އަދުގެ ޚާއްސަ

Print

އަލްއަޚުޠަލުއްޞަޣީރް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން

އޭނާގެ އަސްލު ނަންފުޅަކީ، ބިޝާރާ ޢަބްދު ﷲ އަލްޚޫރީ އެވެ. "އަލްއަޚުޠަލުއްޞަޣީރް" އަކީ އޭނާގެ ޝާޢިރީ ލަޤަބެކެވެ. މިލަޤަބުގެ އަޞްލަކީ، އުމަވީ ޝާޢިރެއް ކަމުގައިވާ އަލްއަޚުޠަލެވެ. ބިޝާރާ އަށް "ޝާއިރުލް ޙުއްބި ވަލްހަވާ" ގެ ލަޤަބު ވެސް ދެވިފައިވެ އެވެ.

އަލްއަޚުޠަލުއްޞަޣީރް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1885 ވަނަ އަހަރު، ބައިރޫތު (ބޭރޫތު) ގަ އެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 31 ޖުލައި 1968 ގައި ހަމަ އެރަށުގަ އެވެ.

އެންމެ ފުރަތަމަ އޭނާ ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވީ އެދުރުގެއިންނެވެ. އެއަށްފަހު، މަދުރަސަތުލް ޙިކުމާ އާއި އެނޫން މަދުރަސާތަކުން ތަޢުލީމު ޙާޞިލްކުރެއްވި އެވެ.

1908 ވަނަ އަހަރު "ޖަރީދަތުލް ބަރްޤު" ނުވަތަ "ވިދުވަރު ނޫސް" ނެރުއްވަން ފެށްޓެވި އެވެ. 1933 ވަނަ އަހަރު ފެށެންދެން އެނޫސް ނެރުއްވަމުން ގެންދެވި އެވެ.

އަލްއަޚުޠަލުއްޞަޣީރްގެ ޙަޔާތުގެ ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތީ ހަނގުރާމައިގެ މައިދާނެއްގަ އެވެ. އެމައިދާނުގައި އަދަބީ ހަނގުރާމަތަކާއި ސިޔާސީ ހަނގުރާމަތައް ކުރެވުނެވެ. އުންމަތުގެ ދިފާޢުގައި ޤަލަމާއި ޅެމުން ޖިހާދުކުރައްވަން އޭނާ ޢަޒުމްކަނޑައެޅުއްވި އެވެ. އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް އުންމަތް ހޭލައްވާލުމަށްޓަކަ އެވެ.

ކީރިތި ޤުރުއާނުގެ ބަހަކީ ޢަރަބި ބަސް ކަމަށްވީތީ އެކަމަށްޓަކައި އޭނާ ފަޚުރުވެރިވެވަޑައިގެންނެވި އެވެ. އޭނާގެ ޅެންތަކުގައި ފާހަގަކޮށްލެވޭ ސިފަތަކެއް ވެ އެވެ. އަމިއްލަވަންތަ ޝަޚުޞިއްޔަތެވެ. އުސްލޫބުގެ ހަރުދަނާ ކަމެވެ. ޢިބާރާތްތަކުގެ ފަށުއިކަމެވެ. ތަޞްވީރުކުރުމުގެ ތަފާތުކަމެވެ. މިސިފަތައް ހިމެނޭ ގޮތަށް، ތަފާތު ބާވަތްތަކުގެ ޅެންތައް އޭނާވަނީ ހައްދަވާފަ އެވެ.

އަދި އެހެން ޚާއްޞިއްޔަތެއް ވެސް އޭނާގެ ޅެންތަކުގައި ވެ އެވެ. އޭނާގެ ޅެންތައް، ލަވައެއްހެން ނުހަނު ފަސޭހަކަމާއެކު ރާގަކަށް ކިޔާލެވެ އެވެ. ޅެންތަކުގެ ލަފުޒުތައް އިޚުތިޔާރުކުރައްވާފައި ވަނީ، ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ. އޭނާއަކީ، ޢަރަބި ޅެންވެރިކަން ތަރައްޤީކުރައްވައި، އާކުރައްވަން މަސައްކަތްކުރެއްވި މުޖައްދިދެކެވެ.

އަލްއަޚުޠަލުއްޞަޣީރްގެ ޅެންތައް ފޮތްފޮތުގެ ސިފައިގައި ނެރެވިފައިވެ އެވެ. 1953 ވަނަ އަހަރު، "އަލްހަވާ ވައްޝަބާބު" ނަމަކަށް ކިއުނު ޅެން ފޮތް ނެރެވުނެވެ. އަދި 1961 ވަނަ އަހަރު، "ޝިޢުރުލް އަޚުޠަލިއްޞަޣީރި" ނަމަކަށް ކިއުނު ޅެން ފޮތް ނެރެވުނެވެ. އޭނާގެ މަޝްހޫރުކަން، ޢަރަބި ދުނިޔޭގެ ކަންކޮޅުތަކަށް އުދުހުނެވެ. ލުބްނާނާއި ޤާހިރާގައި އޭނާއަށް ތަކުރީމުކުރުމުގެ ޙަފުލާތައް ބޭއްވުނެވެ. 1961 ވަނަ އަހަރު ބައިރޫތުގައި ބޭއްވުނު އެފަދަ ޙަފުލާއެއްގައި، "އަމީރުއްޝުޢަރާއި" ގެ ލަޤަބު އޭނާއަށް އެރުވުނެވެ.


މަޞްދަރުތައް:
ވިކިޕީޑިއާ.
www.adab.com



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ