އަދުގެ ޚާއްސަ

Print

إنالله وإنا إليه راجعون

ޝާޢިއުކުރީ ޢަބްދުﷲ ޖަލާލުއްދީން . ހިމެނޭބަޔަކީ ދިވެހި


މާތް އުސްތާޛުގެ ދަރިވަރު


ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ފަހްމީ ދީދީ


ދިވެހި ޖައްވުގެ އުސްތާޛު، ޙަޟްރަތު ޞާޙިބު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުއްތަމަފަނޑިޔާރު މަނިކުފާނު، ޙައްޖުގެ މަގުގައި، ސިލޯނުގައި އަވަހާރަވެއްޖެ އެވެ!

ފަނާވަނިވި ދޫކޮށް މި ދުނިޔޭގެ ދާރު
    މަނާނެތިކުރޫ ޤަޞްދު ދާރުލްޤަރާރު
ދުރެއްނެތް ވުމެއް ދިވެހި ޖައްވާ މަޒާރު
    ކުރެއްވީ ސިލޯނުގެ ބިމުން އިޚްތިޔާރު
އެތާ އަރިހުގައި ކާފަދަރިފުޅުގެ މާތް
    ވެތާއޮންނެވީ ދަފްނު މޮޅު ޙާޖިޔާރު
ކުރީން މީގެ ދެ ފަހަރަކު އުސްތާޛު މާތް
    ހުރީލިބިވަޑާއިގެންނެ ޙައްޖުގެ ޝިޢާރު

ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.

ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟

އެ މަނިކުފާނުގެ ގަލަމުން އޮހިފައިވާ ޢިލްމުގެ ފެންއާރުތަކަކީ، ދުވަހަކު ދިވެހި ފަސްގަނޑުން ހިނދިގެންދާނޭ އެއްޗެއްނޫނެވެ. ދިވެހި ޖައްވަށް އިންސާނަކު ނޭވާލާހާހިނދެއްގައި އެ މަނިކުފާނުގެ ނަންފުޅު، ދިވެހި އުޑުދަށުން ފޮހެވިގެން ނުދާނެ އެވެ. ދިވެހި ތާރީޚަށް އިންސާފު ވެވުނުވަރަކަށް، އެ މަނިކުފާނުގެ މަނާޤިބާއި މަޙާސިން އަލިވަމުން، ފާޅުވަމުންދާނެ އެވެ. އެ މަނިކުފާނުގެ ޢިލްމުވެރިކަމާއި، ދުރުވިސްނިވަޑައިގަތުމުގެ ސިއްރުތައް ކަޝްފުވާނެ އެވެ.

ފަޟީލަތުއްޝައިޚްގެ ޚިދުމަތް، ދިވެހި ޖައްވަށް ލިބޭންފެށީ، ދިވެހިއަދަބު ވަރަށްދަށު ދަރަޖައަކަށް ވެއްޓިފައި ވަނިކޮށެވެ. ދިވެހި ޢިލްމުވެރިކަން އުވޭން ގާތްވެފައިވަނިކޮށެވެ. ޢިލްމު ވަންހަނާކުރުމަކީ، ތިމާމެންގެ ޤަދަރު ހިފެހެއްޓުމެއްކަމުގައި ޢިލްމުވެރީންނަށް ހީވަމުންދަނިކޮށެވެ.

އަދި ކިއެއްތަ، ޢިލްމަކީ ފިޤްހުގެ ދެ ފޮތެއްގެ ޙަރްފީ މަޢުނަ އެނގުންކަމަށާއި، ޢިލްމުއްތައުޙީދުގެ ކުޑަކުޑަ މުޤައްދިމާއަކާއި، ނަޙޫ ޞަރްފުގެ ދެތިން ފަތްފުށެއް އެނގުންކަމުގައި ހިތްހަމަޖެހިފައިވަނިކޮށެވެ. އިހުގެ ޢިލްމުވެރީންނަށް ކުޑައިމިސްބަސް ބުނަނީއޭ، ބައެއް ވިސްނާމީހަކަށް ހީނުވާނޭނަމަ، އަޅުގަނޑުގެ މި ބަސް، މި އަށްވުރެ ހާމަ ކުރީމުހެވެ.

ފަޟީލަތުއްޝައިޚް، ޢިލްމު ފެތުރުއްވުމުގެ ކަމަރު ބެންނެވީ ޢިލްމަކީ ޢިލްމުކަން ޤަބޫލުފުޅު ކުރައްވައިގެންނެވެ. ޢިލްމު ފެތުރުމަކީ، ޢިލްމުވެރިޔާގެ އެންމެ މަތިވެރި ވާޖިބުކަން، ރަނގަޅަށް ދެނެވަޑައިގެންނެވެ. ވަޒަނުގެ ދަރީން ޢިލްމުވެރިވުމަކީ، ވަޒަން ދިރުވުންކަން ކަށަވަރު ކުރައްވައިގެންނެވެ. ޢިލްމު ވަންހަނާކުރުމުގެ މައްޗަށް، އައިސްފައިވާ ވަޢީދުތައް ހަނދުމަފުޅުކުރައްވައިގެންނެވެ. ދީނާއި ވެރިކަމާއި ދެކަމީ ދެ ތައުއަމްކަން އެނގިވަޑައިގެންނެވެ. މިހެންކަމުން، ވަޒަނުގެ މުސްތަޤްބަލުގެ ދަނޑުގައި، އެމަނިކުފާނު އިންދެވި، ޢިލްމުގެ އޮށްތަކަށް ވެރިކަމުގެ އައްސިދައިގެ އައު ފެންލިބުނެވެ. އެއިންފެޅި މަޢުލޫމާތުގެ ގަސްތަކުގައި، ތަރައްޤީއާއި ތަހުޛީބުގެ މަލާއި މޭވާ އަޅައި، ހަރުވެ ފައްކާވި އެވެ. ފަހަށް ރައްކައުކުރާނޭ މުޑުވައް ލިބުނެވެ. ތެދަށް އިޢްތިރާފްވާ ކޮންމެ ދިވެއްސަކު އިންކާރު ނުވާނެފަދައިން، މި އަދު ދިވެހި ބިމުގައި ހެދެމުން މިދާ، ހުރިހައި ގަހަކީ، އެ މުޑުވަކުގެ ބަޤިއްޔާގެތެރެއިން ހިމެނޭ ގަހެވެ. މާތް ރަސްކަލާނގެ އެ މަނިކުފާނުގެ ދަރުމަ ގިނަގުނަ ކުރައްވާށި އެވެ.

ފަޟީލަތުއްޝައިޚް އަވަހާރަވީ، ގާތްގަނޑަކަށް ހަތްދިހަ ދެ އަހަރު ދުނިޔޭގައި ހުންނަވައިފަ އެވެ. އެ މަނިކުފާނުގެ ޢުމުރުފުޅުން އަށާރަ އަހަރުފުޅަށްފަހުގައި، ދެން އޮތްހައިތަން ހޭދަކުރެއްވީ ދީނަށާއި، ސިޔާސަތަށް ޚިދުމަތްކުރެއްވުމުގަ އެވެ. ނަޞީބުފުޅުގެ ހެޔޮކަމުން، އެ ޚިދުމަތުން މުޅީން މަޙްރޫމުވެވަޑައިގަތް ދުވަހެއް ނާދެ އެވެ. ވިސްނުންފުޅުގެ ރަނގަޅުކަމުން މަސައްކަތްޕުޅަށް ހުއްޓުން އަރާނޭގޮތެއް މެދުވެރިއެއް ނުވެ އެވެ. ފިކުރުފުޅު އިޞާބުވީކަމުން، ޒަމާނުގެ ތަޤައްލުބާތުގެ ދަށުގައި ވެވަޑައިގަތް ދުވަހެއްނާދެ އެވެ. ބައެއް ޙާދިޘެއް ހަނދާންކޮށްފައި މިބަހަށް އިޢްތިރާޒުކުރާ މީހަކަށް އިންޞާފު ހަނދާން ކޮށްދެމެވެ.

ކުޑަވެސް ޖެހިލުމަކާނުލައި އަޅުގަނޑު މި ބުނަނީ އެވެ. އަޅުގަނޑުގެ މާތް އުސްތާޛު އަވަހާރަވީ، އެ މަނިކުފާނަށް ފަހުގައި، އައި ކިތަންމެ މަތިވެރި ޢިލްމުވެރިއަކަށް ވެސް ދިވެހި ޖައްވަށް ޢިލްމީ ޚިދުމަތެއް އަދާކުރަންޏާ އެ ކަލޭގެފާނަށް، ހިސާބަކަށް ދަރިވަރުނުވެ ފަރުނުޖެހޭނޭ މަޤާމެއް ފުރުއްވައިފަ އެވެ. މީގެ ޢަދުލުވެރި ހެއްކަކީ، ދިވެހި ތާރީޚަށާއި، ދިވެހިބަހަށް އެކަލޭގެފާނު ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތެވެ.

އާނއެކެވެ. ޒަބީދުން ވެސް ޢިލްމުވެރިވެގެން އައުދެވިދާނެ އެވެ. އަދި ދުނިޔޭގެ ކޮންމެތަނަކުގެ ޢިލްމުވެރިއަކަށް ވެސް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމުގެ ނަޞީބު ލިބިދާނެ އެވެ. އެކަމަކު، ރާއްޖެއަކީ، ދިވެހިރާއްޖެ އެވެ. ދިވެހި އުސްތާޛުގެ ފަހުގައި ދިވެހި ރޮނގުން ދިވެހި ޤައުމަށް ޚިދުމަތް އަދާވެވޭނީ، ދިވެހި ދަސްވެގެންނެވެ. އެކަން ވެވޭނީ، ދިވެހި އުސްތާޛުގެ ދަރިވަރުކަމެއް ޤަބޫލުކޮށްގެންވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ކިތަންމެބޮޑު ޢާލިމެކޭ މިއަދު ބުންޏަސް، އެ މަނިކުފާނުގެ މަޤާމު މިއަދު ބަޔާންކުރުމަކީ، ދިވެހިދުލަކަށް، އަދި ދިވެހި ގަލަމަކަށް ކުޅަދާނަކަމެއް ނޫންކަން ކަށަވަރެވެ. އެ މަނިކުފާނު ރަނގަޅަށް ޝަރަޙަކުރެވޭނީ ކުރިޔަށްއޮތް ޒަމާނަށެވެ. އަލިވަމުން އަންނަ ތާރީޚަށެވެ. އެމަނިކުފާނުގެ އެކިއެކި އަސަރުގެ މައްޗަށް ވެވެމުންދާ ބަހުސަށެވެ.

މި އަދުގެ ހުރިހައި ދިވެހި ދަރިންނަކީ، އެ މަނިކުފާނުގެ ޢިލްމުގެ ދަރީންނޭ ބުނުމަކީ، ބޭ އިންސާފު ބަހެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ.
       
އަޅުގަނޑުގެ މާތް އުސްތާޛުގެ ޚާއްޞަ އެއްދަރިވަރެއްކަމުގައި ވީކަމީ، އަޅުގަނޑުގެ މަތިވެރި ފަޚްރެކެވެ. އެ މަނިކުފާނަށް އަޅުގަނޑު ދަރާފައިވާ ދަރަނި، އެހެންދަރީންނަށްވުރެ ބޮޑުކަމަށް އަޅުގަނޑު އިޢުތިރާފުވަނީ، އެންމެ ޙައްޤުގޮތުގަ އެވެ.


ފަޟީލަތުއްޝައިޚް އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު

ޙައްޖު ދަތުރުފުޅަށް ފުރާވަޑައިގަތީ، އެ މަނިކުފާނުގެ "ރީނދޫ ކަރުދާސް ގަނޑު" އަޅުގަނޑަށް ދެއްވައިފަ އެވެ. ދަތުރަށް އަލްވަދާޢު ދެންނެވި ހިނދުގައި އެ ވިދާޅުވީ ބަސްފުޅުގެ މާނަ ދޭހަވީ، އަވަހާރަވުމުގެ ޚަބަރު ލިބުނީމަ އެވެ. "إنالله وإنا إليه راجعون"

ކީރިތި ﷲ އެ މަނިކުފާނަށް ދަރުމަ އިތުރު ކުރައްވާށި އެވެ. އެ ކަލާނގެ ރަޙުމަތުގެ ސުވަރުގޭގެ މަތިވެރި ދަރަޖަ އެ މަނިކުފާނަށް ދެއްވާށި އެވެ. އެ މަނިކުފާނުގެ މާތް ޢާއިލާއަށް އަޅުގަނޑު ދަންނަވަނީ، އިޚްލާޞްތެރި ތަޢުޒިޔާ އެވެ. ވަފާތެރި ހަމްދަރުދީ އެވެ. އެ ބޭފުޅުންނަށް، ރިވެތި ކެތްދެއްވައި، އެބޭފުޅުންގެ މުސްތަޤުބަލް އަލިކުރެއްވުން އެދުމީ އަޅުގަނޑުގެ އަބަދުގެ ދުޢާ އެވެ.

އާދޭހެވެ! އާދޭހެވެ! މާތް އުސްތާޛުގެ ބޭފުޅުންނަކީ،  އަޅުގަނޑުގެ އަޚުންނެވެ. އަޅުގަނޑު އެ މަނިކުފާނުގެ ހެޔޮފުޅުކަމާއި، އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ލިބުންތަކަށް ޝުކުރުވެރިވަނީ، އެ ބޭފުޅުންނަށް ތެދުވެރި ނަސޭހަތްތެރިއަކު ކަމުގައި ދެމިހުރުމުންނެވެ.

ފަޟީލަތުއްޝައިޚް އަވަހާރަވުމުން، ދިވެހިޖައްވުން ހުސްވީ މަތިވެރި މަޤާމުގެ ޚައިރުލްބަދަލް މާތްރަސްކަލާނގެ ދިވެހި ޖައްވަށް ދެއްވުމީ، ދިވެހި ހިތްތަކުގެ ދުޢާ އެވެ.
-----------------
(ނިމުނީ)

ފޮޓޯގެ ތަޢާރުފު؛

  1- ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު
  2- ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު

ނޯޓު:

  ޢަބްދުﷲ ޖަލާލުއްދީނާއި ޢަބްދުﷲ ފަހުމީދީދީއާ އެއީ އެއް ބޭފުޅަކަށް ނިސްބަތްވާ ދެނަމެވެ.    ޖަލާލުއްދީނުގެ އަސްލު ނަންފުޅަކީ، ޢަބްދުﷲ ފަހުމީދީދީ އެވެ.


ހަވާލާ:

 އިހުގެ އަދީބުންގެ ލިޔުންތައް/ ނޮވެލްޓީ ޕްރެސް


މި ލިޔުން؛

  ޓައިޕުކުރުން:  މުޙަންމަދު އަޙްސަން (ފަންވަތުގެ އިދާރީ މެމްބަރެއް)
  އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން:   ''          ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ