އަދުގެ ޚާއްސަ

Print

ބަހުގެ ހަމަ - 1 (ނަންއިތުރު)

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް


އެއްކޮށްތައްޔާރުކުރީ: ޢަބްދުﷲ ޞާދިޤު

ދިވެހިބަހުގެ ގަވާއިދުގައި ވާގޮތުން ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ. ވީމާ، އެއީ މީހެއްކަން ތަނެއްކަން ނުވަތަ އެއްޗެއްކަން ދޭހަކޮށްދޭ ބަހަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒކަކީ، ނަންއިތުރެކެވެ.

    ކަންމިހެން ހުރުމާއެކު، ނަންއިތުރު ރައްދުވާ ފަރާތް ފާހަގަ ކުރުމަކީ، ނުހަނު ބޭނުންތެރިކަމެކެވެ. އެ ފަރާތް ފާހަގަ ކުރުމުގައި ދިވެހިބަހުގެ ހަމައިން އެއްކިބާ ވެވިއްޖެ ނަމަ، ބޮޑެތި އޮޅުންތައް އަރައި، ބުނާން އުޅޭ ނުވަތަ ލިޔާން އުޅޭ އެއްޗެއްގެ މުރާދު ގެއްލި ގަސްތުކުރާ މާނަ ނޫން އެހެން މާނައެއް ދޭހަވާގޮތް ވެދާނެ އެވެ.

    މިސާލު؛
1-    ސައުވީސް އިންޗި އަންހެނުންގެ ރެލީ ބައިސްކަލު ލިބެން ހުރި ވާހަކަ ބުނުމުން، މި ޖުމުލައިގެ ނަން އިތުރެއްކަމުގައިވާ ސައުވީސް އިންޗި ރައްދުވަނީ، ޖެހިގެން އޮތް ނަމަށެވެ. އަންހެނުންނަށެވެ. އެހެންކަމުން މި ޖުމުލައިގެ ނަންއިތުރު ބޭނުން ކުރެވިފައިވަނީ ރަނގަޅަކަށް ނޫނެވެ. ނަންއިތުރު ބައިސްކަލަށް ރައްދުކުރާނަމަ، ލިޔަންވާނީ ނުވަތަ ބުނަންވާނީ އަންހެނުންގެ، ސައުވީސް އިންޗި ރެލީ ބައިސްކަލު މިހެންނެވެ.

2-    ބޮމެއް ގޮވުމުގެ ސަބަބުން ވަރަށް ގިނަ ސަރުކާރުގެ އިމާރާތަށް ގެއްލުން ލިބުނެވެ. މި ޖުމުލައިގައި ސިފަ ދެވެނީ ސަރުކާރަށެވެ. ނަމަވެސް ސިފަ ރައްދުކުރަން އުޅުނީ އިމާރާތަށެވެ. އެހެންކަމުން ރަނގަޅުގޮތަކީ، ބޮމެއް ގޮވުމުގެ ސަބަބުން ސަރުކާރުގެ ވަރަށް ގިނަ އިމާރާތަށް ގެއްލުން ލިބުނެވެ. މި އެވެ.
 
3-    މިއީ، އާ ސިފައިންގެ ސަރުކާރުން ކަނޑައެޅި ގޮތެވެ. މި ޖުމުލައިގައި ނަންއިތުރު ބޭނުން ކުރެވިފައި މިވަނީ ބަހުގެ ހަމަޔާ އެއްގޮތަކަށް ނޫނެވެ. ރަނގަޅު ގޮތަކީ، މިއީ ސިފައިންގެ އާ ސަރުކާރުން ކަނޑައެޅި ގޮތެވެ. މި އެވެ.





ނަންއިތުރު ސިފަކުރެވޭ ނަމަކީ، ގިނަ ނަމެއް ނަމަ، ނަންއިތުރު އެހެން ގޮތަކަށް ބަދަލުވެދެ އެވެ. މިސާލަކަށް؛

1-    ކުޑަ ޖަޒީރާއެއް
      ކުދި ޖަޒީރާތައް

2-    ބޮޑުކަމެއް
      ބޮޑެތި ކަންތައް

3-    އޮތް އެތި
      ހުރިތަކެތި
      ހުރި އެއްޗިހި

4-    ވެއްޓިފައި އޮތް އަނބު
      ވެރިފައިހުރި އަނބުތައް
--------------- 

(ނިމުނީ)

ހަވާލާ:

   އަލްފާޟިލް ޢަބްދުﷲ ޞާދިޤު(1993). ބަހުގެ ހަމައިގެ އަތްމަތީ ފޮތް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.


ނޯޓު:
    މި ފޮތަކީ އަލްފާޟިލް ޢަބްދުﷲ ޞާދިޤު ގިނިކަންޏާ ލިޔުއްވި ފޮތެއް ނޫނެވެ. އެހެންކަމުން މި ފޮތުގައި ކަނޑަ އަޅުއްވާފައިވާ ބަހުގެ ހަމަތަކަކީ އެންމެ މީހެއްގެ ވިސްނުމުގެ މައްޗަށް ނިންމާފައިވާ ނިންމުންތަކެއް ނޫނެވެ. އެއާ ޚިލާފަށް، މިއީ ދިވެހި ބަހުގެ އެތައް ޢިލްމުވެރިންނެއްގެ ވިސްނުންފުޅު އެކުވެގެން ދިރާސާތަކާއެކު، އެކުލަވައިލެވިފައިވާ ލިޔުއްވުންތަކެކެވެ. މި ފޮތުގައި ހިމެނޭ ކޮންމެ ބައެއް ވެސް ސަރުކާރުން ފުރަތަމަ ނެރުއްވީ ވަކިވަކީންނެވެ. ލުއިފޮތެއްގެ ގޮތުގަ އެވެ. ގާތްގަނޑަކަށް ތިން އަހަރެއްހައި ދުވަސް ވަންދެން ޝާއިޢު ކުރެވެމުން ދިޔަ މި ދެންނެވި ލުއި ޞަފުޙާތައް އެއްފޮތަކަށް އެކުލަވައިލެއްވީ އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ. ކޮންމެ އަކަސް ލުއިފޮތެއްގެ ގޮތުގައި ނިކުތަސް ބަރުފޮތެއްގެ ގޮތުގައި ނިކުތަސް ބަހުގެ މި އަގުހުރި މަސައްކަތުގައި އެއިން އެއްވެސް ދައުރެއްގައި އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ ދައުރު ކުޑައެއް ނޫނެވެ. ވަރަށް ބޮޑެވެ.

                                         - ފަންވަތް -


މި ލިޔުން؛

 ޓައިޕްކުރުން:   އާދަމް ނަޞީރު އިބްރާހީމް
 އަލުން ބެލުން:   ''         ''
 ޝާއިޢުކުރުން:   ''         ''

     

އިދާރާ

އެނގޭތަ؟

ވާހަކަ