އަދުގެ ޚާއްސަ

Print

ފަޅޯ: މޮޅު ފަރުވާއެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސިއްޙަތު


ޙުސައިން ޝާކިރު

ފަޅޮލަކީ  ރާއްޖޭގައި ޢާންމުކޮށް ހެދޭ މީރު ފޮނި މޭވާއެކެވެ. ޅަ ނޫނީ ގިތިކޮށްހުއްޓައާއި ދޮންވެ ފައްކާވުމުން ކާންބޭނުން ކުރެވޭ މޭވާއެކެވެ. ޅަ ފަޅޯ ތަރުކާރީގެ ގޮތުގައި ރިހަކެއްކުމަށާއި ބަތްކައްކާއިރު ހަނޑުލާ އެއްކުރުމަށާއި އަދި ސަޓަނިހެދުމަށް ދިވެހިން ބޭނުންކުރެއެވެ.

ދިވެހިން ދޮންފަޅޮލުގައި ރަހަ މީރު ގިނަބާވަތް ބާވަތުގެ ކާނާތައް ނަންހުސްކޮށް ތައްޔާރުކުރެއެވެ. އޭގެ ތެރޭގައި، ފަޅޮލު ބޮނޑިބަތާއި ބޯކުރި ފަޅޮލާއި ފަޅޮލު މުރުއްބާއާއި ކަންޖާއި ފަނި އަދި މިޒަމާނުގެ ތަފާތު ނަންނަމުގެ ޝޭކު ތަކާއި ބުއިންތައް ހިމެނެ އެވެ.

ފަޅޮލަކީ ވެހިމީހުނާއި ފުރެއްދެމީހުން ކެއުމުގައި ޑިޒާޓްގެ ގޮތުގައި ވެސް ބޭނުންކުރާ ހަށިގަނޑަށް ނުހަނު ގިނަގުނަ ފައިދާ ހުރި މީރު މޭވާއެކެވެ.

ރަށްފުށު ބައެއް މީހުން ބުނާގޮތުގައި ފަޅޯގަހަކީ ދަނޑުވެރިން ދަނޑު އެންދުމުން، ގޮވާންލުމަކާނުލައި އޭގެ ޒާތުގައި އަމިއްލައަށް، ފަޅައިގެން ހެދޭ ގަހެކެވެ.  އާންމުކޮށް މިހެން ފަޅައިގެން ހެދެނީ ވެޔޮފަޅޯ ގަހެވެ.

އާންމުކޮށް ދިވެހި ދަނޑުވެރިން ފަޅޯ ބައިކުރަނީ މައިގަނޑު ދެ ބަކަށެވެ. އެއީ، އާދައިގެ ފަޅޮލާއި ވެޔޮފަޅޮލެވެ. މިދެބާވަތުގެ ފަޅޮލުގެ ތެރޭގައިވެސް ރަންގުފަޅޮލާއި ރަންފަލޯ ކިޔާ ދެބާވަތެއްގެ ފަޅޮލެއް ހުރެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑު އަތޮޅުގައި ކަރާފަޅޯ ކިއާ ފަޅޮލެއް ހައްދަ އެވެ. މި ބާވަތުގެ ފަޅޯ، ކަރާފަޅޯ ފަސޭހައިން ހެދެނީ އެށެވެލި ބިންބިމުގައި ކަމަށް ވެސް ބުނެއެވެ. މިގަހުގައި ގަންނަ މޭވާގެ ސިފަ ކަރާގެ ސިފައާއި އެއްގޮތްކަމަށާއި ބޭރުތޮށި އޮމާންކަމަށް ބުނެ އެވެ. ފަޅޯ ދޮންވެ ފައްކާވުމުން ތޮށިގަނޑަށް ރީނދޫ–- އޮރެންޖް ކުލައަރެވެ. ފަޅޮލުގެ ވަރީގެ ބޯމިނުގައި ދޭއް -–ތިނެއް އިންޗި ހުރެ އެވެ.
 
ފަޅޮލުގެ އިތުރުން ފަޅޯ ގަސްގަނޑާއި ފަޅޯގޮނޑީގައި ވެސް އެވޭލާ ދިވެހިން ކާތަކެތި ތައްޔާރުކޮށް ކައިބޮއި އުޅުނެވެ. މީގެ އިތުރުން ފަޅޯގަހަކީ ދިވެހި ބޭސްވެރިކަމުގެ ތެރޭގައިވެސް މަތީ މަގާމެއް ދެވިފައިވާ ގަހެކެވެ. ތޫނުބޭސް ތައްޔާރުކުރުމުގައި ފަޅޯކިރު ބޭނުންކުރެ އެވެ. ނުފިލާ ހުންއައިސް ގައިގައި ރިހުމުންނާއި މުސްކުޅިވެ ބަލިވެ ވަރުދެރަވެފައި ތިބޭމީހުން ފަޅޯފަތްލައިގެން ފެންކައްކާ އެފެނުން ފެންވަރުވާ ތަދުވާތަންތާ އެފަތްމޮޑެހެދުމުން ގައިގާ ހުންނަ ކުދިކުދި ތަދުފިލައި ހުންރަނގަޅުވެ ގައިގައި ވަރުޖެހި ވާކަމަށް ދިވެހި ބޭސްވެރިން ބުނެއުޅެވެ. ބަނޑުހިކި ބޮޑުކަމު ނުދެވުމުން ފާފަޅޯ ކެއުމުން ޖުއްލާބުވެ އެވެ. ފަޅޮލު އޮށުން ފަންޏަށް ބޭސް ދެއެވެ. ފަޅޮލުން އަރިދަފުސް ރޯގާއަށް ފަރުވާ ލިބެ އެވެ.

އަދި މިނޫންވެސް ހަށިގަނޑުގެ ބޭރުފުށަށް ޖެހޭ ކުދިކުދި ބަލިތަކުން ފެށިގެން އެތެރެހައްޓަށް ޖެހޭ ކިތަންމެ ވައްތަރެއްގެ ގިނަ ބަލިތަކަކަށް ފަޅޮލުން ފަރުވާލިބެ އެވެ.

ގައިގައި ލާސައިބޯނިންފެށިގެން ޒީނަތްތެރިވުމަށް ބޭނުންކުރާ ކޮސްމެޓިކްސްގެ ބާވަތްތަކަށްދާންދެން  ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ފަޅޮލުން އުފައްދަ އެވެ. ފަޅޮލާއި ބެހޭ އައު ހޯދުންތައް ހޯދާ ދިރާސާތައްކުރެވި ފަޅޮލާއި ބެހޭގޮތުން ކޮންފަރެންސްތަކާއި ސެމިނަރތަކާއި މަސައްކަތު ބައްދަލުވުންތައް ބާއްވަ އެވެ.

ފަޅޮލަކީ ވިޓަމިންސް މުއްސަދި މޭވާއެކެވެ. ފަޅޮލުގައި ވިޓަމިން އޭ، ސީ އަދި އީ ގިނައިން އެކުވެފައި ވެ އެވެ. މީގެ އިތުރުން ފަޅޮލަކީ ކެލްސިއަމާއި ފޮސްފަރަސް އަދި އަޔަނުން މުއްސަނދިވެފައިވާ މޭވާއެކެވެ.

އެއް ރާތާ ފަޅޮލުގައި ނިއުޓްރިޝަން އެކުލެވިފައިވާ މިންވަރު.


ކެލަރީސް calaries     119         އަޔަން  iron  9 މ.ގ.

ޕްރޮޓީން protein         1.8 ގ.        ވިޓަމިން އޭ vitamin A  I.U.  5320

ފެޓް    fat          3. ގ.        ތިއަމައިން  thiamine   12. ގ.

ކާރބޯހައިޑްރޭޓްސް    caebohydrats 30.4 ގ. ރިބޯފްލޭވިން riboflavin 13. މ.ގ.

ކެލްސިއަމް calcium    61 މ.ގ.        ނައިއެސިން niacin    9. މ.ގ.

ފޮސްފަރަސް phosphorus 49 މ.ގ.    އެސްކޯބިކް އެސިޑް ascorbic acid 170 ގ.
-------------------------
(ނިމުނީ)




މަޢުލޫމާތު: ހީލިން ޕަވަރ އޮފް ޕަޕަޔާ  - ބާބަރާ ސިމޮންސޮން
       ފުޑް ދަޓް ހީލްސް  -  ޑރ. ބާރނާޑް ޖެންސެން.  
     

މި ލިޔުން؛

   ޓައިޕުކުރުން:    އަލްފާޟިލް ޙުސައިން ޝާކިރު
   އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:      ''         ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ