އަދުގެ ޚާއްސަ

Print

ޕުލާސްޓިކު ފިނިފެންމާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


 އާދަމް ނަޞީރު އިބްރާހީމް (2010)

އަހަރެން މީނީ ތިބާ އާ ވަރަށް ގާތުގަ އެވެ. ތިބާގެ ގޭގަ އެވެ. ބޮޑުކޮޓަރީ ތެރޭގަ އެވެ. ހަނދާން އެބަ ހުރިހެއްޔެވެ؟ މަގުމަތީ ބާޒާރުން ގަނެގެން، އަހަރެން މި ތަނަށް ގެނައީ ތިބާ އެވެ.

އަހަރެންގެ ކުލަ ތިބާ އަށް ރީއްޗެވެ. ތިބާ އަހަންނަށް ލޯބި ކުރަމު އެވެ.  ހަފުތާއަކު އެއްފަހަރު ފޮޅައި ސާފު ކުރަމުއެވެ. ރީތި ކުރަމު އެވެ. ކީއްވެގެންހެއްޔެވެ؟ އަހަރެންގެ ކިބައިން ތިބާ އަށް ހިތްހަމަ ޖެހުމެއް ލިބޭތީ ހެއްޔެވެ؟ ތިބާގެ ގެއަށް ޒީނަތްތެރިކަމެއް އަންނާތީ ހެއްޔެވެ؟ ބޮޑުކޮޓަރީގައިވާ ފަޅުކަން އަހަރެންގެ ސަބަބުން ފިލައިދާތީ ހެއްޔެވެ؟

ހެޔޮ އެދޭ އެކުވެރިޔާ އެވެ. މީހުން ބުނާތީ އަހަމެވެ. ''މަލެއްގައި ވިއްޔާ ވަހެއް ހުންނާނެ'' އެވެ؟ މި ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟ ތިބާ މި ބަހާ މެދުގައި ވިސްނައިލީމުހެއްޔެވެ؟ އަހަންނަށް އެބަ ހާދަ ވަރަކަށް ވިސްނެ އެވެ. ތިބާގެ ނަޒަރުގައި ވެސް އަދި އަހަރެންގެ ނަޒަރުގައި ވެސް އަހަންނަކީ މަލެކެވެ. ރީތި ފިނިފެންމަލެކެވެ. ހާދަ ބައެއްގެ ސަމާލުކަން އަހަންނާ ދިމާޔަށް ހުއްޓެ އެވެ. އެކަމަކު އެއީ ހަމަ އެކަނި ބަލައިލާށެވެ. އެ ނޫން ކަމެއް އަހަރެންގެ ކިބައިޔަކުން އެމީހުންނަކަށް ނުފުދެ އެވެ.

ރަޙްމަތްތެރިޔާ އެވެ! ޙަޤީޤީ ފިނިމެންމާ އަހަންނާ ހާދަ ތަފާތެވެ. ކުލައިގެ ގޮތަކުންނޫނެވެ. ކުޑަބޮޑުމިނުގެ ގޮތަކުންނެއް ވެސް ނޫނެވެ. ފިޔައިގެ އަދަދުގެ ގޮތަކުން ވެސް ނޫނެވެ. އެކަމަކު އޭގެ ފިޔަތަކުގެ ނާޒުކުކަމެވެ. އޭން ލިއްބައިދޭ މީރުވަހެވެ. އެ ވަހުގެ ހިތްގައިމުކަމެވެ. ގަހުގައި އިންނަ އިރުވެސް އަންނަ ވައިރޯޅިޔާއެކު އަތްއަތަށް ހެލިލާ ފަރިކަމެވެ. އޭގައި ދިރުމެއްވެ އެވެ. މިޔުޒިކެއް ވެ އެވެ. މަލުގެ ވަހުގެ ވާހަކަ ތަކުރާރު ކޮށްލަމެވެ. އޭގެ ވަހުގައި މީރުކަމެއް ވެ އެވެ. ހުވަނދުކަމެއް ވެ އެވެ. ޢަބީރެއް ވެ އެވެ. މަލެއްގައި ނަމަ ވަހެއް ހުންނަން ޖެހޭނެ އޭ އެ ބުނާ ބަހުގެ މާނައަކީ މިއީކަން ކަށަވަރެވެ. ފަހަރެއްގައި ވެސް އެއީ ކޮންމެ ކޮންމެ ޒަވި ވަހެއްގެ ވާހަކައެއް ނޫނެވެ. 

ޙަޤީޤީ ފިނިފެންމަލުން މީހުން ހާދަ ބޭނުމެއް ހިފަ އެވެ. އެ މާ މީހުންނަށް ފައިދާހުރި ހާދަ ޚިދުމަތެއް ދެ އެވެ. އެއިން މުޅި އިންސާނިއްޔަތަށް ހާދަ މަންފާއެއް ލިބިދެ އެވެ. ގިނަ ބަޔަކު އަވަދި ނެތިފައިވަނީ އެ މަލުން ލިބިދޭ ޢަބީރުން  މީރުވަސް ދުވާ ހުވަނދުތައް ހެދުމުގަ އެވެ. ހަފުލާތައް ޒީނަތްތެރި ކުރުމުގަ އެވެ. އުފާވެރި ގުޅުންތަކުގެ ރަމްޒީ ހަދިޔާތައް ބަދަލުކުރުމުގަ އެވެ. ކީއްހެއްޔެވެ؟ ތިބާގެ ޤައުމީ މަލުގެ ޝަރަފު ވެސް ދީފައިވަނީ ހަމަ އެ ފަދަ މަލަކަށެވެ.

މި ކަންކަމާމެދު އަހަރެން ވިސްނަމެވެ. ފިނިފެންމަލެކޭ ބަޔަކު އަހަންނަށް ކިޔަސް ހަމަ ހަޤީޤަތުގައި ވެސް އަހަންނަކީ އެ ފަދަ ނަމެއްގެ ޙައްޤުވެރިޔަކުތޯ ސުވާލު އުފައްދަ މެވެ. އަހަރެންގެ ތަނޑިއަކީ ޅަނދޮޅުކަމެއް ނެތް ރަބަރު ގަނޑެކެވެ. އަހަރެންގެ ފިޔަތަކަކީ ނާޒުކުކަމެއް ނެތް ކުރަކި ކަމެކެވެ. އަހަރެންގެ ވަހަކީ ހުވަނދުކަމެއް ނެތް އާވިގަނޑެކެވެ.  އެހެން ގޮތަކަށް ބުނާނަމަ، އަހަންނަކީ އަސަރެއް ރާޙަތެއް ނެތް ޤަދަރެއް ޢިއްޒަތެއް ނެތް ނަމެކެވެ.

ޝައްކެއް ނެތެވެ. ފިނިފެންމަލެއްގެ އެންމެ މުހިންމު އެއްޗަކީ އޭގެ ވަހެވެ. އޭގައިވާ ނާޒުކުކަމެވެ. އޭގެ ސަބަބުން އޭގެ ވެރިޔާއަށް އުފާވެރިކަމެއް ދެވެ އެވެ. އެ މަލަކީ އޭނާގެ ޚިދުމަތުގައިވާ އެއްޗެއް ކަމުގައި ވެދެ އެވެ. ނަމަވެސް....

އަހަރެން މިއާ ޚިލާފެވެ. އަހަރެން ވަނީ ތިބާގެ ޚިދުމަތުގަ އެއް ނޫނެވެ. އެކަމަކު ތިބާ ވަނީ އަހަރެންގެ ޚިދުމަތުގަ އެވެ. އަހަރެންގެ ހިރަފުސް ފޮޅުމުގަ އެވެ. އަހަރެންގައި ފެންފޮތި ލުމުގަ އެވެ. ކުޑަކުއްޖަކު އަތުން ވެސް އަހަންނަށް ގެއްލުމެއް ވެދާނެތީ ފާރަލުމުގަ އެވެ. ބަދަލުގައި އަހަންނަށް ދެވެނީ ކޮން އެއްޗެއްހެއްޔެވެ؟ އަނެއްކާ ވެސް އަންނަ ހަފުތާއަށް ޖަމާކޮށްލެވޭ ހިރަފުސްކޮޅެވެ. އޭގައިވާހައި ޖަރާސީމާ އެކުގައި ވެސް މެ އެވެ.

ރަޙްމަތްތެރިޔާ އެވެ. ވިސްނާށެވެ. އިންސާނުންގެ ތެރޭގައި ވެސް މި ފަދަ މީހުން އުޅެ އެވެ. މި ފަދަ މީހުން ތިބެ އެވެ. ބޭރުފުށުން ބެލީމައި އެއީ ހަމަ އިންސާނުންނެވެ. ހެދުމުގެ ނަލަކަމާއި، ބަހުގެ އޮލަ ކަމުގަ އެވެ. މޫނުގެ އަލިކަމާއި، ޙަރަކާތުގެ ހަލިކަމުގައި ވެސް މެ އެވެ.  މި ފަދަ މީހުން އެ ފާޅުވެގެންފައިވާ ރޮނގަކުން ބަލައިފި ނަމަ، އެ ރޮނގުގެ ވިޔަޔާދާ ހެޔޮލަފާ މީހުންނާ މާބޮޑު ތަފާތެއް ނޯވެ އެވެ.  ބޭރަށް ފެންނަ ފަރަގެއް ނޯވެ އެވެ. އެކަމަކު އެތެރޭން އަންނަ އަރަގެއް ވެސް ނުހުންނާނެ  އެވެ.

މިއީ ޙަޤީޤަތުގައި ކޮންފަދަ ބައެއްތޯ ނިކަން ވިސްނައިލަ ބަލާށެވެ. އެއީ ބޭސްވެރިންކަމުގައިވާނަމަ، އެމީހުންގެ ފަރާތުން ތިބާއަށް ލިބެނީ ޞިއްޙީގޮތުން  ރަނގަޅު ފަރުވާތޯ ނުވަތަ އަސްލެއް ނޭނގޭ ހިލިބޭސްގަނޑެއްތޯ ބަލާށެވެ! އެއީ ލިޔުންތެރިންކަމުގައިވާނަމަ، އެމީހުންގެ ފަރާތުން ތިބާއަށް ލިބެނީ ޢިލްމީ ގޮތުން އޮއްޓަރުހުރި ލިޔުންތަކެއްތޯ، ނުވަތަ މާނައެއް ނެތް ހާސަރުތަކެއްތޯ ވިސްނާށެވެ. އެއީ ސިޔާސީ މީހުންކަމުގައިވާނަމަ، އެމީހުންގެ ކިބައިން ތިބާއަށް ފެންނަނީ ޤައުމުގެ މަޞްލަޙަތަށްޓަކައި ދުރުމުސްތަޤުބަލަކަށް އިސް އުފުލައިލެވިފައިވާ ބޯތަކެއްތޯ، ނުވަތަ ފައިގެ ބޮނޑުވާ އިނގިއްޔަށްވުރެ ދުރަށް ނަޒަރު ނުފޯރާ އަމިއްލަ އެދުމުގެ ލޯތަކެއްތޯ ވިސްނާށެވެ.  އެއީ ދަންނަބޭކަލުން ކަމުގައިވާނަމަ، އެ މީހުންގެ ފަރާތުން ތިބާއަށް އިވެނީ ޙިކްމަތްތެރި ރިވެތި ވަޢުޡާއި ނަސޭހަތްތޯ، ނުވަތަ ރޭވުންތެރިކަމެއް، ޙުއްޖަތެއްނެތް ހުސް އަޑުގަދަކުރުންތަކެއްތޯ ވިސްނާށެވެ.

އެކުވެރިޔާ އެވެ!  ޙަޤީޤީ ފިނިފެންމަލުގެ ކުލަރީތިވާނެ އެވެ. ކަރުގަނޑު ނާޒުކު ވާނެ އެވެ. ވަސް މީރުވާނެ އެވެ.

----------------
 (ނިމުނީ)


މި ލިޔުން؛

  ޓައިޕްކުރުން:    އާދަމް ނަޞީރު އިބްރާހީމް
  އަލުން ބެލުން:      ''        ''
  ޝާއިޢުކުރުން:      ''        ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ