އަދުގެ ޚާއްސަ

Print

ފޮތެއްގެ ތަޢާރުފު: ޢާއިލީ ގުޅުން..

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޙަސަން ޒަހީން

ޢާއިލީ ގުޅުން މި ފޮތަކީ ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އިބުރަތްތެރި ތިންވާހަކައާއެކު ދޭހައިގެ މަސައްކަތް ދެވިފައިވާ މިފޮތުގައި ތަސްވީރު ވާހަކައެއް ހިމެނޭނެ އެވެ. އަދި ތަސްވިރު ވާހަކަ ލިޔުމަށް ދެވިފައިވާ މަސައްކަތްތައްވެސް ހިމެނޭނެއެވެ. މީގެ ބޭނުމަކީ ކުދިން ވާހަކައެއް ކިޔާލުމަށްފަހު އެކުދިންގެ މުޤައްރަރާ ގުޅޭގޮތުން ދިވެހި މަސައްކަތެއް ކޮށްލުމުގެ ފުރުސަތު ދިނުމެވެ.

މިއީ ޕްރައިމަރީ ގްރޭޑްގައި ކިޔަވަމުންދާ ކުދިންނަށް އެކުދިންގެ ދިވެހި މުޤައްރަރާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެހެންކަމުން ފޮތުގައި ހިމަނާފައިވާ "ޢާއިލީގުޅުމާއި"، "ބޮޑުބޭބެ ދެކެލޯބިވާ ދަރިފުޅު" އަދި ތަސްވީރު ވާހަކާގެ ގޮތުގައި ހިމަނާފައިވާ "މާބުރުގެ ދަތުރަކީ،" އެއިން ރަގަނޅު ނަމޫނާއެއް ދައްކާދޭނެ ވާހަކަ ތަކެކެވެ. އެ ގޮތުން ބަލާއިރު ޢާއިލީ ގުޅުމަކީ، މައިންބަފައިންގެ ޤަދަރާއި، އެމީހުންނަށް ކުރާ އިޙުތިރާމް ކުޑަކުރުމަކީ އޭގެ ސަބަބުން، ފަހުން ތިމާ ހިތާމަކުރަން ޖެހިދާނެ ކަމެއްކަން ދައްކައިދީފައިވާނެ އެވެ. އަދި މުއްސަނދިކަމާއި ފައިސާ ލިބުމަކީ ތިމާގެ މައިންބަފައިންގެ ޙައްޤުތައް ދޫކޮށްލެވޭނެ ކަމެއްނޫންކަމާއި، މުދަލަކީ ﷲ ދެއްވާފައިވާ ނިޢުމަތަކަށް ވީހިނދު، އެއަށް ޝުކުރުވެރިވެ، ތިމާގެ މައިންބަފައިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމުކަން، މި ވާހަކައިން އަންގައިދޭނެ އެވެ.

މިފޮތުގައި ހިމެނާފައިވާ ދެވަނަ ވާހަކައަކީ ވެސް މިފަދަ ޢިބުރަތްތެރި ވާހަކައެކެވެ. އެ ގޮތުން ތިމާ ކުޑައިރު ބަލަހައްޓާ ބޮޑުކުރާ ފަރާތަކީ މައިންބަފައިން ކަމުގައި ނުވިނަމަވެސް، އެއީ ތިމާ އަބަދުވެސް އިޙުތިރާމު ކުރަން ޖެހޭނެ ފަރާތެއްކަން މިވާހަކައިން ދޭ މެސެޖުގައި ހިމަނާފައިވާނެ އެވެ. އަދި އެކަން ޤަބޫލުކޮށް ތިމާގެ ހަޔާތް ކުރިއަށް ގެންދާނަމަ، އެ ކަމުގެ ރަނގަޅު ގޮތްތައް ﷲ މެދުވެރިކޮށް ދެއްވާނެކަން ވެސް މިވާހަކައިން އެނގޭނެ އެވެ. މީގެ އިތުރުން މިފޮތުގައި ހިމަނާފައިވާ ތިންވަނަ ވާހަކައަކީ ތަސްވިރުވާހަކައެކެވެ. މާބުރުގެ ދަތުރުގެ ނަމުގައި ލިޔެފައިވާ މިވާހަކައިން ދޭ މައިގަނޑު މެސެޖަކީ ރަނގަޅުވާހަކަތައް ހިމެނިފައިވާ ފޮތްތައް ކިޔުމަކީ މުޖުތަމާއި ތިމާ އިސްލާހުވުމަށް ލިބޭ ފުރުސަތެއްކަމެވެ.

އިބުރަތްތެރި ތިންވާހަކައިގެ އިތުރުން މިފޮތުގައި ދެން ހިމަނާފައިވަނީ ކުދިންގެ ޗުއްޓީ ދުވަސްވަރާ ގުޅުވައިގެން ފޮތްކިޔުމާއި، އަދި އެކުދިންގެ ދިވެހި މުޤައްރަރާގުޅޭ މަސައްކަތްތަކެކެވެ. އެގޮތުން ދޭހަކައަކީ ޕްރިއިމަރީން ފެށިގެންގޮސް އެސްއެސްއީ އިމްތިހާނާ ހަމައަށްވެސް ކުއްޖާ ދަސްކުރަންޖެހޭ އެއްޗަށްވެފައިވުމުން މިފޮތުގައި ދީފައިވާ ދޭހައިގެ މަސައްކަތްތަކަކީ އެކަމަށް ތަމްރީންވުމަށް ކުދިންނަށް ކުރެވޭނެ އިތުރު މަސައްކަތެކެވެ. އަދި ކުދިންގެ ޚިޔާލު ތަނަވަސްކޮށް ތަސްވީރު ވާހަކަ ލިޔުމަކީ އެކުދިންގެ މުޤައްރަރުގައި ހިމެނޭ ކަމަކަށްވުމުގެ އިތުރުން ކުއްޖާގެ ވިސްނުން ތަރަށްޤީކުރުމަށް ލިބޭނެ ބާރެކެވެ. އަދި އިބާރަތްކުރުމަށް ދަސްކުރުމަށް ލިބޭ ފުރުސަތެކެވެ.

ވީމާ، އެއީވެސް ޗުއްޓީތެރޭގައި ބެލެނިވެރިންނަށް ކުދިންލައްވާ ކުރުވިދާނެ މަސައްކަތެކެވެ. މި މަސައްކަތްވެސް ވާނީ މިފޮތުގައި ހިނަމާފައެވެ. އެހެންކަމުން މިފޮތުއި ހިމެނިފައިވާ ތިން ވާހަކައައާއި އެއާޅޭ މަސައްކަތްތަކަކީ ފައިދާތަކެއްކުރާނެ، އަދި ރަނގަޅު އިބުރަތެއް ލިބޭނެ ވާހަކަ ތަކަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މިފޮތް މިހާރު ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ.

-----------------
 (ނިމުނީ)

މި ލިޔުން:

   ފޮނުއްވީ:    އަލްފާޟިލް ޙަސަން ޒަހީން
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:   ''         ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ