އަދުގެ ޚާއްސަ

Print

ލާޒިމު ސިފައެއް!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙަންމަދު ނަސީމު
  (ތަރުވާޒު)


ރާނާފައިހުރި ފާރެއްގެ ވަރުގަދަކަން ބިނާވެފައި އޮންނާނީ ގާތަކުގެ ބަދަހިކަމުގެ މައްޗަށެވެ. ޢިމާރާތެއްގެ ބަދަހިކަން ބިނާވެފައި އޮންނަނީ ތަނބުތަކާއި ފާރުތައް ގުޅިލާމެހިފައިވާ މިންވަރެއްގެ މައްޗަށެވެ. ހަމަމިފަދައިން ކޮންމެ މުއައްސަސާއެއްގެވެސް ދުޅަހެޔޮކަން ބިނާވެފައިވާ އެންމެ މުހިންމު އަސާސަކީ އެތަނެއްގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެއްދަނޑިކޮޅު ބިންދާލުމަށްވުރެ ދަނޑިބޮނޑިއެއް ބިންދާލަން އުނދަގޫވާފަދައިން، މިއީ އެތަނެއްގެ ކުރިއެރުމާއި ހަމަޖެހުމަށް ކޮންމެހެން ލާޒިމު ސިފައެކެވެ.
 
ސުލްހަވެރިކަމުގެ ނަސީމީ ވައިރޯޅި ނުބީހޭ ތަނެއްގައި ތަރައްޤީއާއި ތަމައްދުންގެ ނިރެއް ރޯވުމަކީ މުސްތަޙިއްލުކަމެކެވެ. ތަނެއް ކުރިއަރާދާނީ އެތަނެއްގެ އަހުލުވެރިން އެތަނެއް ކުރިއަރުވަން ބޭނުންވި މިންވަރަކަށެވެ. ދުނިޔޭގެ މަޝްރަހަށް ނަޒަރުހިންގާލިޔަސް މިކަމުގެ ޙަޤީޤަތްތައް އެނގި ހާމަވެގެންދާނެއެވެ. އަފްޣާނިސްތާނެވެ. ފަލަސްތީނާއި އިރާޤެވެ. މުޅި މެދު އިރުމައްޗާއި އަރަބި ދުނިޔޭގެ ޙާލަތެވެ. މިއިން ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެނިގެންދަނީ ވަކިވަކިވެ ރޫޅިފައިވާ ސަފުތަކެކެވެ. ހާވިޔާވެފައިވާ މުޖުތަމަޢު ތަކެކެވެ. ނަތީޖާއަކީ ކޮބައިތޯއެވެ؟ އިޖުތިމާޢީ ފޭރާން ބާވެ ހަސްފަސްވެ، ހެދިފައިވާ ބާގަނޑުން ދަހިވެތިކަމާއެކު ބަލަމުންދިޔަ ފާރަވެރިންނަށް ފުރުޞަތު ލިބިގެން ދިޔުމެވެ. އަދި އެތަނެއްގެ މިނިވަންކަން ގެއްލި ހަމަނުޖެހުމާއި ތަޅާފޮޅުމުގެ ފުންމިން ނޭނގޭ އަނދަވަޅަކަށް ވެއްޓުމެވެ.

ބިންމަތީގައި ދިރިއުޅޭ އެންމެ ވަރުގަދަ އަދި ބިޔަ އެއް ޖަނަވާރަކަށް އެތް ވާނެއެވެ. މިނިކާވަގުފަދަ ޝިކާރަކޮށްގެން ކައިއުޅޭ ނުރައްކާތެރި ޖަނަވާރުތައްވެސް އެތަށް ހަމާލާދިނުމުގައި ފަސްޖެހެއެވެ. ތިޔަ ހީފުޅުކުރެއްވީ މުޅިން ގޯސްކޮށެވެ. އެއީ އެތުގެ ބިޔަކަމާއި ވަރުގަދަކަމުގެ ސަބަބަކުންނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެތަކީ ނުހަނު އެކުވެރިކަމާއެކު ބޮޑު ބައިގަނޑެއްގެ ގޮތުގައި ދިރިއުޅޭ ޖަނަވާރެކެވެ. އެކައްޗަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކޮށްދިނުމަށް ދެންތިބި ހުރިހާ އެތްތައް ތިބޭނީ ތައްޔާރަށެވެ.
އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެ ގަތުމަކީ ނިކަމެތިކަމެކެވެ. ވެލިފުއްތައް ގުޅި ލާމެހިގެން ބޮޑެތި ސަހަރާތައް އުފެދެއެވެ. އެއްތިއްކާއި އަނެއް ތިކި ލޮނުފެން ގުޅި ލާމެހި، ބޮޑެތި ކަނޑުތައް އުފެދެއެވެ. ތަފާތު ހަތްކުލަ ގުޅި ލާމެހިގެން ވިއްސާރަދުނި އުފެދެއެވެ. ބައެއްގެ މެދުގައި އުފެދޭ ނުގުޑާފަދަ އެއްބައިވަންތަކަމުގެ ނަތީޖާއަކީ ގަދަފަދަ ބިޔަ ދަޢުލަތެއްގެ ފެށުމެވެ. ޤުދުރަތުގެ މި ޙިކުމަތްތެރި ނިޒާމްތަކަށް ވިސްނުންތެރިކަމުގެ ދުރުމި އަމާޒުކުރަމާތޯއެވެ.

އެހެން ނަޒަރަކުން ވިސްނާލަމާތޯއެވެ. ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ތަބާވާ ނަސީބުވެރި ބައެކެވެ. އާދެ، އިސްލާމްދީނެވެ. އެއްބައިވަންތަކަމަށް އެންމެ ބޮޑަށް ބާރުއަޅާ ދީނެވެ. މި މާތްދީން މިކަމަށް ބާރު އަޅުއްވަނީ ނިހާޔަތަށެވެ. އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހައްޓާ ވަކިވަކިވެ ނުގަތުމަށް ކީރިތި ޤުރުއާނުގައި ވެސް ވަނީ އަންގަވާފައެވެ.

ތިލަފަތުގެ އަނެއްކޮޅަށް ބަލާއިރު އަހަރެމެންގެ މާތް ރަސޫލާ (‘) މަދީނާއަށް ހިޖުރަކުރެއްވުމާއެކު އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތްޕުޅަކީ މުޙާޖިރުންނާއި އަންޞާރުން އަޚުވަތްތެރި ކުރުމެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ އިސްލާމީ ސަފުތައް ވަރުގަދަކޮށް މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަން ގާއިމުކުރެއްވުމެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން އަދި ލޯތްބާއި ކުލުނުގެ އޮށް އިންދުމެވެ. ނަތީޖާއަކީ ތޯއެވެ؟ ނަތީޖާ ވަރަށްވެސް ފޮންޏެވެ. ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔެ ސިހިގެންދާފަދަ ވަރުގަދަ އިސްލާމީ ދައުލަތެއް ބިނާވެ ޤާއިމުވެގެން ދިޔައެވެ. ވީއިރު މިފަދަ ކޮންމެ ކަމަކުން ޢިބުރަތް ޙާޞިލުކުރުމަކީ އަޅުގަނޑުމެންފަދަ [ ހޭލުންތެރި ] ޒަމާނަކަށް އުފަންވެފައިވާ ބަޔަކު ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

އެއްވެސް ޝައްކެއް ނެތެވެ. އެއްބައެއްގެ އިހުސާސް ތަކަށް އަނެއްބަޔަކު އިޙްތިރާމް ނުކުރާނަމަ އެތަނެއްގައި އެކުވެރިކަމެއް ނޯންނާނެއެވެ. އަނެކުންގެ އިޙްތިރާމާއި ލޯބި ތިމާއަށް ލިބޭނީ އަނެކުންނަށް ތިމާ އިޙްތިރާމް ކުރި މިންވަރަކުންނެވެ. ކޮންމެ މީހަކީވެސް އަނެކުންގެ އެހީތެރިކަން ބޭނުންވާނެ މީހެކެވެ. މަދަދާއި އޯގާތެރިކަމަށް މުހުތާދުވެފައިވާ ފަރާތެކެވެ. މިކަންކަން ހާޞިލުކުރެވޭނީ އެ މާހައުލެއްގައި ރަޙުމަތްތެރިކަމާއި އެކުވެރިކަމުގެ ރޫޙު އާލާކުރެވިގެންނެވެ. ގުޅިގެން މަސައްކަތް ކުރެވިގެންނެވެ. އިޙްތިރާމް ކުރެވިގެންނެވެ. އިޙްތިރާމް ލިބިދީގެންނެވެ.

ކަންއޮތްގޮތް ސާފުވެ ހާމަވާން އޮތްއިރު އެގޮތަށް ފިރާލާ ބަދަލުނުވާންވީ ސަބަބެއް ނެތެވެ. ސަހަރާއެއްގައި އެކަނި ދަތުރު ކުރާ ބިޔަ ޖަމަލަކަށްވުރެ ގާފިލާއެއްގައި ދަތުރުކުރާ ނިކަމެތި ހިމާރަކަށްވެސް ހިމާޔަތްތެރިކަމާއި ރައްކާތެރިކަން ބޮޑެވެ. ވަލުޖަނަވާރުންގެ ކިބައިންނެވެ. މަގުފޭރޭ މީހުންގެ ކިބައިންނެވެ. އެހެންކަމުން އާއިލާއަކަސް، ގައުމަކަސް، މުޖުތަމަޢަކަސް، ޖަމްޢިއްޔާ ޖަމާޢަތަކަސް، ސްކޫލް މަދަރުސާއަކަސް އަދި ކޮންމެ ފަދަ ތަނަކަސް އެތަނެއްގެ ސަލާމަތާއި ރައްކާތެރިކަން އަދި ސުލްޙަމަސަލަސްކަން އޮތީ އެތަނެއްގައި އޮތް އެއްބައިވަންތަކަމަކާއި އެކުވެރިކަމާ ގުޅިލާމެހިފައެވެ.

ޚިޔާލު ތަފާތުވުމަކީ އޮތްކަމެކެވެ. ފަސް އިނގިލި އެއްވަރެއް ވެސް ނޫނެވެ. އެހެނަސް ޒާތީ ތަޢައްސުބާއި ފިކުރީ ޚިޔާލުތަފާތުވުންތަކަކީ އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ތަރަހައިގައި ރެދުއަޅުވާ ހަލާކުކޮށް ފުނޑުފުނޑުކޮށްލާފަދަ ކަމަކަށް ވާކަށް ނުޖެހެއެވެ. މި ޙަޤީޤަތްތަކާމެދު ފުންކޮށް ވިސްނާ ފިކުރުކޮށްލުމުން މި ލާޒިމު ސިފައިގެ [ ލާޒިމުކަން ] ގަބޫލުކުރެވޭނެ ކަމުގައި އުއްމީދުކުރަމެވެ.

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ