އަދުގެ ޚާއްސަ

Print

ޤުދުރަތީ ފަރުވާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


އަނީސް މަންޞޫރު

މިޒަމާނުގައި ފަސްތަރީގެ ހަސްފަތާލު ވެ އެވެ. އަދި ހަތްތަރީގެ ހަސްފަތާލު ވެސް ވެ އެވެ. ނަމަވެސް ދަންނަވަން މިއުޅެނީ، އެންމެ ތަރިއެއްވެސް ނެތް ހަސްފަތާލެއްގެ ވާހަކަ އެވެ. އެ ހަސްފަތާލުގެ އެނދެއްގައި ބަލި މީހަކު އޮތެވެ. އޭނާ އޮތީ އަޅާ ވޭނެއްގެ ބޮޑުކަމުން އަޑުއަޑުން ގޮވަގޮވަ އެވެ. ބައެއް ފަހަރު އޭނާއަށް ރޮވެ އެވެ. ނަމަވެސް ފަރުވާއެއް ދިނުމަށް ހަސްފަތާލުގެ މީހަކު އޭނާގެ ގާތަކަށް ނާންނާނެ އެވެ. އޭނާ ބާއްވާފައި އޮތް ޖަގަހައިގެ ދޮރު ވަނީ ލައްޕާލާފަ އެވެ. އިރު އަރަންދެން އޭނާ އޮންނަން ޖެހޭނީ އެތަނުގަ އެވެ.

ކޮންމެ ދުވަހަކު ވެސް އިރު އެރުމުން ނަރުހަކު އޭނާގެ ކައިރިއަށް ދެ އެވެ. އެއީ ސިފަ ހުތުރު އަންހެނެކެވެ. އެ ނަރުސް އޭނާގެ ޙާލު އަހައި، ސުވާލުތައް ކޮށް އޭނާ ރުޅިއަރުވަ އެވެ. އެ ނަރުސް ބުނެ އެވެ.

"ތެދުވާށެވެ! އިންޖެކްޝަން ޖަހަން ވެއްޖެ އެވެ... ޕްރެޝަރު ބަލަން ވެއްޖެ އެވެ... ފިނިހޫނުމިން ހުރިވަރެއް ނަގަން ވެއްޖެ އެވެ..."

ދެން އެ ނަރުސް ކަރުދާސްގަނޑަކަށް ބަލަ އެވެ. އޭގައިވަނީ ކީކޭ ކަމެއް ނޭނގެ އެވެ. އޭނާ ކުރަން ބޭނުންވި ހުރިހައި ކަމެއް ކުރުމަށްފަހު، ދޮރު ލައްޕާލާފައި ދެ އެވެ.

އޭރު އަހަންނެކޭ، މަރުވެފައިވާ މައްޔިތެކޭ އެއްވެސް ތަފާތެއް ނެތެވެ. ހުރި ތަފާތަކީ ވަޅުނުލާ ކަމެވެ. މައްޔިތާ ވަޅުލާނެ އެވެ. އަދި އަހަންނަކު ވަޅެއް ނުލަ އެވެ.

މިތަނުގައި އޮންނައިރު ފޯނަށް ފީ ދައްކަން ޖެހެ އެވެ.
ޓީވީއެއް ބަހައްޓާފައި ހުންނާތީ އެއަށް ފީދައްކަން ޖެހެ އެވެ.
ނަމަކަށް އެއްޗެހި ދޮވެދޭތީ އެކަމަށް ވެސް އަގު ދައްކަން ޖެހެ އެވެ.
ހަސްފަތާލު ހިންގަނީ ބިކަ ޙާލު ޖެހިފައިވާ ބަލިމީހުންނެވެ!!!

ކަޅު ރެއަކު އެ ނަރުސް ގާތުގައި ބުނީމެވެ. "އަނގަތަޅާލާނެ ވަގުތެއް އެބައޮތް ހެއްޔެވެ؟"
އޭނާ ބުންޏެވެ. "ތިކަން ކުރެވިދާނެ އެވެ."

- ތިބާއާއެކު ދާން އަހަރެން ބޭނުމެވެ.
- ނޫނެކެވެ. ނުދެވޭނެ އެވެ.

- ނުދެވެންޏާ ތިއީ ކީއްކުރަން އަންނަ މީހެއް ހެއްޔެވެ؟
- އަހަންނާ ޙަވާލުކޮށްފައިވަނީ، ތިބާ އެނދުން ބޭލުމާއި، އެނދަށް ލުމާއި، ފާޚާނާއަށް ގެންގޮސްދިނުމާއި، ފާޚާނާއިން ގެނެސްދިނުމެވެ.

- ކާންދިނުމެއް ނެތް ހެއްޔެވެ؟
- ކާންދޭން އުޅުނަސް ތިބާ ނުކާނެ އެވެ. ތިބާއަށް ކާންދޭނެ ގޮތެއް އަހަންނަކަށް ނޭނގެ އެވެ.

- އަނެއް މަންޖެ މިއަދު ކޮބައިހެއްޔެވެ؟
- ތިބުނީ ރީތި ނަރުސް ކުއްޖާގެ ވާހަކަ ހެއްޔެވެ؟

- އާނއެކެވެ. މިބުނީ ޤުދުރަތީ ފަރުވާގެ ވާހަކަ އެވެ. ފަތްޕިލާވެއްޔާއި މީރުވަހާއި ރީތި މަންޒަރާއި އުންމީދަކީ ހަމަ އޭނާ އެވެ! އޭނާއަކީ ޤުދުރަތީ ފަރުވާއެކެވެ.
- ތިބާގެ ގާތަށް އަންނާނެ ވަގުތެއް އޭނާއަކަށް ނުވާނެ އެވެ. ކޮންމެ ރެއަކު އޭނާއަށް ވެސް ތިޒާތުގެ އެތައް ވާހަކައެއް އަޑުއިވޭނެ އެވެ.

- ތިބުނީ ކީކޭ ހެއްޔެވެ؟
- މިބުނީ މިތާކު ދެމީހުން ފިޔަވައި އެހެން މީހަކު ނެތެވެ. ތިބާ ބުނި ގޮތަކަށް ބޮސްދީ، ތިބާ ބުނި ކަމެއް ކޮށްދީފާނަމެވެ. މިގޮތް އޯކޭ ހެއްޔެވެ؟

- ނޫނެކެވެ. މިއުޅެނީ ތިބާވަތުގެ ކަމެއް ކުރާކަށް ނޫނެވެ.
- އެހެންވިއްޔާ ދެން ކޮންކަމެއް ހެއްޔެވެ؟

- އަހަރެން ދާން ބޭނުންވަނީ ހޮޓަލަށެވެ. މިތާކު އޮންނާކަށް ބޭނުމެއް ނޫނެވެ.
- ތިޔައީ މަށަކާ ބެހޭ ކަމެއް ނޫނެވެ. އެކަމަކު ތިބާ ހިނގައްޖެނަމަ، ހަސްފަތާލުގެ ސެކިއުރިޓީއަށް އަންގާނަމެވެ.

- ފާރަވެރިއަކަށް އަހަރެން ދިއުން މަނާކުރެވިދާނެހެއްޔެވެ؟ އަހަންނަކީ ބަލިމީހެކެވެ. މިތަނުގައި އޮވެއޮވެ ވަރުބަލިވެއްޖެ އެވެ. ފޫހިވެއްޖެ އެވެ. ކާހިތެއް ބޯހިތެއް ނެތެވެ. ވާހަކަދައްކާކަށް ވެސް ބޭނުމެއް ނޫނެވެ. މިތަނުން ދުވަނީ މަރު ވަހެވެ.
- ރީތި ނަރުސް ކުއްޖާ އަތުވެއްޖެނަމަ ޚިޔާލު ބަދަލުކުރާނަން ހެއްޔެވެ؟

- އޭނާއާ ބައްދަލުވެވޭނެ ގޮތް ހަދާނަމެވެ. ހޮޓަލުގައި ބާއްވައިގެން އަހަންނަށް ފަރުވާދިނުމަށް ޑަކުޓަރާ ވާހަކަދައްކައިގެން ހަމަޖައްސާނަމެވެ. އޭރުން ބޭސްދީ އިންޖެކްޝަން ޖަހަން ދާނީ އޭނާ އެވެ. ހިނިތުންވެފައިވާ މޫނަކާއެކު އޭނާ އަހަންނާ ބައްދަލުކުރާނެ އެވެ. ހިތްހެޔޮކަމާއެކު ވާހަކަދައްކާނެ އެވެ. ފަރުވާތެރިކަމާއެކު ފަރުވާކުރާނެ އެވެ.
- އޭނާ ތިބާއަށް ހޭހަންކުރަން ފަށާތަނުން ތިބާގެ ބަލި ފަސޭހަވެއްޖެ ނަމަ، ސަބަބު ކަމުގައި ދެކޭނީ އޭނާހެއްޔެވެ؟ ނުވަތަ އަހަރެން ކުރި ފަރުވާ ހެއްޔެވެ؟

- އޭނާ ދެނީ އެހެން ބަވަތެއްގެ ފަރުވާއެކެވެ. އެއީ ތިބާ ދޭކަހަލަ އިތުބާރެއް ނެތް ފަރުވާއެއް ނޫނެވެ. އެބާވަތުގެ ފަރުވާއެއް ދިނުމާމެދު ޑަކުޓަރުންނެއް ނުވިސްނާނެ އެވެ. އެއާމެދު ވިސްނިއަސް، އެއިން މަންފާއެއް ކުރާނެހެން ދޭކަން ޑަކުޓަރުންނަކަށް ނޭނގޭނެ އެވެ. ޑަކުޓަރުން އާދަވެފައިވަނީ، ބަލިމީހުންގެ ރުއިމާއި، ހިތާމައާއި، މަރާއި، ބަލިމީހުންގެ އަތުން ލިބޭ ހަރާން ލާރިއަށެވެ. ޑަކުޓަރުންގެ ދިރިއުޅުން ހަމަޖެހިފައިވަނީ އެޔާއެކުގަ އެވެ.


މަޞްދަރު:
އައްޝަރުޤުލް އައުސަޠު ނޫސް

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ހަމަމިގަލަމުން

އިދާރާ

ވާހަކަ