އަދުގެ ޚާއްސަ

Print

ޑރ. މުޙައްމަދު ޢިމާރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން

ޑރ. މުޙައްމަދު ޢިމާރާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 8 ޑިސެމްބަރ 1931 ގަ އެވެ. އުފަން ރަށަކީ މިޞްރުގެ ކަފަރުއް ޝައިޚެވެ. އޭނާއަކީ، ލިއުންތެރިއެކެވެ. މުޙައްޤިޤެކެވެ. އަޒުހަރުގެ މަޖުމަޢުލް ބުޙޫޘިލް އިސްލާމިއްޔާގެ މެމްބަރެކެވެ.

ނުހަނު ތުއްޕުޅުއިރު، ކީރިތި ޤުރުއާން ހިތުދަސްކުރެއްވި އެވެ. އަދި ތަޖުވީދު މަގުން ޤުރުއާން ކިޔަވަން ވެސް ދަސްކުރެއްވި އެވެ. އިސްލާމީ އުންމަތާ ކުރިމަތިވެފައިވާ މައްސަލަތަކަށް، ޓީން-އޭޖުގައި ސަމާލުކަން ދެއްވަން ފެށްޓެވި އެވެ. އޭނާ އެންމެ ފުރަތަމަ ލިޔުއްވި މަޒުމޫނު ޝާއިޢުކުރެވުނީ، "މިޞްރުލް ފަތާތި" ނޫހުގަ އެވެ. އެ މަޒުމޫނުގެ މައިގަނޑުނަމަކީ، "ފަލަޞްޠީނުގެ ދިފާޢުގައި ޖިހާދުކުރުން" އެވެ.

ޔުނިވަރސިޓީ ތަޢުލީމުގައި ލައިސަންސް ޙާޞިލްކުރެއްވީ އިސްލާމީ ޢުލޫމާއި ޢަރަބި ބަހުގެ ރޮނގުންނެވެ. ކިޔަވާވިދާޅުވީ ޤާހިރާގެ ދާރުލް ޢުލޫމްގަ އެވެ. ލައިސަންސް ޙާޞިލްކުރެއްވީ 1965 ވަނަ އަހަރު އެވެ. އެއަށްފަހު އިސްލާމީ ޢުލޫމުގެ ރޮނގުން އިތުރަށް ކިޔަވާވިދާޅުވެ، އިސްލާމީ ފަލްސަފާގެ ރޮނގުން މާސްޓަރސް ދަރަޖަ ޙާޞިލްކުރެއްވި އެވެ. ދާރުލް ޢުލޫމުން އޭނާ މި ދަރަޖަ ޙާޞިލްކުރެއްވީ 1970 ވަނަ އަހަރު އެވެ. އިސްލާމީ ފަލްސަފާގެ ރޮނގުން ތަޚައްޞުޞްވެވަޑައިގެން ޕީއެޗްޑީ ޙާޞިލްކުރެއްވީ 1975 ވަނަ އަހަރު އެވެ.

ޑރ. މުޙައްމަދު ޢިމާރާއަކީ، ލިޔުންތެރިކަމާއި ފޮތްއެކުލަވާލުމާއި ތަޙުޤީޤު (ދިރާސާ) ކުރުމުގެ ރޮނގުން ފުންނާބުއުސް ޢިލްމުވެރިއެކެވެ. އިސްލާމީ ދުނިޔޭގައި އުފެދުނު ފަހުގެ ބޮޑެތި މުފައްކިރުންނާ ބެހޭ ގޮތުން ތަޙުޤީޤުކުރައްވައި އެބޭފުޅުންނާ ބެހޭ ގޮތުން ފޮތްތައް ލިޔުއްވި އެވެ. އޭގެތެރޭގައި، ޖަމާލުއްދީނުލް އަފުޣާނީ އާއި އާއި ޢަބްދުއްރަޙުމާނުލް ކަވާކިބީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ހަމައެފަދައިން މުސްލިމުންގެ ފަހުގެ މުޖައްދިދުންނާ ބެހޭ ގޮތުން ވެސް ފޮތްތައް ލިއުއްވި އެވެ. އޭގެތެރޭގައި މުޙައްމަދުލް ޣަޒާލީ އާއި ރަޝީދު ރިޟާ އާއި ޚައިރުއްދީނުއް ތޫނިސީ އާއި އަބުލް އަޢުލާ އަލްމައުދޫދީ އާއި ސައްޔިދު ޤުޠުބު އާއި ޙަސަނުލް ބަންނާ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން އަޞްޙާބު ބޭކަލުންގެ ތެރެއިން ޢަލީގެފާނު ފަދަ ބޭކަލުންނާ ބެހޭގޮތުން ވެސް ލިޔުއްވި އެވެ.

ޑރ. މުޙައްމަދު ޢިމާރާ ވަނީ އިހުޒަމާނާއި މިޒަމާނުގެ އެކިއެކި އިސްލާމީ އޮއިވަރުތައް ދިރާސާކުރައްވައި، އެއާބެހޭ ގޮތުން އަގުހުރި ފޮތްތަކެއް ލިޔުއްވާފަ އެވެ. ތަފާތު މައުޟޫޢުތަކަށް ޑރ. މުޙައްމަދު ޢިމާރާ ލިޔުއްވާފައިވާ ފޮތްތަކުގެ ޢަދަދު 200 އަށް އަރާފައިވެ އެވެ. އޭނާގެ ފިކުރާއި ފަލްސަފާ އަމާޒުކުރައްވާފައިވަނީ، އިސްލާމީ އުންމަތާއި މުސްލިމުންގެ ކުރިއެރުމަށެވެ. އޭނާއަކީ އިސްލާމީ އުންމަތުގެ ދިފާޢުގައި ޖިހާދުކުރައްވާ މުޖާހިދެކެވެ. އިސްލާމީ އުންމަތުގެ ވަޙުދަތު ދެމެހެއްޓުމަށްޓަކައި މަގުދައްކަވާ މުރުޝިދެކެވެ.

އިސްލާމީ އުންމަތުގެ ކުރިއެރުމާއި ތަރައްޤީއަށް އޭނާ ގޮވާލައްވަނީ، ވަސަޠިއްޔަތުގެ ފިކުރުންނެވެ. ޙައްޤާއި ޢަދުލު ޤާއިމުވެފައިވަނީ އެފިކުރުގަ އެވެ. މާތްވެގެންވާ އިސްލާމްދީނަކީ ވަސަޠިއްޔަތުގެ ދީންކަމާއި، މި މާތް ދީނުގެ ފިޤުހަކީ މެދުމިނުގެ ފިޤުހުކަން އޭނާ ބަޔާންކޮށްދެއްވަ އެވެ. އޭނާއަކީ، ޙިކުމަތްތެރި މުރުޝިދެކެވެ. ބުއްދިގަދަ ފިލޯސަފަރެކެވެ. މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އިސްލާމީދުނިޔޭގައި މަޤުބޫލުކަން ލިބިވަޑައިގެން ހުންނެވި މުޢުތަބަރު ޢިލްމުވެރިއެކެވެ.

މާތް ﷲ ، ޑރ. މުޙައްމަދު ޢިމާރާގެ ޢިލްމީ ޚަޒާނާއިން އިސްލާމީ އުންމަތަށް ހެޔޮވިސްނުން ދެއްވާށި އެވެ! އާމީން!


މަޞްދަރުތައް:
ވިކިޕީޑިއާ.
www.dr-emara.com


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ