އަދުގެ ޚާއްސަ

Print

ޘަޤާފީ ތަރައްޤީއާއި އަޅުގަނޑުމެންގެ މުސްތަޤުބަލު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


އިބްރާހީމް ރަޝީދު މޫސާ (1989)

އެކުވެރި ދައުލަތްތަކުގެ، ތަޢުލީމާއި ސައިންސާއި ޘަޤާފަތާއިބެހޭ ޖަމްޢިއަޔާ (ޔުނެސްކޯ) އިން ހަމަޖައްސާފައިވާ ގޮތުގައި މިހިނގާ ދިހައަހަރު ( އާދެ 1988 – 1997) ޘަޤާފީ ތަރައްޤީގެ ބައިނަލްއަޤްވާމީ ދިހައަހަރު ކަމުގައި ފާހަގަ ކުރެވުނެވެ. މިގޮތަށް މިދިހަ އަހަރު ފާހަގަ ކުރެވުނީ ހަތަރު ލަނޑުދަނޑިއަކަށް ވާޞިލުވުމަށް ޓަކައެވެ. އެއީ:

(ހ) ޘަޤާފަތުގެ އަމިއްލަޒާތު ކަށަވަރުކޮށްދީ މުއްސަނދިކުރުވުން.

(ށ) ޘަޤާފީ ޙަޔާތުގައި ބައިވެރިވުން އިތުރު ކުރުން.

(ނ) ބައިނަލް އަޤްވާމީ ޘަޤާފީ އެއްބާރުލުން.

(ރ) ތަރައްޤީގެ މަސައްކަތާއި ޘަޤާފަތު ރައްކައުތެރިކުރުން.

މިހަތަރު ލަނޑުދަނޑިއަކީ ވެސް ދުނިޔޭގެ ޤައުމުތަކަށާއި މީހުންނަށް ބަލާއިރު ވަރަށް މުހިންމު އަދި އެހާމެ ނާޒުކު ލަނޑުދަނޑި ތަކެކެވެ. އަޅުގަނޑުމެން ދިވެހިން މިއަދު ކަޑައްތު ކުރަމުންދާ ތާރީޚީ މަރްޙަލާއަށާއި ރާއްޖެ ދެކެމުންދާ ޘަޤާފީ އަދި ތަރައްޤީގެ ހޭލުންތެރިކަމަށް ވިސްނާ ބަލާއިރު އެއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ލަނޑުދަނޑި ތަކެއްކަން ޔަޤީނެވެ.

މިލަނޑުދަނޑިތަކުގެ މާނަ އަޅުގަނޑުމެންނަށް ލުއިފަސޭހަގޮތަކަށް ވިސްނައިގަނެވޭނީ ޘަޤާފަތާއި ތަރައްޤީއާބެހޭ ގޮތުން ދެތިން އެއްޗެއް ދަންނަވާލައިގެންކަމަށް ފެނެއެވެ.

ޘަޤާފަތް:

އަޅުގަނޑުމެންގެ ޢާންމު ޙަޔާތުގެ ބަސްފޮތުގެ ތެރެޔަށް ޘަޤާފަތޭ ޢަރަބިބަހުން މިކަޔާ ބަސް (ނުވަތަ ލަފްޡު) ވަދެފައިއޮތް ނަމަވެސް އެއީ އަޅުގަނޑުމެންގެ ތަފާތު ބޭބޭފުޅުން އެ މާނަކުރެއްވުމުގައި ތަފާތު ރައުޔުތައް ގެންގުޅުއަވާ ލަފްޡެކެވެ. ބައެއްބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި އެއީ މީހުންނާ ގުޅިފައިވާ ކަމެކެވެ. އެބޭފުޅުންގެ ނަޡަރުގައި"މުޘައްޤަފު" (ނުވަތަ ތަޢުލީމް ޔާފުތާ މީހަކީ) އަކީ ވަރަށް ގިނަކަންތައްތަކެއް އެނގިހުރި އަދި އުނގެނިފައިވާ މީހެކެވެ. އެއީ ޙަޔާތުގައި އޭނާގެ މަގަކީ ޘަޤާފަތްކަމުގައި ހަދާފައިވާ މީހާ ކަމުގައިވެސް ވެދާނެއެވެ. އަދި ފަހަރެއްގައި އެއީ ޔުނިވަރސިޓީއަކުން މަތީފާހެއް ޙާޞިލުކޮށްފައިވާ މީހެއްކަމުގައިވެސް ވެދާނެއެވެ.

ކުރު ގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ ޘަޤާފަތަކީ އިންސާނަކު އޭނާގެ އިންސާނީ ވަންތަކަން ލިބިގަތުމަށްޓަކައި އޭނާގެ ފިކްރީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ޙަޔާތް ރާވާ އަތުރާލުމަށް ބޭނުންވެގެން ވިސްނާ ހޯދާ އެންމެހާ ކަންތައްތަކެވެ. މީގެ އިތުރަށް ޘަޤާފަތަކީ އިންސާނީ އެއްވުމަކުން އުފެދި އިންސާނީ އެއްވުމެއްގެ ތެރެއަށް އޮއްސޭ އެއްޗެކެވެ. ކޮންމެ ގޮތެއްގައިވެސް އެންމެފަހުން ޘަޤާފަތަކީ ވަކިޒަމާނެއްގައި މުޖްތަމަޢުގެ މަލަތައް ފާޅުކޮށް ދައްކައިދޭ އެއްޗެކެވެ.

ވީމާ، މުޘައްޤަފަކީ އޭނާގެ މުޖްތަމަޢުގެ ކަންތައްތައް ސާފުކޮށް ފެނުމުގެ ބާރު ލިބިފައިވާ މީހާއެވެ. އެމުޖްތަމަޢު އޮންނަންވާނެ ގޮތް ހެޔޮވިސްނުމުގެ ދުރުމިއަކުން ދުށުމުގެ ބާރު ލިބިފައިވާ މީހާއެވެ. މުޖްތަމަޢުގެ ކަންތައްތައް އެނގި ވިސްނި އެކަންތައްތައް އިސްތިންތާޖުކުރުމުގެ ޤާބިލިއްޔަތު ހުރި މީހެކެވެ. ޢިލްމީގޮތަކަށް އޭނާގެ ސިކުނޑީގެ ބާރު ބޭނުންކުރާ މީހާއެވެ.

ޘަޤާފަތުގެ ވަޒީފާއަކީ މެޝިނަކުން އަދާކުރާފަދަ ހަނި ވަޒީފާއެއް ނޫނެވެ. އެއީ ކަނޑައެޅިފައިވާ ވަކި މަސައްކަތެއް އަދާކުރާ މެޝިނެއްވެސް ނޫނެވެ. ޘަޤާފަގެ ވަޒީފާ އަކީ މުސްތަޤްބަލާ ގުޅިފައިވާ ކަމެކެވެ. އިންސާނާގެ އަމިއްލަ ޒާތާއި އޭނާގެ މުޖްތަމަޢު މިނިވަންކޮށް ބޭއްވުމުގެ ދާއިމީއެދުމާ ގުޅިފައިވާ އެއްޗެކެވެ. ޤައުމުތަކާ ކުރިމަތިވާ ނާޒުކު ފައްތަރުތަކާއި މަރްޙަލާތަކުގައި މުޘައްޤަފުންގެ ދައުރު ނުވަތަ ނަމޫނާގެ ދައުރުގެ ވާހަކަ ގިނަވަނީ މިހެންވެގެންނެވެ. އެއީ މުޖްތަމަޢުގެ މައްސަލަތައް ޙައްލުކުރުމަށް އެދިއެދި ގޮވާލެވޭ އަޑުތަކެކެވެ. ޢަރަބިބަހުން އަޅުގަނޑުމެން މި ނަގާފައިވާ ޘަޤާފަތުގެ ލަފްޒީ މާނަތަކުގެ ތެރޭގައި "ގުދުވެފައިވާ އެއްޗެއް ހާނާ ތެދު ކުރުން" އައިސްފައިވާތީ މުޖްތަމަޢުގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި މަތީ މިންގަނޑެއް އޮންނަން ޖެހޭނެކަން އެނގެއެވެ. އަދި ހަރުދަނާ މަތިވެރި އަގުތަކެއް ލިބިގެން ވާންޖެހޭނެކަން ވެސް އެނގެއެވެ. ޘަޤާފަތާއި ތަރައްޤީއާ ދެމެދު ގައިވާ ބަދަހި ގުޅުން އުފެދިފައިވަނީ މިހިސާބުންނެވެ.

ތަރައްޤީ:

 ތަރައްޤީ އަކީވެސް ޘަޤާފަތްފަދަ އޭގެ މާނަޔާމެދު ޚިޔާލު ތަފާތު ބަހެކެވެ. ތަރައްޤީއަށްވެސް ވަޒީފާތަކަކާއި ލަނޑުދަނޑިތަކެއް ވެއެވެ. ޒަމާނާއި ތަނަށް އަންނަމުންދާ ބަދަލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އޮޓޮމެޓިކުން އަންނަމުންދާ ކުރިއެރުމަކީ ތަރައްޤީއެއް ނޫނެވެ.

ތަރައްޤީއަކީ އިންސާނާގެ މާއްދީ އަދި ފިކްރީ މައުހިބާ (ޓެލެންޓް) ބޭނުން ކޮށްގެން އުފައްދާ ކޮންމެ އެއްޗެކެވެ. އިންސާނުންނާ އެހެން މަޚްލޫޤުންނާ އަޅާ ބަލާއިރު އިންސާނުންނަކީ އެމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި ނުސީދާ ވަސީލަތްތައް ބޭނުންކުރާ މަޚްލޫޤެކެވެ. އެއްތަނުން އަނެއްތަނަށް އެއްޗެހި އުފުލުމަށް ޓަކައި ގެރި ޖަމަލު ޙިމާރުފަދަ ސޫފިތައް ބޭނުންކުރާ މުޖްތަމަޢަކީ ޤުދްރަތީ ވަސީލަތަށް މާބޮޑު ބަދަލެއް ގެނެސްފައިވާ މުޖްތަމަޢެއް ނޫނެވެ. އެކަމަކު ކާރު ލޮރީ ރޭލުފަދަ ވަސީލަތްތައް މިކަމަށް ބޭނުންކުރާ މުޖްތަމަޢަކީ ތަރައްޤީ ވެފައިވާ މުޖްތަމަޢެކެވެ.

ހަމަ އެފަދައިން ހަކަތަ ހޯދުމަށްޓަކައި ތެލުގެ ބޭނުންކުރާ މީހުންނަކީ ދަރުގެ ބޭނުން ކުރާ މީހުންނަށް ތަރައްޤީވެފައިވާ ބައެކެވެ. މިއިން އެނގެނީ އެއްބަޔަކު އަނެއްބައެއްގެ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންކުރާ ވަސީލަތުގެ ސަބަބުން ކަމެވެ. ކުޑަ މަސައްކަތަކުން ބޮޑުކަމެއް ކުރެވޭނެމަގު ހޯދާ އެކަންތައް ކުރެވޭނެ ގޮތް ރާވާފައިވާ ބަޔަކީ–އެއްވެސް ރޭވުންތެރިކަމެއް ނެތް މުޖްތަމައަކަށްވުރެ-ކުރިއަރާފައިވާ ބައެކެވެ.

ޘަޤާފަތާއި ތަރައްޤީ ބައްދަލުވަނީ މި މަންޒިލުގައެވެ. ޘަޤާފަތުގެ ސަބަބުން މުޖްތަމަޢުގެ ތަރައްޤީއަށާއި ރޭވުންތެރިކަމަށް ހުރަސްއަޅާ ކަންތައްތައް މަދުކުރެވިދާނެއެވެ. އަދި ޘަޤާފަތުގެ ސަބަބުން އެކަންތައްތައް އިތުރުވެސް ކުރެވިދާނެއެވެ.
މުޘައްޤަފުންގެ ހަނގުރާމަ ފެށެނީ މިތާނގައެވެ.

ޘަޤާފަތަކީ އިޖްތިމާޢީ މުއައްސަސާއެކެވެ. އެއީ މުޖްތަމަޢުން އުފެދި މުޖްތަމަޢަށް މަސްހުނިވެފައިވާ އެއްޗެކެވެ. މުޖްތަމަޢުގެ ތާރީޚާއި އަގުތަކާއި ތަރިކަ ޘަޤާފަތުގެ ބައިތަކެއްގެ ގޮތުގައި ހިމެނިގެން ވަދެދާނެއެވެ.

ޘަޤާފަތު ތަރައްޤީއާ ނުވަތަ ތަރައްޤީ ޘަޤާފަތާ ގުޅެނީ މިހެންވެގެންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޘަޤާފީ ތަރައްޤީ އަކީވެސް ތަރައްޤީގެ ބައެކެވެ. އަދި ކީއްތޯއެވެ؟ އެއީ ވަރަށް މުހިންމު ބައެކެވެ.

ތަރައްޤީގެ މަގުގައި ޘަޤާފީ ނުވަތަ އިޖްތިމާޢީ ބައެއް ހުރަސްތައް ހުރެދާނެއެވެ. މިހުރަސްތައް އުފުލާ ފަރާތަކީ އިންސާނާއެވެ. ތަރައްޤީއަށްޓަކައި މަސައްކަތްކުރާ އެހެން ސާމާނުތަކާއި އިންސާނުންނާ ވަރަށް ތަފާތެވެ. އެހެނިހެން ސާމާނަކީ އެބޭނުންކުރާ މީހާއާ އިދިކޮޅަށް މަސައްކަތްކުރާނެ އެއްޗަކަށް ނުވިނަމަވެސް އިންސާނާއަކީ އިޙްސާސާއި ޝުޢޫރާއި އަގުތަކަކާއި އިސްކަންދޭ ކަންތައްތަކެއް ހުރި މީހަކަށް ވާތީ ބަދަލު ގެނައުމަށްޓަކައި ލިބިފައިވާ އެންމެ ދަތި ވަސީލަތަކީ އިންސާނުންނެވެ. އިންސާނުން އިންވެސްޓް ކުރުމުގެ ވާހަކަ އާއި އިންސާނުން ޘަޤާފަތްކުރުމުގެ ވާހަކަ ދެކެވޭތަން އަންނަނީ މިހެންވެގެންނެވެ.

މުޖްތަމަޢުން އުފެދިފައިވާ ތަރައްޤީއެއް ގެނައުމަށްޓަކައި ނުވަތަ މުޖްތަމަޢުގެ ލަނޑުދަނޑިތަކަށް ވާސިލްކޮށްދޭފަދަ ތަރައްޤީއެއް ގެނައުމަށްޓަކައި މުޖްތަމަޢުގެ ޘަޤާފަތުގެ އަމިއްލަ ޒާތާމެދު ބަޙުޘް ކުރަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ޘަޤާފަތަކީ ކޮބައިކަމާއި އެހެން ޘަޤާފަތްތަކާ މިޘަޤާފަތް މަސްހުނިވެ ގުޅި ހަދަންވީ މިންވަރާމެދު ވަރަށްގިނަ ބޭފުޅުން ބަޙުޘް ކުރައްވަމުން އެބަ ގެންދަވައެވެ. އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ ޤައުމީ ހޭލުންތެރިކަމުގެ އަލީގައި އަޅުގަނޑުމެންވެސް އަމިއްލަ ޘަޤާފަތު ދިރުވޭތޯ މަސައްކަތްތަކެއް އެބަ ކުރަމުއެވެ. ރަސްމީފެންވަރުގައްޔާއި އަމިއްލަ ޖަމާޢަތް ޖަމާޢަތުގެ ފެންވަރުގައެވެ. އަޅުގަނޑުމެންގެ ޘަޤާފަތުގެ އަޞްލާއި ބޭރުން ވަދެފައިހުރި ބައިތައް ވަކިކުރަން ފަށަންވީ ވަގުތުވެސް އަތުވެއްޖެކަމަށް ފެނެއެވެ. މިކަމުގެ ބޭނުމަކީ ޘަޤާފީ އެއްގަލަކަށް އެރުމެއް ހޯދުމެވެ. ވަޠަނު ހޭލުމަށްޓަކައި ބޭނުންވާ ތަރައްޤީގެ މަސައްކަތްތައްވެސް އެއްގަލަކަށް އަރާނީ ނުވަތަ އެފަދަ މަސައްކަތްތަކަށް އެއްގަލަކަށް އެރޭނީ އޭރުންނެވެ. މިފަދަ ބަޙުޘްތައް ހިނގަނީ ފިކުރާއި ތަރައްޤީ އާއި ތަހުޛީބު އެކަތި އަނެކައްޗާ އަރާރުންވާފަދަ މަރްޙަލާއަކަށް ދެވުމުންނެވެ. 18 ވަނަ ޤަރުނުގައި ރަޝާގައި މިފަދަ ބަޙުޘްތަކެއް ހިނގިއެވެ. އެއީ ހުޅަނގުގެ މަސައްކަތްތެރިކަމާއި ޞިނާޢަތުގެ ތަހްޛީބާއި ރަޝާގެ ޤައިޞަރުގެ ދަނޑުވެރިކަމުގެ ތަހްޛީބާއި ދެމެދުގައި އަރާރުން އުފެދެން ފެށުމުންނެވެ. މިބަޙުޘްތައް ވަރަށް ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ. މިބަޙުޘްތައް ނިމުނީ ޤައިޞަރު ގެންނެވި ބޮޑެތި އިޞްލާހުތަކާއި ބަލްޝަފީ އިންޤިލާބާ ހަމައިންނެވެ. ޖަޕާނުގައި 19 ވަނަ ޤަރުނުގެ ނިމޭކޮޅުން ފެށިގެންގޮސް 20 ވަނަ ޤަރުނުގެ ކުރީކޮޅާއި ހަމައަށް ހިނގާފައިވަނީ ހަމަ މިފަދަ ބަޙުޘް ތަކެކެވެ. ޗައިނާއާއި ކޮރެއާ އަކީ އިތުރު ދެމިސާލެވެ.

މިއިން އަޅުގަނޑުމެންނަށް އެނގި ދަސްވާ ފިލާވަޅަކީ މިޒަމާނުގެ ތަޖުރިބާއަކީ ހުޅަނގުގައި ފެތުރިފައިވާ މަސައްކަތްތެރި ކަމާއި ވިސްނުންތެރި ކަމާއި ރޭވުންތެރި ކަމާއި އަމިއްލަ ޤައުމުގައި ހުރި އެއްޗަކާ ގުޅިގެން އެކުލަވާ ލެވިފައިވާ އެއްޗެއްކަމެވެ. ޤައުމުގައި ހުރި އެއްޗަކީ ވަޠަނީ ޘަޤާފަތެކެވެ. ތަޖްރިބާގެ ތެރޭގައި ޓެކްނޮލޮޖީއާއި އިޤްތިޞާދާއި ޤާނޫނުފަދަ ހުރިހާ މައިދާން ތަކެއް ހިމެނެއެވެ.

މިއީ އެއްގޮތަކަށްވެސް އަމިއްލަ ޘަޤާފަތާ ގުޅުން ކަނޑާލުމެއް ނޫނެވެ. ނުވަތަ ކުރީގެމަގުން ހިނގުން ދޫކޮށްލާ އެއްފަރާތަށް ޖެހުމެއްވެސް ނޫނެވެ. އެކަމަކު އެއީ ކާމިޔާބު ޒަވާޖެކެވެ. ކައިވެންޏެކެވެ. ގުޅުމެކެވެ. މި ގުޅުމަކީ ވިސްނުމުގެ ދައުރު އޮއްސިފައިވާ މުޖްތަމަޢެއްގައި އުފެއްދޭނެ ގުޅުމެއް ނޫނެވެ. އެއީ އައު ރަނގަޅު ގޮތްތަކާ ދެކޮޅުހަދާ މުޖްތަމަޢެއްގައި ޤާއިމުކުރެވޭނެ ގުޅުމެއްވެސް ނޫނެވެ. ކޮންމެ އިޖްތިހާދަކީ އާދަވެފައިވާ ގޮތުން ބޭރަށް ނުކުތުން ކަމަށް ދެކޭ ބަޔަކަށް އެކަމެއް ނުކުރެވޭނެއެވެ. އަދި ކޮންމެ އައު ވިސްނުމަކީ މުޖްތަމަޢު ހަލާކުކުރުން ކަމުގައި ދެކޭ ބަޔަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ.

އަޅުގަނޑުމެންގެ ކުރިމަތީގައިވާ މައްސަލައަކީ އަޅުގަނޑުމެންނަށް މިހާރަށްވުރެ ބާއްޖަވެރި ރަނގަޅު ޙަޔާތަކާ ހަމަޔަށް ދެވޭނީ ކިހިނެއް ހެއްޔެވެ. އަޅުގަނޑުމެންގެ ކިބައިގައި ތަހްޛީބީ ކުޅަދާނަކަމެއް ނެތި އެފަދަކަމަކާ ހަމައަކަށް ނުދެވޭނެއެވެ. މިކަމަށްޓަކައި އަޅުގަނޑުމެންނަށް ވާރުތަވެގެން ލިބިފައިވާ ޘަޤާފަތުގެ ތެރެއަށް ފީނާ އެތަހްޛީބީ ކެރިފޯރުންތަކާ ކުޅަދާނަކަމާ ގުޅޭ ކަންތައްތައް ހޯދާ ވަރުގަދަ ކުރަން ޖެހިފައެވެ. އަޅުގަނޑުމެންގެ ޘަޤާފަތުގައި ހުރި މިފަދަ ކަންކަމަށް ހުރަސް އަޅާ ކަންތައްތައް ފަހަނަޅާ ދާންވެއްޖެއެވެ. ކަންތައްތައް ކުރުމުގައި ރޭވުންތެރިކަން ކުޑަކުރުމާއި ވިސްނުމުގެ ދާއިރާގެ ހަނިކަމާއި ޚުރާފާތާއި އަޥްހާމްތަކަށް އީމާންވުން ފަދަ ކަންތައްތަކާ ދުރުހެލިވެވިގެން މެނުވީ އަޅުގަނޑުމެންނަށް ތަހްޛީބަކާއި ތަރައްޤީއެއް ޙާޞިލެއް ނުކުރެވޭނެއެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި ޘަޤާފީ ތަރައްޤީ އަކީ ވަރަށްދަތި އުނދަގޫ އަދި އަގުބޮޑު މަސައްކަތެކެވެ. ނަމަވެސް މުޖްތަމަޢުން ފަޅާފައިވާ ޙަޤީޤީ ތަރައްޤީއެއް އުފެއްދުމަށްޓަކައި އެކަމަށް ކުރިމަތިލާން ޖެހިފައިވާ މީހެކެވެ.

(ނިމުނީ)
ހަވާލާ:

އިބްރާހީމް ރަޝީދު މޫސާ(1989). ފަތްތޫރަ (121). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ