އަދުގެ ޚާއްސަ

Print

ވަކިވާކަށް ބޭނުމެއް ނޫނެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމްޝަރީފު މުޙައްމަދު، ރޯޒީ/ ށ. ފުނަދޫ

އުފެއްދުންތެރި ލިޔުން

އަހަންނަކީ ފުނަދޫގެ ފެހި ޖައްވަށް ފިނިކަމާއި ހިތްފަސޭހަކަން ގެނެސް ދިނުމަށް މަސައްކަތް ކުރާ ގަސް ތަކުގެ ތެރެއިން ގަހެކެވެ. އެފަދަ ގަސް ތަކުގެ ތެރެއިންވެސް ޤަދަރު ކުރެވޭ ގަހެކެވެ. ފާއިތުވެ ދިޔަ ދުވަސް ތަކުގައި މިބިމުގައި ފައި ހަރުކޮށްގެން ހުރީ އަހަރެންގެ ސަބަބުން މި ރަށުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ކަމާއި ހިޔާދިނުމަށެވެ. އަދި އެމީހުންގެ ހުސް ވަޤުތުތައް އަހަންނާއި އެކު ހޭދަ ކުރާ ބައިވެރިއެއްގެ ގޮތުގައެވެ. ފުނަދޫގައި ހުރި ބޮޑެތި ނިކަ ގަސް ތަކުގެ ތެރެއިން އަހަންނަކީ އެންމެ ގިނަމީހުންގެ އަހަރެންގެ ޙާލު ބަލާ އަހަންނަށް ޒިޔާރަތް ކުރާ ގަހެވެ.

އަހަރެން ދުނިޔޭގައި ހޭދަކުރި ފަސްދޮޅަހަކަށް އަހަރުދުވަހުގެ ތެރޭން، ޒުވާންދުވަސްވަރު ވޭތުކުރީ ވަރަށްވެސް އެކަނިވެރި، މީހެއްގެ ހިލަމެއްވެސް ނުވާ ދުވަސްތަކެއްގެ ގޮތުގައެވެ. ހިތްހަމަޖެހުން ލިބެންފެށީ 1970 ވަނަ އަހަރު ބޮމަސްދޫމީހުން ފުނަދޫއަށް ބަދަލުކުރުމާއި ގުޅިގެން މިރަށަށްއައި ކުދިންތައް އަހަރެންގެ އެހީތެރިކަން ހޯދަންފެށުމުންނެވެ. އެކުދިންގެ ހުސްވަޤުތުގެ ބައިވެރިއެއްގެ ގޮތުގައި އަހަރެން އިޚުތިޔާރު ކުރުމުންނެވެ. އެއީ އަހަރެންގެ ޙަޔާތަށް އައި ބަހާރު މޫސުމުގެ ފެށުމެވެ. އެކަނިވެރިކަން ފިލުވައިދޭ ހިތް އުފާކޮށްދޭ ބައިވެރިންތަކެއް ލިބުމުންނެވެ. އެކަމަކު އެއީ ވަރަށްމަދު ޢަދަދެއްގެ ބައިވެރިން ކޮޅެކެވެ.

ބިމުގެ ގޮތުންކުދި ލަފާފުރަން ދަތި ދިރިއުޅުމުގެ ފަސޭހަތައް ނެތްރަށްރަށުގެ މީހުން ފުނަދޫއަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން 1997 ވަނަ އަހަރުންފެށިގެން ފިރުނބައިދޫ މީހުން ފުނަދޫއަށް ބަދަލުކުރުމަށް ހިންގި މަޝްރޫޢަކީ އޭގެ ސަބަބުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިއްބައިދިން މަޝްރޫޢެކެވެ. އޭގެ ސަބަބުން ވަރަށްގިނަ އެކުވެރިން ލިބުނެވެ. އަހަރެންގެ ބޭނުންކުރާ ބައިވެރިންގެ ޢަދަދު އެތައްގުނައެއް އިތުރުވެގެން ދިޔައެވެ. އަހަންނަކީ ބޭނުންތެރި އެއްޗެއްގެ ގޮތުގައި އެމީހުން ބަލައިގަނެ އަހަރެންގެ އެހީތެރިކަން ހޯދުން އެއީ ވަރަށް އުފާވެރި އިޙުޞާސްތަކެއް ކުރެވޭ ކަމެކެވެ. އެންމެ އުފާވަނީ ކުޑަކުދިން އަހަރެންގެ ބޭނުން ކުރާތީ އެވެ.

އަހަރެން އެންމެ ލޯބިވަނީ ކުޑަކުދިން ދެކެއެވެ. އެމީހުން އަބަދުވެސް ހުސްވަގުތުގެ ބައިވެރިއެއްގެ ގޮތުގައި ދެކެނީ އަހަންނެވެ. އެންމެ އުފާވަނީ އެކުދިން އަހަރެންގެ ގޮފިތަކަށް އަރައި އެލި ހަދާތީ އެވެ. ތަފާތު ވައްތަރުގެ މަޖާ ކުޅިވަރުތައް ކުޅެ ހަދާތީއެވެ. އެފަދަ ވަގުތު ތަކުގައި އެކުދިންގެ ހުނުމާއި ސަކަރާތްޖެހުން އަދި މަޖާކުރުމުގެ ތަފާތު އަޑުތަކަކީ ކަންފަތްތަކަށް ހިތްގައިމު މިޔުޒިކެއްގެ ގޮޔުގައި ޤަބޫލު ކުރެވޭތީ އެވެ، ތިރީގައި ހުންނަ ޖޯލިފަތި ތަކުގައި ތިބެގެން ބޮޑެތިމީހުން އެމީހުންގެ ދުވސްވީ ތަޖުރިބާތައް ކިޔައިދޭ އަޑު އިވޭތީވެސް ވަރަށްބޮޑު ހިތްހަމަޖެހުއް ލިބެއެވެ. އެކަމަކު އެކަމަކާއިމެދު ހިތްހަމަނުޖެހި ދެރަވާންޖެހޭ ކަމެއް ވެއެވެ.

އެއީ މަންމަމެންގެ ބަސްނާހައި، ގޭގައި ފިލާވަޅުދަސްނުކޮށް މިތަނަށް އައިސް ބައެއްކުދިން ކުޅެން އުޅޭތީއެވެ. އެކުދިންނާއި ދޭތެރޭ އެހާ ހިތްހަމައެއް ނުޖެހެއެވެ. އަހަރެން ޤަބޫލުކުރާގޮތުގައި މިތަނަށްއައިސް މަޖާކޮށް ހަދަން ވާނީ ފިލާވަޅުތައް ދަސްކޮށް  މައިންބަފައިންގެ ބަސް ޤަބޫލުކޮށް ރަނގަޅަށް ކިޔަވާކުދިންނެވެ. އެފަދަކުދިން އައިސް އަހަރެންގެ ބޭނުންކުރާތީ އެއީ އެކަމާ ފަޚުރުވެރިވާ ކަމެކެވެ. ބަސްނާހާ އުޅޭކުދިންނަށް ވަރަށް ދެރަ ގޮތްގޮތްވެސް ވެފައި އެބަހުއްޓެވެ. އެއީ، ވެއްޓި އަތްބިނދި ތަންތަނަށް ތަދުވުން ފަދަ ކަންތައްތަކެވެ. އެފަދަ ކަންތައްތައް މެދުވެރިވެފައިވަނީ އެކުދިން ބަސްނާހާ އުޅޭތީކަމަށް ޤަބޫލު ކުރެވެއެވެ.

ހަޔާތުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެންމެ ހިތްދަތި އިޙުޞާސްތަކެއް ކުރަން ޖެހުނީ މީހުން ބަދަލު ކުރުމުގެ މަޝްރޫޢުގެ ދަށުން  ފިރުނބައިދޫއިން ފުނަދޫއަށް ހިޖުރަކުރާ މީހުންނަށް ގެދޮރު ޢިމާރާތް ކުރި އިރު އަހަރެންގެ ދުވަސް ދުއްވާލުމަށް ރޭވި ދުވަސްވަރު އެވެ. އެހެންނަމަވެސް އަހަރެންގެ ބޭނުންތެރިކަމާއި މުހިންމުކަން އެމީހުންނަށް ވިސްނި މިފަދަ ތަދު ގަހެއް ކެނޑުމަކީ ރަށުގެ ތިމާވެއްޓަށް ވަރަށްބޮޑު ގެއްލުމެއް އޭގެ ސަބަބުން ލިބި ރަށުގެ މަލަމަތި ހުތުރުވާނޭ ކަމެއްކަމަށް ވިސްނުމުން އެ ޚިޔާލު ދޫކޮށްލީތީ މިހުންނަނީ ވަރަށް އުފަލުންނެވެ. އެކަމަށްޓަކައި ޝުކުރު ކުރާ ޙާލުގައެވެ.

ކުޑަކުދިންތަކެއްގެ ގޮތުގައި  އުޅުނުއިރު އަހަރެންގެ ބޭނުންކޮށް އެކުދިންގެ ވަޤުތުތައް އުފާވެރިކަމާއިއެކު ހޭދަކުރި  ބައެއްކުދިން މިހާރު ބޮޑެތިވެ، ބޮޑެތިމީހުންގެ ގޮތުގައި އުޅޭތަން ފެނެއެވެ. އެކަމަކު އެމީހުންގެތެރެއިން މަދު ބަޔަކު މެނުވީ އަހަރެންގެ ޙާލު ބަލައިލަން ނާންނަކަމީ  ވަރަށް ހިތާމަ ކުރާ ކަމެކެވެ. މަސައްކަތް ބުރައީ ކަމަށްވެސް ވެދާނެ އެވެ. އަންނާނެ ވަޤުތު ނުލިބުމަކީވެސް ސަބަބަކަށް ވެދާނެއެވެ. ޒަމާނަށް އައި ބަދަލާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލު ތަކުގެ ސަބަބުން ކުރަންޖެހޭ މަސައްކަތްތައް އިތުރުވުން އެއީވެސް ވެދާނެ ކަމެކެވެ. އެކަމަކު ޙަޤީޤަތަކީ އަހަރެންގެ ފުށުން ލިބިދޭ ފިނިކަމާއި، ހިތްހަމަޖެހުން ޒަމާނީ ޓެކްނޯލޮޖީގެ އުފެއްދުންތަކުންހޯދުމަކީ އެއީ ނާދިރު ކަމެކެވެ.

ކުރިމަގުގައިވެސް ހުންނަން ބޭނުންވަނީ ފިނިހިޔާދޭ، މީހުންނަށް ހިތްހަމަޖައްސައިދޭ ބައިވެރިއެއްގެ ގޮތުގައެވެ. ޤަބޫލުކުރާހިތް އޮތީ އަހަރެންގެފުށުން ލިބޭ ހިތްހަމަޖެހުމާއި އޯގާތެރިކަން ލިބިގަތުންމަތީ އެންމެންވެސް ދެމި ތިބޭނޭ ކަމަށެވެ. އަހަރެންގެ ހިމާޔަތަށް މަސައްކަތް ކުރާނޭ ކަމަށެވެ. އެހެން ކަމަށްވެއްޖެނަމަ އަބަދުވެސް މިގޮތުގައި ހުންނަން ބޭނުމެވެ. ވަކިވާކަށް ބޭނުމެއް ނޫނެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ