އަދުގެ ޚާއްސަ

Print

މަޠުމާޠާ: ބިންގަރާހުގެ އަހުލުވެރިންގެ ރަށް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

މިހާރުވެސް އެރަށުގައި މީހުން ދިރިއުޅެ އެވެ. އެރަށަށް ޒިޔާރަތްކުރާ މީހަކަށް ފެންނާނީ، ފަޅުވެފައިވާ ޞަޙަރާއެއް ފަދަ ބިމެކެވެ. ދިރިތިބީންގެ އެއްވެސް އަސަރެއް ބިންމަތިން ނުފެންނާނެ އެވެ. ނަމަވެސް ބިމުގައި ކޮނެފައިވާ ވަޅުގަނޑަކަށް ފައިބައިފިނަމަ، ދިރިއުޅުމުގެ ހުރިހައި ކަމެއް ފެންނާނެ އެވެ.

މަޠުމާޠާ އޮންނަނީ ޓިއުނީޝިއާގެ ދެކުނުގަ އެވެ. އެރަށުގެ ބިމުގައި ކޮނެފައިވާ ކޮންމެ
 ވަޅުގަނޑަކީ، އަވަށެކެވެ. އެއިން ކޮންމެ ވަޅުގަނޑެއްގެ ތެރޭގައި ކޮނެފައިވާ ކޮންމެ ބިންގަރާހަކީ ގެއެކެވެ. އެ ގެތައް ހަދާފައިވަނީ، ވެލިހިލަ ކޮނެގެން، އެ ހިލަތަކުގެ ތެރޭގަ އެވެ.


މަޠުމާޠާގެ އަހުލުވެރިންނަށް އެންމެ ބޮޑު އާމުދަނީއެއް ލިބެނީ، އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުންނެވެ. މިހާރު އެރަށުގައި ދިރިއުޅެނީ މަދު ބަޔެކެވެ. ނަމަވެސް އެމީހުންގެ ޢަދަދު ފަސްސަތޭކައަށް ވުރެ މަދެއް ނުވާނެ އެވެ. އެރަށުގެ ގިނަ ބަޔަކު ވަނީ ކޮންކްރީޓުން އަލަށް ބިނާކުރެވޭ މަޠުމާޠާއަށް ހިޖުރަކޮށްފަ އެވެ.


މަޠުމާޠާގެ އަހުލުވެރިންނަކީ، ބަރުބަރީ ޤަބީލާއެކެވެ. އެމީހުން ބިންގަރާހުގައި ދިރިއުޅެން ފެށީ ހަނގުރާމަވެރިންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކަ އެވެ. ފިނި މޫސުމާއި ހޫނު މޫސުމުގައި އެމީހުންގެ ބިންގަރާސްތަކުގެ ފިނިހޫނުމިން ހަމަހަމަ އެވެ.


މަޠުމާޠާ މަޝްހޫރުވީ، "ތަރި ހަނގުރާމަ" ނަމަކަށް ކިއުނު ފިލްމުގައި އެމީހުންގެ ބިންގަރާސްތައް ތަސްވީރުކުރެވުނު ފަހުންނެވެ. އޭގެފަހުން އެމީހުންގެ ގާތަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވަނީ ގިނަގުނަވެފަ އެވެ.


މަޠުމާޠާ އަކީ، އާކިޓެކްޗަރ ކިޔަވާ ދަރިވަރުންނަށް އަގުހުރި ފިލާވަޅުތަކެއް ލިއްބައިދޭނެ ރަށެކެވެ.


މަޞްދަރުތައް:
www.libyanyouths.com
http://en.wikipedia.org
http://blog.hotelclub.com



ނޯޓް: މި ލިޔުމުގައިވާ ފޮޓޯތައް ފަންވަތަށް ގެނެސްފައިވަނީ، މަޞްދަރު ސައިޓުގައި ދީފައިވާ ފާލަންތަކުންނެވެ. އެ ފާލަންތަކުން މި ފޮޓޯތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް ފަންވަތަށް ވެސް އަންނާނެ އެވެ.



ހަމަމިގަލަމުން

އިދާރާ

ވާހަކަ