Print

ހެދިގޮނޑުދޮށުގައި އަލިފާންފަރުބަދައެއް ވެ އެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތިމާވެށި


ޢަބްދުލްމުޢީދު ޙަސަން

ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވަނީ، އަލިފާން ފަރުބަދަތަކުގެ އަނގަމަތީގައި ކަމަށް ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެ އެވެ. މިހާރު އެ އަލިފާން ފަރުބަދަތައް ވަނީ މަރުވެފަ އެވެ.

އަލިފާން ފަރުބަދައެއް ދެކެން ބޭނުން މީހަކަށް ޖަޕާނުގެ ހެދިގޮނޑުދޮށުގައި އެކަން ކުރެވިދާނެ އެވެ. އެތަނުގައި ވަނީ އަސްލު އަލިފާންފަރުބަދައަކާ އެއްގޮތަށް ހަދާފައިވާ އެއްޗެކެވެ. ކޮންމެ 15 މިނެޓަކުން އެ އަލިފާންފަރުބަދައިން ދުން އަރަ އެވެ. އަދި ކޮންމެ ގަޑިއަކު އެއްފަހަރު އެ އަލިފާން ފަރުބަދަ ގޮވަ އެވެ. ނަމަވެސް އެއިން ބޭރުވާ ތަކެތިން ގެއްލުމެއް ނުލިބޭނެ އެވެ.


ކޮންމެ ގަޑިއަކު އެއްފަހަރު ހެދިގޮނޑުދޮށުގައިވާ ކަނޑަށް ބިންހެލުމެއް ވެސް އާދެ އެވެ. އެއާއެކު ކަނޑުގެ ރާޅުތައް އުފުލެ އެވެ. ދެން ރާޅާއަޅާ ހިތްވާ މީހުން، އެ ރާޅުތަކުގެ ތެރެއަށް ގޮސް ރާޅާއަޅަ އެވެ.


ހެދި ގޮނޑުދޮށް ރީތިކޮށް ފެންނަނީ، އެތަނުގެ ފުރާޅު ކަހާލުމުންނެވެ. އެތަނަށް އިރުގެ އަލިކަން ވަދެ، ތަނުގެ ބޮޑު މަންޒަރު ފެންނަނީ އޭރުންނެވެ. އެތަނުގައިވާ ދޮންވެލީގެ އައްސޭރިފަށާއި ރުއްގަހާއި ޖަންގަލި ފެނުމުން މީހަކު އަންތަރީސްވާނެ އެވެ. އެތަނުގެ ބޮޑު މަންޒަރު ފެންނަ ހިނދުކޮޅަކީ، އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހަނދާނުން ފިލައިގެން ނުދާނެ ތާރީޚީ ހިނދުކޮޅެކެވެ.

ހެދިގޮނޑުދޮށުން އަބަދުވެސް ގުރާ ގޮވާ އަޑު އިވެ އެވެ. ހިތް ދަމައިގަންނަ ކަހަލަ އެނޫން އަޑުތައް ވެސް އެތަނުން އިވެ އެވެ. 


ހެދިގޮނޑުދޮށުގެ ފުރާޅުގެ ދަށުގައި އަބަދުވެސް ފިނިހޫނުމިން ވަނީ އެއްވަރެއްގައި ހިފަހައްޓާފަ އެވެ. ދުވާލާއި ރޭގަނޑުގައި، ފިނިމޫސުމާއި ހޫނުމޫސުމުގައި އެތަނުގެ ފިނިހޫނުމިނަކީ، 30 ޑިގްރީ ސެލްސިއަސް އެވެ. އެތަނުގައިވާ ކަނޑުގެ ފެންގަނޑު ކޮންމެ ދުވަހަކު އެއްފަހަރު ސާފުކޮށް ބަލަހައްޓަ އެވެ.


ޖަޕާނުގެ ހެދިގޮނޑުދޮށް އޮންނަނީ ޓޯކިޔޯގެ ދެކުނުން 1500 ކިލޯމީޓަރު ދުރުގައިވާ ރަށެއްގަ އެވެ. އެރަށުގެ ނަމަކީ، މިޔަޒާކީ އެވެ. އެ ގޮނޑުދޮށުގެ ދިގުމިނަކީ 300 މީޓަރެވެ. ފުޅާމިނަކީ 100 މީޓަރެވެ. އެއީ މިހާތަނަށް އިންސާނުން އުފައްދާފައިވާ އެންމެ ބިޔަ އިންޑޯރ ބީޗެވެ. ނުވަތަ ދުނިޔޭގައިވާ އެންމެ ބިޔަ އިންޑޯރ ވޯޓަރ ޕާކެވެ.


ހެދިގޮނޑުދޮށަށް ވަނުމުގެ އަގަކީ ފަންސާހަކަށް ޔޫއެސް ޑޮލަރެވެ. ވަނުމަށްފަހު، އެތަނުގެ ތެރޭގައި ކުރާ އެހެނިހެން ކަންތައްތަކަށް ވެސް އަގުދައްކަން ޖެހެ އެވެ. މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި އަބަދުމެ ސަލާމަތީ ފާރަވެރިން ތައްޔާރީ ޙާލަތުގައި ތިބެ އެވެ.


ޤުދުރަތީ އައްސޭރި ނުވަތަ އަޞްލުގޮނޑުދޮށް އޮންނަނީ، ހެދިގޮނޑުދޮށާ 300 މީޓަރު ދުރުގަ އެވެ. ހެދިގޮނޑުދޮށުގައިވާ ރެސްޓޯރެންޓްގައި ތިބޭއިރު އެ އައްސޭރި ފެނެ އެވެ. ރެސްޓޯރެންޓް ހުންނަނީ ބިނާއެއްގެ ތިންވަނަ ފަންގިފިލާގަ އެވެ. އެފަންގިފިލާގައި ކެއިން ބުއިމާއި އެނޫން ޚިދުމަތްތައް ވެސް ވެ އެވެ. ރެސްޓޯރެންޓްގައި ތިބޭއިރު ފެންނަ ޤުދުރަތީ އައްސޭރިއާއި ކަނޑުގެ މަންޒަރަކީ، ވަރަށްވެސް ރީތި ޖާދުވީ މަންޒަރެކެވެ. ހެދިގޮނޑުދޮށަށް ޒިޔާރަތްކުރާ ފަތުވެރިންގެ ހިތްފަތަޙަކުރާ އެންމެ ހިތްގައިމު އެއްމަންޒަރަކީ އެއީ އެވެ.


މަޞްދަރުތައް:
www.omaldonya.com
www.impactlab.net
www.joe-ks.com
www.infobarrel.com



ހަމަމިގަލަމުން

އިދާރާ

ވާހަކަ