އަދުގެ ޚާއްސަ

Print

އަންހެނެއްގެ ސިފައިގައިވާ މޭވާ އަޅާ ގަސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


"ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ ސަމާލުކަމަށް ވަނީ އެގަސް އައިސްފަ އެވެ. އެގަހުގައި އަޅާ މޭވާ އަންހެނެއްގެ ބުރުސޫރައަށް ބައްޓަންވެފައިވާތީ އެވެ."

ޢަބްދުލްމުޢީދު ޙަސަން

އަންހެނެއްގެ ސިފައިގައިވާ މޭވާ އަޅާ ގަހުގެ ވާހަކަ މުސްލިމުންގެ ބައެއް ވެބްސައިޓްތަކާއި ފޯރަމްތަކުގައި ވެސް ލިޔެވިފައިވެ އެވެ. ތިރީގައި މިވަނީ އޭން ލިއުމެއްގެ ތަރުޖަމާ އެވެ.

އައްސަލާމު ޢަލައިކުމް ވަރަޙުމަތު ﷲ

އަޅުގަނޑުގެ ނަމަކީ، އަޙުމަދު ޢަބްދުލްޤުއްދޫސް އެވެ. (އިސްލާމްވުމުގެ) ކުރިން އަޅުގަނޑަށް ކިޔަނީ މެގަލް މެލީޒެވެ. އަޅުގަނޑަކީ މާތް ﷲ ގެ ދީނަށް ގޮވާލުމުގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރަމުންދާ ދާޢީއެކެވެ. އަޅުގަނޑުގެ ޢުމުރަކީ، 56 އަހަރެވެ.

ދުނިޔޭގެ ވަށައިގެން 138 ޤައުމަށް އަޅުގަނޑު ދިޔައީމެވެ. ނަމަވެސް އެވަރަށް ޙައިރާންކުރުވަނިވި އެއްޗެއް އެއްވެސް ޤައުމަކުން ނުދެކެވެ. (nareepol) ނަމަކަށް ކިޔާ އެގަސް ވަނީ، ތައިލޭންޑްގަ އެވެ.

(naree) ގެ މާނައަކީ، އަންހެނާ ނުވަތަ އަންހެން ކުއްޖާ އެވެ.
(pol) ގެ މާނައަކީ، ގަހެވެ.



ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ ސަމާލުކަމަށް ވަނީ އެ ގަސް އައިސްފަ އެވެ. އެ ގަހުގައި އަޅާ މޭވާ އަންހެނެއްގެ ބުރުސޫރައަށް ބައްޓަންވެފައިވާތީ އެވެ.
ސުބްޙާނަ ﷲ !

އެ ގަހަށް ކިޔަނީ، "އަންހެން ގަސް" އެވެ. އެ ގަހުގެ އަޞްލު ހޯދުމަށްޓަކައި އަޅުގަނޑު ވަރަށް ގިނަ ދިރާސާތައް ކުރީމެވެ. ނަމަވެސް އެ ގަސް ހެދޭ އަވަށުގެ ރަށްވެހިންގެ ފަރާތުން އެނގުނު ވާހަކައެއް ނޫން އެހެން އެއްވެސް މަޢުލޫމާތެއް ނުލިބުނެވެ. އެ ގަހާމެދު އެމީހުންނަކު ޙައިރާނެއް ނުވެ އެވެ. އެމީހުން ބުނާގޮތުގައި، "އެ ގަހުގެ މޭވާ އަންހެން ކުއްޖެއްގެ ބުރުސޫރައަށް ބައްޓަންވެފައިވަނީ، މަރާލެވުނު މަޢުޞޫމު އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އެ ގަސް ފަޅައިގެން ހެދުނީ އެކުއްޖާ މަރާލެވެނު ތަނުގަ އެވެ. އެ އަންހެން ކުއްޖާ މަރާލެވުނު ފަހުން، އެކުއްޖާގެ ކުށެއް ނެތްކަން ސާބިތުވި އެވެ. އެކަމަށް އެގަސް ހެކިވެ އެވެ." މިއީ އެމީހުން ޤަބޫލުކުރާ ގޮތެވެ.
ސުބްޙާނަ ﷲ !



އަޅުގަނޑު މިދެންނެވި ވާހަކަތައް ތިބާއަށް ޤަބޫލުނުކުރެއްވޭނަމަ، ތައިލޭންޑަށް ވަޑައިގެން އަމިއްލަފުޅަށް ބައްލަވާލައްވާށެވެ! އެ ގަސް ހެދިފައި ވަނީ، ބެންކޮކާ 500 ކިލޯމީޓަރު ދުރުގައިވާ (petchaboon) ސަރަޙައްދުގަ އެވެ. ޓެކްސީއެއްގައި ވެސް އެހިސާބަށް ދެވިދާނެ އެވެ.

މިއީ ބަޔަކުމީހުން ހަދާފައިވާ މަކަރެއް ނޫނެވެ. މިކަމުގައި މާތް ﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކުރާނެ އެއްވެސް ޖާގައެއް ނެތެވެ. ސުބްޙާނަ ﷲ އެވެ. އަޅުގަނޑުގެ ދެލޮލަށް ފެނުމުގެ ކުރިން، އަޅުގަނޑު ވެސް އެގަހުގެ ވާހަކަ ޤަބޫލެއް ނުކުރަމެވެ. މާތް ﷲ ގެ ޙަޟުރަތަށް ޙަމްދު ހުށްޓެވެ. އަދި އެކަލާނގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ލައްވާށި އެވެ! މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތެވެ.



<><><><><>

މަތީގައިވާ ލިއުމުގައި ދީނީ ކުލަވަރު ވަރަށް ވެސް ގަދަ އެވެ. މި މޭރުމުން މި ޒާތުގެ ވާހަކަތައް ލިއުނީމާ ޤަބޫލުކުރާ މީހުން ގިނަ އެވެ. މާތް ﷲ ގެ އިސްމުފުޅު ނަންގަނެ، އެކަލާނގެ ގަންދީ ހުވާކުރުމަށްފަހު ބޮޑެތި ދޮގުތައް ހަދާ މީހުން މުސްލިމުންގެ ތެރޭގައި އުޅެ އެވެ. އެމީހުން ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ބެލުމެއް ނެތި، ޤަބޫލުކުރާކަށް ނުވާނެ އެވެ.

ނަންގަނެވިދިޔަ ތަރުޖަމާގައިވާ ވާހަކައަކީ ވެސް މާތް ﷲ ގެ އިސްމުފުޅު ނަންގަނެ، ހަދަހަދައިގެން ފަތުރަމުންދާ ބޮޑު ދޮގެކެވެ. ފަތުރުވެރިންގެ ސަމާލުކަމަށް އެ ގަސް އައިސްފައިވާ ކަމަށް ބުނާއިރު، އެ ގަހުގެ ވާހަކަ ފަތުރުވެރިކަމާ ބެހޭ މަޖައްލާތަކުގައި ޖަހާކަމަކަށް ނުވެ އެވެ. އަދި އެ ގަހުގެ ވާހަކަ ސައިންޓިސްޓުން ދައްކަވާ ކަމަކަށް ވެސް ނުވެ އެވެ. އެގަހާ ބެހޭ ގޮތުން އިންޓަރނެޓްގައި ފެތުރެމުން ދަނީ އެންމެ ތިންހަތަރު ފޮޓޯ އެކެވެ.

އެއީ ދުނިޔޭގައިވާ ގަހެއްތޯ ކުރެވޭ ސުވާލަކަށް ދެވިފައިވާ ޖަވާބުތަކުގެ ތެރެއިން، ގިނަ ބަޔަކު ތާއީދުކޮށްފައިވާ ޖަވާބުގައި ވަނީ، އެއީ ހަދާފައިވާ މަކަރެއް ކަމަށެވެ.


މަޞްދަރުތައް:
އައްޝިފާ ފޯރަމް.
http://answersyahoo.com


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ