އަދުގެ ޚާއްސަ

Print

ނުކުތާތަކެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ތަނަވަސްކަމުގެ ދަޅައިގައި ނުޖެހޭށެވެ!
ޤާރޫނު އަވަދިކޮށްލީ އޭނާގެ ތަނަވަސްކަމެވެ.
ޙާލަތާމެދު ބޮޑާ ނުވާށެވެ!
ޙައްލާޖު ޤަތުލުކޮށްލީ އޭނާގެ ޙާލަތެވެ.

މަޤާމާއި ޤަދަރަށް ބަރޯސާ ނުވާށެވެ!
ފިރުޢައުނު ތިރިކޮށްލީ އޭނާގެ މަޤާމެވެ.
އަބޫ ޖަހުލު ނަރަކައަށް ވައްޓާލީ އޭނާގެ ޤަދަރެވެ.
އަބޫ ލަހަބު އަންދާލީ އޭނާގެ ޒަޢީމު ކަމުގެ އަލިފާނެވެ.

ހަށިކޮޅުގެ ކަޅުކުލަ، ބިލާލުގެފާނަށް ގެއްލުމެއް ނުދިނެވެ. އެކަލޭގެފާނުގެ ހިތްޕުޅު ސާފެވެ.
ޢަޖަމީ ނަސަބު، ސަލްމާނުލް ފާރިސީގެފާނު ފަހެއް ނުކުރި އެވެ. ޢަރަބި ނަބިއްޔާއާ އެކަލޭގެފާނު ތަބާވެވަޑައިގެންނެވި އެވެ.
ފަޤީރުކަން، އިބްނު މަސްޢޫދުގެފާނު ކަސްތޮޅެއް ނޭޅި އެވެ. އެކަލޭގެފާނުގެ ހިތްޕުޅު މުއްސަންޖެވެ.
ހެޔޮކަމުން ޒައްރެއް ވެސް އަބޫ ޒައްރުގެފާނަށް އުންޏެއް ނުވި އެވެ. ޔަޤީންކަމުގެ ފަރުބަދަތައް އެކަލޭގެފާނުގެ މޭފުޅުގައިވި އެވެ.

އަރަހުށި މާތް ﷲ ގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާއެވެ!
ތިބާ އެކަލާނގެ ހަނދުމަކޮށް ޒިކުރުކޮށްފިނަމަ، މަތިވެރިކުރައްވަ އެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ޝުކުރުކޮށްފިނަމަ، އިތުރުކުރައްވަ އެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފިނަމަ، ފުއްދަވައިދެއްވަ އެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ދަންނަވައިފިނަމަ، ހިންމަވައިދެއްވަ އެވެ.
ތިބާ އެކަލާނގެ ޙިމާޔަތަށް އުންމީދުކޮށްފިނަމަ، ރައްކާތެރިކުރައްވަ އެވެ.

މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެ ތަވާޟުޢުވެރިވުން، ކިސްރާގެ ރަސްކަމަށްވުރެ މާމޮޅެވެ.
އެކަލާނގެ ޙަޟުރަތަށް ތިރިވެ ސަޖިދަކުރުން، ޤައިޞަރުގެ ޢިއްޒަތަށްވުރެ މާމަތިވެރި އެވެ.

އީމާންކަމުން ހިތް ބިނާކުރާށެވެ!
ޔަޤީންކަމުން ހިތް އާރާސްތުކުރާށެވެ!
އޭރުން ރަސްރަސްކަލުންގެ ގަނޑުވަރުތަކަށް ހިތެއް ނުކިޔާނެ އެވެ!!!

މާތް ﷲ ހިންޏެއް ހަލާކުރައްވަން އެދިވޮޑިގެންފިނަމަ، އޭގައި ފިޔަ ލައްވަ އެވެ.
ފަންޏެއް ނެއްތަވައިލައްވަން އެދިވޮޑިގެންފިނަމަ، އެއަށް އުފާފާގަތިކަން ދެއްވަ އެވެ.

ބަކަރީގެ މަރު ވަނީ އޭގެ ނިޔަފަތީގަ އެވެ.
ހަރުފައިގެ ދިރުން ވަނީ އޭގެ ވިހައިގަ އެވެ.

މިންވަރުފުޅަށް އީމާންވާށެވެ! މަނާކުރައްވާފައިވާ ކަންތައްތައް ދޫކޮށްލާށެވެ! މިންވަރުފުޅަށް އުޒުރުވެރިވާނެ ޖާގައެއް ނެތެވެ. މިންވަރުކުރައްވާފައިވަނީ، ތިމާގެ ޤަޞްދަކާ ނުލައި ކުރިމަތިވާ ކަންތައްތަކެވެ. ތިމާ މީހާ ޤަޞްދުގައި ހޯދައިގަންނަ ކަންތައްތަކަށް ޒިންމާދާރުވާން ޖެހޭނެ އެވެ.

ފާފަކުރުމުގައި ޖަބަރީއަކަށް ނުވާށެވެ!
ކިޔަމަންގަތުމުގައި ޤަދަރީއަކަށް ނުވާށެވެ!
ނުކުތުމުގައި ޚަވާރިޖީއަކަށް ނުވާށެވެ!
ނަފުސާއެކު މުރުޖިއީއަކަށް ނުވާށެވެ!
މިތުންނާއެކު ގުޅުން ކަނޑާލާ މީހަކަށް ނުވާށެވެ!

ނަމަވެސް ...
އަނެކުންގެ ޙައްޤުތައް ދިނުމުގައި އަގުހުރި މީހަކަށް ވާށެވެ!
ދުޝްމަނުކަން ދޫކޮށްލާށެވެ!
ތިމާއަށް އެހެން މީހުން މަދަޙަކިޔަ ނުދޭށެވެ! އެއީ ނަފުސަށް ދެރަ އެއްޗެކެވެ.
ޝައިޠާނާގެ ވަސްވާހުގެ މައްޗަށް ތައުޙީދުގެ އައްޑަނައިން އީމާންކަން ގަދަކޮށް ދަމަހައްޓާށެވެ!

އެދުންވެރިކަން ފުނޑުފުނޑުކޮށްލާށެވެ! ޙައްޤުގޮތުގައި މެނުވީ އޭގެ ރަހަނުބަލާށެވެ!
ހެޔޮ ޢަމަލުތައް ކުރަމުން ގޮވާލާށެވެ!
"ޤުރުބާންކުރަމާ ހިނގާށެވެ! މާތް ﷲ އެތަކެތި ޤަބޫލުކުރައްވާށި އެވެ!"

ދުންޔަވީ މުޞީބާތްތައް ކުރިމަތިވާ ހިނދު، ޙަންބަލީއަކަށް ވާށެވެ!
އަޅުކަންކުރުމުގެ މަންހަޖުގައި ސުންނީއަކަށް ވާށެވެ!
އިބްނު އަބޫދާވޫދުގެ ބިދުޢައަށް ދުރާއި ގާތުން ޖާގައެއް ނުދޭށެވެ!
އޭނާގެ މިތުރުންގެ މަގަކުން މަގުފުރެދިގެން ވެސް ނުދާށެވެ!


މަޞްދަރު:
http://books.google.mv

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

<><><>

ޤާރޫނު: މީނާއަކީ މޫސާގެފާނުގެ ޒަމާނުގައި އުޅުނު ބަނީއިސްރާއީލު ބާގައިގެ މަހުޖަނެކެވެ.

ޙައްލާޖު: މީނާއަކީ ޞޫފީންގެ އިމާމެކެވެ. މީނާ ޤަތުލުކުރަން ޖެހުނީ "ތިމަންނާގެ ޖުއްބާ ތެރޭގައި މާތް ﷲ ފިޔަވައި އެހެން ފަރާތެއް ނެތް ކަމަށް" މީނާ ދަޢުވާކުރުމުންނެވެ.

އަބޫ ޖަހުލު: މީނާއަކީ، ޢަމްރު ބިން ހިޝާމު ބިން އަލްމުޣީރާ ބިން ޢަބްދު ﷲ ބިން ޢުމަރު ބިން މަޚުޒޫމެވެ. މީނާއަކީ ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާ، ވަރަށް ބޮޑަށް ދުޝްމަނުވެގެން އުޅުނު ނުލަފާ މީހެކެވެ. މީނާއަށް "އަބޫޖަހުލު" ގެ ވަނަން ދެއްވީ އިތުރު އެކަލޭގެފާނެވެ.

އަބޫ ލަހަބު: މީނާއަކީ، ޢަބްދުލްޢުއްޒާ ބިން ޢަބްދުލް މުއްޠަލިބެވެ. ނަސަބުގެ ގޮތުން މީނާއަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ބޮޑުބޭބޭ ފުޅެކެވެ. މީނާއަށް "އަބޫލަހަބު" ގެ ލަޤަބު ދެވިފައިވަނީ، މީނާގެ މޫނުގެ އަލިކަމާއި އުޖާލާކަމަށްޓަކަ އެވެ.

ސަލްމާނުލް ފާރިސީގެފާނު: މިކަލޭގެފާނަކީ، ފާރިސްކަރައިގެ ބޭކަލެކެވެ. މިކަލޭގެފާނަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މާތް އަޞްޙާބު ބޭކަލެކެވެ. ތެދުމަގު ހޯއްދެވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރެއްވި އެވެ. ދީންތަކުގެ ޙަޤީޤަތް ހޯއްދަވައި، އިސްލާމްދީނަކީ ޙައްޤު ދީންކަން އެނގިވަޑައިގަތުމުން، މި މާތް ދީނަށް ވެދެވަޑައިގަތެވެ.

ބިލާލުގެފާނު: މިކަލޭގެފާނަކީ، ބިލާލު ބިން ރަބާޙާ އެވެ. އެފްރިކާ ނަސްލުގެ ބޭކަލެކެވެ. ހަށިކޮޅުގެ ކުލަ ކަޅެވެ. އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރިން، މިކަލޭގެފާނު ޤުރައިޝު ވަންހައިގައި ދިރިއުޅުއްވީ އަޅެއްގެ ގޮތުގަ އެވެ. ސާހިބަކީ އުމައްޔަތު ބިން ޚަލަފެވެ. މިކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން، ނުހަނު ގިނަ އަނިޔާ، މިކަލޭގެފާނަށް ސާހިބުމީހާގެ ފުށުން ލިބިވަޑައިގަތެވެ. އެ އަނިޔާއަށް ކެތްތެރިވެވަޑައިގެން، މާތް ﷲ ގެ އެއްކައުވަންތަކަމުގެ ޝިޢާރު މިކަލޭގެފާނު އުފުއްލެވި އެވެ. މިކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ، އަޑުފުޅު ރީތި ބޭކަލެއްގެ ގޮތުގަ އެވެ. ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ބަންގީގެ އަޑު އުފުއްލަވާ މުއައްޛިނުގެ މަޤާމަށް މިކަލޭގެފާނު އިސްކުރެއްވި އެވެ.

އިބްނު މަސްޢޫދުގެފާނު: މިކަލޭގެފާނަކީ، ޢަބްދު ﷲ ބިން މަސްޢޫދު ބިން ޣާފިލު ބިން ޙަބީބުލް ހުޒަލީ އެވެ. މިކަލޭގެފާނަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މާތް އަޞްޙާބު ބޭކަލުންގެ ތެރެއިން ޢިލްމުވެރިކަމަށް އަރާހުންނެވި ބޭކަލެކެވެ. އެންމެ ފުރަތަމަ، ހަރުއަޑުން ފާޅުގައި ކީރިތި ޤުރުއާން ކިޔަވާވިދާޅުވާން ފެށްޓެވީ މިކަލޭގެފާނު ކަމަށް ރިވާވެފައިވެ އެވެ.

އަބޫޒައްރުގެފާނު: މިކަލޭގެފާނަކީ، ޖުންދުބް ބިން ޖުނާދަތުލް ޣަފާރީ އެވެ. ފަސްވަނައަށް އިސްލާމްދީނަށް ވެދެވަޑައިގަތީ މިކަލޭގެފާނު ކަމަށް ބުނެވެ އެވެ. ޒާހިދުކަމާއި ތެދުވެރިކަމާއި ޢިލްމުވެރިކަމުގައި ފުންނާބު އުސް ބޭކަލެކެވެ. ޢިލްމާ އެއްގޮތަށް ޢަމަލުފުޅުތައް ބެހެއްޓެވީ، މީހަކު ކޮށްފާނެ މަލާމާތަކަށް ބެއްލެވުމެއް ނެތި އެވެ.

ޖަބަރީން: މިއީ މަގުފުރެދިފައިވާ ފަލްސަފީ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ އަހުލުވެރިން ބުނާ ގޮތުގައި، އަޅުތަކުން ކުރާ ޢަމަލުތައް އެއުރެން ކުރަނީ މަޖުބޫރީ ޙާލަތެއްގަ އެވެ.

ޤަދަރީން: މިއީ މަގުފުރެދިފައިވާ ފަލްސަފީ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ އަހުލުވެރިން މިންވަރުފުޅު މާނަކުރަނީ ކުށް މަފުހޫމުތަކަކުންނެވެ. އަޅުތަކުން ކުރާ ޢަމަލުތައް އެއުރެން ކުރަނީ އެމީހުންގެ އަމިއްލަ އިޚުތިޔާރާއި ބާރުގައި ކަމަށް މިބައިމީހުން ބުނެ އެވެ. އަދި އަޅުތަކުންގެ ޢަމަލުތައް  މާތް ﷲ އިސްވެ ދެނެވޮޑިގެން ނުވާކަމަށް ވެސް ބުނެ އެވެ.

ޚަވާރިޖީން: މިއީ މަގުފުރެދިފައިވާ ދީނީ ޖަމާޢަތެކެވެ. މިޖަމާޢަތް ފާޅުވީ ޢަލީގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި އުފެދުނު ސިޔާސީ ބައިބައިވުންތަކުގެ ތެރޭގަ އެވެ. މި ޖަމާޢަތުގެ މީހުންގެ ނަޒަރުގައި ބޮޑު ފާފައެއް ކޮށްފި މީހާއަކީ ކާފިރެކެވެ. އަދި އެމީހާއަކީ، ދާއިމަށް ނަރަކައިގައި ދެމިހުންނާނޭ މީހެއް ކަމަށް ވެސް ބުނެ އެވެ. މުސްލިމުންގެ ވެރިންނާ ދެކޮޅަށް ނުކުތުމަކީ މިޖަމާޢަތުގެ އަހުލުވެރިންގެ ޚާއްޞަ ސިފައެކެވެ.

މުރުޖިއީން: މިއީ، ބޮޑު ފާފަކުރާ މީހާއާމެދު ޚަވާރިޖުން ދެކޭ ގޮތާ ދެކޮޅު ހަދާ ޖަމާޢަތެކެވެ. މިމީހުންނަކީ ބަސްބުނުން ކުރިޔަށް ނެރެ، ޢަމަލުކުރުން ފަސްކުރާ ބަޔެކެވެ. މިމީހުން ބުނާގޮތުގައި، އީމާންވެގެން ހުރި މީހަކު ކުރާ ފާފައަކުން އޭނާއަކަށް ގެއްލުމެއް ނެތެވެ. މި ޖަމާޢަތުގެ ފިކުރަކީ، ފާފަކުރުމަށް ހިތްވަރުދޭ ފިކުރެކެވެ.

"މުޞީބާތްތައް ކުރިމަތިވާ ހިނދު، ޙަންބަލީއަކަށް ވާށެވެ!" މިހެން ބުނަނީ، އިމާމު އަޙުމަދަށް ކުރެވުނު ގިނަގުނަ އަނިޔާތަކަށް އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެންފައި ވާތީ އެވެ. މިބަހުގެ ދޭހައަކީ، އިމާމު އަޙުމަދު ފަދައިން މުޞީބާތްތަކަށް ކެތްކުރާށެވެ!

އިބްނު އަބޫދާވޫދުގެ ބިދުޢަ: މީނާ އުފެއްދި ބިދުޢަ ބުނާ ގޮތުގައި، ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމްފުޅެއް ނޫނެވެ. އެކަމަކު އެއީ އެކަލާނގެ ޚަލްޤުކުރައްވާ މަޚުލޫޤެކެވެ. މިއީ، ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ރައުޔާ ޚިލާފު ބާޠިލު ރައުޔެކެވެ.

<><><>



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ