ކަޑައްތުކޮށް މެދު އުމުރުން މައްޗަށް ދިޔުމުން މާލޭގެ މި ބިކަ ދިރި އުޅުމަކީ ދިރިތިބެ މަރުވުން ކަމުގައި ދެކެން ފަށައިފި އެވެ. އަބަދުވެސް ވަލީދުގެ ހަނދާނަށް އަންނަނީ ޅަފުރައިގައި އުފަން ރަށުގައި އަމިއްލަ ގޭގައި އޭނާ އުޅުނު ސާދާ އުފާވެރި ދިރިއުޅުމެވެ. ބައިތުނި ވާބޮޑު ރަށެއްގެ ހިތްފަސޭހަކަން އޭނާޔަށް ވިސްނުނީ މާލެކަހަލަ ބައިބޯ ރުއްގަސް މަދު ރަށެއްގައި ބަންދުވީމަ އެވެ. ސާފު ވައިފެނަކީ ކިހާ މޮޅު ބޭހެއްކަން ދަސްވީ މި އަދުގެ މާލެ ކަހަލަ ފެންލޮނު ވައިގޯސް ރަށެއްގައި ދުޅަހެއިކަން ގެއްލުނީމަ އެވެ. އެކުވެރި އެއްރަށު އެއްބަނޑު ތިމާގެ މީހުންގެ ޖަމާޢަތަކީ ކޮންފަދަ މުނި އަވަސް ފިލުވުމެއްކަން ވިސްނުނީ މި ބީރައްޓެހިކަމުގައި ބާކީ ވީމަ އެވެ.

މިހާރު ދެން ދަރިން ވެސް ތިބީ ބޮޑެތި ވެފަ އެވެ. ނުވަތަ ފިއްލައިފަ އެވެ. ބައެއް ދަރިން މީހުންނާ ވެސް އިނދެފި އެވެ. ވަލީދަށް ޕެންޝަން ވެސް ލިބި ކުރިޔަށް ވުރެ ދިރިއުޅުމުގެ ފިކުރުތައް ވެސް ކުޑަވެފައި ވުމާއެކު ދެމަފިރިން އެއްބަސްވީ ވަލީދުގެ ރަށަށް ގޮސް ގޯއްޗެއް ނަގައިގެން ގެދޮރު އަޅައިގެން އަލުން ބަލުން ދިރިއުޅުން ފަށާށެވެ. ވަލީދު ގަތްވަޅަށް މަރުވާން ދާށެވެ. ދެ މަފިރިންގެ އުމުރުގެ ބާކީ އޮތްބައި ގަސްގަހާގެހީގެ ހިޔާ ލިބިގެން، ގާތްތިމާގެ މީހުންގެ ލޯބި ލިބިގެން، ހިރަފުހާއި ކިސަޑުފެންފެންގަނޑުން ދުރުވެ ދުޅަހެއިކަންމަތީ ހޭދަ ކުރާށެވެ. ވަލީދު ހިތާމަކުރީ މިހާ ދިގު ޒަމާން ގަނޑަކު ރަށުން ބޭރުގައި ގަނަތެޅެވުނީތީ އެވެ. ޙަޔާތުގެ އަވަދިނެތުމުގެ ތެރޭ ވޭތުވެ ދިޔަ ވިއްސަކަށް އަހަރު އެއްފަހަރު ވެސް ރަށަށް ދެވިފައި ނުވާތީ އެވެ. ބީރައްޓެހި ކަމުގެ ތެރޭ ހަނާވާން ޖެހިފައިވީ ހިނދު ރައްޓެހިންގެ މަތިން ހަނދާން ނައްތާލެވުނީތީ އެވެ.

މެންދުރު ކާލައިގެން ދޯނީގެ ކަމަރާ ތެރޭގައި ވަލީދު ޖައްސާލި އެވެ. ރޭ އެހާ ރަނގަޅަށް ނިދުމާ އެކު ވެސް އޭނާޔަށް އިސާހިތަކު ނިދިއްޖެ އެވެ. އޭނާޔަށް ހޭލެވުނީ ދޯނީތެރޭ ފަސިންޖަރުންނާއި ފަޅުވެރިން ހަރުއަޑުން ވާހަކަ ދައްކަމުން ކޮޅުކޮޅަށް ހެލިފެލިވާން ފެށުމުންނެވެ. ދޯނީގެ ދުވެލި ވެސް މަޑުކޮށްލެވިއްޖެ އެވެ.

    ''އަދި ވެސް ނިދަނީތަ؟'' ސަމީރާ ވަލީދުގައިގައި ކޮއްޓާލަމުން ބުންޏެވެ.

    ''ރަށަށް ދޯނި މިހާރު ލަފަނީ''

    ''އެހެންތަ؟'' ވަލީދު ދެލޮލުގައި އަތް އުނގުޅާލުމަށްފަހު ފުންމައިގެން ތެދުވި އެވެ. އަތުކުރީ ގަޑިޔަށް ކަޅިއެއް އެއްލި އިރު ފަހެއް ޖަހަނީ އެވެ.

    ވަލީދު އަވަސް އަވަހަށް ކަމަރާތެރޭން ބޯދީ ބޭރު ބަލައިލި އެވެ. ދޯނި މަޑު ދުވެލީގައި ރަށު ނެރުން ވަންނަނީ އެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ރުކުރުވާލި ސަފެއްހެން ގެތައް ފެންނަން ހުއްޓެވެ. ތަލަވެފައިވާ މީހެއްގެ ބޮލުގައި ހުންނަ ވަކި އިސްތަށިހެން ރަށުގެ ބައެއް ހިސާބުން ރުއްގަސް ފެނެ އެވެ.

    ''ކޮން ރަށަކަށް ދޯނި ލަފައިގެން މި އުޅެނީ؟'' ވަލީދު ލޯ ބޮޑު ކޮށްލުމަށް ފަހު އޭނާގެ ޅިޔަނު ނެވި މުޙަންމަދުފުޅު ކުރެން އަހާލި އެވެ.

    ''މީ އަހަރެމެންގެ ރަށް'' މުޙަންމަދުފުޅު ހީނގަތެވެ.

    ''މީ އަހަރެމެންގެ ރަށެއް ނޫން. އަހަރެމެން  ރަށްމެދުގައި އަތިރިމަތީގައި ބިޔަ ނިކަބިލިއްސަގަހެއް ހުންނާނެ. ރަށުގެ އަތިރިމަތީގައި އެއްކޮޅުން އަނެއްކޮޅަށް ބޯ ރުއްފާތައް ހުންނާނެ. ރަށަށް ލަފާއިރުވެސް ގޭގެ ފެންނާނީ ދެތިން ދިމާޔަކުން.
    ''ތިޔަ ބުނަނީ މާ ކުރީގެ ވާހަކަ އެއް. ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭގައި ރަށުގެ އާބާދީ ދެ ގުނަ އަށް އިތުރުވެއްޖެ. ރުއްތައް ކަނޑާ ވަކަރު ކޮށައިގެން މާލޭ މާރުކޭޓަށް ވިއްކައިފި. ނިކަގަސް އުވަދަރަށް ކަނޑައިލައިފި.''

    އެ ގަސް ކަނޑާލި ވާހަކަ ބުނުމުން ވަލީދަށް އިޙްސާސްކުރެވުނީ ލޯބިވާ މާމައެއްގެ މަރުގެ ޚަބަރު ލިބުމުން ލިބޭނޭ ފަދަ ހިތި ހިތާމަ އެކެވެ. އެ ގަހަކީ އޭނާގެ ކުޑާއިރުގެ އެތަކެއް ހަނދާންތަކަށް ހިޔާދިން ގަހެވެ. ހޮޅުއަށިތަކުގެ ފުރާޅެވެ. މަސައްކަތްތެރިންގެ ހިޔަލެވެ. ކުޑަކުދިން ކުޅޭ ބިމެވެ. ކޮވެލިތަކާއި ވާތަކުގެ ހާއްޔެވެ.

    ވަލީދުގެ ދެމަފިރިން ފާލަމަށް ފޭބި އިރު، މަރުޙަބާ ކިޔަން ވާލީދާ އެއްބަނޑު ދައްތަޔާ އަދިވެސް ބައެއް ތިމާގެ މީހުން ފާލަންކޮޅުގައި ބޮނޑިޖެހިފައި ތިއްބެވެ. އެމީހުންނާ ބައްދަލުވުމުން ވަލީދު އުފާވި އެވެ. ބީރައްޓެހިކަން ކުޑަވެ ހިސާބަކަށް ފެނަށް ދިރޭގޮތް ވި އެވެ. ފާލަންމަތީ ތަންކޮޅަކަށް ހިނގާލިތަނާ ބައްދަލުވީ ރަށުގެ ކަތީބު ނިޒާރެވެ. މިއީ ވަލީދާ އެއްފުރައިގެ ޚިޔާލު ތަނަވަސް، ޅަ ދުވަހުގެ މިތުރެކެވެ.

    ''އަސްތާ ވަލީދު. ހާދަ ޒަމާންގަނޑެއް ކޮށްލައިފައި ރަށަށް ކޮން ދަތުރެއް؟''
ނިޒާރު ސަލާން ކޮށް ހާލު އަހުވާލުގެ ވާހަކަ އަހާލުމަށްފަހު އަހާލި އެވެ.

    ވަލީދު ރަށަށް އައި ބޭނުން ބުނެދިނެވެ. އަދި އޭނާ ބޭނުންވަނީ ރަށުން ގޯޗެއް ނެގުން ކަމަށް ވެސް ބުންޏެވެ.

    ''ގޯއްޗެކޭ ވަލީދު. ތިޔައީ މިހާރު ބޮޑުކަމެއް. ރަށް މި އޮތީ ފުރިފާ. ހުސްތަންކޮޅަކަށް މިހާރު މި ރަށުގައި އޮތްހައި ވެސް ތަންކޮޅަކީ އިހުގެ މާލޫދު ހަރުގެވަޅު. އެތަންކޮޅު ބޭނުން މީހުން ގިނަ ކަމުން މި ހުންނަނީ ދޭނޭ މީހެއް ނޭނގިފާ. ވަލީދަކީ ރަށުގެ ގެދޮރު ނެތް ހަރުމީހެއްކަމުން ހީވަނީ އަތޮޅުވެރިން ވެސް ބުރަވެލައްވާނީ ވަލީދުގެ އަތަށް ހެން.''

    އަންހެނުން ސަމީރާ ދައްތަޔާއެކު، ދައްތަގެޔަށް ދާން ދޫކޮށްލައިފައި ވަލީދު ކަތީބާއެކު ހިނގައިގަތެވެ.

    މާލެއިން ދޯނި އަޔަތީ އަތިރީ މަގުގައި ކޯޅިކޯޅިޔަށް މީހުން އެއްވެފައި ތިއްބެވެ. ވަލީދަށް އަނެއްކާ ވެސް އިޙްސާސް ކުރެވެންފެށީ ބީރައްޓެހިކަމެވެ. އޭނާގެ އެނބުރެމުންދިޔަ ކަޅި ދުށީ އާ މޫނުތަކެކެވެ. އޭނާ ދަންނަ މީހުންނަށް ވުރެ ގިނައީ ނުދަންނަ މީހުންނެވެ. އޭނާ މާލެ ފޭބިފަހުން މި ރަށުގައި އާޖީލެއް އުފަންވެ ބޮޑުވެއްޖެ އެވެ. ވަލީދަށް އާޖީލުގެ ދަރިންނެއް ނޭނގެ އެވެ. އެކުދިންނެއް ވެސް ވަލީދެއް ނުދަންނާނެ އެވެ. އޭނާ ދަންނަނީ އޭނާ ފުރައިގެ މީހުންނާއި އެއަށް ވުރެ ދޮށީ މީހުންނެވެ. އެމީހުންނަކީ މިހާރު މަދު ބައެކެވެ. ކުރިޔަށް ހިނގަމުން ދިޔަ އިރު، އަރާ ހަމަވާ އެކި އެކި ޅަ ޒުވާނުން ދައްކަމުން ނިޒާރު އެއީ އެވެނި މީހެއްގެ މިވެނި ނަމެއް ކިޔާ ކުއްޖަކުކަން ބުނެދެމުން އަދި ވަލީދާ ތިމާގެ ކުއްޖަކު ނަމަ ގޮވާ ގެނެސް ''މިހުންނެވީ ބޭބެއެއް'' ކަމުގައި ބުނެދެމުން ވަލީދު ތަޢާރުފުކޮށްދެ އެވެ. ވަލީދު ކޮންމެ ކުއްޖަކާ ދިމާޔަށް ވެސް ރަކިފާޑަކަށް ހީނލަ އެވެ. އެ ކުދިންނާ ދައްކާނެ ވާހަކައެއް ވެސް އޭނާގެ ދުލަކަށް ނާދެ އެވެ. އެ ކުދިންނާ އޭނާ އާ ދެމެދުގައި ވަނީ ބީރައްޓެހިކަމުގެ ބޯ ފާރެކެވެ. ޅަފުރަޔާއި ދެވަންފުރައިގެ ތަފާތެވެ. އެހާރާއި މިހާރުގެ ފަރަގެވެ.

ވަށައިގެން ފެންނަނީ ވަލީދުމެން ކުޑާއިރު ހުވަފެނުން ވެސް ނުދެކޭ ފަދަ ތިޔާގި ކަމެވެ. އެކަން ފިރިހެނުންގެ ފޭރާމުންނާއި، އަންހެނުންގެ ގަހަނާތަކުން ދޭހަ ވެ އެވެ. އެކަން އެޅިފައި ހުރި ރީތި ގެތަކާއި، އިމާރާތްތަކުން އެނގެ އެވެ. އެކަން މުދާލައި ފުރާފައިހުރި ފިހާރަތަކާއި، މީހުން ފުރި ބާރުވެފައިވާ ދެތިން ސައިހޮޓާ ބުނެ ދެ އެވެ. ހުރިހާ ދިމާޔަކުން ވެސް އިވެނީ ދިވެހި ލަވަތަކާއި ހިންދީ ލަވަތަކެވެ.

ނިޒާރު ކޮންމެ ގެއެއް ދައްކަމުން އެއީ ދަތުރު ކުރަންދިޔަ އެވެނި ކުއްޖެއްގެ ގެޔެކޭ ނޫނީ ރިޒޯޓެއްގައި މަސައްކަތްކުރާ މި ވެނި ކުއްޖެއްގެ ގެ ކަމަށް ބުނެދެ އެވެ. އެ ރީތި ގެތަކާއި، އެ މުއްސަނދި ދަޅަތައް ފެނުމުން ވަލީދު ދެރަވެ ހިތުގައި ޖެހުނެވެ. މަށަށްވީ ކޮންވަރެއްހޭ ހިތާހިތާ ކިޔާލެވުނެވެ. ވޭތުވެދިޔަ ފަންސަވީސް އަހަރުގެ ބުރަ މަސައްކަތުން ހަމަ އެކަނި ދުވަހުން ދުވަހަށް ކައިބޮއި ދަރިބަޔަކު ބޮޑެތި ކުރުން ނޫންކަމެއް ކުރެވިފައި ނެތްކަމަށް ގަބޫލު ކުރެވުނެވެ. ދުނިޔޭގެ ނަޒަރުގައި އޭނާޔަކީ ނާކާމިޔާބު މީހެއްކަމަށް ގަބޫލު ކުރެވުނެވެ. ކަހުފުބާގައި މީހުންހެން ޒަމާން އޭނާ ފަހަނަ އަޅައި ދިޔައީ ނޫންބާވަ އެވެ؟ މާލެފައިބަން ދިޔައިރު އެއީ އާއިލާގެ ގެ ކަމަށް ވިޔަސް އަމިއްލަ ގެ ކަމުގައި ކިޔާނެ ގެއެއް ވެސް މި ރަށުގައި ހުއްޓެވެ. މައިންބަފައިން މަރުވެ މުދާބެހުމުން އެ ނަސީބު ވެސް ބީވީ އެވެ. އަދި މި ބިމުގައި އޭނާގެ މިލްކުގައި ހުވަނދެއް ވެސް ނެތެވެ. އުމުރު ދެބައިވީ ދުވަހު މި ވީ ދިރިއުޅުން އަލުން ބަލުން ފަށާށެވެ.

''މި ރަށުގެ މީހުންގެ ކަމަކީ އެކަކަށް ވުރެ ރީތިގެއެއް އަނެކަކު އެޅުން. ދަރައިގެން ވެސް އެކަކު ހައްޖަށް ދިޔައީތީ އަނެކަކު ހައްޖަށް ދިޔުން. މަރުކަށިކަނޑައިގެން ވެސް އެކަކަށްވުރެ ބޮޑު ދޯންޏެއް އަނެކަކު ބަނުން. ދުށީމުތަ މި ރަށުގެ ދޯނި ފަހަރަށް ކިޔާފައި ހުރި ނަންނަން؟ ''މިހިރީ''  ''ފެނޭބާ'' ''ނުފޯރާފޮތި'' މި ފާޑުގެ ވާދައިގެ ނަންނަން.''

ވަލީދަށް އިޙްސާސްކުރެވުނީ ހިތްދަތި އެކަނިވެރިކަމެކެވެ. ހީވަނީ މި ރަށުގެ އެކުވެރި ކަމެއްނެތް ހުދުފާރުތަކާއި، ހިނތުންމުވެއް ނެތް މޫނުތައް އޭނާޔަށް މަލާމާތްކުރަމުން ''ފެއްސިގެންދާށޭ'' ގޮވަމުންދާހެންނެވެ. އަނެއްކާ މި އުޅެވެނީ ހުވަފެނެއްގައި ނޫންބާވަ އެވެ. އުފަން ރަށްކަމަށް އާދެވިގެން މި އުޅެނީ ދުވަހަކު ނުދާ ބީރައްޓެހި ރަށަކަށް ނޫންބާވަ އެވެ؟

''ވަލީދު. މީ އަހަރެމެން ކުޑާއިރު ދުށް ރަށެއް ނޫން. އޭރު ރަށްފުށުގައި އޮތް އެކަކު އަނެކަކާ ގުޅިލާމެހޭ، އެއްބައިވަންތަކަން އިތުރުކުރާ، ކަންފަހި ކޮށްދޭ، ފަގީރުންނާއި މުއްސަނދިންގެ ތަފާތު ކުޑަކުރާ، އިޖުތިމާޢީ ނިޒާމު ރޫޅިއްޖެ. އޭރު ކަންތައްތައް ރޭވިފައި ހުރީ އަމިއްލަ ފައިދާއަށްވުރެ ޖަމާޢަތުގެ ފައިދާއަށް އިސްކަންދޭ ގޮތަށް. ޒަމާނުއްސުރެ ކިޔައި އުޅެނީ ''އަތޮޅުވެރިޔާގެ'' އެއް ނޫން. ނޫނީ ''ރަށްވެރިޔާގެ އޮފީހެއް'' ނޫން. ކިޔާ އުޅެނީ ''އަތޮޅުގެ'' ''ރަށު އޮފީސް'' ''ރައްޔިތުންގެ ކާޑުގެ'' ''ރައްޔިތުންގެ ނާލުބައްތެލި'' ޙިކުމަތަކީ ވަކި މީހަކަށްވުރެ ޖަމާޢަތް އިސްކަން ހިތްތަކަށް ވައްދައިދިނުން. އެހެންވީމާ އޭރު އެންމެން އެއްދުލުން ކިޔަނީ ''އަހަރެމެން. އަހަރެމެން. އަހަރެމެން.'' މިހާރު މި އޮތީ ނަފުސީ ނަފުސީއަށް ވެފާ. ވީމާ ރަށް ބައިބައިވެއްޖެ. ފައިސާއަށް އަޅުކަންކުރެވެން ފެށިއްޖެ. ފައިސާއިން ނޫނީ ވެވޭކަމެއް ނެތިއްޖެ. ރަށްފުށުގައި ވެސް ދިރިއުޅުމުގެ ޚަރަދުތައް މާލެއެކޭ އެއްވަރަށް ބޮޑުވެއްޖެ. ވަލީދު. މާދަމާގެ ރާއްޖޭގެ ކޮންމެ ރަށަކީ ވެސް އަދުގެ މާލެ.

ދެން ފުރާ އެއްޗަކުން ކުދިން ކައިއަށް މާލެ ދާނަމެވެ. ވަލީދު ލޯ ފޮހެލަމުން ހިތާހިތާ ކިޔައިލި އެވެ. މީ އަހަރެންގެ ރަށެއް ނޫނެވެ.
(ނިމުނީ)

ހަވާލާ؛

އިބްރާހީމް ޙުސައިން މަނިކު(1998). އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތައް(މަލަސް:62). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

އެނގޭތަ؟