އަދުގެ ޚާއްސަ

Print

ޑިޒާރސްޓަރސް އަށް ނަޒަރެއް

ޝާޢިއުކުރީ މިރާޒް މުޙައްމަދު . ހިމެނޭބަޔަކީ ތިމާވެށި


ލިޔުނީ : މިރާޒް މުޙައްމަދު

ދުނިޔޭގެ އާބާދީގެ ގާތްގަޑަކަށް 75 އިންސައްތަ ދިރިއުޅެމުންދާ ސަރަހައްދަކީ 1980 އިން 2000 ވަނަ އަހަރަށް މަދުވެގެން އެއްފަހަރު ނަމަވެސް ބިންހެލުމެއް، ޓްރޮޕިކަލް ސައިކްލޯންއެއް، ފްލަޑެއް ނުވަތަ ހަނަފަސްކަމެއްގެ އަސަރު ކޮށްފައިވާ ސަރަހައްދެކެވެ. މިފަދަ ޤުދުރަތީ ކާރިސާތަކަށް އަޅުގަނޑުމެން ހުޅުވިފައިވާ މިންވަރު އަދި މިކަންކަމުން އަޅުގަނޑުމެންނަށް ހުރި ނުރައްކާ ދެނެގަތުމުގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރެވެން ފެށިފައި މިވަނީ މިފަހަކަށް އައިހެވެ.

ޑިޒާރސްޓަރ ނުވަތަ "ކާރިސާ" މިބަހަކީ މިހާރު އަޅުގަނޑުމެންނަށް ވަރަށް އާއްމުވެފައިވާ ބަހެކެވެ. އެހެންކަމުން އެއިގެ މާނަ ނުވަތަ އެހެން ބުނުމުން އެދޭހަވަނީ ކޮން އެއްޗެއްކަން ރަގަޅަށް ވިސްނައިވެސް ނުގަނެވެއެވެ. ބެއެއް މީހުންނަށް އެމީހުން ރާވާފައިވާގޮތަށް ކަމެއްނުދިއުމުންވެސް އެއީ ޑިޒާރސްޓަރ އަކަށް ބަލައެވެ. އަމިއްލަ ނަޒަރަކުން ބަލައިފިނަމަ، އަޅުގަނޑުމެން ގެންގުޅޭ އެއްޗެހިތަކެއްގައި އަލިފާން ރޯވެއްޖެނަމަ އެއީ ޑިޒާރސްޓަރ އެކެވެ. ނުވަތަ އެއަށްވުރެ ބޮޑު ކޮއްލަމާ ހިންގަވާށެވެ. އަޅުގަނޑުމެން ގޭގައި އަލިފާނެއް ރޯވެއްޖެނަމަ އެއީ ޑިޒާރސްޓަރ އަކަށް ބެލޭނެއެވެ. އެހެންނަމަވެސް، އަމިއްލަ ޕާރސަނަލް ޓްރެޖެޑީ އަކާއި، އިމާރޖެންސީއެއް އަދި ހަޤީޤީ ޑިޒާރސްޓަރ އަކާއި ހުރި ތަފާތު ދެނެގަތުމަކީ ވަރަށް މުޙިންމު ކަމެކެވެ.

މީހަކަށް އަނިޔާނުވިކަމުގައި ވީނަމަވެސް، ގެއެއްގައި އަލިފާންހިފާ އަނދައިގެން ދިއުމަކީ ހަމަ ޤައިމުވެސް ޕާރސަނަލް ޓްރެޖެޑީއެކެވެ. އަޅުގަނޑުމެންނަށް އެކަމުން އެމީހަކަށް ލިބިގެންދާނެ ހިތާމަ އަންދާޒާކޮށްލަންވެސް ނޭގޭނެއެވެ. ނަމަވެސް ކަންތައްވަނީ ކިހިނެއްތޯ؟ އެކަންހިނގާ ވަގުތު، އެމަސައްކަތުގައި އެކި މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދެއެވެ. އަދި މީގެއިތުރުން ޚަބަރުތަކުގައި ވެސް މިވާހަކަ ފާހަގަ ކުރެއެވެ. ނަމަވެސް މިގޮތަށް ދެތިން ފަހަރަކު ޚަބަރުތަކުގައި ފާހަގަ ވުމަށްފަހު އެމީހެއްގެ މި ޕާރސަނަލް ޓްރެޖެޑީ އެހެން މީހުންގެ ނަޒަރުން މުޅިން ފޮހެވިގެން ހަނދާންނެތިގެން ދެއެވެ. އަދި އަމިއްލަ ހަޔާތް އަލުން އާރާސްތުކުރުމަށް އެމީހަކު ފަށައިގަނެގެން ކުރިއަށް ގެންދެއެވެ.

މިފަދަ ހިތާމަޔަކުން ސަލާމަތްވުމަށްޓަކައި ދުރާލާ އެޅިދާނެ ބައެއް ފިޔަވަޅުތަކެއް އެބަހުއްޓެވެ. އަލިފާންނިވި ފަދަ ތަކެތި ފަސޭހައިން އަތުޖެހޭ ގޮތެއްގައި ބެހެއްޓިއްޖެނަމަ މިގޮތުން ރޯވާ އަލިފާނެއް ބޮޑުވެގެން ދިއުމުގެކުރިން ނިއްވާލެވިދާނެއެވެ. ތާމަލް ބްލެންކެޓް އަދި ފަރސްޓް އެއިޑް ކިޓް ފަދަ ތަކެތި ފަސޭހައިން އަތުޖެހޭ ގޮތެއްގައި ބަހައްޓަންޖެހެއެވެ.

އިމާރޖެންސީ ހާލަތެއްގެ ގޮތުގައި ބެލެވިދާނެ ފަދަ ކަންތަކުގެ ތެރޭގައި ބޮޑު ޓްރެފިކް އެކްސިޑެއްޓެއް، ބޮޑު ސަރަހައްދަކުން ނުވަތަ މުޅިރަށުން ކަރަންޓް ދިއުން (ޚާއްސަ ގޮތެއްގައި ރޭގަނޑު) އަދި މޫސުން ގޯސްވުން ކަހަލަ ކަންތައްތައް ހިމެނެއެވެ. މިފަދަ ކަންކަމަކީވެސް ދުރާލާ ތައްޔާރުވެގެން ތިބެވިދާނެ ފަދަ ކަންކަމެވެ. ނަމަވެސް އިމާރޖެންސީ ހާލަތްތަކަކީ އެކަމެއް ހިނގުމުގެކުރިން، ކޮންމެފަހަރަކު އެނގޭނެ ކަންކަމެއްނޫނެވެ. އަދި މިފަދަ ހާލަތަކަށް ބޭނުންވާނޭފަދަ ތަކެތި އަވަހަށް ފޯރުކޮށްދެވޭނެ ގޮތަކަށް ތައްޔާރީ ހަލަތުގައި ހުރުމަކީ، އެކަމަކުން މީހެއްގެ ނުވަތަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނޭ ކަމެކެވެ.

ޑިޒާރސްޓަރއެއް މާނަކުރެވެނީ އެކަމެއް ހިގުމުން، ބޮޑެތި ގެއްލުންތަކެއްވެ، އުދަނގުލާ ކުރިމަތިލާންޖެހޭ ނުވަތަ އެތަކެއް ބަޔެއްގެ ފުރާނައަށް އެކަމަކުން ގެއްލުންތަކެއް ލިބިގެންދާ ފަދަ ކަންކަމެވެ. މިފަދަ ބައެއްކަންކަމަށް ބަލާލާނަމަ ވިސްނުމަށް އަންނަނީ ބޮޑެތި ބިންހެލުން، ހަރިކޭންސް، ފްލަޑްސް، ސުނާމީ އަދި ބައެއް ކަންކަމަކީ އިންސާނުންގެ ކިބައިންވާ ކަންތަކެވެ. މިސާލަކަށް ބުނާނަމަ އޮސްޓްރޭލިއާގެ ފޮރެސްޓް ތަކުގައި ރޯވެފައިވާ ބައެއް އަލިފާނަކީ ބަޔަކު ގަސްތުގައި ހިންގާފައިވާ އަމަލެކެވެ.

މިފަދަ ހާލަތްތަކުގައި ކުއްލިގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެދާނެކަމެއްނޫނެވެ. އެއީ، މިކަހަލަ ހާލަތަކަށް އަންނައިރު ގިނަފަހަރަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ފަރާތްތައްވެސް ހަމަ މިކަމުގެ ހިތާމަވެރި އުނދަގުލުގައި ތިބޭނީ ޖެހިފައެވެ. އަދި ބޭރު އެހެން ފަރާތެއްގެ އެހީތެރިކަން ލިބުމާއި ދެމެދު ފުދޭވަރެއްގެ ވަގުތެއްވެސް ހޭދަވެދާނެއެވެ.

1992 ން 2001 އަށް، އެކުޖުމްލަ 416,535 މީހުންވަނީ ޤުދުރަތީ ގޮތުން ދިމާވާ މިފަދަ ކަންކަމުގައި މަރުވެފައެވެ. އަދި ހަމަ މިމުއްދަތުގައި 86,947 މީހުންވަނީ އެހެނިހެން ގޮތްގޮތުން ދިމާވެފައިވާ ޑިޒާރސްޓަރ ތަކުގައި މަރުވެފައެވެ (ވާރލްޑް ޑިޒާރސްޓަރ ރިޕޯރޓް 2002). މިމުއްދަތުގައި މީހުން މަރުވެފައިވާ އަދަދުގެ އިތުރު ތަފްސީލް ޓޭބަލްގައި އެވަނީއެވެ.

އެފްރިކާ

40,076

އެމެރިކާ

79,293

އޭޝިޔާ

 463,681(%75)

ޔޫރަޕް

35,994

އޯޝޭނިޔާ

3,319



ޓޭބަލްގައި އެވާ އަދަދުގެ ތެރެއިން 50 އިންސައްތަ އަށްވުރެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ ތިންވަނަ ދުނިޔޭގެ ގައުމުތަކުންނެވެ. ސަބަބަކީ ކޮބައިކަން ވިސްނާ ފިކުރުކުރުމަށްޓަކައި ކިޔުންތެރިންނަށް ދޫކޮށްލަމެވެ.

ޑިޒާރސްޓަރ އަށް ތައްޔާރުވެ ތިބުމަކީ މުޙިންމުކަމެކެވެ. އެއީ ކޮންމެހެން މާ އަގުބޮޑު ކަމަކަށްވާން ލާޒިމެއްނޫނެވެ. މިކަމުން އެތަކެއްބައެއްގެ ފުރާނަ ސަލާމަތް ވެދާނެއެވެ. ޑިޒަރސްޓަރ ޕްލޭންކުރުމަކީ ޑިޒާރސްޓަރ އަކަށް ތައްޔާރުވެ ތިބުމުގެ ތެރެއިން ވާކަމެކެވެ. ޑިޒާރސްޓަރ އަކަށް ތައްޔާރުވެ ތިބުމަކީ ޑިޒާރސްޓަރ އިން ފުރާނަ ސަލާމަތް ކުރެވިދާނެ ކަމެކެވެ. ޑިޒާރސްޓަރއެއް ހިނގުމުގެ ކުރިން މިފަދަ ކަންކަމަށް ވިސްނާލަން ވަގުތުކޮޅެއް ހޭދަކޮށްލައިފިނަމަ، ކޮންމެ މީހެއްގެވެސް އަދި އެމީހެއްގެ ގާތްތިމާގެ މީހުން ސަލާމަތްކުރުމުގައި އެއީ ވަރަށް ބޮޑު އެހީއަކަށް ވެގެން ހިނގައިދާނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ