އަދުގެ ޚާއްސަ

Print

މަށަށް ކޮން ކޮން ކުށެއްބާ...؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މަށަށް ކޮންކޮން ކުށެއްބާ އެންމެ ގިނައިން ކުރެވެމުންދާނީ؟


އާދަމް ނަޞީރު އިބްރާހީމް (2010)

     (މަޤުތޫލު)

މަށަށް ކޮންކޮން ކުށެއްބާ އެންމެ ގިނައިން ކުރެވެމުންދާނީ
    ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ

  ---------    ---------   ----------  



ވިކޭ މުދަލާ ލިބޭ މުދަލާ ހިނގާ ނުހިނގާ ޚަރަދު ބަރަދާ އެކީގާ   އަރަނި ދަރަނި ބަލާ
ދެކޭށޭ އެންމެ ރެޔަކު ނު ނިންމުނަސް ވިކުރާ ލިބޭ ގެއްލުން ވެވޭ އިހުމާލުގާ   ނުބަލާ
މި ކަން މި ގޮތަށް އެހެނިހެން ޢަމަލުތަކުގައި ނުހިމެނޭ ބާއޭ؟
ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ

އެ ގޭގައި ހުންނަ އެކުވެރިޔާގެ ރަޙްމަތެރި ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވާ އިރުގާ
މި ގޭ ކައިރީ ދެ ތިންގޭ މީހުނަށް ދީލަތިވުމުން  ތާރީފުތައް   ކުލުނުން އޮހޭ އިރުގާ
މަގޭ ހެޔޮ މައިންބަފައިންނަށް ޙައްޤު ޙުރުމަތް ލިބިދެވޭބާއޭ؟  
ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ

ކޮބައިހޭ މާދަމާ ދައްކަން ދަރަންޏަށް ނެގުނު ފައިސާ ކޮޅު އަދާކޮށްލަން  ހަނދާންވޭހޭ؟
ކޮބައިހޭ އަންނަ މަހު ދޭން ބުނި އުޖޫރަ އެ މީހުނަށް އަދިވެސް ދެވޭނޭ ވަގުތު ނާދޭހޭ؟  
މި ބާވަތު ކޮންމެ ކަމަކުން އަޅުގެ ނަފުސު ބަރީއަވޭ ބާއޭ؟
ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ    
    ފަހުން މަންފާ ކުރާނީ

ނަމާދަށް ވެސް މަ އަރަމޭ، ފަރުޟު ވާޖިބު ސުންނަތާއި ޙަރާމް ޙަލާލު ދުލުން ބަޔާން ކުރަމޭ
ނަމާ އަބުރާ ކަރާމާތް ކޮންމެ މުސްލިމަކަށް މިދީން ލިބިދޭ ކަމާމެދު     އިޢުތިރާފު ވަމޭ  
ނަމާދުން ފޭބުމާއެކު އަނެކުނަށް ބަދު ބަސް ގޮވޭ ބާއޭ؟
ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ

ލޮލެއް ސީދާވި ކަތި ނަޒަރުން ހިތަށް ލިބި ދިން އެ ވާސްވާސްހުގެ ތެރޭގައި    ބަދަލުވީ ބެލުމާ  
ދުލުން ބުނި ބަސްތަކާ އެ ފަހުން އަމަލު ގުޅިގެން ނުހުއްދަ މަގުން އުފާ ދިން ޝައުޤުވެރި ހުނުމާ
މަލެއް މީހެއްގެ ގަހަކުން ފެނިލިޔަސް ހިތް ދޫވަނީބާއޭ؟
ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ


ހަވާލުވެވޭ މަސައްކަތް ނިންމުމީ އަހަރެންގެ ޒިންމާއޭ ޔަޤީނޭ އޭގެ ފުރުޞަތުގާ
ސުވާލު ވެވޭ އަމާނާތޭ އެއީ ޝައްކެއްނެތޭ މާދަން ހިސާބުގެ ޢަދުލުވެރި ބިމުގާ
ދުވާލާ ރޭގަނޑުގެ ވާޖިބުތަކަށް ފަރުވާ ވެވޭ ބާއޭ؟  
ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ

އަވަށްޓެރިޔާގެ ޙައްޤަށް ނުބެލުނީތީ  ހާދަ އަޅުވެރި އަންހެނަކު ގެއްލެނި ވެގެންދިޔައޭ
ވަރަށް ކުޑަ ބުޅަލަކާ މެދުގާ އިހާނެތި ވެވުނަތީ ވެސް، އެ ފަދަ ހޫނާ ވޭނުގާ އެނދިއޭ
ވަރަށް ކުދިފާފައޭ ހީކޮށް ކުށެއް ކުރެވެން އެބޮތްބާއޭ؟
ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ
---------------------
10/10/16


މި ލިޔުން:

    ޓައިޕްކުރުން:  އާދަމް ނަޞީރު އިބްރާހީމް
    އަލުން ބެލުން:   ''         ''
    ޝާއިޢުކުރުން:   ''         ''


ނޯޓު:
    މިއީ ތަފާތު ވަޒަނެއްގެ ޅެމެކެވެ. ހަމަ ޖެހިފައިވާ ގޮތުންނަމަ، މި ޅެމަށް ރާގު ހައްދަވާނީ އަލްފާޟިލް ޢަލީ ރަމީޒެވެ. ކިޔުއްވާނީ އަލްފާޟިލް ޢަބްދުލްބާރީ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ