އާދަޔާ ޚިލާފު މުސްލިމް ކުރެހުންތެރިޔާ
ޢަބްދުލްމުޢީދު ޙަސަން
އޭނާ ކުރަހާ އެއްޗެއް އޭނާގެ ދެލޮލުންކުރެ ލޮލަކަށް ނުފެނެ އެވެ. އޭނާގެ އަންހެނުން ވެސް ހަމަ އެފަދަ އެވެ. ނަމަވެސް އޭނާގެ އަތުގެ ކޮންމެ އިނގިއްޔެއްގައި ލޮލެއް ވާފަދަ އެވެ. ދުނިޔެއަށް އުފަންވިއިރު، އޭނާ ވަނީ ލޮލަށް ފެނުމުގެ ނިޢުމަތުން މަޙުރޫމުވެފަ އެވެ. އޭނާގެ ސިކުނޑިއަށް އެއްގޮތަކަށް ވެސް އަލި އިޙުސާސް ނުވާކަމަށް ސައިންޓިސްޓުން ވިދާޅުވެ އެވެ.
ނަމަވެސް މާތް ﷲ އޭނާއަށް
އެހެން ނިޢުމަތެއް ދެއްވި އެވެ. އެއީ ބަޞީރަތުގެ ނިޢުމަތެވެ. ތަނަވަސް ޚިޔާލާއި އިންނެތް ފިކުރުގެ ނިޢުމަތެވެ. އޭނާގެ ނަމަކީ، އަޝްރަފު އަރުމަޣާނެވެ. ޤައުމަކީ ތުރުކީވިލާތެވެ. އޭނާ އުފަންވީ، 1955 ވަނަ އަހަރު އެވެ.
އަޝްރަފަށް ކުރަހަން ދަސްކޮށްދިން މީހެއް ނެތެވެ. ކުރެހުމުގެ މައުހިބާއަކީ، އޭނާއަށް ލިބިފައިވާ ޤުދުރަތީ ހަދިޔާއެކެވެ. އެ ހަދިޔާ ތަރައްޤީކުރުމަށްޓަކައި، މިދުނިޔޭގައިވާ ތަކެތީގެ ޠަބީޢަތް އޭނާއަށް ބުނެދިނީ އޭނާގެ ބައްޕަ އެވެ. ގަހަކީ ކޮބައިކަމާއި ފަރުބަދައަކީ ކޮން އެއްޗެއްކަން އޭނާއަށް ބުނެދިނީ އޭނާގެ ބައްޕަ އެވެ.
ކުރަހާއިރު، އަޝްރަފު ކުލަތައް ބަހައްޓަނީ ވަކި ތަރުތީބަކުންނެވެ. ކުރެހުމުގައި އޭނާ ބޭނުންކުރާ އަސާސީ ކުލަތަކަކީ ވިއްސާރަދުނީގެ ހަތްކުލަ އެވެ. އެ ކުލަތައް ގުޅުވައިގެން އިތުރު ކުލަތައް އުފެއްދުމުގައި އޭނާގެ އަންހެނުން އެހީތެރިވެ އެވެ... އޭނާގެ އަންހެނުންވަނީ ޢުމުރުން ފަނަރަ އަހަރުގައި ލޮލަށް ފެނުމުގެ ނިޢުމަތުން މަޙުރޫމުވެފަ އެވެ. އެހެނަސް ކުލަތައް ގުޅުވުމުން ނުކުންނާނެ ނަތީޖާ އޭނާއަށް ރަނގަޅަށް އެނގެ އެވެ.
އަޝްރަފު ބުނާގޮތުގައި، ލޮލަށް ފެނުމަކީ މިހާރު އޭނާ ކޮންމެހެން ބޭނުންވާ ކަމެއް ނޫނެވެ. ލޮލަށް ނުފެނުނަސް މިދުނިޔޭގައި ހިނގާ ކަންތައްތައް އޭނާއަށް ދޭހަވެ އެވެ. އޭނާގެ ދެއަތުގައިވާ ކޮންމެ އިނގިއްޔަކީ ލޮލެކެވެ.
މިހާތަނަށް އަޝްރަފު ކުރެހި އެންމެ ޙައިރާންކުރުވަނިވި އެއް ފޮޓޯއަކީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ފޮޓޯފުޅެކެވެ. އޭނާ އެ ފޮޓޯފުޅު ކުރެހި ގޮތާމެދު ސައިންޓިސްޓުންގެ ބުއްދިވެސް ވަނީ އަންތަރީސްވެފަ އެވެ.
ހާވާޑް ޔުނިވަރސިޓީގެ ސައިންޓިސްޓުން، އަޝްރަފުގެ ކުޅަދާނަކަން ބެއްލެވުމަށްޓަކައި ދިރާސާއެއް ކުރައްވާފައިވެ އެވެ. އެދިރާސާއިން އެނގުނު ގޮތުގައި، އެއްޗެއް ކުރެހުމަށްޓަކައި އޭތި ދެނެގަތުމަށް އަޝްރަފު ބޭނުންވަނީ، އެންމެ އަށާރަ ސިކުންތެވެ.
މަޞްދަރުތައް:
އައްސާޙަތުލް ޢަރަބިއްޔާ
http://www.armagan.com