އަދުގެ ޚާއްސަ

Print

ފުޓްބޯޅައަށްވުރެ ކުރިން ކުޅުނު ލޮންޑާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

ލޮންޑާ އަކީ، އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރި ގަދަ އެއް ކުޅިވަރެވެ. މިހާރު ފުޓްބޯޅައަށް ދެވިފައިވާ މަޤާމު، އޭރު ލޮންޑާއަށް ދެވިފައިވި އެވެ. ނަމަވެސް ފުޓްބޯޅައިގެ މަޤުބޫލުކަން އިތުރުވިވަރަކަށް ލޮންޑާގެ މަޤުބޫލުކަން ދިޔައީ ކުޑަވަމުންނެވެ. މީގެ ތިރީހަކަށް އަހަރުކުރިން ލޮންޑާއަކީ ހުވަދުއަތޮޅު މާމެންދޫގައި ކުޅުނު ފޯރިގަދަ ކުޅިވަރެކެވެ. މި މަޒުމޫނުގައި ބަލައިލާނީ މާމެންދޫ ގައި މިކުޅުވަރު ކުޅުނު ގޮތުގެ މައްޗަށެވެ.


ނަމުގެ މާނަ


އަސްލުގައި ލޮންޑާއަކީ، ލޮންޑާކުޅޭއިރު ވާޞިލުވާން ޖެހޭ ތަނަށް ކިޔާނަމެވެ. މި ކުޅިވަރަށް އެތަނުގެ ނަމުން ނަންދެވިފައިވަނީ، އެތަނުގެ މުހިންމު ކަމަށްޓަކައި ކަމަށް ބެލެވެ އެވެ. އެތަނަކީ، ފުޓް ބޯޅައިގެ ގޯލް ފަދަ ތަނެކެވެ. ނަމަވެސް ފުޓް ބޯޅައާ ޚިލާފަށް، ލޮންޑާ ކުޅޭއިރު، ލޮންޑާ އަށް ވަންނަން ޖެހެނީ ކުޅުންތެރިޔާ އެވެ.


ވައްތަރުތައް


ލޮންޑާގެ ދެ ވައްތަރެއް ވެ އެވެ. އެއް ވައްތަރަކީ، ކުރު ލޮންޑާ އެވެ. އަނެއް ވައްތަރަކީ ދިގު ލޮންޑާ އެވެ. މި ދެ ވައްތަރުގެ ދެމެދުގައި ހުރި އެންމެ ބޮޑު ތަފާތަކީ، ކުޅުންތެރިން ދުވަން ޖެހޭ ރާސްތާގެ ދުރުމިނެވެ.

ކުރު ލޮންޑާގައި ދުވަން ޖެހޭނީ ތިރީސް ނުވަތަ ފަންސާހަކަށް ފޫޓަށެވެ. މިވައްތަރު ލޮންޑާ ކުޅޭނީ ޓީން-އޭޖުގެ ފިރިހެން ކުދިންނާއި އަންހެނުންނެވެ. ދިގު ލޮންޑާގައި ސަތޭ ފޫޓަށްވުރެ ދުރަށް ދުވަން ޖެހިދާނެ އެވެ. މިވައްތަރު ލޮންޑާ ކުޅޭނީ ޒުވާނުންނާއި ބޮޑެތި މީހުންނެވެ. މިވައްތަރު ޚާއްޞަކުރެވިފައިވަނީ ފިރިހެނުންނަށެވެ.


އުންސުރުތައް


ލޮންޑާގައި ހިމެނޭ އުންސުރުތަކަކީ:

1.    ދެޓީމު: ކޮންމެ ޓީމެއްގައި މަދުވެގެން ދެ ކުޅުންތެރިން ތިބެންވާނެ އެވެ. ހެޔޮވަރު ވަރަކީ، ބާރަވަރަކަށް ކުޅުންތެރިންނެވެ. ކުރު ލޮންޑާ ކުޅޭއިރު، ޓީމެއްގައި ދެ ޖިންސުގެ ކުޅުންތެރިންނަށް ބައިވެރިވެވިދާނެ އެވެ.

2.    ބޯޅަ: އެންމެ ރަނގަޅީ ޓެނިސް ބޯޅައެކެވެ. ނުވަތަ އެފަދަ، އެ ސައިޒުގެ ބޯޅައެކެވެ.

3.    މަގާމު: މިއީ، ކުޅުންތެރިޔާ ސައްޕުޖަހާއިރު ހުންނަ ތަނެވެ. މިތަން ފާހަގަކޮށްފައިވާނީ ދިގުހުރަހުގައި ދެފޫޓް ނުވަތަ ތިންފޫޓް ހުންނަވަރުގެ އަނަކުންނެވެ. (އަނަކީ ވަށްރޮނގެވެ.) މަގާމު ވާނީ މަގުމެދުގަ އެވެ. މަގާމާއި ރޮނގާ ދެމެދުގައި ވާނީ، ހައެއްކަ ފޫޓެވެ. ސައްޕުޖަހާނީ އަތުންނެވެ.

4.    ސައްޕުޖެހުން: ކުޅުންތެރިޔަކު ލޮންޑާއަށް ދާ ކޮންމެ ފަހަރަކު ވެސް ބޯޅަ ދުރަށް ފޮނުވާލާނީ ސައްޕެއްޖަހާފަ އެވެ. މި ސައްޕުޖަހާ އިރު، ބިންމަތީގައި ބޯޅައިން ޖަހާނެ އެވެ. ދެން ފޫޅާހަމައަށް ބޯޅަ މައްޗަށް އެރުމުން އަތުން ޖަހައި ދުރަށް ފޮނުވާލާނެ އެވެ.

5.    ރޮނގު: މިއީ، ކުޅޭ ޓީމާ، ހޮވާ ޓީމާ ދެމެދު ވަކިކުރާ އިމެވެ. ކުޅޭ ޓީމުން ރޮނގާ އެންމެ ކައިރީގައި ހުރެވޭނީ އޭރަކު ކުޅޭ ކުޅުންތެރިޔަކަށެވެ. އޭނާއަށް ހުރެވޭނީ މަގާމުގަ އެވެ. އެހެން ކުޅުންތެރިން ތިބޭނީ، ރޮނގާ އެއަށްވުރެ ދުރުގަ އެވެ. ރޮނގުގެ އަނެއްފަރާތުގައި، ތިބޭ ހޮވާ ޓީމުގެ ކުޅުންތެރިންނާ ރޮނގާ ދެމެދުގައި ހުންނަން ޖެހޭ ވަކި ދުރުމިނެއް ނެތެވެ. އެކަމަކު އެ ޓީމުގެ ކުޅުންތެރިން ތިބޭނީ ފަސޭހަކަމާއެކު ބޯޅަ ހިފޭނެހެން އެކި ހިސާބުގައި ތަރުތީބަކުން އެތުރިލައިގެންނެވެ.

6.    ރާސްތާ: މިއީ މަގާމާއި ލޮންޑާއާ ދެމެދުގައި އޮންނަ ދުވާތަނެވެ. ރާސްތާގެ ދިގުމިން ކަނޑައަޅާނީ ދެޓީމުގެ ކުޅުންތެރިންނެވެ. ކުޅުންތެރިން އެކަން ކަނޑައަޅާނީ ކުޅުންތެރިންގެ ޙާލަތަށް ބަލައިގެންނެވެ.

7.    ލޮންޑާ: މިއީ މަގާމުގައި ހުރެ ސައްޕުޖެހުމަށްފަހު، ދުވެފައި ގޮސް ކުޅުންތެރިޔާ ވަންނަން ޖެހޭ ތަނެވެ. މިތަން ފާހަގަކޮށްފައިވާނީ، ފާރުކައިރީގައި އަޅާފައިވާ ވަށް ރޮނގަކުންނެވެ. އެ ރޮނގަކީ ގާތްގަނޑަކަށް ވަށް ބޮޅެއްގެ ދެބައިކުޅަ އެއްބަޔެވެ.


ލޮންޑާގެ އުންސުރުތައް ދައްކުވާދޭ ކުރެހުމެއް


ކުޅޭތަން


ޢާއްމުގޮތެއްގައި ލޮންޑާ ކުޅޭނީ މައިމަގެއްގަ އެވެ. ހަނި ގޯޅިއެއްގައި މި ކުޅިވަރު ކުޅެން ވަރަށް އުނދަގޫވާނެ އެވެ. (މިޒަމާނުގައި މިކުޅިވަރު ކުޅޭނަމަ ކުޅެންވާނީ، މަގުމަތި ނޫން ތަނެއްގަ އެވެ.)


ކުޅޭ ގޮތް


ކުޅޭ ޓީމުން ފަހަރަކު ނެރޭނީ ކުޅުންތެރިއެކެވެ. އޭނާ މަރުވަންދެން ކުޅޭނެ އެވެ. ސައްޕުޖެހައި ބޯޅަ ދުރަށް ފޮނުވާލުމަށްފަހު، ދުވެފައި ގޮސް އޭނާ ލޮންޑާއަށް އަރާނެ އެވެ. އޭނާއަށް އެނބުރި ނާދެވިއްޖެނަމަ، އެހެން ކުޅުންތެރިޔަކު ކުޅޭނެ އެވެ. މި ކުޅުންތެރިޔާ ލޮންޑާއަށް ދާންފެށުމުން، ލޮންޑާގައި ހުރި ކުޅުންތެރިޔާ އެނބުރި އަންނާނެ އެވެ. މިކަމުގެ ބޭނުމަކީ މަރުން ސަލާމަތްވުމުގެ ފުރުޞަތު ތަނަވަސްކުރުމެވެ. އެހެނީ، ހޮވާ ޓީމުން ބޯޅަ ގެންގުޅޭ ކުޅުންތެރިޔާ އަށް، އެ ދެ ކުޅުންތެރިންކުރެ، ފަސޭހައިން މަރާލެވޭނީ ކާކުކަން ދެނެގަތުން އުނދަގޫވާނެ އެވެ. ނަމަވެސް ހޮވާ ޓީމުގެ މޮޅު ކުޅުންތެރިން، އެއްފަހަރާ ދެ ކުޅުންތެރިން މަރާލަ އެވެ. އަދި ކުޅޭ ޓީމުގެ މޮޅު ކުޅުންތެރިން ލޮންޑާއަށް ގޮސްފައި މަރުނުވެ އެނބުރި މަގާމަށް އާދެ އެވެ.

ކުޅުންތެރިޔަކު މަރުވާނީ، ސައްޕުޖަހައި އޭނާ ފޮނުވާލާ ބޯޅަ، އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކު ހިފުމަށްފަހު، އެ ބޯޅައިން އޭނާގެ ގައިގައި ޖެހީމަ އެވެ. ބޯޅައިން ޖަހާނީ ޖިސްމާނީ ގޮތުން ގެއްލުމެއް ނުލިބޭނެ ތަނެއްގަ އެވެ. މިއީ ރަމްޒީ ކަމެކެވެ. މިކަމުގެ ބޭނުމަކީ އަނިޔާކުރުމެއް ނޫނެވެ. ކުޅޭ ޓީމުގެ ހުރިހާ ކުޅުންތެރިން މަރުވީމާ، އެޓީމުގެ ކުޅުންތެރިން ފައިބާނީ ރޮނގުގެ ފަހަތަށެވެ. ދެން އަނެއް ޓީމުގެ ކުޅުންތެރިން ކުޅޭ ފަރާތަށް އަރައި ކުޅޭނެ އެވެ.

މަރުވުމުން، އެކަމާމެދު މަރުވާ ކުޅުންތެރިޔާ އިންކާރުކޮށްފިނަމަ، ފުރަތަމަ ފަހަރު، އޭނާ މަރުނުވާކަމަށް ބެލެވޭނެ އެވެ. ނަމަވެސް ދެވަނަފަހަރު އޭނާ މަރާލާއިރު، ތަންކޮޅެއް ބާރަށް އޭނާގެ ގައިގައި ބޯޅައިން ޖަހާނެ އެވެ. އޭނާއަށް އޮތީ، ރުހުމުގައި މިކަން ޤަބޫލުކުރުމެވެ. ނުވަތަ ފުރަތަމަ ފަހަރު މަޑުން ޖަހައި މަރާލި މަރާލުން ޤަބޫލުކޮށް، ކުޅުން ހުއްޓާލުމެވެ.

މި ކުޅިވަރަކީ، މޮޅު ޓީމެއް ހޮވުމަށްވުރެ ބޮޑަށް، މުނިފޫހި ފިލުވުމުގެ ގޮތުން ކުޅޭ ކަސްރަތުގެ ކުޅިވަރެކެވެ. ކުޅޭ ކޮންމެ ފަހަރަކު މޮޅުވާ ޓީމެއް ނުހޮވިޔަސް، މޮޅު ކުޅުންތެރިޔަކު ފާހަގަކުރެވެ އެވެ. އޭނާއަކީ، މަރުނުވެ އެންމެ ގިނައިން ކުޅޭ ކުޅުންތެރިޔާ އެވެ. ދޫތަކުން އޭނާއަށް ކުރެވޭ ތާރީފު ނޫން އެހެން އިނާމެއް އޭނާއަކަށް ނުލިބެ އެވެ.

ޢާއްމު ގޮތެއްގައި ކުޅޭނީ، ކުޅުންތެރިން ހުއްޓާލަން ބޭނުންވަންދެންނެވެ. ނަމަވެސް ވާދަޔަށް ކުޅޭއިރު، މަރުގެ ޢަދަދު ކަނޑައަޅާނެ އެވެ. މަރުވެގެން ރޮނގުގެ ފަހަތަށް ފޭބި ޓީމުގެ ކުޅުންތެރިން ދިރޭނީ، ކުޅޭ ޓީމުގެ ހުރިހާ ކުޅުންތެރިން މަރުވީމަ އެވެ. ދެމަރަށް ކުޅޭ އިރު، ކޮންމެ ޓީމެއް ދެ ފަހަރު ކުޅެ، ދެފަހަރު މަރުވާނެ އެވެ. ތިންމަރަށް ކުޅޭއިރު، ކޮންމެ ޓީމެއް ތިންފަހަރު ކުޅެ، ތިންފަހަރު މަރުވާނެ އެވެ.


ބައެއް ހަމަތައް


ލޮންޑާ ކުޅުމުގައި ތަބާވާންޖެހޭ ހަމަތަކެއް ވެ އެވެ. ހަމަތަކާ ޚިލާފުވެއްޖެ ކުޅުންތެރިޔަކު ވަގުތުން މަރުވާނެ އެވެ. އޭނާ ކުރާ ކުށުގެ މިންވަރަށް ބަލައި އިތުރު އަދަބު ވެސް ދެވިދާނެ އެވެ. އެގޮތުން ދެވޭ އެންމެ ބޮޑު އަދަބަކީ ލޮންޑާ ކުޅުމުން މުޅިން އެކަހެރިކުރުމެވެ. މިއަދަބު ދެނީ ކުޅުންތެރިއަކަށް ޖިސްމާނީ ގޮތުން ބޮޑު ގެއްލުމެއް ދީފިނަމަ އެވެ. ތިރީގައި މިވަނީ ލޮންޑާ ކުޅޭއިރު ތަބާވާންޖެހޭ ބައެއް ހަމަތަކެވެ.

1.    ލޮންޑާއަށް ދިއުމާއި އައުމުގައި ނޫން ގޮތަކަށް ރޮނގު ފަހަނަޅައި ގޮސްގެން ނުވާނެ އެވެ.

2.    ސައްޕުޖަހާއިރު މަގާމުން ބޭރުވެގެން ނުވާނެ އެވެ.

3.    ސައްޕު ޖެހުމަށްފަހު، ބާރަށް ދުވެފައި ލޮންޑާއަށް ދާންވާނެ އެވެ. އަދި ލޮންޑާގައި ހުރި ކުޅުންތެރިޔާ ބާރަށް ދުވެފައި އެނބުރި އަންނަންވާނެ އެވެ.

4.    ލޮންޑާގައި ކުޅުންތެރިޔަކަށް މަޑުކުރެވޭނީ، އިތުރު ދެ ކުޅުންތެރިން ލޮންޑާއަށް އަރަންދެންނެވެ. ތިންވަނަ ކުޅުންތެރިޔާ ދާން ފެށުމުން އެނބުރި އަންނަން ވާނެ އެވެ.

5.    ކުޅުންތެރިޔާ ބޭނުންނަމަ، ލޮންޑާއަށް ވަނުމަށްފަހު، މަގާމަށް އެނބުރި އާދެވިދާނެ އެވެ. ނަމަވެސް ދާއިރު ނުވަތަ އެނބުރި އަންނައިރު، އޭނާގެ ގައިގައި އަނެއްޓީމުގެ ކުޅުންތެރިޔަކު ބޯޅައިން ޖަހައިފިނަމަ، އެހިސާބުން އޭނާ މަރުވާނެ އެވެ.

6.    އެއްޓީމުގެ ކުޅުންތެރިޔަކު، އަނެއް ޓީމުގެ ކުޅުންތެރިޔެއްގެ ގައިގައި އެއްވެސް ގޮތަކަށް (ނޭނގި ނުވަތަ ގަސްތަކާ ނުލައި ނަމަވެސް) އަތްލުމަކީ މުޅިން މަނާކަމެކެވެ. މީގެ މާނައަކީ، ހޮވާ ޓީމުގެ ކުޅުންތެރިޔަކު، ކުޅޭ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ބޯޅައިން ޖަހާ ޖެހުން ފިޔަވައި އެހެން އެއްވެސް އެއްޗަކުން، އެހެން އެއްވެސް ގޮތަކަށް ނުޖެހޭނެ އެވެ.

7.    މަރާލުމަށްޓަކައި އަނެއް ޓީމުގެ ކުޅުންތެރިޔެއްގެ ގައިގައި ޖަހަންވާނީ ޖިސްމާނީ ގޮތުން ބޮޑު އަނިޔާއެއް ނުލިބޭނެ ތަނެއްގަ އެވެ. ބޮލާއި މެޔާއި އެނޫނަސް އެއްވެސް ނާޒުކު ގުނަވަނެއްގައި ޖަހައިގެން ނުވާނެ އެވެ.

8.    ބޯޅައިގައި ފައި ޖެއްސުމަކީ މަނާކަމެކެވެ. ބޯޅަ ގެންގުޅެންވާނީ އަބަދުވެސް އަތުންނެވެ.

9.    ކުޅުންތެރިންގެ މެދުގައި ދެބަސްވުމެއް އުފެދިއްޖެނަމަ، އެކަން ޙައްލުކުރާނީ ދެޓީމުގެ ދެ ކައްޕިތާނުން އެއްބަސްވާ ގޮތަކަށެވެ.

10.    ލޮންޑާ ކުޅެން ތިއްބާ، ކުޅުންތެރިން ނޫން މީހަކު މަގުހުރަސްކުރާނަމަ، އޭނާ މަގުހުރަސްކުރަން ތަންދޭންވާނެ އެވެ. މުސްކުޅިއަކު ނުވަތަ ކުޑަކުއްޖަކު މަގުހުރަސްކުރާނަމަ، ކުޅުން ހުއްޓާލަންވާނެ އެވެ.


ނިންމުން


ލިޔެވިދިޔައީ، ގއ. މާމެންދޫގައި މީގެ ތިރީހަކަށް އަހަރު ކުރިން ލޮންޑާ ކުޅެ އުޅުނު ގޮތުގެ ޚުލާޞާއެކެވެ. މި ޚުލާޞާގެ މަޞްދަރަކީ، އަޅުގަނޑުގެ ހަނދާނެވެ. އެހެންކަމުން، ކަމެއް ހަނދާން ނެތިފައިވުން އެކަށީގެންވެ އެވެ. ނަމަވެސް ލޮންޑާ ދިރުވަން އެދޭ މާމެންދޫގެ މިޖީލުގެ ދަރިއަކަށް މިވަރު ފުދޭނެކަމަށް ހީކުރަމެވެ. އަދި މިއީ، މިކުޅިވަރާމެދު ޝައުޤުވެރިވާ ކޮންމެ ފަރާތަކަށް އަލިކަމެއް ފޯރުކޮށްދޭނެ ހުޅުކޮޅެއް ކަމުގައި ވާނެ ކަމަށް ވެސް އުންމީދުކުރަމެވެ.

<>

މި ސިލްސިލާގެ އިތުރު ލިޔުންތައް


ހުވަދު އަތޮޅު މާމެންދުއަށް ބުރެތިކާލީން އެރި ވާހަކަ

މަސްބަހަ ޖާދޫ

ޖިންނި ބަހުރުވައިގެ ވާހަކައެއް

ވާދޫރޮނާ އަންބެޔާ

އެންދެއްޔޯ

ހަމަމިގަލަމުން

އިދާރާ

ވާހަކަ