އުންމީދެއްގައި އަހަރެން މިހިރީ ދުށުމަށް އެދިގެން ފުރަތަމަ ދަރިފުޅު
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
(މަޤުތޫލު)
އުންމީދެއްގައި އަހަރެން މިހިރީ، ދުށުމަށް އެދިގެން ފުރަތަމަ ދަރިފުޅު
ދޮންދީ، ބޮސްދީ، ހޭހަންކޮށްދީ، ފިރުމަން އެދިގެން، ލޮބުވެތި ދަރިފުޅު
ނުވަމަސް ފުރިގެން، ބުރަދަން ލިބިގެން، ހުވަނދުން މި ޙަޔާތް އެއްވަސްވެވިގެން،
ހުވަފެންތަކުގައި ކުލަޖެހި ނިމިގެން، ފެނުނީ ދެލޮލަށް، ދުޅަހެޔޮ ދަރިފުޅު
ހީނލާ ރޮއިލާ، ކުޅެލާ، ދުވެލާ، ފުމެލާ ބައްޕާ، މަންމާ، ގޮވަމުން،
މީހުން ލޯބިން ފެންކަޅި ކުރަމުން ހެދިބޮޑުވެދަނީ ނިޔަނެތި ދަރިފުޅު
އިސްކޫލަށްލީ، ފޮތްތައް ގަނެލީ، ޓިއުޝަންގަޑިތައް ހަމަޖައްސާލީ،
އިސްކަންހޯދީ، ކުރިޔަށް ދެމިލީ، ޅަފަތުގެ ޢިލްމުން، ހިތްއަލި ދަރިފުޅު
އުފަލުން ފުރުނީ، ލޯބިން ރޮވުނީ، އުނގުގައި އިން ދަރި، އުޑުގައި ވެޑުވީ،
އުފުލާ ނުލެވޭ، ގިޓަޔާ، ފޯނާ ފިލްމަށް، ހޭނީ ދެން، ރަންދަރިފުޅު
ކެހިވެރި ލޯތައް، ޖެހިގެން އައިދުހު، ފެހިވިދުމެއްގައި، ދިން ސިގްނަލްތައް
ރުހިގެން ބެލުމުން، ސޮހިގެން ދިޔައީ ''ފަޚުރާ އެކުގާ'' މިނިވަންދަރިފުޅު
ދައުރު ބަދަލުވީ، ފިކުރު ގަރަނބުވީ، ލޯލި ކުރިން ހުރި ކަޅުވެ ހަރުވެލީ
ހޫރު، ޕަރީން، ބަޠަލުންގެ ގްރޫޕެއް ލީޑްކުރީ، ޅަ ފުރާވަރު ދަރިފުޅު
ކިޔަވާފޮތްތައް، އުނގެނޭ ގޮތްތައް، ފިޔަވައި، އޭނާ ބޭނުން ކަންތައް،
ހިޔަހާސް، ހެޔޮބަސް، އިއްވާ ދޭއިރު ކުރިޔަށް ނެރެނީ ބޯހަރު ދަރިފުޅު
ބޮލުގައި ހަތްކުލަ، ކަރުގައި އަށް އުޅި، ކަންފަތުގައި ދަންމާނު ދޮޅަސްބުޅި،
ލޮލުގައި ނިދިބަލި، ފައިގައި ''ވަރުބަލި''، އަޑު ރޫރޫލައި، ގޮތްކުޑަ ދަރިފުޅު
ދޮރުގައި ޓަކިދިން، ޅަޒުވާން ދެކުދިން، ނޫހެދުމެއްގާ ރަސްމީ ގޮތަކަށް،
ފޮރުވާފައިވާ، އެއްޗެއް ގެންދިޔަ، ދެން ގެންދިޔައީ ކުށްވެރި ދަރިފުޅު
ދުށްމީހަކު ބުނި ބުނުމުގެ މައްޗަށް، ހުއްޓި މިހެން ކޯޓުގެ ދޮރުމައްޗަށް،
އުންމީދެއްގައި އަހަރެން މިހިރީ، ދުށުމަށް އެދިގެން ފުރަތަމަ ދަރިފުޅު
--------------------------
12 ޖޫން 2006
(ނިމުނީ)
ނޯޓު:
މިއީ 2006ވަނަ އަހަރު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ނިޒާމީ ދަރިވަރުންނަށް އަމާޒުކޮށްގެން އަޅުގަނޑު ހިންގި ދިވެހިބަހުން ޅެންހަދަން ދަސްކޮށްދިނުމުގެ ކިލާހެއްގައި ކުރެވުނު މަސައްކަތެއްގެ ނަތީޖާ އެވެ. ކަނޑައެޅިފައިވާ ތަފާތު މައުޟޫޢުތަކަކަށް ޅެން ހެދުމުގެ ތަމްރީނެއް ދަރިވަރުންނާ ހަވާލު ކުރެވުނު އިރު، އޭގެ ތެރެއިން އެއް މައުޟޫޢަކަށް ޅެމެއް ހެދޭތޯ އަޅުގަނޑު ވެސް މަސައްކަތް ކުރީ އެވެ.
ފަންވަތުގައި މި ޅެން މި ޝާއިޢު ކުރަނީ އެ ކޯހުގެ ދަރިވަރެއްކަމުގައިވާ އާދަމް ރަޒީފުގެ އެދުމުގެމަތީންނެވެ. މި ފުރުޞަތުގައި މި ޅެން ފަންވަތުގައި ޝާއިޢު ކުރުމަށް އަޅުގަނޑަށް ދިން ހިތްވަރަށްޓަކައި ލޮބުވެތި ދަރިވަރު އާދަމް ރަޒީފަށް ނުހަނު ލޯތްބާއެކު ފަށްފަށުން ޝުކުރު އަދާކުރަމެވެ.
މި ލިޔުން؛
ޓައިޕްކުރުން: އާދަމް ނަޞީރު އިބްރާހީމް
އަލުން ބެލުން: '' ''
ޝާއިޢު ކުރުން '' ''