އަދުގެ ޚާއްސަ

Print

ކަލޭގެފާނު މާ މޮޅުފުޅެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


އަނީސް މަންޞޫރު

ކޮމިއުނިސްޓް ގައުމުތަކުން ނެރޭ ފޮތްތައް ކިޔުމަކީ އަޅުގަނޑު ނުހަނު ޝައުޤުވެރިކަމާއެކު ކުރާ ކަމެކެވެ. އެހެނީ އެ ފޮތްތަކުގެ ދޭހަ ފަސޭހަ އެވެ. އެންމެ ކުޑަކޮށް ތަންދޮރު ދަންނަ މީހާއަށް ވެސް އޭގައިވާ އެއްޗެއް ފަހުމްވާނެ އެވެ. ފަސޭހަ ލަފުޒުތަކުން، ނުހަނު އެދެވޭ މާނަތައް ގެނެސްދީފައިވާތީ އެވެ. އެއާމެދު ވިސްނާ ފިކުރުކޮށް ހަދަމެވެ. ކޮމިއުނިސްޓް ގައުމުތަކުގެ މުފައްކިރުންނަކީ ދޭހަކޮށްދިނުމުގެ ފަންނުގައި ފުންނާބު އުސް ބަޔެއްކަން އެއިން އެނގެ އެވެ.

ހިއުމަން ސައިންސްގެ ރޮނގުން ލިޔެފައި ހުންނަ ލިޔުންތަކަށް އަޅުގަނޑު ލޯބިކުރަމެވެ. އަޅުގަނޑުގެ ތަޚައްޞުޞަކީ ފަލްސަފާ އެވެ. އަޅުގަނޑުގެ ފިކުރު އެހެން މީހުންނަށް ދޭހަ ނުވެދާނެ ކަމުގެ އިޙުސާސް އަބަދުވެސް ކުރެވެ އެވެ. އެކަމާމެދު ބިރުވެތިވަމެވެ. އަޅުގަނޑު ލިޔާ މަޒުމޫނުތައް ދޮރުވާނު އަތަށް ދެމެވެ. އޭނާ އެ ކިއުމަށްފަހު ދޭހަ ނުވާކަމަށް ވަރަށް ގިނަފަހަރު ބުނެ އެވެ. މިކަމަކީ، އަޅުގަނޑުގެ ދެރަކަމުން ނުވަތަ އޭނާގެ ޖާހިލުކަމުން ވާކަމެއް ނޫނެވެ. ނަމަވެސް މައުޟޫޢުތަކުގެ ގޮތުން ވާކަމެކެވެ. އެއީ ދޭހަކޮށްދިނުމަށް ނުހަނު އުނދަގޫ މައުޟޫޢުތަކެކެވެ. އާދައިގެ ބަހަށް ތިލަކުރުމަށްޓަކައި ވަގުތާއި މަސައްކަތް ބޭނުންވެ އެވެ. އެކަމަށްޓަކައި މަސައްކަތްކުރާއިރު، ބައެއް ފަހަރު ބުއްދީގެ ދުވެލި ވެސް ހުއްޓެ އެވެ. ކުރިމަތިވާ ކަންތައްތައް ބުއްދިއާ ނުބައްދަލުކަމުންނެވެ.

އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމެއް ނާސާއިން ކުރަމުން އެބަގެންދެ އެވެ. އެ އިދާރާއިން ހޯދާ ސައިންޓިފިކް ހޯދުންތައް ކުޑަކުދިންނާއި ޒުވާނުންނަށް ފަހުމްވާ ވަރަށް ތިލަކޮށްގެން އެބަ ގެނެސްދެ އެވެ. ކުޑަކުދިންނަށް އެފަރާތުން އެ މަޢުލޫމާތު ގެނެސްދޭ ގޮތް ވަރަށް ވެސް ފުރިހަމަ އެވެ.

ކުޑަކުދިންނަށް ޚާއްޞަ އުސްލޫބެއް ވެ އެވެ.
ބޮޑެތި މީހުންނަށް ޚާއްޞަ އުސްލޫބެއް ވެ އެވެ.
މުތަޚައްޞިޞުންނަށް ވަކި އުސްލޫބެއް ވެ އެވެ.
ޢާއްމުންނަށް ވަކި އުސްލޫބެއް ވެ އެވެ.

ކުޑަކުދިންނަށް ދޭހަވާވަރަށް ބޮޑެތި މައްސަލަތައް ތިލަކޮށްދިނުމުގެ ޤާބިލްކަމާއި ތޫނުފިލިކަން ލިބިފައިވަނީ މަދު ބަޔަކަށެވެ. އޭގެތެރޭގައި ސިޔާސީ ލީޑަރުންނާއީ ކިޔަވާދެއްވާ އެދުރުންނާއި ދީނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވަ އެވެ. ފަހުމްކޮށް ދެނެގަތުމަށް އުނދަގޫ މައްސަލަތައް ތިލަކޮށް، އެބޭކަލުން އެ މައްސަލަތައް ކުޑަކުދިންނަށް ވެސް ދޭހަވާނެހެން ވިދާޅުވެދެއްވާތަން ފެނެ އެވެ. މުޙައްޤިޤުންނާއި ޢާލިމުންނާއި އެދުރުން ވާހަކަ ދައްކަވަންވާނީ އެބޭކަލުންގެ ބުއްދިތަކަށް ދޭހަވާ ދަރަޖައިގައެއް ނޫނެވެ. އެކަމަކު އެހެން މީހުންގެ ބުއްދިއަށް ދޭހަވާ ދަރަޖައަށް ތިލަކުރައްވައިގެންނެވެ.

ރިވާވެފައިވެ އެވެ. ކީރިތި ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހަށް މީހަކު ގޮސް ދެންނެވި އެވެ. ތިމަންނައަށް ސުވަރުގެ ސިފަކޮށްދެއްވަ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވީ، މޭވާއާއި ކަދުރާއި އަދި އަންނާރު ސުވަރުގޭގައި ވާ ކަމަށެވެ.

އެހެން މީހަކު ގޮސް ދެންނެވި އެވެ. ތިމަންނާއަށް ސުވަރުގެ ސިފަކޮށްދެއްވަ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވީ، ކަށި ނެތް ކުންނާރު ގަހާއި، ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކާއި،އުފުލިގެންވާ ދާންތަކާއި، ބެހެއްޓިގެންވާ ތަށިތައް، ސުވަރުގޭގައިވާ ކަމަށެވެ.

އަދި ތިންވަނަ މީހަކު ގޮސް ދެންނެވި އެވެ. ތިމަންނާއަށް ސުވަރުގެ ސިފަކޮށްދެއްވަ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވީ، ނަފުސުތަކަށް އަރާމު ލިއްބައިދޭ ކަންތައްތަކާއި ލޯތަކަށް ފޮނިކަން ލިބޭ ކަންތައްތައް ސުވަރުގޭގައި ވާ ކަމަށެވެ.

އެއަށްފަހު ހަތަރުވަނަ މީހަކު ގޮސް ދެންނެވި އެވެ. ތިމަންނާއަށް ސުވަރުގެ ސިފަކޮށްދެއްވަ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވީ، ލޮލަކަށް ފެނިފައި ނުވާ (ޗާލު) މަންޒަރުތަކާއި، ކަންފަތަކަށް އިވިފައި ނުވާ (ރީތި) އަޑުތަކާއި، މީހެއްގެ ހިތަށް ތަޞައްވުރު ކުރެވިފައިނުވާ ކަންތައްތައް ސުވަރުގޭގައި ވާ ކަމަށެވެ.

ދެން އައިސްތުގެފާނު ދެންނެވި އެވެ.
ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު އެކިގޮތަށް އެކިމީހުންނަށް ސުވަރުގެ ސިފަކޮށްދެއްވަނީ ކީއްވެތޯ އެވެ؟

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވީ، މީސްތަކުންގެ ބުއްދިއަށް ދޭހަވާ ވަރަށް (ތިލަކޮށް) މީސްތަކުންނާ މުޚާޠަބުކުރެއްވުމަށް، ތިމަންކަލޭގެފާނަށް އަމުރުކުރެއްވިގެންވާ ކަމަށެވެ.

މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނުގެ މޮޅުފުޅުކަމީ، އެފަދައިން މީސްތަކުންނާ މުޚާޠަބުކުރެއްވި ކަމެވެ. ކޮމިއުނިސްޓް ޤައުމުތަކުގެ މުފައްކިރުންނަށްވުރެ، ދޭހަކޮށްދިނުމުގެ ފަންނަށް ވެސް ކަލޭގެފާނު މާ މޮޅުފުޅެވެ!


މަޞްދަރު:
އައްޝަރުޤުލް އައުސަޠު ނޫސް

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ހަމަމިގަލަމުން

އިދާރާ

ވާހަކަ