ދަރިފުޅު، މަންމަ ރޮއްވާލި ކުރެހުން
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެ ގޭގައި ތިބީ ތިން ކުދިންނެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އެކުދިންގެ މަންމައާއި ބައްޕަ ކޮންމެ ދުވަހަކު ވަޒީފާއަށް ދެ އެވެ. ދުވާލު ހަތަރު ދަމު ހެން އެ ދެމަފިރިން އުޅެނީ ގެއިން ބޭރުގަ އެވެ.
އާދައިގެ މަތިން އެއްރެއަކު، މަންމަ، ކުދިންގެ އަތަށް ކުރަހާ ފޮތާއި ކުލަ ފަންސުރު ދިނެވެ. އޭނާ ބަދިގެއަށް ވަދެ ކާބޯތަކެތި ތައްޔާރުކުރަންދެން ކޮންމެވެސް ކަމެއްގައި ކުދިން މަޝްޣޫލުކުރުވުމަށްޓަކަ އެވެ.
ރޭގަނޑުގެ ކެއުން ތައްޔާރުކުރުމަށްފަހު، ތަށްޓަކަށް ކާއެއްޗެހި އަޅައިގެން ގެއިން ބޭރަށް މަންމަ ނުކުތެވެ. އޭނާ ދިޔައީ ގެއާ ވަކިން ގޯތިތެރޭގައި ހަދާފައިވާ ކޮޓަރިއަކަށެވެ. އެކޮޓަރީގައި ވަނީ، އޭނާގެ މުސްކުޅި ބައްޕަ އެވެ.
އެނބުރި އައިސް ކުދިން ކުރެހި ކަރުދާސްތަކަށް މަންމަ ބަލާލި އެވެ.
އަންހެން ކުއްޖާ ކުރަހާފައިވަނީ ހެދުމާއި ރީތި ގަހަނާތަކެވެ. އެކުރެހުންތައް ވަރަށް ރީއްޗެވެ.
އެއާ ޖެހިގެން ހުރި ފިރިހެން ކުއްޖާ ކުރަހާފައިވަނީ އެކި ވައްތަރުގެ ކާރުތަކާއި މީހުންނެވެ. އެކުރެހުންތައް ވެސް ވަރަށް ރީއްޗެވެ.
އެންމެ ހަގު ކުއްޖާ ކުރަހާފައިވަނީ، ހަތަރެސްކަން ކޮޅިތަކެކެވެ. އެ ގޮޅިތައް އަތުރާލާފައި ވަނީ އެއްގޮޅި އަނެއް ގޮޅީގައި ޖެހިފައިވާ ގޮތަށެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި ވަކިން ގޮޅިއެއް ކުރަހާފައި ވެ އެވެ.
ހަގު ކުއްޖާގެ ކުރެހުމާމެދު މަންމަ ޙައިރާންވެ އަންތަރީސްވި އެވެ.
އޭނާ، އެކުއްޖާ ކުރެން އެހި އެވެ.
"ދަރިފުޅާ އެވެ! ދަރިފުޅު ކުރަހާފައި މިވަނީ ކޮންއެއްޗެއް ހެއްޔެވެ؟"
ދަރިފުޅު ބުންޏެވެ.
"ތިމަންނާ ކުރަހާފައި މިވަނީ، ތިމަންނާ ބޮޑުވުމުން ދިރިއުޅޭނެ ގެ އެވެ. މިއީ އެ ގޭގެ ތަޅުމުގެ ޗާޓެވެ."
އަނެއްކާވެސް އެހި އެވެ.
"ތަޅުމުގެ ޗާޓުގައި ގެއާ ވަކިން ދުރުގައި މިވާ ކުޑަ ގޮޅިއަކީ ކޮންތަނެއް ހެއްޔެވެ؟
ނިކަން ސީރިއަސްކަމާއެކު ދަރިފުޅު ޖަވާބުދިނެވެ.
"ތިމަންނާ މިގޭގައި ދިރިއުޅޭއިރު، މަންމަ ބައިންދާނީ ގެއާ ވަކިން ދުރުގައި ހަދާފައިވާ މި ކޮޓަރީގަ އެވެ. ތިމަންނާ ވެސް މަންމަ ގެންގުޅޭނީ، މަންމަ، ކާފަ ގެންގުޅޭހެން އެކަހެރިކޮށް މީހުނާ ދުރުގަ އެވެ."
ދަރިފުޅުގެ މި ޖަވާބު އިވުމުން މަންމަގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށި އެވެ. ބޭއިޚުތިޔާރުގައި އޭނާއަށް ރޮވިއްޖެ އެވެ. އަލިފާނެއް ފެނެއް ވަކިނުވާ ކުޑަ ކުޑަ ދަރިފުޅު އޭނާއަށް ދޭން ނިންމި ޖަޒާގެ ހިތިކަމުންނެވެ.
ކޮންމެއަކަސް، އެ ދަރިފުޅު ކުރެހި، ތަޅުމުގެ ޗާޓުން މަންމައަށް ޢިބްރަތެއް ޙާޞިލްވި އެވެ. ތިމާމެންގެ މައިންބަފައިންނާމެދު ތިމާމެން ކަންކުރާ ގޮތަށް، ތިމާމެންގެ ދަރީން، ތިމާމެންނާމެދު ކަންކުރާނެ ކަން، އެއިން އޭނާއަށް އެނގުނެވެ.
މަޞްދަރު:
އައްޟިޔާއުލް އިސްލާމީ.