އަދުގެ ޚާއްސަ

Print

ނަޞްރުގެ ދުވަސް ..... ސަބަބުގެ ދުވަސް!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2010)

މެދު ގޭތެރެ ވަނީ ވަރަށް ބޮޑަށް ތައްޔާރު  ކުރެވިފަ އެވެ. ބިތްތަކާއި، ފަންގިފިލާ ވަނީ މާފަތިތައް ދަމައި ޒީނަތްތެރި ކުރެވިފަ އެވެ. އެކި ކުލަ ކުލައިގެ ފުއްޕާހަންތައް އެލުވިފައިވަނީ ކޯނިކޯންޏަށެވެ. މުޅި ގޯތިތެރެއަށް ލިބިފައިވަނީ ފަޅުކަމެއް ނެތް ހޭލަ މޭލަ ކަމެވެ. ބަދިގެ ފަރާތުގައި އޮތީ ހަވާދު ދެވުމާއި ކެއްކުމެވެ. ގިފިލި ފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި ރަށުގެ އިސް ދެތިން މީހަކު ޙަރަކާތްތެރިވަމުންދެ އެވެ.  އަރައިގެން އައި އިރާ އެކު އެ މީހުން ތައްޔާރުވަމުން އެ ދަނީ އުމުރުން އަށެއްކަ އަހަރުގެ  ފިރިހެން ކުއްޖަކު ނަކަތްގެ ލެވުމަށެވެ.  ގޭތެރޭގައި ހުރި ބޮޑު އަށީގައި ތަންމަތި އަޅައިފައި އެހެރީ އެ ކުއްޖާ ގެނެވުނީމާ އޭނާ ބާއްވާށެވެ. ދޭތެރެ ދޭތެރޭން މީހަކު ބުނެލަ އެވެ. މި އަދަކު މާލޭ ރޭޑިޔޯ އެއް ނުލިބެ އެވެ. ''އެހެން ދޯ'' އޭ ބުނެލުން ފިޔަވައި އެކަމާ ކަންބޮޑުވެގެން އުޅޭ ހަމަ އެކަކު ނެތެވެ. ދުވަހުގެ އުފާވެރިކަން އެ އަށްވުރެ މާ ބޮޑެވެ.

ޚިތާނު ކުރެވުނު ކުއްޖާ ގޭތެރެއަށް ގެނެސް ބޮޑުއަށީގައި ބާއްވައިފި އެވެ. ގޭތެރޭ ހުރި މޭޒުމަތީގައި ކެސެޓު ރޭޑިޔޯއެއް ހުއްޓެވެ. އަވަށްޓެރިގެޔަކުން ގެނައި ރޭޑިޔޯ އެކެވެ. ކޮއްކޮ ގެނެސް ބޭއްވުމުން  ''ޚިތާނުގެ އީދު'' ފެށުނީކަމުގެ އިޙްސާސް ކުރެވުނެވެ. ވީ އުފަލުން  ލަވައެއް ޖަހަން ވެގެން ގޮސް ކެސެޓެ ރޭޑިޔޯ ހުރި  އެ މޭޒުކައިރީ ހުއްޓިލި މީހަކީ މި މަޒުމޫނު ލިޔަމުން މިދާ، އަޅުގަނޑެވެ. 

''އޭތް! މާލެ އަށް ބަޔަކު އަރައިފިޔޯ!'' ރަށު އޮފީސް ދޮށުން އައި އަޅުގަނޑާ އެއްފުރައިގެ ކުއްޖަކު ވައިއަޑަކުން އަޅުގަނޑުގެ ކަންފަތްދޮށުގައި ބުނެލި އެވެ. ލަވައަކާއި ލަވަ އެކެވެ. ކެސެޓަކާއި ކެސެޓެކެވެ. މިހާ ބޮޑު އާ ޚަބަރެއް ލިބުނީމާ އެންމެ ފުރަތަމަ އެ ވާހަކަ ބުނާ މީހަކީ ''މަ'' ކަމަށް ވާހިތް ވެއްޖެ އެވެ.  ދުވެފައި ދިޔައީ ބަދިގެ ފަރާތަށެވެ. ބަދިގޭ އޮޅިއާ އަރާ ހަމަވެވުމާއެކު މި ޚަބަރު އުދުއްސާލައިފީމެވެ. ''އޭތް މާލެ އަށް ބަޑިޖަހާ ބަޔަކު އަރައިފިޔޯ!''  ކައްކަން ތިބި އަންހެނުންތަކަށް މި ހޫނު ޚަބަރު ލިބުމުން، ކަންތައް ވެގެން ދިޔައީ، މީދާ ހަރަކަށް ހޫނުފެން އެޅީމައި ކަންވާ ގޮތަށެވެ. އެކި މީހުން އެކި އަޑުން ރޮމުން ހޭރެމުން އެކި ދިމާއަށް  ދުވެގެންފި އެވެ. ހަނޑޫފޮޅަން އިން މީހަކު ނަމަ، ބިންމައްޗަށް ބަތްޕޮޅި އެއްލައިލައިފަ އެވެ. ހަވާދު ފުނޑަން އިންމީހަކު ނަމަ، ދާ މައްޗަށް ފޮއި ދޫކޮށްލައިފަ އެވެ.  އޭރު ރަށުގެ ކަރަންޓުގެ ހާލަތު އޮތް ގޮތުން ކަރަންޓު ލިބެނީ އިރު އޮއްސި ހަޔަކުން، ރޭގަނޑު އެގާރަ އަށެވެ. އޭގެ ފަސް ވޭތުކުރަންޖެހެނީ ފުޅިބައްތި އަލީގަ އެވެ. ޚިތާނު ކުރުންފަދަ ބޮޑުކަމެއްގައި ކަމަށްވަނީ ނަމަ، ގެއެއްގައި ހުންނަ ބައިކިލޯ ޖަނަރޭޓަރެއް ކުއްޔަށް ހިފަނީ އެވެ.  މި ދެންނެވި ޖަނަރޭޓަރު ގެނެސްގެން އެ އަށް ޕެޓުރޯލު އަޅަން އަޅުގަނޑުގެ ބޭބެޔަކު އުޅުނީ މި ވަގުތު އެވެ. އެ ކަމަކު އެ ޚަބަރު ލިބުމާއެކު އޭނާ އަށް ވެސް ކުރެވޭ ނުކުރޭ ކަމެއް ނޭނގުނެވެ. އެންމެ ފަހުން އެކަން ވެސް ހުއްޓާލައިފި އެވެ. އަވާރާއެއްހެން ތެދުވެ ހުއްޓެވެ. އެ އެއްޗަކާ އެ އެއްޗެކެވެ. އެމީހަކާ އެމީހެކެވެ.

އިސާހިތަކު ފެނުނީ ރަށު އޮފީހު ޕިޔޯނު އައިތަނެވެ. އެނާ ބުނީ ގޭ ފިހާރައި ތަޅުދަނޑި ތިމަންނަ އާ ހަވާލު ކުރުމަށް ކަތީބު ބުނުއްވި ވާހަކަ އެވެ. ރަށު އޮފީހުގެ ހުއްދައާ ނުލައި ފިހާރައިން އެއްވެސް އެއްޗެއް ވިއްކައިގެން ނުވާނެ ކަމުގަ އެވެ. އަދި އަމިއްލަ ބޭނުމަކަށް ވެސް އެއްޗެއް ނަގައިގެން ނުވާނެ ކަމުގަ އެވެ. އިތުރު ސުވާލެއް ކުރުމެއް ނެތެވެ. ބައްޕަ ނިކުންނަވައި، ވަގުތުން އޭނާ އާ ތަޅުދަނޑި ހަވާލު ކުރައްވައިފި އެވެ.

މުޅި ރަށް ނުތަނަވަސް ވެއްޖެ އެވެ. ހާސްކަމާއި ކަންބޮޑުވުން އާންމުވެއްޖެ އެވެ. މާލޭގައި ތިބި މަގޭ ދަރިންކޮޅޭ، ޑަކުޓަރަށް ދައްކަން ގެންދިޔަ މަގޭ މާމައޭ، ކަނޑުމަތީގައިވީ މަގޭ ފިރިމީހާއޭ ކިޔައި އެކި މީހުން ރޮއި އުޅޭ އަޑު އިވެ އެވެ.

މިހާރު ގިނަ ބަޔަކު ގޮސް އެ ތިބީ އަތިރިމަތީގަ އެވެ. މާލެ އާ ދިމާއިން ދުމެއް އަރައި، އަލިފާނެއް ފެނި، މި ކަހަލަ ކަމެއް ވޭތޯ އެވެ. ފޯނުގެ ޒަމާނެއް ނޫނެވެ. ރޭޑިޔޯ ނުލިބެންޏާ ޚަބަރެއް ފިލާނެ ހަމަ އެއްގޮތެއް ނޯވެ އެވެ.

މެންދުރުވާން ވުމުން ރަށު އޮފީހުގެ ފަރާތުން ރަށު ތެރޭގައި ގޮވާލުމެއް ގޮވާލެވުނެވެ. ރަށުގެ ކުދިބޮޑު އެންމެހާ ފިރިހެނުން މެންދުރު ނަމާދަށް މާ މިސްކިތަށް ހާޒިރުވާންވީ އެވެ. ނަމާދަށް ފަހު، ހިނގައިގެން މި އުޅޭ ހާދިސާއާ ބެހޭ ބައެއް  މަޢުލޫމަތު ރަށު ކަތީބު އަލްފާޟިލް ޢަލީ އާދަމް އޮޅުންފިލުއްވައިދެއްވި އެވެ. އަދި ވަރަށް އަސަރާއެކު ރައްޔިތުންނައިގެން ދުޢާ އެއް ކުރެއްވި އެވެ.

އޮލިމްޕިކް ކޮމިޓީގެ އޭރުގެ ޗެއަރމަން، އަލްފާޟިލް މުޙަންމަދު ޒާހިރު ނަޞީރު އެ ދުވަހު ހުންނެވީ ތޮއްޑޫގަ އެވެ. މާލޭން އައި ރަށު ދެ ދޯންޏެއްގެ މީހުން ގެންދަވައިގެން އެ މީހުންނަށް ފެނުނު ކަންތައްތައް އަޑުގަދަ ކުރާއިން މުޅިރަށަށް އިއްވަވަ އެވެ. އެ މީހުން ދުށްތަން އެމީހުން ކިޔައިދެ އެވެ. ބަޑި ހިފައިގެން ދުވަނި ކޮށް ދުށްވާހަކަ އެވެ. ސަލާމަތްވާން ދުވާ ދިވެހިންނާއި ދިމާވި ވާހަކަ އެވެ. ފަޅު އޮޑިފަހަރުގައި ތިބި ބައެއް ދަތުރު ވެރިން ވަރަށް އަނިޔާވެރި ގޮތަކަށް ދަމާބޭލި މަންޒަރު ފެނުނު ވާހަކަ އެވެ. ބައެއް އޮޑި ފަހަރަށް ފިލައިގެން ނެރުން ނުކުމެވުނު ވާހަކަ އެވެ.

މިހާރު މުޅި ރަށުތެރޭގައި އޮތީ ހަމަ ހިމޭންކަމެވެ. ހީވަނީ ކަށުނަމާދަކަށް ތައްޔާރުވެފައި އޮތްހެންނެވެ. ޖަދަލެއްކޮށް ޝަކުވާއެއް ކުރާމީހަކު ނެތެވެ. އަނގައިންބުނެ ބާރަށް ވާހަކަ ދައްކައި އުޅޭ މީހަކު މަދެވެ. ހަމަ ކޮންމެ މީހަކު ވެސް އިންތިޒާރު ކުރަނީ ރަށު އޮފީހުން ބުނުއްވައިފާނެ އެއްޗަކަށެވެ. ކުރައްވައިފާނެ އަމުރަކަށެވެ. އަޑު ގަދަ ކުރާއިން ދީފާނެ ޚަބަރަކަށެވެ.  ކިޔަމަންތެރިކަމާއި ކެތްތެރިކަމާއި ގުޅުންތެރިކަން ފިޔަވައި ފެނިގެނެއް ނުދެ އެވެ.

ވީކަމެއްވެ  ރާއްޖެ ސަލާމަތްވެއްޖެ އެވެ. ރޭޑިޔޯގެ ޚިދުމަތް އަލުން ލިބެން ފަށައިފި އެވެ. އެ ދުވަހަކީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސްކަމާއި، އެއީ 1988ވަނަ އަހަރުކަން ވެސް އެނގުނީ އޭގެ ފަހުންނެވެ. ކަން ހިނގި އިރު އަޅުގަނޑަކީ ވެސް ކުޑަ ކުއްޖަކަށްވީތީ އެވެ.


ޢުދުވާނީ ޙަމަލާ ހިނގައި ދިޔަތާ ވަރަށް ކައިރި ތާރީޚެއްގައި މާލެ އާދެވުނެވެ. ސިފައިންގޭ ފާރުން ގޮއްވާލައިފައި ހުރި ތަން އަދި ނުބައްދައި ހުއްޓާ ދުށް ހަނދާނެއްވެ އެވެ. ޕޯސްޓު ބިލްޑިންގ ގެ މައިދޮރުގެ ތަޅަށް ބަޑިޖަހައި އެ ތަޅު ހަލާކު ކޮށްލައިފައި ހުއްޓާ އެ މަންޒަރު ވެސް ދުށީމެވެ. ހިނގައިދިޔަ ތަޙުޤީޤުތައް ރޭޑިޔޯގެ ޒަރީޢާ އިން، އަޑު އިވިފައިވެ އެވެ. ޓީވީން ބައެއް މަންޒަރު ފެނިފައިވެ އެވެ.


މި ހަމަލާ ރޭވުނީ ކިހިނެއް؟


މި ހަމަލާގެ މުހިންމު ބޮޑެތި ރޭވުންތައް ހިނގައިފައިވަނީ ޝްރީ ލަންކާގަ އެވެ. ބައެއް ރޭވުންތައް ލަންކާގެ ހޮޓާހޮޓަލުގަ އެވެ. ބައެއް ރޭވުންތައް ޕްލޮޓު ޖަމާޢަތުގެ ކޭމްޕްތަކުގަ އެވެ. ޚާއްޞަ ކޮށް މުއްލި ކުލަމު ކޭމްޕްގަ އެވެ. ޙަމަލާގައި ބައިވެރިވި ތަފާތު މީހުން ތަމްރީނުވެފައިވަނީ ވެސް މުއްލި ކުލަމު ކޭމްޕުގަ އެވެ. އޭގެ ތެރޭގައި ބަޑިޖަހާ މީހުން ހިމެނެ އެވެ. ތަންތަން ގޮއްވާނެ މީހަކު ވެސް ތައްޔާރު ކުރެވުނެވެ.

ލަންކާގައި ހިނގި ރޭވުންތަކުގެ އެއްބައި މާލޭގައި ވެސް ހިންގާފައިވެ އެވެ. ދިވެހި ސިފައިން އަތުގައި އޭރު ހުރީ ކޮންފެންވަރެއްގެ ކޮންކަހަލަ ހަތިޔާރެއްތޯ ބެލިފައިވެ އެވެ. ސިފައިންގެ މައިމަރުކަޒުގެ އެތެރެ އޮންނަ ގޮތުގެ ކުރެހުމެއް އެމީހުން ހޯދައިފައިވެ އެވެ. މައިމަރުކަޒު ތެރެއަށް އެންމެ ފަސޭހައިން ވަދެގަނެވޭނެ ގޮތަކީ ކޮބައިތޯ ބަލައިފައި ވެ އެވެ.

މި ކަންކަން  ބެލީ އޭގެތެރޭން މީހަކު މާލެ އައިސް މާލޭގައި ހުރެގެންނެވެ. އީދުގައި ސިފައިން ބޭންޖެހި ދުވަހެއްގައި ސިފައިން އަތުގައި ހުރީ ކޮންކަހަލަ ބަޑިއެއްތޯ ބެލީ އެވެ. މައްސަލައެއް ހުށަހެޅުމުގެ ނަމުގައި ސިފައިންގޭގެ ކަމާބެހޭ ބަޔަށް ވަދެ އެ ތާނގެ އެތެރެ ވެސް އޮތް ނެތް ގޮތް ބެލީ އެވެ.

ޓެރަރިސްޓުން ލަންކާ އިން ދަތުރު ފެށުން:


ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި މީގެ ތެރޭން ގިނަ މީހުން މާލެ އައި އިރު، މި އާދެވެނީ ކޮންތަނަކަށްކަން ޚޮދު އެމީހުންނަކަށް ވެސް އެނގިފަ އެއް ނެތެވެ. އެމީހުންނަށް ލިބިފައިވަނީ މަދު މަޢުލޫމާތު ކޮޅެކެވެ. ކުޑަ ކާ އެތި ކޮޅެކެވެ. އެހާމެ ކުޑަ ފެންފޮދެކެވެ. މޫސުން ނުބައިވުމުގެ ސަބަބުން ރޭވިފައިވާ ވަރަށްވުރެ ދަތުރު ދިގުލާގޮތްވި އެވެ.  ވަކި ހިސާބަކުން ކާއެތިކޮޅާއި ފެންފޮދު ހުސްވެއްޖެ އެވެ. ހާލުގައި ޖެހިއްޖެ އެވެ.

މި ވެރިން ދަތުރު ކުރީ ލަންކާގެ މަސްވެރިން ދަތުރު ކުރާ އާދައިގެ އަނގަމަތީ ދެތިން އޮޑިއެއްގަ އެވެ. ތަޙުޤީޤުގައި ބައިވެރިވެ ވަޑައިގަތް ބޭފުޅަކު ވިދާޅުވި ގޮތުގައި އެމީހުން އައި އުޅަނދު ފަހަރަކީ އޭގައި މަހަށް ނިކުމެ ތިބި މަސްވެރިން މަރައި ކަނޑުފެއްތުމަށްފަހު، ފޭރިގަތް އުޅަނދު ފަހަރުކަމަށް ވުން ވަރަށް ގާތެވެ.

އަމާޒުތައް ކަނޑައެޅިފައިވަނީ ކިހިނެއް؟


ޢަދުއްވުންގެ ލަޝްކަރު ބަހައިލެވިފައިވަނީ މައިގަނޑު ތިންބަޔަކަށެވެ. މި ތިންބައި މީހުންގެ ވާޖިބުތައް  ތަފާތެވެ. އަދާ ކުރަންޖެހޭ ދައުރު ވެސް ތަފާތެވެ. ހަމަލާދީ ކާމިޔާބު ކުރަންވީ އަމާޒުތައް ތަފާތެވެ.

ކޮންމެއަކަސް، އެއް ދެ އުޅަނދު މާލެ ވަނީ މައި ކަނޑިންމައިންނެވެ. އަނެއް އުޅަނދު މާލެ ވަނީ ކަސްޓަމާދިމާއިންނެވެ. ވިޔާފާރި ބަނދަރާ ދިމާއިންނެވެ. މައިކަނޑިންމައިން ވަން އެއް އުޅަނދުގެ ވާޖިބަކީ ސިފައިންގެ ހިފުމެވެ. އަނެއް އުޅަނދުގެ ވާޖިބަކީ ސިފައިންގެވެރިޔާގެ ނައިބު އަތުލައިގަތުމެވެ. އެހެންކަމުން އެއް އުޅަނދު ގާތްކުރީ މިހާރުގެ ޖުމްހޫރީ މައިދާނާ ދިމާއިން ބޮޑު ފާލަން އެ ހުރި ދިމާއަށެވެ.  އަނެއް އުޅަނދު ގާތްކުރީ ޗާންދަނީ މަގު އުތުރު ކޮޅާ ދިމާއަށެވެ. މި އުޅަނދުގައި ތިބި މީހުން އަރައިގެން ދިޔައީ ނައިބު އަތުލައި ގަތުމަށެވެ. އޭރު ވިޔާފާރިބަނދަރާ ދިމާއިން ވަން އުޅަނދު އެ ދިމާއިން އެއްގަމަށް އަރައިފި އެވެ. އެމީހުންގެ ވާޖިބަކީ ތީމުގެ އަށް ހަމަލާދީ  ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލުމެވެ.

ޖުމްހޫރީ މައިދާން  މި އޮތް ތާނގައި އޭރު ބޮޑު އިމާރާތެއް ހުރެ އެވެ. ނަމަކީ ދޮށި މޭނާ ބިލްޑިންގެވެ. އެހެންކަމުން ފަޅުތެރޭން ބަޔަކު އައިސް އެއްގަމަށް އަރާއިރު އެ ބަޔަކު ފެނުމީ ވަރަށް ވެސް ނާދިރު ކަމެކެވެ.

ކޮންމެއަކަސް ބަނޑޭރިގެ ހިފުމަށް އައި އުޅަނދުގެ މީހުން އެއްގަމަށް އަރަން އުޅުނީ ދޮށިމޭނާ ބިލްޑިންގުން ނެއްޓި ސިފައިންގޭ ދޮރާ ދިމާ ކުރިމަތިން މޫދަށް ފޫވެއްޓިފައި އެ އޮތް މަގާދިމާއިންނެވެ. މިހާރު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގެ ކުރީމަތީ އޮތް މަގުންނެވެ.

ހައިހޫނުކަމުގައި ކަނޑުމަތީ ތެޅިތެޅި ލޮޑުވެފައި ތިބި ހަނގުރާމަވެރިން، މި ދިމާއިން އެއްގަމަށް އަރަން އުޅުނީ ފަތިހުގެ އެންމެ ހަމަހިމޭން މަގުތު އެވެ. ގާތްގަނޑަކަށް ހަތަރެއް ޖަހާލިހައި އިރު އެވެ. އޭރު އެ ހިސާބުގެ އެއްގަމު ތޮށިގަނޑު ލުމުގެ މަސައްކަތް އޮތީ ފެށިފަ އެވެ. ޝީޓު ޕައިލް ކޮށް ނިންމައިފައި ވިޔަސް އަދި ފަސްއަޅައިފަ އެއް ނުވެ އެވެ. މާތް ﷲގެ ރަޙްމަތްފުޅު ކިތަންމެހާ ވެސް ތަނަވަހެވެ. ދުޝްމަނުން ހީކުރީ އޮޑިން ފުންމާލެވޭނީ ތޮށިގަނޑު މައްޗަށް ކަމުގަ އެވެ. ''ޣަނީމާ ފުނީގެ'' މެދަށްކަމުގަ އެވެ. ނަމަވެސް ފުންމާލެވުނީ ޝީޓްޕައިލް ކޮށް ޖަހާފައިވާ ދަގަނޑުތައް ކައިރިން ކޮނެފައިވާ ވަޅުގަނޑުގެ ތެރެއަށެވެ. މި ތަނުން އަރަން އުޅުމުގެ ތެރޭގައި އެ ތަނުން ކޮންމެ ވެސް އެކެއްގެ  އަތުން ވަޒަނެއް ގޮވައިފި އެވެ.

ފަތިހުގެ ފިނިވައިރޯޅީގެ އެހީގައި  ހާލާއި ކާޅާއި، އަދި މުޅި ދިވެހި އުންމަތް  އަރާމުގެ ތަންމަތީގައި ނިދާފައި އޮތަސް، ކަލާނގެ ރަސްކަންފުޅު ގަންދީ ކުރިހުވާގެ މައްޗަށް ތެދުވެރިވެ ހޭލާ ހުރި އެކަކު އެބަހުއްޓެވެ. މާފު ކުރައްވާށެވެ. ހޭފުޅުލައްވައި ހުންނެވި އެއް ބޭފުޅަކު އެބަ ހުންނެވި އެވެ. ތުނބުޅި މަތިމަސް ވެސް އަދި ފުރިހަމަޔަށް ނުފަޅާ، ޅަ ޒުވާނެކެވެ. އުމުރުން އަދި ވިއްސަކަށް އަހަރުވެސް ނުވެ އެވެ.  އާދެ މުޅި މި ދިވެހި އުންމަތުގެ ފަހުގެ ތާރީޚުގެ ބަޠަލުކަމުގައިވާ ހދ. ކުޅުއްފުއްޓަށް އުފަން ޝަހީދު ޙުސައިން އާދަމެވެ. ފަތިހުގެ ފިނީގައި ދުޝްމަނާގެ ބަޑި މި އެޅި ''ފީ ކިނބިއްސަށް'' ޝަހީދު ޙުސައިން އާދަމް ރައްދު ޖަވާބު ދެއްވީ ވިދާލި ވިދުވަރެއް ފަދައިންނެވެ. ޤައުމަށް ވަފާތެރިވުމާއި، ދީނަށް ތެދުވެރިވުމާއި، ޒުވާންކަމުގެ އަމާނާތް އަދާކުރެއްވުމުގެ މިސާލެއް ނެތް ފަދަ ނަމޫނާއެއްގެ ގޮތުންނެވެ.

ޝަހީދު ޙުސައިން އާދަމްގެ މި ސާބިތު ރައްދު ފިޔަވަޅުގެ އަޑަށް  މުޅި ސިފައިންގެ ތެރެ ކޮޅަށްޖެހިއްޖެ އެވެ. ނިދިފިލުވައިލައި ހޭލައްވައިލައިފި އެވެ. އެ ހިނދު ހުޝިޔާރުކަންމަތީ، ދިފާޢުގެ ކަމަރު ބަނދެލައި، ހަތިޔާރާއެކު ދިވެހި ލަޝްކަރު އެތުރިލައިފި އެވެ. އިސްވެރީންގެ ފުރިހަމަ ރޭވުމާއެކު ހިތްވަރުގަދަ ދިވެހި ސިފައިންގެ ބަދަހި ސަފުތައް އިންތިޒާމުވެލީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ފިސާރި އަޒުމާއި ކެރުމާއި ހިތްވަރާއެކު އެކު އެ ފެށީ ރައްދު ހަމަލާ އަށެވެ. ޖިހާދީ ނަޣުރާ އަށެވެ.

ޗާނދަނީ މަގާ ދިމާއިން އެއްގަމަށް އަރައިގެން ދިޔަ މީހުން މިހާރު ކޮބައިބާ އެވެ؟ އެ މީހުން އެ ދިޔަ ގޮތަށް  ދިޔައީ ނައިބުގެ ގެކޮޅަށެވެ. އެ ގެއަށް ވަނީ ދޮރުމަތީ ފާރައަށް ސިފައިންގެ ބޭކަލަކު ހުންނެވީތީ، އޭނާ ޝަހީދުކޮށްލައިފަ އެވެ.

ސިފައިންގެވެރިޔާގެ ނައިބުގެ  ގެއިން، އެ މީހުންނާ ވާހަކަފުޅު ދެއްކެވީ ސީދާ ނައިބެވެ. އެ މީހުން އައީ މި ވެނި މީހަކު ހޯދަން ކަމަށާއި، އޭނާ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވި ކަމަށްވަނީ ''އެބަ ބަލައިލަން'' މިހެންނެވެ. އެހެން ވިދާޅުވެފައި އެތެރެ އަށް ވެދެވަޑައިގަތް ގޮތަށް ޖެހިގެން ހުރިގޭ ފާރުމަތިން އަނެއް ފަރާތަށް ފުންމާލައްވައިގެން ސަލާމަތްވެވަޑައިގެންފި އެވެ.

މިހާރު ސިފައިންގެ ދޮށުގައި އެބަ ވަރު ގަދަ ޔަށް ހަމާލާ ބަދަލު ކުރެވެ އެވެ. އޭކޭ ސާޅީސް ހަތެއްގެ އެންމެ ޒަމާނީ ރައިފަލުތަކުންނެވެ. ޤައުމީ ދިފާޢީ މަރުކަޒުގެ ރީތި ހުދުފާރުތަކާއި އެ ހެރަ ޗާލު އިސްލާމި މަރުކަޒުގެ މޫނުމަތި  ހީވަނީ ކަށިވިދުރި ޖެހިފައި ހުރި ވިލާތު ދޮންމީހެއްގެ މޫނު ހެންނެވެ. ލަކުނުތައްލައި ފުރިއްޖެ އެވެ. އަރަމުންދާ އުންޑައިގެ އެތި ފަހަރުތަކުން ތޮރުފެމުން، ރޫޅެމުން ސުންނާފަތިވަމުން އެހެރަގެން ދަނީ އެވެ.

ހެނދުނުގެ އިރު އަނދިރި ކަމުގެ ފަރުދާ ކަޝްފުކުރަން ފަށައިފި އެވެ. އެކެއް އަނެކެއްގެ މޫނު ވަކި ވާވަރު އަލިކަމެއް ދިވެހި ޖައްވުގެ ތެރެއަށް ފެތުރެން ފަށައިފި އެވެ.  އާންމު މަގުމަގު މަތިން މަރުވެފައި ތިބި މީހުންނާއި ޒަޚަމްތައް ލިބިގެން ވެއްޓިފައި ތިބޭ މީހުންތައް  ފެންނަން ފަށައިފި އެވެ. އެހެން ރޭރެއެކޭ އެއްގޮތަށް ފަތިހަށް ދޮންކޮށްލާ އިރާއެކު ގަސްގަހުން ލަވަކިޔަން ފަށަން ތައްޔާރުވެގެން ތިބި ދޫނިތައް މި ނާމާން ވެށީ ދޫކޮށް ހިނގައްޖެ އެވެ. މޫނު އަލިކަން ވަމުން އަންނަ އިރު އިވެމުން މި ދަނީ އިންސާނީ ރުއިމާއި ގިސްލުމާއި ކެކުޅުމުގެ ވޭނީ އަޑެވެ. ފުރާނައިގެ ދިފާޢުގައި ސަލާމަތަށް އެދި ދިވެހިންގެ އަމިއްލަ ވަޠަނުގައި ދިވެހި ދަރީން ރޮއި އާދޭސް ކުރާ އަޑެވެ. ހޮނު ގުގުރީގެ އަޑުހެން ޖައްވުގައި އެކީ އެކައްޗަކަށް ހިފައިފައިވަނީ އޭކޭ ސާޅީސްހަކެއްގެ ބަޑިތަކުގެ ބިރުވެރި އަޑެވެ. އަރައިގެން އައި ހެނދުނުގެ އިރުގެ ދޯދިތައް ދުށީ، ދިވެހި ދޮންވެލި ހިމޭން ބިމުގައި ދިވެހި ޠާހިރު ލޭގެ ރަތް ކޯރުތައް ދެމެންމުންދާ ރަޙުމުކުޑަ މަންޒަރެވެ. 

މި މައިދާނުގައި އަނިޔާވާ   މީހުން މަރަށް ބިރުން ރޮއި އާދޭސް ކުރާ އިރު، ސަލާމަތުން ތިބި މީހުން ހީވަނީ މަރު ނުވެވިގެން އުޅޭހެންނެވެ. ޝަހީދު ނުވެވިގެން ހިތާމަ ކުރާހެނެވެ. ބިރެއް ސިހުމެއް ނެތި ބަލި މީހުންނަށް އެހީވަނީ އެވެ.  ކާނާއާއި ބޯފެން ފޯރުކޮށް ދެނީ އެވެ. ކާރުތަކާއި އަތްގާދިޔާތަކުގައި ވެސް ހޮސްޕިޓަލަށް މީހުން އުފުލަނީ އެވެ. ދެމެމުންދާ ލޭގެ ރަތް ކޯރުތަކުގެ މަތީންނެވެ. މި ޙަރަކާތްތައް ސާބިތުކޮށްދެނީ އޭރު ދިވެހިންގެ މެދުގައި އޮތް  އަޖާބުވާފަދަ ގުޅުންތެރިކަމެވެ.  ހިތްވަރާއި  ޢަޒުމެވެ. އިސްލާމީ އަޚްވަންތަކާމާއި ދިވެހި ލޭގެ ކުލުނާއި އަގަލެވެ. ރަޙްމާއި ހަމްދަރުދީ އެވެ.

ކަސްޓަމާދިމާއިން އެއްގަމަށް އެރި މީހުން އެ މީހުންގެ ވާޖިބު ހަނދާންނައްތައެއް ނުލަ އެވެ.  ފަތިސް ވަގުތާ ދިމާކޮށް އެމީހުން ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅަށް ހަމާލާ ދިނެވެ. އެތައް އުންޑައެއް ފޮނުވައިލި އެވެ. ނަމަވެސް އެމީހުންނަށް ވުރެ ދިވެހިންނަށް ހުރި ނަސީބު މާގަދަ އެވެ.  ރަސްމީ ގެކޮޅު ދޫކުރައްވައި ރައްކާތެރި ތަނަކަށް ރައީސް ވަޑައިގަތީ އެމީހުން އެ ''ހުވަފެނުގައި'' ދުވެދުވެ ތިއްބަ އެވެ. ގިނިކަންޏާ ނިކުމެވަޑައިގެން ފައިމަގުގަ އެވެ. އެއަށް ފަހު އިންޑިޔާ ސަރުކާރާ ގުޅުއްވައިގެން އެހީހޯއްދެވުމުގެ މަސައްކަތްޕުޅު ފެށްޓެވި އެވެ. ސިފައިންގެ އަށް ބޭނުންވާ އިރުޝާދުތައް ދެއްވަމުންނެވެ.

ކުއްލިޔަކަށް ދުޝްމަނުން އެ ދިނީ ވަރަށް ނުރައްކާތެރި ހަމަލަ އެކެވެ. ސިފައިންގެ މައިމަރުކަޒުގެ ބޭރު ފާރު ގޮއްވައިލީ އެވެ. ތިން ހަތަރު މީހުންނަށް ވަދެގަނެވޭ ވަރުގެ ބާގަނޑެއް މިހާރު އެހެރީ އެ ފާރުގައި ހެދިފަ އެވެ. އަދި އެ ބާގަނޑާ ދިމާޔަށް މިހާރު އެހެރީ މެޝިންބަޑިއެއް ބެހެއްޓިފަ އެވެ. އެކަމަކު އެ ބަޑިން ކުރާނީ ކޮންފައިދާއެއްހެއްޔެވެ؟ ފުރަތަމަ ވަޒަން ގޮއްވައި ނުލެވިގެން އުޅެނިކޮށް، ދިވެހި ޢަސްކަރިއްޔާއިން އެ ބަހައްޓާލީ ހަމަ އެއަށް ދޫ ނުކުރާ ވަރުގަދަ ބަޑި އެކެވެ. ސީދާ އެ ދިމާގަ އެވެ. އެ ވެރިންގެ ބަޑިޔާ ދިމާއަށެވެ. މިހާރު މި ދެބަޑީގެ ހަމަލާތައް ވެސް ފުލުފުލުން އެހެރަ ދަނީ އެވެ.

ފާރު ގޮއްވައިލި މީހާ ދެވަނަ ގޮއްވުމަކަށް ތައްޔާރުވާން ފަށައިފި އެވެ. އެ ގޮއްވުން ގޮއްވައިލައިފިއްޔާ ދެނެއް ދިވެހި ސިފައިންނަކަށް އޮތްބެއް ނޯންނާނެ އެވެ. ދުޝްމަނުންނަށް ރާސްލައިފައި ސިފައިންގޭ އެތެރެއަށް ވަދެގަނެވޭނެ އެވެ. މި ކަން ކިހައިވަރަކުން ދާނެ ބާވަ އެވެ؟ ގޮއްވާ މީހާ ކޮބައިހެއްޔެވެ؟ ކުއްލިޔަކަށް އަޑެއް އެ ނެރެލީ މި ފަހަރު އޭނާގެ އަމިއްލަ އަރު ތެރޭންނެވެ.  މިހާރު އެ އޮތީ ވެއްޓި ތަންޑާވެފަ އެވެ. ބިންމަތީގައި ހަރުދަނޑިވެފަ އެވެ.  ސިފައިންގެ މައިމަރުކަޒުން މަތިން ދިން ހަމަލާއެއްގައި އެކަލޭގެ ނިމިދިޔައީ އެވެ. ދެނެއް އިތުރަށް ގޮއްވަން ދަންނަ މީހަކު ވެސް ނެތެވެ.

ދުޝްމަނުންގެ ޙަމަލާތައް މިހެން ހިނގަމުން ދާއިރު، އިސްކޮށް ތިބި ދިވެހި ދެ ޣައްދާރުން މި ހާރު އެ އުޅެނީ ރަށުތެރޭގަ އެވެ. އާއިލާގެ ބައެއް ގޭގެ އަށް އެބަ ވަދެ އެވެ. މިސްތްތަކުގެ ޙުރުމަތް އެބަ ކަނޑަ އެވެ. ކުރުސޯޓުބުރީގައި ބަރު ހަތިޔާރާއެކު މިސްކިތްތަކަށް ބޫޓާއެކު އަރާ، އަޑު ގަދަ ކުރާއިން ރައްޔިތުންނަށް އެކި އެންގުންތައް އަންގަނީ އެވެ. އެމީހުންނާ ބައިވެރިވުމަށެވެ. އެހީތެރިވުމަށެވެ. އެކަމަކު އެ ދުވަހަކީ ބާޣީންނާއި ޣާޒީންގެ ތަފާތު ހަމަ ކޮންމެ ދިވެއްސަކު ވެސް ދެނެގެން ތިބި ދުވަހެވެ. އެހެންކަމުން އެކިހާ އެއްޗެއް ހަމަ އެންމެ ދިވެއްސެއްގެ ވެސް ކަންފަތާ ހަމަޔަށް ފޯރިކަމަކަށް ނުހެދި އެވެ. އަދި ކިޔެއްތަ؟ ދިވެހިން ތިބީ ދިވެހިންގެ ދީނާއި ޤައުމާއި ޤައުމީ އެއްބައިވަންތަކަން އެއީ އެއްވެސް މީހަކު ކުޅެގެން ވާނެ އެއްޗެއް ނޫންކަން ފިސާރިޔަކަށް ގަބޫލުކޮށްގެން އެ ގޮތުގަ އެވެ.


އަސްތާ އެވެ! ވަރަށް ނުރައްކާ ހާލަތަކަށް ސިފައިންގެ އަތުވެއްޖެ އެވެ. ދުޝްމަނުންގެ އުންޑަތައް ގޮށްފުޅަނގީގެ ޠޫފާނެއް ފަދަ އެވެ. އެ އަށް ރައްދުދޭން ސިފައިން މަސައްކަތް ކުޅައީ އެހާ ވެސް ''ދީލަތި'' ގޮތެއްގަ އެވެ. މިހާރު މި ވަނީ ވަޒަން ހުސްވާން ކައިރިވެފަ އެވެ. ހަތިޔާރު ގުދަނު ދޮރުހުޅުވޭނެ ގޮތެއް ނެތެވެ. ގުދަން ނުހުޅުވިއްޖެއްޔާ .... ދުވަސް ދިޔައީ އެވެ. ގުދަން ހުޅުވޭނީ ނައިބު އަތްޕުޅުން ތަޅުދަނޑި ލިބިގެންނެވެ. ނައިބުވީ ކޮންތާކު ހެއްޔެވެ؟ ދޭތެރެ ދޭތެރޭން އެބަ ގުޅުއްވަ އެވެ. ނަމަވެސް ހުންނެވި ހިސާބަކަށް ވާޞިލުވެވޭނެ ގޮތެއް، ނައިބަށް މި މަރުކަޒަށް ވަޑައިގެންނެވޭނެ ގޮތެއް، މި އަދަކު ނެތެވެ.  މުވާޞަލާތު އޮތީ މުޅި ގައުމުން ކަހަލަ ގޮތަކަށް ކެނޑިފަ އެވެ. ގުޅޭ ބޭފުޅަކާ ގުޅޭނީ އެއްހާސް ހިންމަތުންނެވެ. ބުރަ މަސައްކަތުންނެވެ. މަސްއޫލުވެރި ފަރާތްތައް އެހެންނަމަ ވެސް އެ ބޭފުޅުންގެ ޖިހާދުގައި އަވަދިނެތިފައިވަނީ ވެސް ފަޚުރުވެރިވުން ޙައްޤު ދަރަޖަ އަކަށެވެ. މި ލިސްޓުން ނައިބު ވެސް ސިފައިންގެ ވެރިޔާ ވެސް ބަރީއައެއް ނުކުރެވޭނެ އެވެ. އެ ބޭފުޅުން ހޯއްދަވައިފައިވަނީ އެންމެ ކުރި އެވެ.

ބަދުރު ހަނގުރާމައިގައި އެއްހާސް އެތައް މުޝްރިކުންނެއްގެ މައްޗަށް އެންމެ ތިންސަތޭކައެއްހައި މުސްލިމުންނަށް ކާމިޔާބާއި ފަލާޙު ދެއްވި ކަލާނގެ ކުޅަދުންވަންތަ ކަމާ އެވެ. ފަހުގެ ދާރުލް އާސާރުގައި މިހާރު ޤައުމީ ކުތުބުޚާނާ ހަދައިފައިވާ ދިމާ އެ ދުވަހު އޮތީ އިމާރާތެއް ނެތި ހުހަށެވެ. އީ. ޕީ. އެސް.އެސް ގެ މަދުރަސީ ޔުނީފޯމެއްގައި އެހަރަ ދުރުވަނީ އާދަޔާ ޚިލާފު ހިތްވަރެއް ދެއްކެވި ސިފައިންގެ ބޭކަލެކެވެ. އޭނާގެ އަތުގައި އެ އޮތް ދަޅުގައި އެ އޮތީ ބަޑި ގުދަނު ތަޅުދަނޑި އެވެ. އެ ކަމަކު އެ ތަޅުގަނޑި ސިފައިންނަށް  ފޯރުކޮށްދޭނީ ކޮން ގޮތަކުންހެއްޔެވެ؟ ސިފައިންގެ ތެރެޔަށް އެ ތަޅުދަނޑި އެތެރެކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެ ކަލާނގެ އާ ވަކީލުކުރައްވައި ތުއްޕުޅު މޫސާގެފާނު ވަށިގަނޑެއްގައި ނީލަ ކޯރާ ހަވާލު ކުރުމުން، އެ ކަލޭގެފާނާ ހަވާލުވެވޮޑިގެންނެވި ކުޅަދުންވަންތަ ކަލާނގެއާ ވަކީލުކޮށް   ސިފައިންގޭ ފުރާޅު މައްޗަށް މި ދަޅު ވެސް އެއްލުން ފިޔަވައި ދެވަނަ ގޮތެއް އެބަ އޮތްހެއްޔެވެ؟ ނެތެވެ. އެހެނީ ޖުމްހޫރީ ބިނާ އެހެރަ ތަނުގައި ބަހައްޓާފައިހުރި މެޝިންބަޑީގެ މަތިން ތިބާ ވެސް ހަނދުމަފުޅު އެބަ ހުރި ނޫންތޯ އެވެ؟

ތަޅުދަނޑި ހިފައިގެން އައި ހިތްވަރު ގަދަ ޒުވާނާ ޚުޝޫޢަތްތެރިކަމާއެކު މާތް ﷲ އަށް ދުޢާ ދަންނަވައި، އެކަލާނގެ އާ ވަކީލުކޮށްފައި އެ ދަޅު އެއްލި އެވެ. އެ އޮތް ފުޅާ މަގު ހުރަސްކޮށް  އެ އޮތް އުސްފާރުމަތިން ސިފައިންގެ ފުރާޅާ ދިމާއަށެވެ. ވިސްނަވާށެވެ! މީކީ ޑާޓު ކުޅުމެއް ނޫނެވެ.  އަމާޒަށް ބަޑި ޖެހުމެއް ވެސް ނޫނެވެ. އަމާޒު ފަތްގަނޑު ކައްސާލީމާ އަލުން އެ ގެނެސް އަމާޒަށް އެއްލުމުގެ ފުރުޞަތު ދެވަނަ ފަހަރަށް އޮތީހީ އެހެން ނަމަތާ އެވެ. އެ ފުރުޞަތެއް ހަމަ ހިލައި ނެތެވެ.  މި ނުރައްކާތެރި ދަނޑިވަޅުގައި، މި ޚުޠޫރަތްތެރި ފުރުޞަތުގައި ހަރުދަނާ އީމާނާއެކު އެ ދަޅު އެއްލެވި ސިފައިންގެ ބޭކަލަކީ، ކީރިތި ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން ހުންނެވި ޙާފިޡެއް ވެސް މެ އެވެ.

ސުބުޙާނަﷲ އެވެ. އޭނާގެ ހިތުގައި މާތް ﷲގެ ކަލާމްފުޅު ޙިފުޡުކޮށްފައިވާ ފަދައިން، މި ލޮބުވެތި ޤައުމާއި، މާތްވެގެންވާ ދީނުގެ ދިފާޢުގައި އޭނާ އެއްލި ''ކާމިޔާބުގެ  ތަޅުދަނޑި'' ދީލަތިވަންތަ ﷲ ހިފާޒާތްތެރި ކުރައްވައިފި އެވެ. ރައްކާތެރިކުރައްވައިފި އެވެ.  އެ ދަޅު ގޮސް އެ ވެއްޓުނީ ސިފައިންގެ ފުރާޅާއި އިންފާރާ ދެމެދުން އޮތް ހަނިހަނި ޖާގައިން ލައިފައި ސީދާ ބިންމައްޗަށެވެ. ސިފައިންގެ އެތެރެއަށެވެ. ބިމުގައި ޖެހުނު އިރު އެތެރޭން މީހަކަށް އެ ދަޅު ފެނިއްޖެ ވެސް މެ އެވެ. ދެނަކާ ދެނެއް ނެތެވެ. ޤައުމުގެ ޢަދާވާތްތެރިންނާ ދެކޮޅަށް ޖިހާދުކުރާ  ހިތްވަރުގަދަ ދިވެހި ސިފައިންގެ ލަޝްކަރަށް ލިބުނީ، ހުލިވަމުންދާ އަލިފާންގަނޑަކަށް ޕެޓުރޯލު އެޅީމާ އެ ހުޅުގަނޑަށް ލިބޭ ފަދަ ވަރުގަދަ ޖޯޝެކެވެ. ހިތްވަރާއި ބުންވަރު ކެކި އުތުރިގަތީ އެންމެ ފުނުންނެވެ. ކަށީގެ މަދުންނެވެ. މިހާރު ހަތިޔާރު ގުދަން ހުޅުވައިލައިފި އެވެ. ވަޒަންތައް ބަހާލައިފި އެވެ. ހަތިޔާރުތައް އަލުން ރުކުރާލައިފި އެވެ. ސަފުތައް އަލުން އިންތިޒާމުވެލައިފި އެވެ. ވަރަށް ''ކެރިފޯރުމާއެކު'' ބާރުހުރި ހަމަލަތަކެއް ފުލުފުލުން އެތިބަގެން ދޭންފެށީ އެވެ. އަލްޙަމްދު ލިﷲ އެވެ.

ދިވެހި ސިފައިންގެ އަޖައިބު ކުރުވަނިވި އަނެއް ޙަރަކާތަކީ މި އެވެ. ދިވެހި ސިފައިންގެ ތެރޭން ޤާބިލް ވެރިޔަކު އިސްވެ ހުންނަވައިގެން ފުރިހަމަ ހަތިޔާރާއެކު، ސިފައިންގެ ތެރޭން ދިހަ ބޭކަލުންނައިގެން ބޭރަށް ނިކުމެ ވަޑައިގެންފި އެވެ. ހުއްޓުމެއް ނެތި ބަޑީގެ ޙަމަލާތައް ދެ ފަރާތުން ބަދަލުކުރެވެމުންދާ ހާލުގަ އެވެ. އެކަމަކު ޖެހިލުންވާންވީ ބިރުގަންނަންވީ ކޮންކަމަކާހެއްޔެވެ؟ އެހެންނާ ކާމީޔާބީގެ ނިޢުމަތެވެ. އެހެންނާ ސުވަރުގޭގެ ރަޙްމަތެވެ.

މި ފައުޖާ ދުޝްމަނުންނާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކުގައި ތިން ބޭކަލަކު ޝަހީދުވެގެން މާތް ﷲގެ ރަޙްމަތަށް ދަތުރު ކުރައްވައިފި އެވެ. ދެންތިއްބެވި ބޭކަލުންނާއިގެން ސިފައިންގެ މައިމަރުކަޒުގެ ތެރެއަށް ވެދެވަޑައިގަތް އިރު،ދުޝްމަނުން ތިބީ ހައިރާންވެ ފަސްޖެހިފަ އެވެ. ނުތަނަވަސްވެ ކޮންބޮޑުވެ ފަ އެވެ.  މި ހިސާބަށް ހަނގުރާމައިގެ ކަންތައްތައް ދިޔައިރު  ދުޝްމަނުންގެ ވެރިޔަކަށް ހުރި ވަސަންތީ މަރުވިތާ ވެސް ކިތަންމެ އިރެއް ވެއްޖެ އެވެ.

މެންދުރު ވެގެން އައި އިރު ދުޝްމަނުންނަށް ގޮތް ހުސްވަމުން ދާކަމުގެ ސާފު އަލާމަތްތައް ފެންނަން ފަށައިފި އެވެ. ބަނދަރުގައި އޮޑި ދޯނި ފަހަރުގައި ތިބި މީސްމީހުން ގެނެސް އިންސާނީ އައްޑަނައިގެ ގޮތުގައި އަތުރަން ފަށައިފި އެވެ. ފިހާރަތައް ފަޅައިގެން މުދާ ލޫޓުވައިގެން ކައިބޮއި ހަދަން ފަށައިފި އެވެ.


މުޅީން މަންޒަރު ބަދަލުވެއްޖެ އެވެ. ދުޝްމަނުންގެ ފުނި ރޫޅިއްޖެ އެވެ. ބައިބައިވެއްޖެ އެވެ. އެމީހުން ކިޔަމަންވާ ވެރިޔަކު ނެތިއްޖެ އެވެ. ހަނގުރާމަ ރޭވިފައި އޮތީ މި ވެނި ވެރިޔަކު މަރުވެއްޖެ ނަމަ މިވެނި މީހެއް، އޭނާއަށް ކަމެއް ވެއްޖެ ނަމަ، އެވެނި މީހެއް މި ކަހަލަ ގޮތަކަށެވެ. އެތައް ކޮމާންޑަރުންނެއް ހިމެނޭ ގޮތަށެވެ. ނަމަވެސް އެ ލިސްޓުގައި ހިމެނުނު އެންމެންހެން ދިވެހި ބިމުގައި މަރުވެ ހަނާވެ ނިމިއްޖެ އެވެ. ދެން ހުރިވެރިޔަކީ، ހަނގުރާމަވެރިއެއް ނޫނެވެ. އޭނާއަކީ، ވަޒަންވެރިއެކެވެ. އެކަނިވެރިއެކެވެ. އޭނާ އާ މެދު އިތުބާރެއް ނެތެވެ. މި ހިސާބަށް ދިޔުމުން އޭނާ އޭނާގެ ވަޒަނުގެ މީހުންނަށް އަމާންދީ، ތިމަންނަމެން އޮޅު ނާޅާނެ ބާއޭ، ބޯތައް ބުރިކޮށް ޤަތުލު ނުކުރާނެބާއޭ މިހިރީ ހައްތާ ވެސް މިހާރު ދުޝްމަނުންގެ ފިކުރުގައި ދެބައްޖަހާ ސުވާލުތަކެވެ. އެހެންކަމުން އެކަކު އަނެކަކަށް ފާރަލާން ފެށިއްޖެ އެވެ. ވަހުމާ ޝައްކުގެ އޮއިވަރެއްގައި މުޅިން ވަކިވަކި ވެއްޖެ އެވެ.

މި ހާލެއްގައި ތިއްބާ އެ އިވެނީ އިންޑިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުގެ އަޑެވެ. ފެނިގެން ދިޔައީ މި ސަރަހައްދުގެ ބާރު ހުރި ގައުމެއްގެ އެހީގެ އަތް ދިއްކޮށްލާ ތަނެވެ. މި ކަހަލަ ބައެއްގެ އަތް ފޯރާ ފަށުގައި ތިބުމަށްވުރެ އަވަހަށް ބަޗައިގެން ދިޔުން މާބުއްދިވެރި އެވެ.

އާދެ! މި ފަދަ ފިކުރު ތަކަކަށް ފަހު ބަނދަރުގައި އޮތް އާގު ބޯޓެއްގައި ފިލައިފި އެވެ. ދިވެހިންގެ ތެރޭން އެތައް ބަޔަކު ވެސް ގޮވައިގެންނެވެ. މި ބޯޓަށް ކިޔަނީ ''ޕްރޮގްރެސް ލައިޓް'' އެވެ.  މި ބޯޓު އަތުލައި ގަތުމަށް އުދުއްސައިގަތީ އިންޑިޔާގެ ހަނގުރާމަމަތީ އުޅަނދު ފަހަރެވެ. ވައިގެ މަގުންނާއި ކަނޑުމަގުންނެވެ. މި ހަރަކާތް ކާމިޔާބު ވި އެވެ. ދިވެހި ލަޝްކަރުގެ ފަރާތުން ވެސް މި ޙަރަކާތުގައި އިސް ބޭފުޅަކު ބައިވެރިވެވަޑައިގަތެވެ.

މިހާރު އިންޑިޔާގެ ބާރުތަކުން ދުޝްމަނުންގެ ބޯޓު ފަހަނީ އެވެ. ހުއްޓެން އަންގަނީ އެވެ. ހުއްޓާ ފިކުރެއް ނުކުރެ އެވެ. ހައްތާ ދުވެލި ބާރު ކުރަނީ އެވެ. ނަސޭހަތަކަށް، އިރުޝާދަކަށް، އިންޒާރަކަށް ތަބައެއް ނުވި އެވެ. އެންމެ ފަހުން މި އަނިޔާވެރި ބާޣީން، ދިވެހިންގެ ބައެއް މީހުންގެ އަތްފައި ބަނދެގެން ތައްޓު މައްޗަށް ނެރެ، ބޮލަށް ބަޑިޖަހައި މަރައިފައި މޫދަށް އުކަން ފަށައިފި އެވެ. އެއްލައިލަނީ ލައިފް ޖެކެޓް ވެސް އަޅުވައިފަ އެވެ. ބޭނުމަކީ ފެންމަތީގައި ބޭއްވުން އެކަންޏެއް ނޫނެވެ. ފަހަތުން އަންނަ މަނަވަރުގެ މީހުންނަށް ދެއްކުމެވެ. ބިރުދެއްކުމެވެ.

ދުޝްމަނުން ''ހަދާނެ އެޗެއް ހަދަން'' ދޫކޮށްގެން ތިބެންވީ ކިހާ އިރެއް ވަންދެންހެއްޔެވެ؟ މިހާރު ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަންނަން ވަރަށް ގާތްވަނީ އެވެ. އެ ސަރަހައްދަށް ވަދެއްޖެއްޔާ ދެނެއް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ދިވެހިން މަރައިފާނެތީ އޭ ދިވެހީންގެ ލޯބޯ ކޮނެ އަތްފައިގެ ނިޔަފަތި އުފުރާފާނެތީއޭ ކިޔާފައި އެކަމަށް  ބިރުން ކައިރި ނުކޮށް ތިއްބާ އެމީހުން ލަންކާ އަށް ވަދެއްޖެއްޔާ ދެން އެ ދިވެހިންނަށް ހަދާނެ ގޮތަކާ މެދު ތިބާޔަށް ހީވަނީ ކިހިނަކުންހެއްޔެވެ؟

ކުއްލިއްޔަކަށް އިންޑިޔާގެ އުޅަނދުގެ ދުވެލި ބާރު ކޮށްލައިފި އެވެ. މިހާރު އެ ދަތުރު ކުރަނީ ދެ އެތިން އެކައްޗަށެވެ. ކޮންމެ ގޮތެއް ވިޔަސް ދުޝްމަނުން ފިލައި ރައްކާވިޔަކަ ނުދޭނެ އެވެ. މި ކަން އެނގުމުން ދުޝްމަނުންގެ ބޯޓުގެ އެތެރެ ވެސް ހައިޖާނު ވެއްޖެ އެވެ. އެމީހުން ނިންމީ އޭގައި އޮތް ކުޑަ ލާންޗެއް ކަނޑަށް ބައިލައިގެން އޭގައި ހަލުއި ދުވެލީގައި ގޮސް  ޖާނު ބަޗާށެވެ. މި ވިސްނުމުގައި ބޯޓުގެ ސޭލާގައި ލާންޗު ޖަހައި ކުޑަ ތަންކޮޅަކަށް ހިއްލާލެވުނުތަނާ ހީވީ މަތިން ހޮނު ގުގުރިއެއް ޖެހިހެންނެވެ. އިންޑިޔާ ސިފައިންގެ އުޅަނދުން ދިން ބޮޑުބަޑީގެ ވަރުގަދަ ހަމަލާއެއްގައި މި ހާރު ސޭލާ އެ އޮތީ، މުޑަހަންޖެއް ގަނެގެން ބިންދައިލި ކޮރަކަލި ދޮއްޓެއްހެން ވެފަ އެވެ. މެދުން ދެބުރި ވެފަ އެވެ. ގޮތް ހުސްވީ ތޯއްޗެކެވެ! މި މަންޒަރު ފެނުމާއެކު ދުޝްމަނުންގެ އުޅަނދު ދުއްވަން ހުރި ކައްޕިކަލޭގެ އޭނާގެ އަޖަލު އޭނާ އަމިއްލަޔަށް ކަނޑަ އަޅައިފި އެވެ. ބަޑީ ތުން ދަތްދޮޅީ ދަށުން ލަގޮނޑިވަޅުގައި ވިއްދާލައިފައި އުޑުފައިން އިށީނދެލުމާއެކު، ރަތްލޭގެ ގަނޑަކާއެކު ބޮލުގެ މެންކަފާޅައިން ބުރުއްސައިގެން އެ ދިޔައީ އޭނާގެ ސިކުނޑި އެވެ. އާދެ! އަމިއްލައަށް މަރުވެގެން، އެ ދިޔަ ތަނަކަށް ގޮސް ނިމިއްޖެ އެވެ.


ހިތާމައިގައި އެންމެން ބައިވެރިވެ އެކަތި ގަނޑަކަށް ވީފަދައިން އުފަލުގައިވެސް އެންމެން ބައިވެރިވީ އެކަތި ގަނޑެއްގެ ގޮތުގަ އެވެ. ދުޝްމަނުން އަތުލައިގަނެގެން މާލެ ގެނައި ދުވަހަކީ އުފަލުން ލޯތައް ފެންކަޅިވި ދުވަހެކެވެ.  ޝުކުރުން ހިތްތައް ފުރުނު ދުވަހެކެވެ. އެ ޒިކުރާ ތައް މި އަދު އާކުރުން ކިތަންމެހާ ވެސް މުހިންމެވެ. އޭރުގެ ދިވެހިންގެ ކުރިމަތީގައި އެ ދުވަހަކީ އުފަލުގެ ދުވަހެކެވެ. ޙަމްދުގެ ދުވަހެކެވެ. އެއީ އެއްބަނޑު އެއްބަފައިކަމުގެ ދުވަހެވެ. ޤާނޫނާއި ވެރިންނަށް ކިޔަމަންވެ ކަލާނގެ ހަޒުރަތަށް އިބްތިހާލު ވުމުގެ ދުވަހެވެ. ދަނޑިވަޅުގެ ނާޖާއިރު ފައިދާ ނަގައި ގޭގެއިން ވައްކަން ކުރާ މީހުންނެއް އެ ދުވަހަކު ނެތެވެ. ފިހާރަތައް ފަޅާ މީހުންނެއް ވެސް ނެތެވެ. އަދި ކިއެއްތަ ''މަށަކާ ބެހޭކަމެއް ނޫނޭ'' ސަރުކާރުގައި ތިބީ ކަލޭމެން ނޫންހެއްޔޭ ބުނެ ތުން ފުރޮޅައިލި ބަޔަކު ވެސް ނެތެވެ. އެ ދުވަސްވީ ދިވެހި ޤައުމުގެ ދުވަސްކަމުގަ އެވެ. އެއީ ހިލޭ ސާބަހަށް ޚިދުމަތް ކުރުމުގެ ދުވަހެވެ. އެހީތެރިކަމާއި މަދަދުގެ ދުވަހެވެ. ޤައުމީ އެއްބައިވަންތަކަމާއި ޤައުމީ ވަޙްދަތުގެ ދުވަހެވެ. މަޒުހަބީ އަރާރުންތަކެއް ނެތި މާތްވެގެންވާ އިސްލާމްދީނަށާއި ޤައުމަށް ވަފާތެރި ވެރީންނަށް،  އެންމެހާ ދިވެހިން އިޚްލާޞްތެރިކަމާއެކު ހެޔޮ ހިތުން ނަޞްރު ދިން ދުވަހެވެ.  އެ ނަޞްރުގެ ސަބަބާ މެދު ޚިޔާލު ކޮށްލުމުން ހިތަށް އަރަ އެވެ.   އެއް އަކުރަކުން ލިޔާ، އެއްބަހަކުން ވާހަކަ ދައްކާ، އެއްދީނަކަށް ތަބާވާ، އެއް މަޒުހަބަކަށް ޢަމަލުކުރާ، އެއްސަގާފަތެއް ހިއްސާކުރާ، އެއް އުންމަތެއްގެވެރި، ދިވެހިންގެ އެއްބައިވަންތަކަން ފިޔަވައި އެހެން ސަބަބެއް އެ ކާމިޔާބީގެ ފަހަތުގައި ފެންނާން އެބަ އޮތްބާ އެވެ؟
--------------------
(ނިމުނީ)  

މަޢުލޫމާތު:

  ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު (2006)
  ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝަކޫރު ޢަބްދުﷲ (2006)
  އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ޝާކިރު (2006)



މި ލިޔުން:

  ޓައިޕުކުރުން:  އާދަމް ނަޞީރު އިބްރާހީމް
  އަލުން ބެލުން:   ''        ''
  ޝާއިޢު ކުރުން:  ''        ''      



ޚާއްޞަ ނޯޓު؛

 މި ލިޔުން ޝާއިޢުކުރުމުގެ ޙައްޤު އަޅުގަނޑު ދީފައިވާނެ ހަމަ އެކަނި ވެބުސައިޓަކީ، www.fanvai.info  އެވެ.

އާދަމް ނަޞީރު އިބްރާހީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ