އަދުގެ ޚާއްސަ

Print

ތިބާގެ ޢުމުރު އިތުރަށް ކުރުނުކުރާށެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ބައެއް މީހުންނަށް އާދަޔާ ޚިލާފު ކުޅަދާނަކަމެއް ލިބިފައިވެ އެވެ. ޚިޔާލާއި ފިކުރު ނުތަނަވަސް ކުރުމުގެ ކުޅަދާނަ ކަމެވެ. ކަންބޮޑުވުމާއި ހިތްދަތިކަން ލިބިގަތުމުގެ ކުޅަދާނަކަމެވެ. އެމީހުންނަކީ، ފާސިދު ޚިޔާލުތަކުން ވިސްނުމާއި ފިކުރު ކިލަނބުކޮށްލަން މޮޅު ބަޔެކެވެ.

އެއިން މީހަކު، މާޒީ ހަނދާންކުރާނީ، ފާއިތުވެފައިވާ ވޭނާއި ކެކުޅުމުންނެވެ.
މުސްތަޤުބަލަށް ބަލާނީ، މާކުރިން ކުރިމަތިވެފައިވާ ހިތާމަތަކުގެ ދުރުމިންނެވެ.
ޙަސަދަވެރިޔަކު ބުނެފައިވާ ބަދު ބަހެއް ހަނދާންކޮށް އެއިން ބަލިމަޑުކަން ލިބިގަނެ އެވެ.
ތިމާގެ ޙައްޤުތަކަށް އަރައިގަތް އެތައްބަޔެއްގެ ވާހަކަދައްކައި އެމީހުންގެ މައްޗަށް ޙަސަދަވެރިވެ އެވެ.
ތިމާގެ އަނބިމީހާ ހޭދަކޮށް އިސްރާފުކުރާތީ ރުޅިގަދަވެ އެވެ.
ތިމާގެ ދަރިފުޅު ބަސްނާހާތީ ހަޅޭއްލަވަ އެވެ.
މާކުރިން ގެއްލިފައިވާ އެއްޗަކާމެދު ހިތާމަކުރެ އެވެ.
ކޮންމެވެސް ބައްޔެއް ޖެހިދާނެތީ ކަންބޮޑުވެ އެވެ.
އެއިން މީހެއްގެ ހިތާމައާއި މުޞީބާތުގެ ލިސްޓު ވަރަށް ދިގެވެ.
މިބާވަތުގެ އެތައް ކަމެއް އޭގައިވެ އެވެ.

ހިތްހަމަޖެހުމާއި ބާއްޖަވެރިކަމަށް އެދޭ މީހާ އެވެ! ތިބާގެ ޢުމުރު އިތުރަށް ކުރުނުކުރާށެވެ! ޢުމުރަކީ އޭގެ އަމިއްލަ ޒާތުގައި ވެސް ނުހަނު ކުރު އެއްޗެކެވެ!!!

މިއަދުގެ އިމުގެ ތެރޭގައި ދިރިއުޅޭށެވެ!
ފާއިތުވެދިޔަ ތަނާމެދު ހިތާމަނުކުރާށެވެ!
އަންނަންދެން މުސްތަޤުބަލު ބާއްވާށެވެ!
ޙަސަދަވެރިން ދައްކާ ވާހަކަތަކާމެދު އަޅާނުލާށެވެ!
މާތް ﷲ ގެ ޙަޟުރަތަށް ވަކީލުކުރާށެވެ!
ތިބާއަށް އެކަލާނގެ ފުދެ އެވެ.
ބޭކާރު ގޮތެއްގައި ހިތާމަކޮށް، ތިބާގެ ޢުމުރު އިތުރަށް ކުރުނުކުރާށެވެ!


މަޞްދަރު:
މުންތަދަޔާތުލް ޤުއްރާއި.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ހަމަމިގަލަމުން

އިދާރާ

ވާހަކަ