އަދުގެ ޚާއްސަ

Print

ޙައްޖު ދަތުރު

ޝާޢިއުކުރީ އިބްރާހީމް ޙުސައިން މަނިކު . ހިމެނޭބަޔަކީ ވާހަކަ


އިބްރާހީމް ޙުސައިން މަނިކު (1998)

ނަވީން އިނީ ގޭގެ ބޮޑު ކޮޓަރީގައި ނޫސް ބަލާށެވެ. ކުރިޔަށް ކަނާތް ފަރާތަށް ހުރި ސޯފާ ގޮނޑީގައި ބާރަ އަހަރުގެ އަންހެން ދަރިފުޅު ސައުދާއާ އޭނަޔާ އެއް ނިބޫ ސުވޭދާ ތިއްބެވެ. ދެ ކުދިން ގެއްލިފައި ތިބީ ޓީވީން ދައްކާ ހިންދީ ފިލްމަކަށެވެ. ހަގު ދެބެން ތިބީ ތަރުފާލު މަތީ ފައިދަމާލައިގެންނެވެ. ވެށްޓާ އެކުވާ ސޫފާސޫފީގެ ފޮތެއް ބަލާށެވެ. ހޮޅިބުރިތަކުގެ އަލީގައި ކުލަ ފޮޓޯތަކުގެ އޮފު ވަކިން ގަދަވެފައި ދެބެންގެ މޫނު ވަކިން ލޯތްބެވެ. ދޮރޯށި ހުޅުވުނު އަޑަށް ނަވީން އިސްއުފުލާ ކަނާތަށް ބަލައިލި އެވެ. ވަދެގެން އައި މީހަކީ އޭނާގެ އަންހެނުން، އަދި ކުދިންގެ މަންމަ އެވެ. މޫނުމަތި ހުރިގޮތުން ކޮންމެ ވެސް ބޮޑު ކަންތައްގަނޑެއް ލައިގަތީކަން ނަވީން ދެނެގަތެވެ. ސުވާލުގެ ގޮތުން ބުމަ އަރުވާލީ އެހެންވެގެންނެވެ. ވަރުދާ ވަދެގެން އައި ގޮތަށް ޖައްސާލީ ނަވީންގެ ވާތްފަރާތުގައި ހުރި ގޮނޑީގަ އެވެ. އޭނާ ވާހަކަ ދެއްކީ ފޯރީގަ އެވެ.

"ތިބެގެން ނެތެއްނު ވާކަށް. ތުއްތުކާނައާއި ހަސަނިކު ވެސް މިފަހަރު ޙައްޖަށް ދަނީނު."

"ދެމަފިރިން އެކުގާ. ސަރުކާރުން ޙައްޖަށް ފޮނުއްވާ ބައިގައި ލައްވާލީތަ؟" ނަވީން އަހާލި އެވެ.
"ނޫނޭ. އެގޭ  އިބްރާހީމް ނަޞީރު ދަތުރުކުރަން ގޮސްފާ އައިސް މަންމަޔާއި ބައްޕަ ޙައްޖަށް ފޮނުވަނީނު. ހިނގާބަލަ އަހަރެމެން ދެމަފިރިން ވެސް ޙައްޖުވާން. ޢަޒީޒާއާއި މުހުސިނު ވެސް ޙައްޖަށްދަނީ މި ފަހަރު. އަމީނާފުޅާ އަޙްމަދުފުޅުގެ ދެމަފިރިން ވެސް. ހައްތަހާ ވެސް ރައްޓެހިން. އެއްވަރުގެ މަޖާމީހުން."
ނަވީން ވަކިއެއްޗެކޭ ނުބުނެ ނޫސް ބަލަމުން ދިޔައީ ހަނުއިނުން ވެސް އެއީ ޖަވާބަކަށް ފުދިދާނެއޭ ހިތަ އެވެ.
"ކީއްވެ އެއްޗެކޭ ނުބުނީ؟" ވަރުދާ އަހާލި އެވެ.

"ޙައްޖަށް ދާން އަދި ތަންކޮޅެއް އަވަހޭ ހިތާ. ވަރުދާގެ އުމުރުން ފުރުނީ ތިރީސް ފަހެއް. އަހަންނަށް މި ހިނގަނީ ސާޅީސް އަހަރަށް."

"ތަޖުރިބާކާރުންގެ ނަސޭހަތަކީ މުސްކުޅީވެ، ގައިބާރު ދޫނުވަނީސް ޙައްޖުގެ ފަރުޟު އަދާކޮށް ނިންމުން. ނުދެކެމުތަ އެކުރާ އިޝްތިހާރުތަކެއް؟"

އިޝްރިހާރުތައް ނަވީން ވެސް ވަނީ ދެކެފަ އެވެ.

މީހަކު ކުރިކަމެއްނެތި ޓީވީ އިސްކިރީން ފަނޑުވާން ފަށައިފި އެވެ. މި ސުކޫތުގެ ސިކުންތު އަންގައިދިނީ ޢިޝާ ނަމާދަށް ގޮވަން ތައްޔާރު ވީކަމެވެ. ނަވީން ތެދުވެގެން ހިނގައިގަތީ ބޭރަށެވެ. ބޯކޮށަން ދަނީކަމަށް ބުނަމުންނެވެ. އަންހެނުން ކުރުނުކޮށް ކަމަކަށް ކިޔަން ފަށައިފިނަމަ މައިތިރިއަކީ ހިނދުކޮޅަކަށް ލޯމަތިން ގެއްލުން ކަމަށް ބައެއްފަހަރަށް އޮންނަނީ ވެފަ އެވެ. އެނބުރި ގެއަށް އަންނައިރު ވަރުދާ ކުރިން އެހާ ބޭނުންވެގެން އުޅުނު ކަންތައް މަތިން ކުޑަކޮށް ވެސް ހަނދާނެއް ނުހުންނާނެ އެވެ. ހަނދާން ނުބަހައްޓަނީ ކަމެއް ކަނޑައަޅާ ބުންނަން ނޭނގުނަސް ވަރުދާގެ މިސިފަ ވީ ނަވީންގެ ހިތުގައި އޭނާގެ އަންހެނުންނަށް ދެވިފައިވާ ލޯތްބާއި ޤަދަރު އިތުރު ވީ ސިފައަކަށެވެ.

ބޯކޮށާ ނިމިގެން ގެއަށް އާދެވުނުއިރު ޓީވީން ނުވަގަޑީގެ ޚަބަރު ކިޔަނީ އެވެ. ވަރުދާ އިނީ ނަވީން ލަސްވެގެން ފޫހިވެފަ އެވެ. ކާންވެސް ހުރީ ހަދާފައި ކަމަށާއި ކުދިން ކައި އަވަދިވެއްޖެކަމަށް ބުންޏެވެ. ނަވީން ފުރަތަމަ ދިޔައީ ފެންވަރައި ރީތިވެލާށެވެ. ހެދުންއަޅައިގެން  ނިކުމެ ދެމަފިރިން ކާން ދިޔައީ އެކުގަ އެވެ.

ދެ މީހުންމެ ހަމަޖެހިލީ ކާމޭޒު ދޮށުގައި އެމީހަކު އާދަވެގެން އިށީނދެ އުޅޭ ގޮނޑީގަ އެވެ. ފިހުނު މަސްތައްޓާ ރިހަތަށިތައް ނަވީން ކައިރިޔަށް ލަފައިދިނީ ވަރުދާ އެވެ. ރޯމިރުސް ނަގާފައި ހުރީ ފިރިމީހާގެ އެއްވެސް ކެއުމެއް ރޯމިރުހާ ނުލައި ފުރިހަމަ ނުވާކަން ވަރުދާއަށް އެނގޭތީ އެވެ.

ވަރުދާ ފިރިމީހާގެ މޫނަށް ބަލައިލިއެވެ. "ގަރުދިޔަ ވެސް އެބަހުރި. ނަގައިދެންތަ؟"
ނަވީން ބޯހޫރުވާލި އެވެ.
"ބޮލެއް ވެސް ބޭނުމެއް ނޫން؟"
"އަވަހަށް ނަގައިދީ" ނަވީންގެ ލޮލުން ބަނޑުހައިކަން ވިދައިގަތެވެ.
ފިރިމީހާގެ މިޒާޖާއި އާދަތައް ވަރުދާ ދަސްކޮށްފައިވަނީ ވަރަށް ވެސް ރަނގަޅަށެވެ. ޙައިރާންވާންވީ ކަމެއް ނޫނެވެ. ކައިވެންޏަށް ފަނަރަ ފުރުނީ އެވެ.

ގަރުދިޔަ ތެލިން ކަނޑުމަހު ބޮލެއް ނަގައި ތައްޓަކަށް ލައިގެން ގެނެސް ނަވީން ކައިރީގައި ބެހެއްޓި އެވެ. ވަރުދާ ހަމަޖެހިލައިގެން ކާންފެށީ ދެނެވެ. ވަށައިގެން ފެންނަ ތާހިރުކަމާއި ތަރުތީބުކަން ވެސް ހީވަނީ ކެއުމަށް ހިތްވަރު ދޭހެންނެވެ. ފޮމިކާޖެހި ކާމޭޒު، ގޭސް އުނދުން، އަތްދޮންނަ ތައްޓާއި އިސްކުރު އަދި ތެލި ތަށިން ދަޅައަޅަނީ ކިލައެއް މިލައެއް ނެތީމައެވެ.

"ކޮބާ ޙައްޖު ދަތުރާ ދޭތެރޭ ކީކޭ ބުނަނީ؟" ވަރުދާ އަހާލި އެވެ.
ނަވީން ފެންތަށިން ކޯވަރެއް ދަމާލި އެވެ. "އަނެއްކާ އެއްކަލަ ވާހަކަ. އަތުގައި ޖަމާގައި މިވަގުތު ލާރިތަކެއް ނެތްކަން ވަރުދާއަށް ރަނގަޅަށް އެނގޭނެ."

ވަރުދާގެ މޫނުމަތިން ވިދާލީ ސިއްރުން ފުރިފައިވާ ހިނިތުންވުމެކެވެ. "ލާރީގެ ވާހަކަ ހުއްޓާލާ. ޙައްޖަށް ދާނަމޭ ބުނޭ."

ވަރުދާއަކީ ހުޝިޔާރު އަންހެނެއްކަން ނަވީނަށް އެނގެ އެވެ. އެކަމާމެދު މިހާރު ފަޚުރުވެރި ވެސް ވެ އެވެ. ކައިވެނީގެ ކުރީކޮޅުގައި ނަވީން އެދޭގޮތަށް ނޫނީ ގޭތެރޭގެ އެއްވެސް ކަމެއް ވިޔަނުދޭން، ނަވީންގެ ލަފާގެ މަތިން ނޫނީ އުއްޑުން އޮތް ނާށި ބަންޑުން ވެސް ޖެހިޔަނުދޭން ކުރި މަސައްކަތުގެ ނަތީޖާއަކީ ނިމުމެއްނެތް ކޯޅުން ތަކެވެ. ދެމީހުންވެސް ދަޢުވާކުރީ ގޭތެރޭގެ ވެރިކަމަށެވެ. މި ހަނގުރާމަ ގަނޑު ނިމުނީ ވަރުދާއަށް ކާމިޔާބުވެގެންނެވެ. ނުވަތަ މީ ބޭކާރު ހަނގުރާމައެއްކަން ނަވީނަށް ވިސްނުމުންނެވެ. މިހާރު ދޮރުފޮތީގެ ކުލަ، ފަރުނީޗަރުގެ ފޮފަ، ތަރުފާލުގެ ދުޅަ، މި ފަދަ ކަންކަމާ ނަވީން މާބޮޑަށް ބެހި ފާޑުކިޔައެއް ނޫޅެ އެވެ. މިކަންކަމީ ވަރުދާގެ ދާއިރާ އެވެ. ގޭތެރޭގެ ވެރިޔަކީ އޭނާ ވިއްޔާ އެވެ. ނަމަވެސް ޙައްޖުދަތުރުގެ ޚަރަދު ބަރަދު، މީ އަދި މުޅިން އެހެން މައްސަލައެކެވެ.

ވަރުދާ ފިރިމީހާގެ ޚިޔާލުތައް ކިޔާލީ ހުޅުވާލައިފައިއޮތް ފޮތެއް ފަދައިންނެވެ. "ލާރިއަކީ މައްސަލައެއް ނޫން."
"މަށަށް އެއީ މައްސަލައެއް."

ވަރުދާ ތޫނު ގޮތަކަށް ބަލާލި އެވެ. "މަށަށް ހީވަނީ ނަވީން ޙައްޖަށްދާން ނޭދެނީހެން."

ނަވީން ބޯ ހޫރައިގަތެވެ. "ނޫން. ނޫން. އެއްގޮތަކަށްވެސް އެއެނެއް ނޫން."

"އެހެންވިއްޔާ ތި އޮތީ ހަމަޖެހިފާ. ކައިގެން ހިނގާ އަހަންނާއެކު."

ވަރުދާ އެއްލި އެންގަނޑު ބުޅިއާއެކު ގިލައިވެއްޖެކަން އިޙްސާސްވުމުން ނަވީނަށް ލިބުނީ ނުތަނަވަސް ކަމެވެ. ކައި ނިމިގެން ދައްކާން މިއުޅެނީ ކޮން ކުޅިވަރެއް ބާވައޭ ހިތަށް އެރި އެވެ. ކޮންމެ ކުޅިވަރެއް ނަމަވެސް އެ ކުޅިވަރަކަށް އޭނާ ކުރީ ނުރުހުމުގެ އިންތިޒާރެކެވެ. ހުސްހަށި ބަޔަށް ހުރެވުނުނަމަ ރަނގަޅޭ ބައެއްފަހަރު ހިތަށް އަރަނީ މިފަދަ ކަންތަކާ ހެދި އެވެ. ނަމަވެސް އިންތިޒާމު ގެއެއް، އުފާވެރި ދިރިއުޅުމެއް، ރަނގަޅު ދަރިބައެއް، އެހީތެރި އަވައްޓެރިން، ހޯދައި ދިނީ ވަރުދާކަމަށް ވާއިރު، ބައެއް ދެބަސްވުންތަކާ އަމިއްލަ ވަންތަކަން ގެއްލުން، މިއީ ލިބިފައިވާ ނިޢުމަތުގެ އަގު ކަމަށްވާނަމަ އެ އަގު އެތައް ފަހަރަކު އަދާކުރަން ވެސް ޖެހިލުންވާންވީ ކީއްވެގެންހެއްޔެވެ؟

ކައި ނިމިގެން ގޮސް ނަވީން ޖައްސާލީ ބޮޑުކޮޓަރީގަ އެވެ. ވަރުދާ ދުފަން ހަދައިގެން ގެނެސް ތަބައް ބެހެއްޓީ ނަވީން ކުރިމަތީގަ އެވެ. ތަބައް ތެރޭގައި މަދު އެއްޗެއް ނެތެވެ. ހަނާކުރި ފޯއް، ބިލެތް، ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ކަޅަނގާރިއަށް ދަންނެން ހުއްޓެވެ. ނަވީން ދުފާލީ ފިސާރި ގަޔާވެގެންނެވެ. ސިނގިރެޓް ރޯކޮށްލައި ދުންތައް ފޮނުވާލީ ދުމަކީ ބަރުދަން ހުރި އެއްޗެއްނަމަ އަނެއްފަތާރު ފާރުގައި ދިމާ ކުރިމަތީގައި ހުރި ލިޔުމަށް ފޯރާހާ ބާރަށެވެ. "ސިނގިރެޓް ބުއިމުން ގެއްލުން ލިބެނީ ވަޒީރުއްޞިއްޙާ އަކަށް ނޫނެވެ. ކަލޭގެ ޞިއްޙަތަށެވެ." ސައުދާއާއި ސުވޭދާއާ ދެބެން ވެސް މަންމަ ހާ ލާނެތޭ ހިތަށް އެރި އެވެ. ފާރުގައި ލިޔުން ހިއްޕީ އޭގެ ދެބެންނެވެ. އިލްތިމާސް ރައްދުވާ ފަރާތަކީ ނަވީން ފިޔަވައި ދެން އެހެން ކާކުހެއްޔެވެ. އޭނާ ނޫނީ ގޭގައި ސިނގިރެޓް ބޯ މީހަކު ނޫޅެ އެވެ.

ވަރުދާ އެތެރޭން ނުކުތީ ފޮތް ބޮނޑިއެއް ހިފައިގެންނެވެ. ހައްތާ ވެސް    ދަތުރު ފަތުރާބެހޭ ލުއި ފޮތްތަކެވެ. ނަވީން ނެގީ އެންމެ މައްޗަށް އޮތް ފޮތެވެ. ފޮތުގެ ބޭރުގައި ފަވާލާފައިވަނީ "މާދިހު އެންޑް ކޮމްޕެނީ – އެންމެންގެ އާރުކާޓީ" މި ބަސްކޮޅެވެ. ފޮތް ހުޅުވާލާފައިވަނީ ޗެއަރމަން މާދިހުގެ ފޮޓޯއަކާ މެސެޖަކުންނެވެ.
 
"އެހެން ބައެއް ފަރާތްތައްހެން އަޅުގަނޑުމެންނަކީ ހަމައެކަނި ޚާއްޞުންނަށް ޚިދުމަތްދޭ ބައެއް ނޫނެވެ. މުސާރަވެރިން ވެސް އަތްފޯރާވަރުގެ އެއްޗަކަށް ދަތުރު ހެދުމީ އަޅުގަނޑުމެންގެ މަޤުޞަދެވެ."

އިޝްތިހާރު ފޮތުގައި، ހިލޭ ދެވޭ ތަކެތީގެ މައްޗަށް ވެސް ބަލާލާފައިވެ އެވެ. "ޙައްޖާޖީންގެ ދަތުރު ފޮށިތައް އުފެއްދީ ތައިވާނުގަ އެވެ. އިޙްރާމް ހެދުމާ އަށްޑިހަ އަށްޑިހައިގެ މުންޑަކީ މަދަރާސީގެ ޙާޖީ ކުންފުނީގެ އުފެއްދުމެކެވެ. މުސްކުޅި އަންހެން ބޭފުޅުންނަށް އެރުވޭ ލިބާސް، ތެޔޮ ރުމާ ފޭއްޔަކީ ބާންސީލާލް ބުމްބައީގެ މަސައްކަތެވެ."
ދަތުރުގެ އަގާއި ތާވަލު ދިރާސާކޮށް ލުމަށްފަހު ނަވީން ދެން ނެގީ އެހެން ފޮތެކެވެ. "ޞާލިޙު ގުރޫޕް" ގެ "ދަތުރުނާމާ" އެވެ. ފޮތުގެ އިސްކޮޅަށް ދެމިލައިގެން އޮތީ ބޮޑު މީހެކެވެ. އެނދެއްހައި ފުޅާމަތިންދާ ބޯޓް ގޮނޑިއެއްގަ އެވެ. އަޅާފައިވާ އަތުކުރީ ގަޑި، ކޯޓް ފަޓްލޫނު ޓައީ، އެއީ އާދައިގެ އެއްޗެއްސެއް ނޫނެވެ. ވަށައިގެން ވަނީ ވިލާޖެހި ނޫ އުޑެވެ.

ނަވީން ފޮތް ހުޅުވާލިއެވެ. ފޮޓޯތައް ބަލައިލައި ލިޔުންކޮޅެއް ވެސް ކިޔާލިއެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ފަނަރަ ސޯޅަ ޖަމްބޯ ޗާޓަރު ފުރާލުމެއް ނޫނެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ނާދިރު މޮޅު ޚިދުމަތެއް ދެވޭނީ މަދު ބަޔަކަށެވެ. އަޅުގަނޑުމެންގެ ވަޢުދަކީ ފަސްތަރި ދަތުރެކެވެ. ފުލައިޓުން ފެށިގެން ފަރިއްކޮޅު ތަކަށް ދަންދެން އެއް ފެންވަރެކެވެ. އާރުކާޓީންގެ ގޮތުގައި ތިބޭނީ ހޮޓެލް ސްކޫލުން ތަމްރީނު ލިބިފައިވާ ޢަރަބި އިނގިރޭސި ބަސް ފަރިތަ ދިވެހިންނެވެ.
ތިޔަބޭފުޅުންގެ ދަތުރު ފޮށިކޮޅު އުފެއްދީ ލުއީ ވުއިޓަން އެވެ. އިޙްރާމް ހެދުންކޮޅު، ލިބާސް، ބުރުގާ، ޙައްޖު ތާކިހާކޮޅު، ޑިޒައިން ކުރީ ކްރިސްޓިއަން ޑިއޯރ އެވެ. އަތަރުފޮދު އުފެއްދީ އަރުމާނީ އެވެ. ނަންހުރި ކުންފުނިތަކުން ނަން ހުރި މީހުންނަށް އުފެއްދި ތަކެއްޗެވެ. ޚާއްޞުންނަށް ޚާއްޞުންދޭ ޚިދުމަތެވެ."

އެހެން ޞަފްޙާއެކެވެ. އިތުރު ފޮޓޯތަކާ އާ ސުރުޚީއެކެވެ. ނަވީން ލިޔުންކޮޅު ކިޔާލީ އަޑުވީއްލާ ބާރަށެވެ. ވަރުދާއަށް ވެސް އިވޭނޭ ގޮތުންނެވެ. ރަނގަޅަށް ބާޒާރުކޮށްލައްވަން ބޭނުންފުޅުތޯ އެވެ؟ އެހެންކަމަށް ވާނަމަ ދުބާއީ ދަތުރެއް ބައްލަވައި ގަންނަވާށެވެ. ބޭނުންފުޅީ އަރާމު ކޮށްލައްވަން ތޯއެވެ؟ އައްރަޝީދުގެ ދުވަސްތަކާއި އަލިފުލައިލާގެ ރޭތަކުގެ ތަޞައްވުރެއްތޯ އެވެ؟ ކޮންމެ ގޮތެއްވިޔަސް ބަޣުދާދަކީ މަޖުބޫރު މާއްދާއެކެވެ.

ނަވީން ފޮތްތައް ކިޔާ ފޮޓޯތައް ބަލާހެދި އެވެ. މާދިހާ ޞާލިޙުގެ އިތުރުން ވެސް ތަފާތު އަގުތަކަށް ތަފާތު ފެންވަރަށް ދަތުރު ހަދައިދޭ އެތައް ބައިވަރު ކުންފުންޏެކެވެ.

ނަވީން ފޮތްތައް ތިރިމޭޒުމަތީ ބެހެއްޓިއެވެ. "ވަރުދާ ތިޔަ ބުނަނީ ފައިސާއަކީ މައްސަލައެއް ނޫންކަމަށް. އެހެންވިއްޔާ އަހަރެން ދަތުރުކުރާނީ ޞާލިޙާއެކު. ބޭނުމީ ފަސްތަރި ދަތުރެއް."

ވަރުދާ ހީނގަތެވެ. "ހޯހޯ ޖީބަށާއި ރައްޓެހިންނަށް ބަލަންޖެހޭ. އެންމެންގެ އާރުކާޓީ މާދިހު."

ނަވީން ބޯޖަހާލީ ހިނިގަނޑަކާ އެކުގަ އެވެ. އަނެއްކާ ވެސް ވާހަކަ ދެއްކީ ވަރުދާއެވެ. "ދުބަޔަށް ނުދެވުނަސް މިދަތުރު ކުޑަކޮށް ވިޔަފާރި ކޮށްލަން ވާނެއެއްނު. ރަންފަށް، ކެވެލި، ކަންފަތު މުދި-"

"ބަލަބަލަ ތިޔަ ހުރިހާ އެއްޗެއް ވަރުދާއަށާއި ކުދިންނަށް ހުރީ ހަމަވެފާނު؟"

"އަހަރެމެން އަތުގައި ހުރީ މާލޭ ބާޒާރުން ގަތް އެއްޗިހި. މާލޭގެ އަގަށް ބޭރުން މާދިގު މާ ފަލަ އެއްޗެހި ލިބޭނެ. ދުށީމުތަ އިބްރާހީމް ނަޞީރު އޭނާގެ މަންމަޔާ ކޮއްކޮމެންނަށް ގެނެސްދީފައި ހުރި ފަށްތައް؟" ވަރުދާ ކަރުގައި އޮތް ރަންފަށް ނަގާ ފިރިމީހާގެ ކުރިމައްޗަށް ޖެހި އެވެ. "އެ ފެނުނީމާ މި އަޅައިގެން އުޅެން ލަދުގަންނަހާވޭ."
ނަވީން ފެށީ ހޭށެވެ.

"ކީއްވެތަ ހެނީ؟" ވަރުދާ މޫނު ހަދާލިއެވެ.

"ކަލޭމެންނަށް ގެންދޭންވީ ރަން ފަށެއް ވެސް ނޫން. ރަނުގެ ހިލިހިލާ." ނަވީން ބުންޏެވެ.

"ސަމާސާ ނުކޮށް ބުނެބަލަ. ކިހާވަރެއްގެ ވިޔަފާރިއެއް ކޮށްލަން ގެންދާނީ؟"

"އަހަރެން ކުރެން ނާހާ. މީވަރުދާގެ ދަތުރު. ޚަރަދު ކުރާނެގޮތާ މިންވަރު ކަނޑައަޅާނީ ޚަރަދު ދޭމީހާ."

ކުޑަވާ އިނގިލީގައި ދައިގަނެގެން އިނދެ ވަރުދާ އެއްޗެއް ވިސްނަން ފެށިއެވެ. ހީވަނީ ހިތުން ހިސާބެއް ހަދަނީ ހެންނެވެ.

"ލާރިއާ ޖެހުނީމާ ހާސްވީދޯ." ނަވީންގެ ހުނުންގަނޑު ދިޔައީ ކުރިއަށެވެ. އޭނާ މަސައްކަތް ކުރީ ވަރުދާ ގޮއްވާށެވެ.

ވަރުދާ ތެދުވެގެން ގޮސް ކޮންމެ ވެސް ތަނަކަށް ކުރީ ފޯނެވެ. އެނބުރި އައިއިރު މޫނުމަތިން ޝައްކާ ދެބައެޅުމުގެ ކުލަވަރުވަނީ ފިލައިގެން ގޮސްފަ އެވެ. ޖައްސާލީ ކުރިން ވެސް އިށީނދެގެން އިން ގޮނޑީގަ އެވެ. ވާހަކަ ދައްކަން ފެށީ ނަވީނާ ދިމާއަށް އެނބުރި އިނދެގެންނެވެ. "މިގުޅާލީ ތުއްތުކާނައާ. އެމީހުން ވެސް ވިޔަފާރިކޮށްލަން ޑޮލަރު ހާހެއް ގެންދެޔޯ."

"އެހެންވިއްޔާ އަހަރެމެން ޖެހޭނީ ޑޮލަރު ގޯންޏެއް ގެންދަން."

ނަވީން މިކޮށްލީ މަލާމާތެއްކަން އެނގުނު ނަމަވެސް ވަރުދާ އައީ ހިންޏެވެ. ސަމާސާ ހުއްޓުނީ ވަރުދާގެ މަންމަޔާއި ބައްޕަ މިގެޔަށް ޒިޔާރާތް ކުރުމުންނެވެ.

އަނެއް ދުވަހު ނަވީން އޮފީހުން އައުމުން ވަރުދާ ބުނީ ޙައްޖު ދަތުރަށް ދެމަފިރިންގެ ނަމުގައި ފައިސާ ވެސް ދައްކައި ނިންމައިފިކަމުގަ އެވެ. ނަވީން ޙައިރާންވީ އަންހެނުން މިހާ ގިނަ ޢަދަދެއްގެ ފައިސާ ހޯދި ގޮތެއް ނޭނގިގެންނެވެ.

"އަޖާއިބު" ވަރުދާ ޗޮކެއް ކަނޑާލި އެވެ. "ދުނިޔަވީ ކަންކަމުގައި ނަވީނަކީ ކުޑަކުއްޖެކޭ، ބައެއްފަހަރު ހިތަށް އަރާ. މިގޭގާ މަޖީދީމަގަށް ތިހިރީ ފިހާރައެއްނު. ފިހާރަ ހިފަން ކިތައް މީހުން ފޯނުކުރަނީ؟ ފިހާރަ ކުއްޔަށް ހިފައިގެން އުޅޭ ނަސީމަށް އަހަރެން އެންގީ ހަމަސްދުވަހުގެ ކުލި އިސްކުރަން. ނޫނީ ފިހާރައިން ނިކުންނަން. ހީވީ ބުޅަލު ބުޑުގައި އުނބަކުން ޖެހިހެން. އަވަހޭ ޗެކް ގެނެސްދިންލެއް." ވަރުދާ ހެމުންހެމުން ގޮސް ހިނދުނީ އެކެއްގެ ސަމާސާ އަނެކެއްގެ ސީރިޔަސް ކަމަށްވީތީ އެވެ. ނަވީން އައީ ރުޅި އެވެ.
 
"ޙައްޖުން އައިސް ހަމަސްވަންދެން އަހަރެމެން ތިބެންވީ ހައިހޫނުގާ ދޯ. ވަރުދާއަށް ރަނގަޅަށް އެނގޭނެ އަހަރެމެން މިހާރު ދިރިއުޅޭ ފެންވަރުގައި އުޅެވޭނީ އަހަރެންގެ މުސާރައިންނާއި ފިހާރައިން ލިބޭ ކުލިންކަން. ވަރުދާ އަވަހަށް ކުރިއަރުވައިދީގެން ނޫންކަން."

"ނަވީން ހާސްނުވޭ. ކުކުޅު ފައިދަށުވެ ފިޔޮކެއް މަރެއް ނުވާނެ. އަހަރެން ފަހައިގެންނާ މާޖަހައިގެން ވެސް ކަލެއާއި ކުދިންނަށް އެއްކަމެއްވެސް ދަތިވިޔަކަ ނުދޭނަން."

ނަވީން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ޙައްޖު ދަތުރަށްޓަކާ ވަރުދާ ތައްޔާރުވަމުން އައީ ދުރާލަ އެވެ. ދަތުރަކީ މަހެއްހާ ދުވަހުގެ ދިގު ދަތުރަކަށްވާތީ ފޯއް ކޮށާ ރިހާކުރު ތެއްލާ އަސާރައަޅާ ފުޅިފުޅީގައި ބަންދު ކޮށްފި އެވެ. ރަށުގައި ނެތިދާ ދުވަސްތަކުގައި ކުދިން ބަލާނީ ނަވީންގެ މަންމަ އެވެ. ފައިސާ ބަހައްޓާނީ ވަރުދާގެ މަންމަގެ އަތުގަ އެވެ. ބާޒާރުކުރުން، ކުނި އުކާލުން، ބިލުތައް އަދާކުރުން، ވަޅުދިޔަ ހިއްކުމަށް ދަންދެން ދުވަހާ ގަޑި ކަނޑައަޅާ މީހުން މަތިކޮށްފި އެވެ. ދަތުރުގެ ތައްޔާރުތައް ނިމުމުން ހިތަށްވީ ފަސޭހަޔާ، ހައްޓަށް ވީ ލުއި ބުނަން ވެސް ނޭނގުނެވެ. އަމުދުން ތުއްތުކަމަނަމެންނާއެކު އެރޭ ކާނިވަލަށް ދިޔައީ އެހެންވެގެންނެވެ. މިޔުޒިކް ޝޯވ ވެސް ފެށެނީ މިރޭ ކަމަށް ވާތީ އެވެ. ދެ ޤައުމުގެ ގުޅުން ގޯސްވެދާނެތީ އިންޑީޔާއަށް ޖެހުނީ ލަތާމަންގޭޝްކަރު މާލެ ފޮނުވާށެވެ.

މާދަމާއަކީ ޙައްޖަށް ފުރާދުވަހެވެ. ނަވީންގެ ދެމަފިރިންނާއި ރައްޓެހިން ފުރަން ހަމަޖެހިފައިވަނީ މޫސުމުގެ ފުރަތަމަ ޗާޓަރުންނެވެ. ލަސްވެގެން ހެނދުނު އަށެއް ޖަހާއިރު ހުޅުލެއަށް އަރަންވަނީ އަންގާފަ އެވެ. ކުލީ ކާރު އޮޑިދޯނިފަހަރު ނަވީން ވަނީ ހަމަޖައްސާފަ އެވެ. ދެމަފިރިން ފުރުވަން ނިކުންނަ ޕާޓީގެ ހެނދުނު ސައި ހަމަޖެހިފައިވަނީ މި ގޭގަ އެވެ. ވަރުދާ ހިތްހަމަޖެހުނީ ހެދިކާގެ އެތައްބާވަތެއް ތައްޔާރުކޮށްގެންނެވެ. މަސައްކަތް ގަނޑުގައި، އުޅެފައި އޮށޯވެލާނެ އަވައްޖެއްވީ މެންދަމުން އަލިވެ ދޭއް ޖެހިފަހުންނެވެ. އާދަވެގެން ނިދާ އުޅޭ ގަޑި ކައްސާލައިފިނަމަ ރޭވިޔަރި ވާތީ، ނިދާ މަރުވެފައިއޮތް ފިރިމީހާގެ މަގަތުގައި ފަތިސްވަންދެން ފުރޮޅިލަ ފުރޮޅިލަ އޮތީ އެވެ. ތެދުވެ ފެންވަރާލައިގެން ނިކުތްއިރު މަންމަޔާއި މައިދައިތަގެ އިތުރަށް އަވަށް ކުރިއަރުވާކޮމިޓީގެ މެމްބަރުންނާއި އެހެން ވެސް ބައެއް ރައްޓެހިން ތިބީ ގެއަށް އައިހެވެ. އަދި މިހާރުވެސް ދަނީ އަންނަމުންނެވެ. އިޙްރާމް ބަނދެގެން ނިކުތް އިރު ގެއާއި ގޯތިތެރޭގައި މީހުން އޮތީ ރަކަރަކަ ޖަހާފަ އެވެ. ފުދޭވަރުގެ ބޮޑު ގޯއްޗަކާއި ގެއެއް ފިރިމީހާގެ މިލްކުގައި އޮތްކަން ނަސީބޭ ހިތަށްއެރި އެވެ. ނޫންނަމަ މިފަދަ އެއްވުންތައް މަތިން ޖެހޭނީ ހަނދާން ނައްތާލާށެވެ.
 
ވަރުދާމެންގެ ބައިގަނޑު ބަނދަރުމައްޗަށް ނެރެވުނީ އެންމެ މޮޓަރެއްގައެއް ނޫނެވެ. މޮޓަރު ކޭޑުގަ އެވެ. ހުޅުލެއަށް ދާން ކުއްޔަށް ހިފާފައިވަނީ ނަވެއް ކަހަލަ ސަފާރީ ދޯންޏެކެވެ. އެގޮލައަށް އެރެނީ ބަނޑުން ހަމެއް ދުއްވާލައިގެން ނަމަ ވެސް އެރުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލެވެނީ ޖާގައިގެ ދަތިކަމެއް ނެތީމަ އެވެ. ވަރުދާގެ ފަސް ދައްތައާއި ދެބޭބެ އާއި ތިންކޮއްކޮއާ މި އެންމެންގެ ކުދިބޮޑު ދަރިންނާ ޙަސަން މަނިކާ ތުއްތުކަމަނަ، ޢަޒީޒާ އާއި މުޙުސިނު، އައިމިނާފުޅާ އަޙުމަދުފުޅު، މިއިން ކޮންމެ ދެމަފިރިއެއްގެ އުފަން ދަރިން، އަވައްޓެރިން، ރައްޓެހިން، ރައްޓެހިންގެ ރައްޓެހިން، މީގެތެރޭ ހުސްހަށިބައިކުދިންގެ ބިޓުން، ބޯއިފްރެންޑުން....... ހަވަރު އެއްވެފަ އެވެ. ކުދި ދަރިންތިބީ ފެންވަރުވާ ނަލަ ހައްދާފަ އެވެ. އިޙްރާމް ހެދުމެއްގައި ނެތް މީހަކުނަމަ، ޢީދުހެދުމުގަ އެވެ.
 
ކުޅިވަރު ހުރީ ހުޅުލޭގަ އެވެ. ފްލައިޓްތަކުގެ ދޭތެރެ ދުރު ކުރެވިފައި ނުވާތީ ލަފާ ފުރާ މީހުން، ފުރުވާ މީހުންނާއި، އެރެހައްޓާ މީހުންނައިގެން ރަށްއޮތީ ފުރިފަ އެވެ. މީހުންގަނޑު ގުޅަވެ ކެކި އަރަނީ އެވެ. ވައިރޯޅިއެއްނުވާ ދުވަހެއްގެ ދިލައަވި އެންމެން ދަލުން ފޯކޮށްފި އެވެ. ބަނޑުހައިކަމާއި ކަރުހިއްކުން އާންމު ކުރަމުންނެވެ. ލުއި ކެއިން ބުއިމުގެ ވިޔަފާރިވެރިން ތިބީ ތައްޔާރުވެގެންނެވެ. އޭގެތެރޭގައި ކޮކާކޯލާ، މެކްޑޮނަލްޑް، ޕިއްޒާހަޓް، ބާގަރ ކިންގ ހިމެނެ އެވެ. "ޙައްޖު ކޯކު"، "ޙައްޖު ބޮޑު މަކު"، "ޙައްޖު ޕިއްޒާ"، "ޙައްޖު ބާގަރު" ވިކެމުން ދިޔައީ އަތުފަތު ނޭޅި އެވެ. އެމެރިކަން އެކްސްޕްރެސް އިޝްތިހާރު ކޮށްފައިވަނީ ދަތުރުވެރިން މޭކަރާލާ ވަރަށެވެ. "އެމެކްސް ކާޑު – އެއާނުލާ ނުފުރާށެވެ."

ފްލައިޓް ވެސް ލަސްވެފައި ވުމާއެކު ނިންޖަށް ބަލިވެފައިވާ ވަރުދާ "ރެހެންދި ލައުންޖް" ތެރޭ ނިދާ މަރުވީ ފިރިމީހާގެ ކޮނޑުގާ ބޯއަޅާލައިގެން އޮވެ އެވެ.
-------------  
(ނިމުނީ)

ހަވާލާ؛

އިބްރާހީމް ޙުސައިން މަނިކު(1998). އިބްރާހީމް ޙުސައިން މަނިކުގެ ކުރުވާހަކަތައް(މަލަސް؛ 62). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

މި ލިޔުން:

  ޓައިޕުކުރުން:    ޢާއިޝަތު ނައްޒާ ނަޒީރު
  އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް
  ޝާއިޢު ކުރުން:    ''          ''


އިދާރާ

ވާހަކަ