އަދުގެ ޚާއްސަ

Print

... އައުވާހަކައެއް ނޫން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


އިސްރާއީލުގެ ޔަހޫދިއްޔަތުކަމުގެ  ވާހަކަ



... އައުވާހަކައެއް ނޫން


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ


•    އިސްރާއީލު ޤާއިމުކޮށްފައިވަނީ މި ތަރަހައިގެ މަތީގައި
•    އިސްރާއީލަކީ ޔަހޫދީ މުޤައްދަސް ފޮތުން ވާގިހޯދައިގެން ރާވާފައިވާ ނަސްލީ އިމްތިޔާޒުގެ މަޝްރޫޢެއް
•    ހުޅަނގުން އިސްރާއީލަށް ކުރާ ތާއީދަކީ އިސްލާމްދީނާއި މުސްލިމުންނާ މެދު އެމީހުންގެ ހިތްތަކުގައިވާ ހަތުރުވެރިކަން ދައްކައިދޭ ކަމެއް

ފަލަސްޠީނުގެ ބިމުން ޔަހޫދީން ފޭރިގެންފައިވާ ބައިގައި ގަދަކަމުން، ހަދާފައިވާ އިސްރާއީލޭ ކިޔާ ދައުލަތުގެ ޔަހޫދިއްޔަތުކަން ޤަބޫލުކުރުމަށް، އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫ ގޮވައިލައްވާ  ގޮވައިލެއްވުމަކީ އައުކަމެއްބާވަ އެވެ؟ ތާރީޚަށް ބަލައިލާ އިރު އެއީ އައުކަމެއްނޫނެވެ. އިސްރާއީލޭ ކިޔާ ދައުލަތުގެ ޔަހޫދިއްޔަތުކަމާ، ޞިހްޔޫނިއްޔަތުގެ ނަސްލީ އިމްތިޔާޒު ކަމަކީ  އެމީހުންގެ ފިކުރާއި ވިސްނުމުގެ ތަރަހަ އެވެ.

ޞިހްޔޫނީޙަރަކާތުގެ ބާނީ ތިޔޮޑޯރ ހާރޒެލް،  " Der Judenstaat " ނުވަތަ  ޔަހޫދީ ދައުލަތް " ނަމަކަށް ކިޔާ ފޮތް 1895 ގައި ލިއުމަށްފަހު،  1896  ގައި ޝާއިޢުކޮށް،  1897 ގައި ޞިހްޔޫނީންގެ ފުރަތަމަ މަހާސިންތާ ބޭއްވުމާ ވިދިގެން މިކަން ވަނީ މުޅި ދުނިޔެއަށް ބޭޒާރުވެފަ އެވެ.
ހާޒެލަށް ފަހު ދެން ފެނުނީ 1917ގައި ބެލްފޯރ ގެ ވަޢުދެވެ. ފަލަސްޠީނުބިމުގައި ޔަހޫދީންނަށް ދައުލަތެއް ޤާއިމުކޮށްދޭނެކަމުގެ ވަޢުދެވެ. އެ ހިސާބުން މި ސުންޕާ މަޝްރޫޢު ޔަހޫދީ – ނަޞާރާ  އެއްބާރުލުމުގެ މަޝްރޫޢަކަށް ބަދަލުވެގެންދިޔަ އެވެ.


މުސްލިމުންނާ ކުރިމަތިލުން


    މި މަޝްރޫޢުގެ އަމާޒަކީ މުސްލިމުންނާ ކުރިމަތިލުމެވެ. މުސްލިމުންގެ ކުރިއެރުން ހުއްޓުވާލައި، އިސްތިޢުމާރުގެ އަޅުވެތިކަމުން މިނިވަންކަންލިބުނަސް ހުޅަނގަށް ބޯލެބުމުން ސަލާމަތްވިޔަނުދިނުމެވެ. އިސްތިޢުމާރު ގެ އޮއިވަރާއެކު މަސީޙީ- ޔަހޫދީ ޙަރަކާތް ޤާއިމުކުރުމުގެ ޚިޔާލުއުފަންވެއްޖެ އެވެ. އެ ވަގުތުން ފެށިގެން ހުޅަނގުން، ޔަހޫދީންނާއި މަސީޙީން އެއްގަލަކަށް އަރުވައި، އިސްލާމީ ޤައުމުތަކާ ދެކޮޅަށް ނުކުތުމަށް  މަސައްކަތްފަށައިގަތެވެ. އޭގެ ކުރިއަށް ބަލާ އިރު މަސީޙީންނަކީ ޔަހޫދީން ދެކެ ވަރަށް ރުޅިއަންނަ، ޔަހޫދީންނަށް އިޙްތިރާމުނުކުރާ ބަޔެކެވެ. އެއީ މަސީޙީން ޤަބޫލުކުރާ ގޮތުގައި ޢީސާގެފާނު ޞަލީބަށް އެރުވީ ޔަހޫދީންނެވެ. އެމެރިކާގެ ކުރުތާރީޚުގެ ކުރީކޮޅުގައި އާއްމު ތަންތާނގައި ޔަހޫދީންނާއި ކުއްތާ ވަނުން މަނާކަމަށް ލިޔެފައި ހުއްޓެވެ.
   
ނަޕޯލިޔަން ބޮނަޕާރޓަކީ ވެސް ޔަހޫދީންނަށް ވަޒަނެއް ޤާއިމުކޮށްދެއްވުމަށްޓަކައި މުހިއްމުދައުރެއްކުޅުއްވި ހުޅަނގުގެ ވެރިއެކެވެ. އޭނާ މިޞްރަށް ވަޑައިގެން ފަރަންސޭސި އެމްޕަޔަރ ޤާއިމުކުރައްވަންވެގެން މިޞްރުގެ މަސީޙީންނާއި ޔަހޫދީންގެ 20ހާސް މީހުންލައްވައި،  މިޞްރުގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުވައިފާވެއެވެ. މި ހަނގުރާމަތަކުގައި މިޞްރުގެ މުޅިއާބާދީގެ  ހަތްބައިކުޅައެއްބައިގެ ލޭއޮހުރިގެންގޮސްފައިވެ އެވެ. މިޞްރުގެ ޢިލްމުވެރިއެއްކަމުގައިވާ ޑރ. މުޙައްމަދު ޢިމާރާ ވިދާޅުވާގޮތުގައި މިއީ ހަނގުރާމައެއްގައި ނިސްބަތުން މަރުވި އެންމެ ބޮޑުޢަދަދެވެ. ޑރ. ޢިމާރާ ވިދާޅުވާގޮތުގައި 1985ގައި އދ.ގައި   ހުންނެވި އިސްރާއީލުގެ ސަފީރު  (މިހާރުގެ ބޮޑުވަޒީރު) ނަތަންޔާހޫ،  އިސްރާއީލު އުފަންކުރުވުމުގައި މަސީޙީންނާއި ޔަހޫދީންގެ ދައުރާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ "މަސީޙީންނާއި ޔަހޫދީންގެ ލިޔުންތަކުގެ ސަބަބުން 20ވަނަސައްތައިގެ މުހިއްމު ޒަޢީމުންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ. ޔަހޫދީ ދައުލަތް ބިނާކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ވެގެންދިޔައީ މި ލިޔުންތަކުގެ ސަބަބުންނެވެ. "އެހެންކަމުން މި އަދު ނަތަންޔާހޫ މި ވިދާޅުވާ ވާހަކަތަކަކީ އައު ވާހަކަތަކެއްނޫނެވެ. ބިމެއް ނެތް ރައްޔިތަކަށް ބިމެއް ހޯދައިދިނުމަށްޓަކައި ރާވައިފާވާ މި މަޝްރޫޢުގެ ޝިކާރައަކީ ފަލަސްޠީނުގެ ރައްޔިތުންނެވެ. މިއަދު ދުނިޔޭގައި އުޅޭ ޔަހޫދީންނާއި ފަލަސްޠީނުމީހުންގެ ޢަދަދު ދާދި އެއްވަރެވެ. މުޅިދުނިޔޭގެ އެތަންމިތާނގައި އުޅޭ ޔަހޫދީންގެ ޢަދަދު 13މިލިއަންކަމުގައި ބުނެވެ އެވެ. އަދި ފަލަސްޠީނުމީހުންގެ އަދަދު 11މިލިއަންކަމުގައި ބެލެވެ އެވެ. އިސްރާއީލު ބުނާގޮތުގައި ފަލަސްޠީނުމީހުން އުރުދުނަށް އަޅައިލުމުން އެމީހުންނަށް ވެސް ބިމެއް ދެވުނީ އެވެ. އޭރުން މުޅި ފަލަސްޠީނު ޔަހޫދީންނަށް ލިބިގެންދާނެ އެވެ.

މޫސާގެފާނާއި ފަލަސްޠީނު

   
ނަމަވެސް ފަލަސްޠީނާ ޔަހޫދީންނާ ގުޅުމެއް ނެތެވެ. ތާރީޚީގޮތުން ބަލާއިރު ފަލަސްޠީނުގެ ބިމަކީ ޔަބޫސީންގެ ބިމެކެވެ. ޢީސާގެފާނުގެ ކުރިން 60ވަނަސައްތާގައި ޔަބޫސީން މި ބިމުގައި ވަޒަންވެރިވެ ޤުދްސު ސަހަރު ބިނާކޮށްފި އެވެ. މޫސާގެފާނު އުޅުއްވީ ޢީސާގެފާނުގެ ކުރިން 13ވަނަ ސައްތައިގަ އެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ މިޞްރުގަ އެވެ. އަދި ބޮޑުފުޅުވީ ވެސް މިޞްރުގަ އެވެ. އެކަލޭގެފާނުގެ ލޯފުޅަށް ފަލަސްޠީނު ވެސް އަދި ޤުދްސު ވެސް ފެނިފައެއްނުވެ އެވެ. މޫސާގެފާނު އަވަހާރަވެފައިވަނީ މިޞްރުގެބިމެއްކަމުގައިވާ ސީނާގައި މަގުމަތިއަޅައިގެންނެވެ. އެކަމަކު އެމީހުން އެކުލަވާލައިފައިވާ އަލްޢަހްދުލް ޤަދީމު (ނުވަތަ އޯލްޑް ޓެސްޓަމެންޓް) ގައި އައިސްފައިވެ އެވެ. "ރައްބު، މޫސާގެފާނަށް ވިދާޅުވި އެވެ. އިސްރާއީލަކީ ތިޔަބައިމީހުންގެ މިލްކެކެވެ.  ތިޔަބައިމީހުން އުރުދުން ހުރަސްކޮށް ކަންޢާނުގެބިމަށް ވަންނާނޫ އެވެ. އެބިމުގެ ވަޒަންވެރިން ފައްސާބޭރުކޮށް އެމީހުންގެ ބިންތައް މިލްކުކޮށް އެތާނގައި ތިޔަބައިމީހުން ވަޒަންވެރިވާނޫއެވެ."
   
މިއަދު މިފެންނަނީ މި ދީނީ ފިކުރު ތަންފީޛުކުރަމުންދާ މަންޒަރެވެ. ކޮންމެ ދުވަހަކު ހުޅަނގުއައްސޭރިއާއި ޣައްޒާ ގައި ފަލަސްޠީނުގެ ކިތައްމީހުން މަރައިލާތޯ އެވެ؟ ކިތައް ގެ ހަލާކުކޮށްލާތޯ އެވެ. ކިތައްމީހުން އެމީހުންގެ ގެދޮރުން ބޭރަށްލާތޯ އެވެ؟ ތާރީޚަށް ބަލައިލާ އިރު 1918 ވަނައަހަރު ބެލްފޯރ ވަޢުދު އިޢުލާނުކުރި އިރު ފަލަސްޠީނުގައި ތިބީ 55ހާސް ޔަހޫދީންނެވެ. އެމީހުންގެ މިލްކިއްޔާތުގެ ދަށުގައި އޮތީ ފަލަސްޠީނުބިމުގެ އެންމެ 2 % އެވެ. 1948 ވަނައަހަރާ ހަމައަށް ދިޔައިރު ފަލަސްޠިނުގައި ތިބީ ޔަހޫދީންގެ 646 ހާސް މީހުންނަށް ވެއްޖެ އެވެ.  އެ މީހުންގެ މިލްކިއްޔާތުގައި އޮތީ ފަލަސްޠީނުބިމުގެ އެންމެ 6.7 % ބިމެވެ. ވީމާ ފަލަސްޠީނުމީހުން ޔަހޫދީންނަށް ބިންތައް ވިއްކި ވާހަކަ އަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްނޫންތޯ އެވެ. ޙަޤީޤަތަކީ ޔަހޫދީންނަށް ބާރުލިބުމުން އެބިންތައް ފޭރިގަތީ އެވެ. މިހާރު ވެސް ފޭރެމުންދާ ބީދައިންނެވެ. މި ސިޔާސީމަޝްރޫޢު ތަންފީޒުކުރުމުގައި މަސީޙީން ޔަހޫދީންނާ ބައިވެރިވުމުގެ ސަބަބަކީ އެމީހުން ޤަބޫލުކުރާގޮތުގައި ޢީސާގެފާނަށް އެނބުރި ބިމަށް ވަޑައިގެންނެވޭނީ ޔަހޫދީދައުލަތް ޤާއިމުކޮށް، އަޤްޞާމިސްކިތް ތަޅާލައި،   އެތާނގައި ޔަހޫދީންގެ ހައިކަލް ބިނާކުރެވުނު ދުވަހަކުންނެވެ.
   
ޞިހްޔޫނީ މި މަޝްރޫޢުގެ ނުރައްކާތެރިކަން މީހުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެންނެވި ޢިލްމުވެރިއަކީ އައްޝައިޚު ރަޝީދު ރިޟާ އެވެ. އޭނާ ނެރުއްވި އަލްމަނާރު ނޫހުގައި 1910ވަނައަހަރު ލިއުއްވި މަޒްމޫނެއްގައި މި މަޝްރޫޢުގެ އަމާޒަކީ ބައިތުލްމަޤްދިސްގެ މައްޗަށް އަތްގަދަކޮށް އެތާނގައި "މުލްކު އިސްރާއީލް(ނުވަތަ އިސްރާއީލުގެ ރަސްކަން) ޤާއިމުކުރުންކަމަށް ވިދާޅުވެފައިވެއެވެ. 1928 ގައި ލިއުއްވި މަޒްމޫނުގައި މިކަމުގެ ލަނޑުދަޑިއަކީ މިޞްރާ ޢިރާޤާ ދެމެދުގައި ޔަހޫދީ އިނގިރޭސި ސަރަޙައްދެއް ޤާއިމުކުރުންކަމަށް ބަޔާންކުރައްވާފައިވެ އެވެ. ރަޝީދު ރިޟާު ވިދާޅުވިގޮތުގައި މިކަމާ ދެކޮޅަށް ވާހަކަދެއްކެވި ހަމައެކަނި ޢިލްމުވެރިއަކީ އައްޝައިޚުލްމަރާޣީ އެވެ. އެހެން ޢިލްމުވެރިން ހަނުހިމޭނުންލައްވައިގެން ތިއްބެވީތީ ރަޝީދު ރިޟާ އެބޭފުޅުންނާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

އިސްޙާޤުގެފާނާއި އިސްމާޢީލުގެފާނު

   
ޔަހޫދީން، ފަލަސްޠީނުގެ ބިމުން ބައެއް ފޭރިގަނެގެން އިސްރާއީލޭ މިކިޔާ ދައުލަތް ޤާއިމުކުރުމުން ވެސް އެ ދައުލަތަކީ ޔަހޫދީ ދައުލަތެއްކަން އެނގެ އެވެ. އެހެންކަމުން ނަތަންޔާހޫ މިއަދު މިގޮވައިލައްވާ  ގޮވައިލެއްވުމަކީ އައު ގޮވައިލުމެއްނޫނެވެ. ޔަހޫދީންގެ ފޮތަށް (ތައުރާތަށް) ބަލައިލަމާތޯއެވެ. މި ފޮތަށް ބަދަލުތައް ގެނެސްފައިވީކަމުގައި ވިޔަސް އެމީހުން އެ ޤަބޫލުކުރާ އެއްޗަކުން ހެކި ނެގުން ރަނގަޅުވާނެތީ އެވެ. މި ފޮތުގައި އައިސްފައިވެއެވެ " ވެރިރަސްކަލާނގެ އިބްރާމަށް  (އަޅުގަނޑުމެެން މުސްލިމުން ކިޔާ ގޮތަށް ނަމަ އިބްރާހީމުގެފާނަށް)  ވަޢުދުވެވޮޑިގެންފައިވެ އެވެ. އިބަގެ ދަރިފަސްކޮޅަށް މިޞްރުގެ ކޯރާއި ފުރާތުކޯރާ ދެމެދުގައިވާ ބިން ތިމަންރަސްކަލާނގެ ދެއްވާނަމެވެ." އިބްރާހީމުގެފާނުގެ ދަރިފަސްކޮޅަކީ ކޮބައިތޯއެވެ؟ އެއީ ހަމައެކަނި އިސްޙާޤުގެފާނުތޯ އެވެ؟ އިސްމާޢީލުގެފާނަކީ އިބްރާހީމުގެފާނުގެ ދަރިކަލެއްނޫންތޯއެވެ. އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުގެމަތިން ހަނދާންނައްތާލައިފާ އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުގެ މަތިން  ހަނދާންކުރަން މިޖެހެނީ ކީއްވެބާވަ އެވެ. އިސްރާއީލަކީ އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެކެވެ. އިބްރާމުގެ ބޭފުޅުންނަށް މާތްރަސްކަލާނގެ ދެއްވިއެއްޗެއް އިސްމާޢީލުގެފާނުގެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވަން ޖެހޭނެ އެވެ. ޔަހޫދީދީނުގައި ތަރިކަމުދާ ބަހާގޮތަށް މި މުދާ ބެހިނަމަ އިސްމާޢީލުގެފާނަށް، އިސްޙާޤުގެފާނާ އެއްވަރުގެ ބައެއް ލިބިވަޑައިގަންނަވާނެ އެވެ. އިސްމާޢީލުގެފާނަށް މި ތަރިކައިން ބައި ނުދިނުމަކީ ޔަހޫދީންގެ ޚިޔާނަތްތެރިކަން ހާމަކޮށްދޭކަމެކެވެ.

ސާމީންނާ ޔަހޫދީން

   
ޔަހޫދީން ދަޢުވާކުރާގޮތުގައި އެމީހުންނަކީ ސާމީން (ސެމްޓިކުން) ނެވެ. ޔަހޫދީންނާ ހަތުރުވެރިވުމާއި އެމީހުންނާމެދު ނުރުހުމުގެ ލޮލަކުން ބަލާމީހުންނަކީ ސާމިއްޔަތާ ދެކޮޅުހަދާ  (Antisemitism) މީހުންނެވެ. ސާމިއްޔަތު ނިސްބަތް ވަނީ ނޫޙުގެފާނުގެ ދަރިކަލުން ސާމުގެފާނަށެވެ. އިބްރާހީމުގެފާނަކީ ސާމުގެފާނުގެ ދަރިކޮޅުގެ ބޭކަލެކެވެ. އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނަކީ އިބްރާހީމުގެފާނުގެ ބޭފުޅުންނެވެ. އެހެންކަމުން ޢަރަބިންނާ ދެކޮޅުމީހުން ސާމީންނާ ދެކޮޅުވާބަޔަކަށް  ނުވެ، ޔަހޫދީންނާ ދެކޮޅުމީހުން ސާމީންނާ ދެކޮޅުވާ ބަޔަކަށް ވާނީ ކިހިނަކުންބާވައެވެ؟  ޔަހޫދީން މި ވަނީ މިކަން ވެސް އޮޅުވާލައިފަ އެވެ.
   
އިސްލާމީ ދައުލަތެއް  ޤާއިމުކުރަން މަސައްކަތްކުރާކަމަށް ތުހްމަތުކޮށް  ޙަމާސާއި ޠާލިބާނުންނާއި އީރާނާ ދެކޮޅުހަދާ ސެކިޔުލަރ ޤައުމުތަކުން ޔަހޫދީ ދައުލަތާ މެދު ހަމްދަރްދީ ވާތަން ފެނެ އެވެ. މި ދައުލަތް ޙިމާޔަތްކޮށްދީ ދިފާޢުކޮށްދޭތަން ފެނެ އެވެ.

ޖަރުމަނުގެ ނާޒީން ޔަހޫދީންނާ ދެކޮޅަށް ހޮލޮކޯސްޓް ހިންގާފައިވާތީ އެމީހުން ކުށްވެރިކުރާއިރު މިއަދު އިސްރާއިލުން ފަލަސްޠީނުމީހުންނާ ދެކޮޅަށް ހިންގާ ޢަމަލުތަކަކީ ޔަހޫދީ ނާޒިއްޔަތު ކަމަށް އިސްރާއީލުގެ ލިޔުންތެރިން  (އިސްރާއީލު ޝަހާކް ފަދަ ބޭފުޅުން) އެއްބަސްވެވަޑައިގަންނަވަ އެވެ.  
   
މިހިރީ އަޅުގަނޑުމެންގެ މަންހަޖުގައި ހިމަނަން ޖެހޭ ޙަޤީޤަތްތަކެވެ. އުއްމަތުގެ ދުޝްމަނުންނަކީ ކޮބައިކަން އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވާދީގެންނޫނީ އަޅުގަނޑުމެންނަށް ސަލާމަތް މަގެއް ނުފެންނާނެ އެވެ. އަލިކަމުގެ އުއްމަތް ހޭލައިގެން މި އަލިކަމުގައި ކުރިއަށް ދިޔައިރު އަނދިރިކަމުގައި ތިބިމީހުން ތިބީ ނިދައިފަ އެވެ. އެމީހުން މި އަނދިރީގެ ތެރޭގައި  ހޭލައިގެން އަލިކަމުގައި ތިބިމީހުން ފަހަތަށް ޖައްސާލައި ކުރިއަށް ދިޔަގޮތަށް ބަލަން ވެއްޖެ އެވެ. އެކަމަކު އިސްލާމީ ދައުލަތްތަކުގެ މަންހަޖުތައް ހެދުމަށް ލަފާދޭމީހުންނަކީ އަނދިރިކަމުގައި ތިބިމީހުންކަމުގައި ވާނަމަ، އަޅުގަނޑުމެންނަށް އަލިކަމުގެ ތެރެއަށް ނުކުމެވޭނެތޯ އެވެ؟
------------------
 (ނިމުނީ)

މި ލިޔުން؛

  ފޮނުވުން:    އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
  އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން:    ''       ''




ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ