Print

އަމިއްލައަށް މަރުވުމަށް ޤަޞްދުކޮށްފީމެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އަމިއްލައަށް މަރުވުމަށް ޤަޞްދުކޮށްފީމެވެ. ޙަޔާތުގައި ވަނީ މުޅިން ވެސް މައްސަލަ އެވެ. ބަރުދާސްތުކުރަން ދަތި ވޭނާއި ކެކުޅުމެވެ. އެޔަކަށް އެއްވެސް ޙައްލެއް ނުލިބުނެވެ. އެޔާއެކު ދިރިއުޅެވޭނެ މަގެއް ވެސް ނުފެނުނެވެ. އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް މަރުވުމެވެ.

އަހަރެން ދިރިއުޅެނީ ހަތްވަނަ ފަންގިފިލާގަ އެވެ.
މިފަންގިފިލާގެ ކޮންމެ ކުޑަދޮރަކުން ފުންމާލިޔަސް މަރު ވާނެ އެވެ.
ބިމާހަމައަށް ވާޞިލްވާއިރު ވާނީ ވާނެ އެއްޗެއް ވެ ނިމިފަ އެވެ.
ނަމަވެސް މަރުވުމުގެ ކުރިން ބަލަން ބޭނުންވާ އެއްޗެއް ވެ އެވެ.
އެއީ، އަހަރެން ދިރިއުޅޭ ފަންގިފިލައާއި ބިމާ ދެމެދުގައިވާ އުސްމިނެވެ.
މަރުވުމުގެ ކުރިން މި ދެމެދުގައިވާ އުސްމިން ބަލަން ބޭނުމެވެ.

ދެން އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ކުޑަދޮރެއްގައި ވަލެއް އެއްސި އެވެ.
އެވަލުގައި ހިފަހައްޓައިގެން މިންއަޅަމުން ތިރިއަށް ފައިބަންފެށި އެވެ.
އޭނާއަކީ ހާދަހާ ތަންދޮރު ނުދަންނަ މީހެކެވެ!
މީހުން ދިރިއުޅޭ ޢިމާރާތްތަކުގެ ފަންގިފިލާތަކަށް ވެސް މަރުމޯލެކެވެ!
އެ ފަންގިފިލަތައް ހަދަނީ އެއް އުސްމިނެއްގައި ކަން ވެސް ނުދަންނަ ޖާހިލެކެވެ!

ކޮންމެއަކަސް ވަލުގައި އެލިގެން އޭނާ ހަވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބި އެވެ.

       އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ދެމަފިރިއެކެވެ.
       އުފާފާގަތިކަންމަތީ ދިރިއުޅެމުންދާ ކަމަށް މަޝްހޫރު ދެމަފިރިއެކެވެ.
       ނަމަވެސް އޭނާއަށް ފެނުނީ، އެދެމަފިރިން ޒުވާބުކުރާ މަންޒަރެވެ.
       ދެބަސްވެ ތަޅާފޮޅާ މަންޒަރެވެ.
       އޭނާގެ ހިތަށް އެރި އެވެ.
       މި ދެމަފިރިންނާ ކުރިމަތިވެފައިވާ މައްސަލަތައް ހާދަހާ ގިނަގުނަ އެވެ!
       މި ދެމަފިރިންނަކު ދުވަހަކު ވެސް އުފާވެރި ދިރިއުޅުމެއް ދުށްކަމަކަށް ނުވޭތާ އެވެ!

ދެން އޭނާ ފަސްވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބި އެވެ.

       އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ޒުވާނެކެވެ.
       އެއީ އަބަދުވެސް ހީނ ސަމާސާކޮށް އުޅޭ ޒުވާނެކެވެ.
       ނަމަވެސް އޭނާ އެއިނީ އަޑުން އަޑުނަގައި ރޯށެވެ.
       އޭނާގެ ދެލޮލުން ހޯސްލާފައި ފައިބަމުން އެދަނީ ކަރުނައިގެ ސައިލެކެވެ.
       ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ!
       އެ ޒުވާނާ އެވަރަށް ހިތާމަކުރަމުން އެދަނީ ކަމެއް ނެތިއެއް ނޫނެވެ.
       އޭނާއާ ކުރިމަތިވެފައިވާ މައްސަލަތަކެއްގެ ބޮޑުކަމުންނެވެ.

ދެން އޭނާ ހަތަރުވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބި އެވެ.

       އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ އަންހެނެކެވެ.
       ދުޅަހެޔޮކަމަށާއި ހީވާގިކަމަށް އެންމެން ގަބޫލުކުރާ އަންހެނެކެވެ.
       ނަމަވެސް އޭނާ އެއިނީ ބޭސްތަކެއް ކެއުމުގައި މަޝްޣޫލުވެގެންނެވެ.
       އޭނާގެ ކައިރީގައިވާ މޭޒުމަތީގައި އެކި ބާވަތްބާވަތުގެ ބޭސްތައް ހުއްޓެވެ.
       ގޭގައި ލާ ހެދުން ލައިގެން އިންނައިރު، ހާދަހާ ބަލިކަށި އަންހެނެކެވެ.
       މޫނުމަތިން ވެސް ބަލިމީހެއްކަން މިއެނގެނީ މޭކަޕްނުކޮށް އިންނައިރުތާ އެވެ!
       މި އަންހެންމީހާ ދިރިއުޅެމުން މިގެންދަނީ ހާދަހާ ވޭނީ ދިރިއުޅުމެކެވެ!

ދެން އޭނާ ތިންވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބި އެވެ.

       އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ އިންޖިނޭރެކެވެ.
       މި އިންޖިނޭރު ދަސްވެނިވި ފަހުން ފަސްއަހަރު ދުވަސް ވެއްޖެ އެވެ.
       ކޮންމެ ދުވަހަކު އޭނާ ހައެއްކަ ނޫސްގަނެގެން ދާތަން ފެނެ އެވެ.
       އޭނާ ނޫސް ގަންނަނީ ކޮން ބޭނުމަކުކަން މިއެނގުނީ މިއަދުތާ އެވެ!
       އޭނާ އެއިނީ ހުސްވަޒީފާތަކުގެ ޞަފުޙާތައް ވަކިކޮށްގެން އޭގެތެރެއަށް ގެއްލިފަ އެވެ.
       ކަންބޮޑުވެ ހާސްވެފައިވާ ޙާލު، އޭނާއަށް އަދާކުރެވިދާނެ ވަޒީފާއެއް ލިބޭތޯ އެވެ!

ދެން އޭނާ ދެވަނަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބި އެވެ.

       އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ހިތްވަރުގަދަ މުސްކުޅިއެކެވެ.
       އެ ބޭބެ އަބަދުމެ ހުންނަނީ އުފާފާގަތިކަންމަތީ ހިނިތުންވެފަ އެވެ.
       ނަމަވެސް އޭނާ ގޭތެރޭގައި އެއިނީ ފުން ހިތާމައެއްގެ ތެރަށް ގެއްލިފަ އެވެ.
       އޭނާ ބާލިޣުވެ ބޮޑުވެފައިވާ ހަތަރު އަންހެން ކުދިންގެ ބައްޕައެކެވެ.
       އޭނާ ހިތާމަކުރަމުން އެދަނީ، އެއިން ކުއްޖަކާ އިންނާނެ މީހަކު ނުވެގެންނެވެ.
       އެ ހަތަރު އަންހެން ކުދީންގެ ވިޔާނުދާ ދިރިއުޅުމާމެދު އެ ބައްޕަ ކުރާ ހިތާމަ ވަކީން ބޮޑެވެ!

ދެން އޭނާ ފުރަތަމަ ފަންގިފިލާގެ ތަޅުމާ ހަމައަށް ފޭބި އެވެ.

       އެހިނދު އޭނާއަށް ފެނުނީ، މި ޢިމާރާތުގައި ދިރިއުޅޭ ހިތްހެޔޮ އަވަށްޓެރިއެކެވެ.
       އެއީ ބުރުސޫރަ ރީތި ޒުވާން އަންހެނެކެވެ.
       އަންހެން ވަންތަކަމުގެ ހުރިހައި މާނައެއް އޭނާގެ ކިބައިގައި ވެ އެވެ.
       ނަމަވެސް އޭނާ އެއިނީ އެކަނިމާ އެކަނި ބޭޤަރާރުވެފަ އެވެ.
       އެސްފިޔަ ޖަހާލުމެއް ނެތި، ކުރިމަތީގައިވާ ފޮޓޯއަކަށް ބަލަހައްޓައިގެންނެވެ.
       އެއީ، މީގެ ތިންއަހަރު ކުރިން މަރުވެފައިވާ އޭނާގެ ޒުވާން ފިރިމީހާގެ ފޮޓޯ އެވެ!

މިހިސާބަށް ވާޞިލުވެވުމުން، އަމިއްލައަށް މަރުވުމަށް ޤަޞްދުކުރި ޒުވާނާ މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރި އެވެ. އަމިއްލައަށް މަރުވުމުގެ ކުރިން އޭނާއަށް އެހެން މީހުންގެ ދިރިއުޅުން ދެއްކެވީތީ އެވެ. އޭނާގެ ޙަޔާތުގައިވާ މައްސަލަތަކަށްވުރެ މާބޮޑެތި، މާގިނަގުނަ މައްސަލަތައް އެހެން މީހުންގެ ޙަޔާތުގައި ވާކަން އެންގެވީތީ އެވެ. އަދި އެއިން އޭނާގެ ހިތަށް ޢިބްރަތެއް އެކަލާނގެ ވެއްދެވީތީ އެވެ.

ދެން އޭނާ ވަލުގައި އެލިގެން މަޑުމަޑުން ބިމަށް ފޭބި އެވެ... ހަމަބިމަށް ފޭބުނުއިރު، އޭނާގެ ޙަޔާތަކީ، އުފަލުން ފޮޅެމުންދާ ފިނިފެން މަލެއްކަން ޔަޤީންވެއްޖެ އެވެ! އޭނާގެ ޙަޔާތުގައި، އަމިއްލައަށް މަރުވާންވީ އެއްވެސް ސަބަބެއް ނެތްކަން ވެސް ކަށަވަރުވެއްޖެ އެވެ!


މަޞްދަރު:
އައްޟިޔާއުލް އިސްލާމީ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ