އޭ ހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ؟
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2010)
(މަޤުތޫލު)
އޭ ހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ، ނުތަނަވަސްކަމުގައި މިނެއް ނެތި ހާސްވަނީ؟
ކަށަ އިތުރު ރައްބީގެ ޒިކުރާ - ހަނދުމައިން.، މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!
+++++=+++++
އުސްބޮޑެތި ފަރުބަދަތަކުން ސޮއްސާލުމާ
ޖައްވުގައި އުދުހެން ދެ އަތް ފަތުރާލުމާ
ކަނޑުއަޑީ ފީނަން ކަނޑަށް ފުންމާލުމާ
ހިނދުކޮޅެއް ނުވެ ހާސްވެގެން ނޭވާލުމާ...
ކޮންކަހަލަ ދަރުސެއްހެ މި ކަމުން ލިބިދެނީ؟
މަރު، ވަށައިގެންވާކަމޭ އަންގައިދެނީ – އޭގެ ބިރުގައި ސިހުނު ސިހުމޭ ފެނިދަނީ...
ކަށަ އިތުރު ރައްބީގެ ޒިކުރާ، ހަނދުމައިން... މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!
ކުލަބޮކީގައި ހުންނަ ފަރި ނިވި ދިއްލުމާ
ފުނަޖަހާ އިރު އޭގެ ހަމަޔަށް ލެނގިލުމާ
ކުލަ މަޖަލުގާ ސާބަހަށް ހެލިފެލިވުމާ
ބަލި އެނދެއްގާ ދާދި އަވަހަށް ރޮއިލުމާ
ކޮންކަހަލަ ފަހުމެއްހެ މި ކަމުން ލިބިދެނީ؟
އުނިކަމާ ދުނިޔޭގެ ވަހުމޭ ފެނިދަނީ – އޭގެ ރިހުމޭ ދެއްކި ކުޅިވަރަކަށް ވަނީ .....
ކަށަ އިތުރު ރައްބީގެ ޒިކުރާ، ހަނދުމައިން... މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!
ވައިކަފާ ދުއްވާ އަމިއްލަ އުނޅަދު ފަހަރު
މެދު އުޑަށް އުފުލާ ފިހާރަތަކާ ގެދޮރު
އިތުރު ވީވީހެން ވަނީ ގިނައޭ ފިކުރު
ނުކުރަނީހޭ ބުއްދިއެއް މި ކަމަށް އިތުރު
ކޮން ކަހަލަ ނަފުސެއްހެ ހަށިގަނޑުގައިވަނީ؟
ހިޔަނިތައް ފަހަތުންހެ ދުވެ ވަރުބަލިވަނީ – އޭގެ ވޭނޭ ދާއިމަށް ތިޔަ އުފުލަނީ...
ކަށަ އިތުރު ރައްބީގެ ޒިކުރާ، ހަނދުމައިން... މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!
އުފެދި، ނެތުމުގެ ތެރެއިން ދިރިގެން އައި ގޮތާ،
އެފަދަ އާރެއް ބާރެއް ނެތި އޮތް ހާލަތާ،
ސިފަރިވެތިވެ މި ރޫފަ ޖެހިގެންދާ ގޮތާ،
ނުފުދިފާ ހުއްޓާ ކަމީނާ ވާގޮތާ،
ކޮން ކަހަލަ ފިކުރެއްހެ މި ކަމުން ލިބިދެނީ؟
ނުދެނެ ހުއްޓާ ތިންފިލާގަޔެ ގެންދަނީ... އޭގެ ފަހުގާ ވާނެ ޙާލޭ ނޭނގެނީ...
ކަށަ އިތުރު ރައްބީގެ ޒިކުރާ، ހަނދުމައިން... މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!
............... .............. .................
ބަދަލުކޮށްފީމޭ މަގޭ ނަފުސާ ޒަމީރު
އަދަދުތައް ހެޔޮ އަމަލުގެ، ބެލި އިރު މާ ފަގީރު
މަޖަލަކަށް ނުހަދާނަމޭ އުމުރުގެ ހަވީރު
މަދަދަކީ ޝުކުރާ ޒިކުރު ކުރުމޭ މިހާރު
ކޮންކަހަލަ އުފަލެއްހެ މި ކަމުން ލިބިދެނީ؟
ދެ ދުނިޔޭގެ ސަލާމަތޭ އިޙްސާސްވަނީ... އޭގެ އިތުބާރޭ ހިތަށް ފިނިކަންދެނީ...
ކަށަ އިތުރު ރައްބީގެ ޒިކުރާ، ހަނދުމައިން... މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!
----------------------
10/10/10
(ނިމުނީ)
ނޯޓު: މިއީ އަލަށް ހެދޭ ވަކި ރާގަކަށް އެކުލަވައިލެވިފައިވާ ޅެމެކެވެ. ރާގު ހައްދަވާނީ އަލްފާޟިލް ޢަލީ ރަމީޒެވެ. ޅެން ކިޔުއްވަން ހަމަޖެހިފައިވަނީ އަލްފާޟިލް ޢަބްދުލްބާރީ އެވެ.
- އާދަމް ނަޞީރު އިބްރާހީމް -