www.fanvai.info

Print

މީގޮނުގެ އެކުވެރިކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙައްމަދު ލަޠީފް ށ. މިލަންދޫ
      
"އެކުވެރިކަމަކީ ގަދަފަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ." މި ލަފުޡުތަކަކީ ޒަމާނުއްސުރެ އަޅުގަނޑުމެން އެންމެންވެސް އަޑުއަހާ ދަންނަ ލަފުޡުތަކެކެވެ. ނަމަވެސް މިކަމުގެ މުހިންމުކަމާމެދު ވިސްނާނުލެވޭ ލަފްޡުތަކެއްވެސް މެއެވެ.
 
ޖަންގަލީގެ ޤާނޫނާއި ކަނޑުގެ ޤާނޫނަކީ އަނިޔާވެރިކަމާއި ގަދަ ބާރުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުތަކެކެވެ.  މި ޤާނޫނުގައި އަމާންކަމާއި ހިތްހަމަޖެހުމަކީ ގަދަފަދަ މަޚްލޫޤުންނަށްނޫނީ ނުލިބޭ އެއްޗެކެވެ. ކުދި އެއްޗެއްސަކީ ބޮޑަތި އެއްޗެތީގެ ކާނާއެވެ. ބަލިކަށި ޖަނަވާރަކީ ނުވަތަ މަސްމަހާމެއްސަކީ ގަދަފަދަ ޖަނަވާރާއި މަސްމަހާމެހީގެ ޝިކާރައެވެ.

ޖަންގަލީގައި އެންމެ ގަދަފަދަ ޖަނަވާރުންގެ ތެރޭގައި ހިމެނޭ ސިންގާއާއި މިނިކާވަގުގެ ޢާއިލާއަށް ނިސްބަތްވާ ހުރިހާ ބާވަތަކީވެސް ޖަންގަލީގެ ރަސްރަސްކަލުންގެގޮތުގައި ފާހަގަކުރެވޭ ޖަނަވާރުތަކެވެ. ގެރިބަކަރީގެ ބާވަތްތަކާއި، އަހާއި ފުއްލާއާއި މުސަޅާއި މިނޫނަސް މިފަދަ ހުރިހާ ބާވަތެއްގެ ޖަނަވާރުތަކަކީ ޖަންގަލީގެ ރަސްރަސްކަލުންގެ ފަރިއްކޮޅުކަމުގައި ކަނޑައެޅިފައިވުމަކީ ޖަންގަލީގެ ޤާނޫނެވެ.
ސިންގާއެއް ނުވަތަ މިނިކާވަގެއްގެ ހިލަމެއްވެދާނެކަމަށް ހުރިހާ ޖަނަވާރުތަކެއްވެސް ތިބެނީ އަބަދުވެސް ސިހިސިހިއެވެ. ސިންގާއެއް ނުވަތަ މިނިކާވަގެއްގެ ހިލަމެއްވުމާއެކު އެ އެއްޗެއްގެ މޫނުހުރި ދިމާއަކަށްދުވެ ފިލާ ރައްކާވެވޭތޯ ކުރެވުނުހައިކަމެއް ކުރެއެވެ. މިގޮތަށްދުވާއިރު ދަރިޔަކު މަޔަކަށް އަދި ރައްޓެއްސަކު އޭތީގެ ރަޙްމަތްތެރިއަކަށް ނުބަލާނެއެވެ. ހީވާނީ ޤިޔާމަތް ކައިރިވެގެން އުޅޭހެނެވެ. އެ އެއްޗެއްގެ ފުރާނަ ސަލާމަތްކުރުމަކީ އެ އެއްޗެއްގެ މަސްޢޫލިއްޔަތަކަށް އޮންނަނީ ވެފައެވެ.

މިކަން މިހެން އޮތްނަމަވެސް މީގޮނަކީ އެހެންޖަނަވާރުތަކާއި ޚިލާފަށް މިނިކާވަގު ނުވަތަ ސިންގާ ފެނިފައި  އެ އެއްޗެއްގެ ފުރާނަ ސަލާމަތްކުރުމަށް އެ އެއްޗެއްގެ މޫނުހުރި ދިމާއަށް ދުއްވައިގަންނަ ޖަނަވާރެއް ނޫނެވެ. ޖަންގަލީގެ އެހެނިހެން ޖަނަވާރުންނެކޭ އެއްފަދައިން މީގޮނަކީވެސް ގުރޫޕު ހަދައިގެން އައިން އައިނަށް އުޅޭ ޖަނަވާރެކެވެ. އެހެނިހެން ޖަނަވާރެކޭ އެއްފަދައިން މަދު ފަހަރެއްގައި ވަކިވަކިންވެސް އުޅެފާނެއެވެ. މީގޮނު ފިއަވައި އެހެން ޖަނަވާރުންނަކީ ކިތަންމެ ގުރޫޕު ބޮޑުކޮށްގެން އުޅުނަސް ނުރައްކަލާއި ކުރިމަތިވާ ވަގުތު ގުރޫޕާއި ވަކިވެ ޖެހުނު ދިމާއަކަށް ދުވެ ފިލަން މަސައްކަތްކުރާ ޖަނަވާރުންނެވެ.
މީގޮނުތަކުގެ ތެރެއަށް މިނިކާވަގު ނުވަތަ ސިންގާ ނިކުތުމުން އެސޮރުމެނަށްވެސް ނުރައްކަލާއި ކުރިމަތިވީކަން އެނގެއެވެ. ނަމަވެސް އެވަގުތު އެއްވެސް އެއްޗެއް ގުރޫޕާއި ވަކިވެގެން ފިލާކަށް ނޫޅޭނެއެވެ. އޭގެ ބަދަލުގައި ހުރިހާ މީގޮނެއް ގާތްގާތަށްޖެހި ސަފުސަފަށް އެތުރިލާނެއެވެ. އަދި ސިންގާ ނުވަތަ މިނިކާވަގުގެ ފަރާތުން އަތުވެދާނެ ޙަމަލައަކަށް ރަނގަޅަށް ތައްޔާރުވާނެއެވެ. ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ އެފަދަ މަންޡަރެކެވެ. އެއްވެސް މީގޮނަކަށް ސިންގާ ނުވަތަ މިނިކާވަގު ޙަމަލަ ދީފިނަމަ އެ މީގޮނުގެ ދިފާޢުގައި ދެންތިބި ހުރިހާ މީގޮނެއް ސިންގާއާއި ނުވަތަ މިނިކާވަގާއި ޙަމަލަދީ ސިންގާގެ ނުވަތަ މިނިކާވަގުގެ ޙަމަލަ ނާކާމިޔާބު ކޮށްލާނެއެވެ. އަދި މިގޮތަށް އެއް ސިންގާއަށްވުރެ ގިނަ ސިންގާ ނުވަތަ އެއް މިނިކާވަގަށްވުރެ ގިނަ މިނިކާވަގު ތިބިނަމަ ޙަމަލަދިން ސިންގާއާއި ނުވަތަ މިނިކާވަގާއި ޙަމަލަދިނުމުގައި ބައިވެރިވާނީ މީގޮނުތަކުގެތެރެއިން ބައެކެވެ. ދެންތިބި މީގޮނުތައް ތިބޭނީ އިތުރު ހަމަލައެއް އަތުވެއްޖެނަމަ އެ ޙަމަލަ ދިފާޢުކުރުމަށެވެ.












މިނިކާވަގު ނުވަތަ ސިންގާ ކިތަންމެ ގަދަފަދަވެފައި ވަކި ތޫނަސް އެސޮރުމެނަށްވެސް ޙަމަލަދެވޭނީ ފަހަރަކު އެންމެ ޖަނަވާރަކަށްކަން މީގޮނު ދަނެއެވެ. ބަލިވެ އެސޮރުމެންގެ ވަކިދަށުވެ ހަފުސްވެގެން ދާންޖެހެނީ އެކިއެއްޗެތި ވަކިވެގަތުމުންކަން މީގޮނު ދަނެއެވެ. އެހެންކަމުން ވަކިވަކިވެ ވިއްސިވިހާލިވެގެން ދިއުމަކީ މީގޮނު ކުރާކަމެއް ނޫނެވެ. ހުރިހާ މީގޮނު އެކުވެ އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުމުގެ ނަތީޖާއަކަށްވަނީ ޖަންގަލީގެ ރަސްގެފާނު، ސިންގާ ނުވަތަ މިނިކާވަގު ދެތުންފަތުގައި ދޫކާއްތަމުން ބަލިވެ މާޔޫސްވެގެން އެނބުރި ދާންޖެހުމެވެ. ތިމާއަށްވުރެ ނިކަމެތި، ބަލިކަށި ބަރުހެލި ޖަނަވާރެއް ޝިކާރަކުރުމުގައި ނާކާމިޔާބުވެގެންނެވެ.

މިކަންކަމުން އަޅުގަނޑުމެން އިންސާނުން ޢިބުރަތް ލިބި ނުގަންނަކަމީ ހިތާމަހުރިކަމެކެވެ. އިންސާނުންނަކީ ބުއްދިއާއި ވިސްނުން އެންމެ ބޮޑަށް ލިބިފައިވާ މަޚްލޫގެވެ. ވަލު ޖަނަވާރުންނަށް ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން ނެތްއިރުވެސް އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން މީގޮނުވެސް ދަނެއެވެ. މިއަދު އިސްލާމީ އުންމަތަށް ޖެހިފައިވަނީ މިދަތުރެވެ. ވަކިވަކިވެ ބައިބައިވުމުގެ ނިކަމެތިކަމެވެ. ބައިބައިވެ ވަކިވަކިވީ އެއް ޤައުމު އަނެއް ޤައުމާއެއް ނޫނެވެ. އަދި ކިއެއްތަ. އެއް ބަޔަކު އަނެއް ބަޔަކާއިވެސް ވަނީ ވަކިވެފައެވެ. އެއް ސިޓީ އަނެއް ސިޓީއައި އެއް ރަށް އަނެއް ރަށާއި އެއް އަވަށް އަނެއް އަވަށާއި އެއް ގެ އަނެއް ގެއާއި އެއް ޢާއިލާ އަނެއް ޢާއިލާއާއިވަނީ ވަކިވެ ބައިބައިވެފައެވެ. އެއް ކޮންޓިނެންޓު އަނެއް ކޮންޓިނެންޓާއި ވިކިވެފައިވާ ފަދައިންނެވެ. ވިސްނާނުލެވޭތީއެވެ. ފިކުރު ނުކުރެވޭތީއެވެ. ސިޔާސީ ވާދަވެރިކަމާއި ދުނިޔަވީއެދުމާއި، މަޛްހަބީ އަރާރުންތަކާއި ދީނުގެ ބައެއް ފަރުޢީ މައްސަލަތަށް ތިމާމެންގެ ސިނކުނޑީގެމައްޗަށް ސަވާރުވެ ބުއްދީގެ ސަމުގާ ހަވާނަފުސާ ދިމާއަށް ހުއްޓުމުންނެވެ. ސިކުނޑީގެ ސަމުގާ ހަވާ ނަފުސާއި ދިމާއަށް ހުށްޓުނުކަންވެސް ނޭނގުނީމައެވެ. ނުވަތަ ހުއްޓުނުކަން ޤަބޫލު ނުކުރެވުނީމައެވެ. ތިމާމެނަށް ކުރެވޭ ކުށް އެއީ ކުށެއް ކަމަށް ނުދެކި އެއީ ވޮށެއްކަމަށް ދެކުނީމައެވެ. އަދި ތިމާމެނަށް ހެދެމުންދާ ގޯސް އެއީ ގޯހެއްކަމަށް ނުދެކި އެއީ ކޯހެއް ކަމަށް ދެކުނީމައެވެ. އެހެން މީހުން ކުށްވެރިކުރުމުގައި ރޭދުވާ ވޭތުކުރެވޭތީއެވެ. ލޮލަށް ފެންނަގޮތަށް ބުއްދިއަށްވެސް ފެންނާތީއެވެ. ލޮލަށް ފެންނަ އެއްޗެއްގެ ފަހަތުގައި ފޮރުވިފައިވާ އެއްޗެއް ބުއްދިއަށް ނުފެންނާތީއެވެ.

އެކުވެރިވެ އެއްބައިވަންތަ ވެއްޖެނަމަ މީގޮނަށް ކާމިޔާބުލިބޭ ފަދައިން އަޅުގަނޑުމެނަށްވެސް ކާމިޔާބު ލިބޭނެއެވެ. މީގޮނުގެ މި އެކުވެރިކަމުގެ ސަބަބުން އެސޮރުމެންގެ ފުރާނަ ސަލާމަތްކުރެއެވެ.  ގަދަފަދަ، ވަކިތޫނު ދަތް ތޫނު ޖަންގަލީގެ ރަސްގެފާނު ބަލިކޮށްލައެވެ.މީގޮނުތަށް މިކާމިޔާބު ހޯދަނީ، ނުރައްކަލުގެ ވަގުތުގައި ތަފާތުވެފައިވާ ޚިޔާލުތައް އެއް ޚިޔާލަކަށް ބަދަލުކޮށް، ހުރިހާ މީގޮނު އެއް މީގޮނަށް ވެގެންނެވެ.
         
  ލިބޭހައި ދެރަކަމެއް ދުނިޔޭން ޤަޟާ ޤަދަރާއި މަތިކޮށްފާ
                 ތިބޭއިރުގައި މިދުނިޔޭގައި ހިތާކަށްވާ ނުވެސް ވާނޭ!


މީގޮނުގެ އިނގިރޭސި ނަން:(Buffalo)
(ނިމުނީ)


www.fanvai.info