އަދުގެ ޚާއްސަ

Print

ލިޔުންތެރިކަން

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފްމުޙައްމަދު،ރޯޒީ ށ.ފުނަދޫ

ލިޔުންތެރިކަން މި ބަހަށް ބަލާއިރު މި ބަސް ދެ ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ ލިޔުން އަދި ތެރި ކަމެވެ. މަސައްކަތަކަށްވެސް އަދި އެ މަސައްކަތުން އުފައްދާ އެއްޗަކަށްވެސް ލިޔުން ކިއިދާނެ އެވެ. ލިޔުން މިއީ މަސްދަރެކެވެ. މަސްދަރު އައިސްފައިވާ އަޞްލަށް ބަލާއިރު އެއީ ކަމެކެވެ. ލިޔުމަކީ އެއްޗެއް ދޭހަވާގޮތަށް ކުރެހުމެވެ. ތެރިކަން މި ލަފުޒަށް ބަލާއިރު މި ލަފުޒުވެސް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތެރި އަދި ކަމެވެ. ތެރި މިއީ ލަފުޒުތައް ގުޅުވަން ބޭނުންކުރާ އަކުރެކެވެ. ތެރިކަން މިއީ ކުޅަދާނަކަން ހާމަކޮށްދޭން ބޭނުންކުރާ ލަފުޒެކެވެ. އެހެންކަމުން ލިޔުންތެރިކަމުގެ ޖުމްލަ މާނަ އަކީ މާނަ ކުރަހައި ދިނުމުގެ ކުޅަދާނަ ކަމެވެ.

ގިނަ އަދީބުން ޤަބޫލު ކުރައްވާ ގޮތުގައި ލިޔުންތެރިކަމުގެ ދެބާވަތެއްވެއެވެ. އެއީ، ނަޘްރާއި ވަޒަން ބަހުރުވައެވެ. ނަޘްރަކީ މަޒުމޫނު ، ވާހަކަ ،ސިޓީ ފަދަ ބާވަތް ތަކެވެ. ނަޘްރުގެ އިތުރު ބާވަތް ތަކަށް ބަލާއިރު ރިޕޯޓާއި، ޚަބަރު އަދި ސަމާސާ އަދަބަކީވެސް ނަޘްރުގެ ތެރޭގައި ހިމެނޭ ބާވަތްތަކެވެ. ނަޘްރަށް ބަލާއިރު މީގައިވެސް ބައިތަކެއް ވެއެވެ. އޭގެ ތެރޭގައި އަދަބީ ނަޘްރާއި ޢިލްމީ ނަޘްރު ސިޔާސީ ނަޘްރާއި އިޖުތިމާޢި ނަޘްރު ހިމެނެއެވެ. އަދަބީ ނަޘްރަކީ އޭގައި އަދަބީ ބަހުރުވަޔާއި، އަދަބީ ޢިބާރާތާއި، ލައްޒަތާއި، ކަރާމާތް އެކުލެވޭ ލިޔުމެވެ. ޢިލްމީ ނަޘްރަކީ އޭގައި އަދަބީ ބައި ކުޑަކޮށް ޢިލްމީ ސިފަ އެކުލެވޭ ނަޘްރެވެ. ސިޔާސީ ނަޘްރަކީ ރޭވުންތެރިކަމާއި، ހިންގުމާއި، ޤައުމުގެ އެކުވެރިކަމާއި ގުޅޭ ލިޔުން ތަކެވެ. އިޖުތިމާޢި ނަޘްރަކީ އެއެއްޗެއް ލިޔުމުން މުޖުތަމަޢުގެ އެހެންމީހުންނަށްވެސް ފައިދާވާނެ ފަދަ ލިޔުން ތަކެވެ. ލިޔުން ތެރިކަމުގެ ދެވަނަ ބާވަތަކީ ވަޒަން ބަހުރުވައެވެ. މީގެ ތެރޭގައި ހިމެނޭނީ ޅެންވެރި ކަމުގެތެރޭގައި ހިމެނޭ ބާވަތް ތަކެވެ.

މަތީގައި ބަޔާންކުރެވިދިޔަ ލިޔުންތެރިކަމުގެ ބާވަތް ތަކުގެ ތެރެއިން ރިޕޯޓަކީ އެންމެ އަގުބޮޑު އެއްބާވަތެވެ. އެއީ ފައިސާގެ ގޮތުންނާއި، އަގު ކުރުމުގެ ގޮތުންނެވެ.
 
އަދަބީ ރަނގަޅު ލިޔުމެއް ނަމަ ވަކި މީހަކާއި ނުބެހި އެ ލިޔުމަކުން ލިޔުން ކިޔާ މީހަކަށް އަސަރު ކުރާނެއެވެ. އަސަރު ކުރުމަކީ އެލިޔުމެއް ކިޔުމުން ވަކި ކަހަލަ ޝުޢޫރު ތަކެއް އެ ކިޔާމީހެއްގެ ހިތަށް ވެރިވުމެވެ. އުފަލާއި، ހިތާމަ، ރުޅިއާއި ނަފުރަތު، ހިތްހަމަ ޖެހުމާއި، ހިތް ނުތަނަވަސްވުން ފަދަ ޝުޢޫރުތައް ވެރިވެއްޖެނަމަ އެއީ އެލިޔުމަކުން އަސަރު ކުރީ ކަމުގައި ބެލެވިދާނެއެވެ. އަދި އެފަދަ ޢަމަލެއް ފެނިއްޖެނަމަ އެއީ އެލިޔުމަކުން ކިޔުންތެރިޔާއަށް ރަހަލީ ކަމުގައި ބެލެވިދާނެއެވެ. ލިޔުންތެރިއެއްގެ ލިޔުމެއް ކިޔުމުން ފުރަތަމަ އުފެދޭނީ ޚިޔާލެވެ. އެއަށްފަހު އަންނާނީ އޭގެ އަސަރެވެ.މޮޅުލިޔުމެއްނަމަ އެއިން ކިޔާމީހަކަށް އަވަހަށް ބޮޑަށް އަސަރު ކުރާނެ އެވެ.

މޮޅު ލިޔުންތެރިއަކަށް ވާން ބޭނުންނަމަ، ކުރަންޖެހޭ ވަރަށްގިނަ ކަންތައް ތަކެއް ވެއެވެ. ފުރަތަމަ ކަމަކަށް ތިމާއަކީ ބަހުގެ ގޮތުނ މުއްސަނދި މީހަކަށް ވާން ޖެހެއެވެ. ނުވަތަ ތިމާއަކީ އަބަދުވެސް އާ ބަސްތަކާއި އާ ލަފުޒުތައް ހޯދަން މަސައްކަތް ކުރާމީހަކަށް ވާން ޖެހޭނެއެވެ. ލަފުޒަކީ ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭ އެއްޗަކަށްވާތީ އަދަބީ ގޮތުން އެއްވެސްމީހަކު ބޭނުންކުރާ ލަފުޒަކީ ނުބައި ލަފުޒެކޭ ނުބުނެވޭނެ އެވެ. އެއީ އެކި ހިސާބުތަކުގައި އެކިގޮތަށް ލަފުޒު ބޭނުން ކުރާތީ އެވެ. އާ ބަސްތައް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ތިމާއަކީ އަދަބީ ލިޔުންތައް ކިޔާ މީހަކަށްވެސް ވާން ޖެހޭނެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ މޮޅު ލިޔުންތެރިއަކަށް ވާން ބޭނުންނަމަ ގިނަ ގިނައިން ފޮތް ކިޔާމީހަކަށް ވާން ޖެހޭނެ އެވެ. އޭގެ އިތުރުން ޤުދުރަތީ ގޮތުން ހިނގާ ކަންތައްތަކާއި ދޭތެރޭ ވިސްނާ ފިކުރުކޮށް، ތިމާއަށް ފެންނަ އެއްޗިއްސާއި ކަންކަމާއި ދޭތެރޭ ޚިޔާލު ކުރާނަމަ މޮޅު ލިޔުންތެރިއްއަކަށް ވުމަށް ކޮށޭ މަގަކަށް އެކަންތައްވެސް ވާނެ އެވެ.

(ނިމުނީ)

މި ލިޔުން؛

   ޓައިޕުކުރުން:  
އާދަމް ޝަރީފްމުޙައްމަދު
   އަލުންބެލުން: 
   ޝާއިޢުކުރުން:  އަޙްމަދު ސަމީޢު


ހަމަމިގަލަމުން

އިދާރާ

ވާހަކަ