އަދުގެ ޚާއްސަ

Print

މުޖައްރިބު ފަންޑިތަ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ލަޠީފް/ ށ، މިލަންދޫ.

އެތެރެގޭ މަރިޔަމް މަނިކެއާއި މުދިންބޭގެ އަލިފުޅު ކައިވެނިކުރިއިރުވެސް މަރިޔަމް މަނިކެއަކީ ބަލިކުއްޖެއްކަމުގައި މީހުން ބުނެއުޅޭ ކުއްޖެކެވެ. މުދިންބެގެ އަލިފުޅު މަރިޔަމް މަނިކެއާއި ކައިވެނިކުރި އިރުވެސް މުދިންބެ މި ކައިވެންޏާ ޤަބޫލެއް ނޫނެވެ. އިސްވެ ބުނެވުނު ސަބަބަށްޓަކައެވެ. ނަމަވެސް އަލިފުޅު ގޮތްދޫނުކުރުމުން މުދިންބެ، މުދިންބޭގެ ގޮތް ދޫކޮށްލީއެވެ.

މަރިޔަމް މަނިކެގެ ބައްޔަކީތޯ އެވެ! ޖިންނި ބައްޔެވެ. އާންމުގޮތެއްގައި ކޮންމެ ރެއަކުވެސް ޢިޝާ ނަމާދުން ފަސްވެލީމާ މަރިޔަމް މަނިކެއަށް އެވާގޮތެއްވެ އެވެ. ބައެއް ރޭރޭ ހޭނެތިފައި އަތްފަޔަށް ފާޑެއްގެ ބާރުގަނޑެއް އަރާފައި އޮވެ އެވެ. ހަމައެހެންމެ އަނެއްބައި ރޭރޭ މޮޔަވެ، މޮޔަގޮވާ، މީހުން ކޮށްފައި ހުންނަ ސިއްރު ކަންތައްތަކުގެ ވާހަކަވެސް ގޮވަ އެވެ. އަނެއްބައި ރޭރޭ ހަތަރު ފަސް މީހުނަށް އޮބިނޯންނަވަރުގެ ވަރުގަނޑެއް އަރައެވެ. ނުވަތަ މިނޫނަސް މީހުން ބިރުން ހަލާކުވާވަރުގެ އެތައްކަމެއް ހިނގަ އެވެ. ކޮންމެރެއަކު ވެސް ފަންޑިތަވެރިއަކު ގެނެސް ކޮންމެ ވެސް ކަމެއް ކޮށްލުމުން މައިތިރިވެދެ އެވެ. ނުވަތަ މައިތިރިނުވެ އެގޮތަށްއޮވެ މެންދަމުން ފަސްވުމުން ރަނގަޅު ވެދެ އެވެ.

ފަންޑިތަވެރިންގެ ތެރެއިން ބައެއް މީހުން ބުނަނީ އެއީ ސިޙުރު ޖިންނީގެ އުނދަގުލެއްކަމަށެވެ. އަނެއްބަޔަކު ބުނަނީ އެއީ ފެހުރިކަނު ޖިންނި އެވެ. އެއްގަމުފަރާތުކަމެކެވެ. ކާފަރު ޖިންނި އެވެ. ކަނޑޫފަލު ޖިންނި އެވެ. އިސްތިރި މޮޔަ އެވެ. ވޮއްކޮޅު ޖިންނި އެވެ. ކޮރު ޖިންނި އެވެ. ވާޖިންނިއެވެ. ކަނު ޖިންނިއެވެ. މިނޫނަސް ތަފާތު ގޮތްގޮތަށް ތަފާތު ފަންޑިތަވެރިން ބުނެއުޅެ އެވެ.
މުދިންބެއަކީވެސް ނަން މަޝްހޫރު ކަންވެރިއެއްކަމުން މުދިންބެ މި ޅީ ދަރިފުޅު ސަލާމަތްކުރުމަށް ކުރެވުނުހައިކަމެއް ކުރެ އެވެ. ބައެއް ރޭރޭ މުދިންބެގެ މޫނަށް މަރިޔަމް މަނިކެ ކުޅުޖަހަ އެވެ. ގައިގާ ވަރުހުންނަ ތަފާތައް ވިހެލަ އެވެ. މުދިންބެގެ ގަންޖުފަރާސްގަނޑު އިރާލަ އެވެ. މުދިންބެ ވެސް ދުލެއް ނުކުރެ އެވެ. މުދިންބެގެ ހުރިވަރެއް ދައްކަމުން ގެންދެ އެވެ. ޖިންނި އަންދަމުން ޖިންނި މަރަމުން ކޮށަމުން މަށަމުން ނޮޅަމުން ގެންދެ އެވެ. ނަމަވެސް މަރިޔަމް މަނިކެގެވަރު ހަތްތަހާވަނީ ގަދަ އެވެ. ގޮވާ އެއްޗެހިން މޫނު ދިމާކުރަން ކެރޭފަހަރާއި ނުކެރޭފަހަރެވެ. ވިހެލާ ތަފާތަކުން އަޅާވޭނާއި ކެކުޅުންތައްވެސް ވަކިކުޑައެއް ނޫނެވެ.

ކޮންމެއަކަސް މުދިންބެއަށް ގޮތްހުސްވެ ބަލާނެ ފޮތް ވެސް ހުސްވީއެވެ. ރަށުގެ އެހެނިހެން ކަންވެރީންގެ ހާލަކީވެސް ހަމަ މި އެވެ. ހަދާނެ ފަންޑިތަ ހުސްވެ ކިޔަވާނެ ކިޔެވެލިތައް ހުސްވެ އަޅާނެ ދުން ވެސް ހުސްވީ އެވެ. ކަނޑު ރަސްގެފާނަށް މާދައްކަ ދައްކާ ރަށުން މާ ހުސްވާ ހިސާބަށް ހިނގައްޖެ އެވެ. ކަނޑަށް ލޭ ދައްކަދައްކަ ދައްކާ ބަލިވެގެން، ކަނޑަށް މޭ ދައްކާ ހިސާބަށް ހިނގައްޖެ އެވެ. ކަނޑަށް ފާލަން އެޅި މީހުން އެންމެފަހުން ގޮތްހުސްވެ ފާލަންތައް ރޫޅާ ހިސާބަށް ހިނގައްޖެ އެވެ . ބޭރު އަތޮޅު އަތޮޅާއި ރަށްރަށުން ގެންނަ ކަންވެރީންނަށް ވެސް ޖެހޭ ހާލަކީ ހަމަ މި އެވެ. އައްޑޫން ހުވަދޫން ފުވައްމަލަކުން ނުވިތާކަށް މާލެއިން ވެސް ކަންވެރިންގެނެސް ހަމަވުމަކާއި ކައިރިވެއްޖެ އެވެ. ނަދުރުގޮވާ މީހުން ނަދުރު ގޮވަގޮވާ ބަލިވެގެން އެންމެފަހުން ކަދުރަށް ނުވަތަ ބަބުރަށް ވެސް ގޮވާހިސާބަށް ހިނގައްޖެ އެވެ. މީހުންގެ ހާސްކަން އޭގެ ނިހާޔަތަށް ހިނގައްޖެއެވެ. އަލިފުޅު ގޮތްހުސްވެ ދޮޅީގައި އަތް ވިދެ، ނޮޅީން މާނޭވާ ލެވޭ ހިސާބަށް ކަންތައް ހިނގައްޖެ އެވެ.

މުދިންބެ ކުއްލިއަކަށް ހަނދާންވީ ހުވަދު އަތޮޅު ރަށެއްގައި ހުންނަ މުދިންބެގެ ބައްޕަގެ ރައްޓެއްސެއްގެ މަތިންނެވެ. އިބްރާހީމް ފުތާގެ މަތިންނެވެ. މުދިންބެގެ ބައްޕަ ބުނެފައިވާގޮތުންނަމަ އިބްރާހީމް ފުތާގެ ގާތުން ގޮތެއް ހުހެއް ނުވާނެ އެވެ.  ﷲގެ ވާގިފުޅާއެކު އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރަނގަޅު ކުރާނެ އެވެ. މުދިންބެގެ ބައްޕަ ދުނިޔޭގައި ހުރިއިރު އިބްރާހީމް ފުތާ އެ ރަށަށް ދުރުވިއެވެ. އަދި ބޮޑު ކަމެއް ޖެހިއްޖެނަމަ އިބްރާހީމް ފުތާއަށް އަންގާލަދޭށޭ ވެސް މުދިންބެގާތު އިބްރާހީމްފުތާ ބުނުއްވާފައި ވެ އެވެ. މުދިންބެ އަވަސް އަވަހަށް އިބްރާހީމް ފުތާމެން ރަށު އޮފީހަށް ގުޅާފައި އިބްރާހީމް ފުތާއާއި ގުޅޭނެގޮތެއް ހަމަޖައްސައި ދިނުމަށް ރަށު އޮފީހުގައި އެދުނެވެ. ލަސްތަކެއްނުވެ އިބްރާހީމް ފުތާއާ މުދިންބެއަށް ގުޅިއްޖެ އެވެ. ދެ ދުވަހެއްގެ ތެރޭގައި ވައިން އުދުހެމުން ކަނޑުން ފިރުކެމުން އިބްރާހީމް ފުތާ މުދިންބެގާތަށް ދުރުވެއްޖެ އެވެ. އިބްރާހީމް ފުތާ ދުރުވި ދުވަހުން ފެށިގެން މަރިޔަމް މަނިކެއަށް ފަންޑިތަ ހެދުމުގައި އަވަދިނެތި އުޅެމުން ދެ އެވެ. ނަމަވެސް ވީހަމަ އެއްކަމެއް ނެތެވެ. މަރިޔަމް މަނިކެގެ ފޯރި އިހުނަށްވުރެ ގަދަވުން ނޫންކަމެއް ނުވި އެވެ.

މިރެއަކީ ބޮޑު ރެއެކެވެ. އިބްރާހީމް ފުތާގެ ހުރިވަރެއް ދައްކާލާރެއެވެ. ތަފާތު ބާވަތް ބާވަތުގެ އަތަރުން އެކި ބާވަތް ބާވަތުގެ މާތައް ކަޅިކޮށް ދުން މުޖުމަރާތައް ވަނީ ތައްޔާރުކުރެވިފަ އެވެ. އަތްދަށު ކިޔެވެނިންނާއި ފަސް މުގޫ ބަލަހައްޓާނެ މީހުންވަނީ ތައްޔާރުކޮށްފަ އެވެ. އިބްރާހީމް ފުތާ ބުނެފައިވާގޮތުންނަމަ މިރެއަކީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް އިރާދަކުރެއްވިއްޔާ މަރިޔަމްމަނިކެއަށް ޝިފާ ލިބޭނެރެ އެވެ.

ޢިޝާ ނަމާދުން މީހުން ފައިބާ ހަމަނުޖެހި އުޅެނިކޮން މަރިޔަމް މަނިކެ މޮޔަވެއްޖެ އެވެ. ކުރީ ރޭރެއެކޭ ވެސް އެއްފަދައިންނެވެ. ވަކި ތަފާތެއް ނުފެނެއެވެ. ފަސް މީހުނަށް ހަ މީހުނަށް ނުހިފެހެއްޓިގެން ތެޅިފޮޅެނީ އެވެ. އިބްރާހީމް ފުތާ އޭނާގެ އަތްދަށު ކިއެވެނީންނާއެކު މަސައްކަތް ފަށައިފި އެވެ. ދުން މުޖުމަރާތަކުން އަރާ ދުމުން މުޅިތަންވަނީ ހުވަނދުވެ ބަނަވެފަ އެވެ. ފަސްމުގޫ ބަލަހައްޓާ މީހުން އެމީހުންގެ މަސައްކަތުގައި މަޝްޣޫލުވެގެން ތިއްބެވެ. އިބްރާހީމް ފުތާ ކިއެވެލީގެ ވަކިހިސާބަކުން، ބިމުނުޖެހޭ ރަތުރުކު ކާއްޓެއްޖަހާ ކާށި ފަޅާލި އެވެ. އަތްދަށު ކިޔެވެނީން ތާއްޔަކަށް ވެސް ޖެހިނުލާ ކިއެވެލި ކުރިއަށް ގެންދެ އެވެ. ވަކި ހިސާބަކުން އިބްރާހީމް ފުތާ ދެވަނަ ކާށިވެސް ޖަހާ ފަޅާލި އެވެ. މަރިޔަމް މަނިކެގެފޯރި ދިއައީ ހަތްތަހާ ގަދަވަމުންނެވެ. އިބްރާހީމް ފުތާވެސް މަރިޔަމްމަނިކެއަށް ވާގޮތް ބަލަމުން ގެންދެ އެވެ. އިބްރާހީމް ފުތާ ތިންވަނަ ކާށިވެސް ޖަހާ ފަޅާލި އެވެ. މަރިޔަމް މަނިކެގެ ފޯރި ގަދަވުން ނޫންކަމެއް ނުވި އެވެ. މިހާރު ދިހަ ބާރަ މީހުނަށްނޫނީ ނުހިފެހެއްޓޭވަރު ވެއްޖެއެވެ. ކުއްލިއަކަށް އަތްދަށު ކިޔެވެނީންގެ ކިއެވުން ހުއްޓާލުމަށް އިބްރާހީމް ފުތާ އަންގައިފި އެވެ.

ދުންމުޖުމަރާތަކުގެތެރެއިން އެއް މުޖމަރާ ފިއަވާ ދެންހުރި ހުރިހާ މުޖުމަރާތައް ބޭރުކުރުމަށް އަންގައިފި އެވެ. ފޮތަކުން ހުދު ކަރުދާސްކޮޅެއް ވަކިކޮށްލުމަށްފަހު އޭގައި ގަލަމުން ކޮންމެ ވެސް އެއްޗެއް އިބްރާހީމް ފުތާ އެބަ ލިއުއްވަ އެވެ. ހީވަނީ އަކައެއްހެނެވެ. ނުވަތަ ކޮންމެވެސް ބާވަތަކުގެ ތަވީދެއްހެނެވެ. އެއަށްފަހު އެއަށް ދުންބުރުވަމުން ކޮންމެ ވެސް ބާވަތަކުގެ އެއްޗެއް ވެސް ކިއުއްވާތީ ފެނެ އެވެ. މިގޮތަށް ހަތަރު ފަސް މިނިޓަކު ކިޔަވަން އިނދެފައި ތެދުވެ އެބަ ބުނެ އެވެ. މީސްތަކުންނޭވެ. މިއީ މަގޭ އެންމެ ފަހު އެތިފަހަރެވެ. މި ތަވީދު މަރިޔަމް މަނިކެގެ ނިތްކުރީގައި ހިތްޕުމުން މަރިޔަމް މަނިކެގެ ބަލި ރަނގަޅުވެ މައިތިރިވާނެ އެވެ. މައިތިރި ނުވިނަމަ މަރިޔަމް މަނިކެ ވަޅުލާން ސަންދޯކާއި ކަފަޔާއި ކަފުން ތައްޔާރުކޮށް މިސްކިތްދޮށުގައި ވަޅުކޮނެ ތައްޔާރުވާށެވެ! މި ދެގޮތުންކުރެ ގޮތެއް ނުވެޔެއް ނުދާނެ އެވެ.

އިބްރާހީމް ފުތާގެ މި ވާހަކަ އަޑުއިވުމުން މީސްތަކުން ހާސްވެ ދެލޯބޮޑުވެ، ނޭވާކުރުވެ، ވާނުވާ ބަލަހަށްޓައިގެން އެބަތިބޫ އެވެ. މުދިންބެގެ ހާސްކަން ވަކިންބޮޑެވެ. ދެލޯ ވަނީ ފެންކަޅިވެފަ އެވެ. އަނގައިންވަނީ ބަސްހުއްޓިފަ އެވެ. އަލިފުޅުގެ ދެ ފައި ރޫރޫ ލަ އެވެ. މޭތެރޭގައިވާ ހިތް ހީވަނީ ހަތަރު ފިސްޓަނު އިންޖީނެއް ހިނގާހެނެވެ. ނޭވާ ހުއްޓެމުން ނެއްޓެމުން ހަށިގަނޑުތެރޭގައި ދައުރުވަމުން ދެ އެވެ. ހާސްވެ ކަންބޮޑުވާންޖެހޭ ވަގުތުކޮޅެކެވެ. ނޭވާ ހިފަހައްޓާލަންޖެހޭ ވަގުތުކޮޅެކެވެ. އިންސާނަކު ބަލިން ގަދަވުމާއި މަރުވުމާ ދެމެދު ހިނގަމުންދާ ސިކުންތުކޮޅެކެވެ. އިބްރާހީމް ފުތާ އެކިޔާ އެއްޗެއް ކިޔާފައި މަރިޔަމްމަނިކެގެ ނިތްކުރީގައި ކަރުދާސްކޮޅު ހިތްޕާލި އެވެ. ކުއްލިއަކަށް މަރިޔަމްމަނިކެގެ ތެޅުން މައިތިރިވެ ހިމޭންވެއްޖެ އެވެ. ހުރިހާ ތެޅުމަކާއި ފޮޅުމެއް ކެނޑިއްޖެއެވެ. ހާލު ހަމަ އެންމެ ރަނގަޅެވެ. ހުރިހާ އެންމެނަށްވެސް ބުނެވުނީ ހަމަ އެކައްޗެކެވެ.وَالْحَمْدُ لِلَّهِ އެވެ. އިބްރާހީމް ފުތާ ހާދަހާ މޮޅެވެ.

ކުއްލިއަކަށް އިވިގެން ދިއައީ އިބްރާހީމް ފުތާ ވަޞިއްޔަތެއް ކުރިއަޑެވެ. އޭ މީސްތަކުންނޭވެ! އަހަރެން މިބުނާގޮތަށް ކަންތައްކުރާށެވެ! މިނޫންގޮތަކަށް ކަންކޮށްފިނަމަ އަހަރެންނާއި މަރިޔަމް މަނިކެއާ ދެ މީހުންގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ އެވެ. އަވަހަށް ފުރަން ލޯންޗު ތައްޔާރުކުރާށެވެ! އަދި އަހަރެން ގޮވައިގެން ގޮސް އެއާރޕޯޓަށްލާށެވެ! އަދި ވީ އެންމެ އަވަހަކަށް އަހަރެންގެ ރަށަށް ދެވޭނެގޮތް ހަމަޖައްސަދޭށެވެ! އަހަރެން މި ރަށުން ފުރައިގެން ގޮސް ލޯންޗު ތިއަބޭކަލުންނަށް ގެއްލުމުން މަރިޔަމް މަނިކެގެ ނިތްކުރީގައިވާ ކަރުދާސްކޮޅު ނައްޓާލުމަށްފަހު އޭގައިވާ އެއްޗެއް މުދިމްބެއަށާއި އަލިފުޅަށް ސާޅީސް ފަހަރު ކިޔާދޭށެވެ! އެއަށްފަހު އެ ކަރުދާސްކޮޅު ގެންގޮސް މަރިޔަމް މަނިކެމެން ގޭގެ މައި ދޮރުގެ މަތީ އޮޅީގައި ހިއްޕާށެވެ!

ބަސް ބުނާހިނދުން ދަތުރު ތައްޔާރުވެ އިބްރާހީމް ފުތާ ގޮވައިގެން ލޯންޗު ހިނގައްޖެއެވެ. އެބުނާ ލޯންޗެއް މީސްތަކުންގެ ލޯމައްޗަށް ގެއްލުމުން، މީސްތަކުން އައިސް މަރިޔަމް މަނިކެގެ ނިތްކުރީގައި ތަތްކޮށްފައިވާ ކަރުދާސްކޮޅު ނައްޓާލި އެވެ. އޭގައި ލިއެފައިވަނީ މިފަދައިންނެވެ.

"މިއީ ބައްޔެއް ނޫނެވެ. މަކަރެކެވެ. މަރިޔަމް މަނިކެއަށް ފަރުވާ ނުކުރާށެވެ! މިއަދަށްފަހު މަރިޔަމް މަނިކެއަށް ފަރުވާކުރާނީ މޮޔައިންނެވެ."
--------------------
(ނިމުނީ)


މި ލިޔުން:

    ފޮނުވުން:      އަލްފާޟިލް މުޙަންމަދު ލަޠީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
    އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް   (ފަންވަތުގެ އެޑިޓަރު)
    ޝާއިޢުކުރުން:       ''       ''


އިދާރާ

އެނގޭތަ؟

ވާހަކަ