އަދުގެ ޚާއްސަ

Print

ޢުހުދު ފަރުބަދަވަރުގެ ކުދިކުދި ކަންތައްތައް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

 
އާދަމް ނަޞީރު އިބްރާހީމް (2010)

   1- ދޮންމަނިކަކީ، މެދުރާއްޖެތެރޭގެ ރަށެއްގެ މީހެކެވެ. ނަސީބު ދިމާކުރިގޮތުން ޒަމާނީ ތަޢުލީމެއް ލިބިފައިވާ މީހެއް ނޫނެވެ. ތަޢުލީމީ ގޮތުން އޭނާ އަކީ، ކިރިޔާ ލިޔަން ކިޔަން ދަންނަ މީހެކެވެ. ފައިސާގެ ގޮތުން އިރެއްގައި ވަރަށް ބޮޑު ފަގީރެކެވެ. ތިން ހަތަރު ކުދިން ލިބުނު އިރު، އެ ކުދިންނަށް ކާންބޯންދީ ހެދޭނެ ފަދަ ވެސް އޭރަކު ނެތެވެ. ބައެއް ދުވަސް ދުވަހު ނުކައި ހައިހޫނާ ތިބެން ޖެހުމީ އެ އާއިލާގެ އާދަ އެވެ. ދަރީންކޮޅުގެ ލޮލުން ފޫދިފައިވާ ކަރުނަ އަކީ ދޮންމަނިކަށް  ވަރަށް އަސަރުކުރާ އެއްޗަކަށް ވެއްޖެ އެވެ. ސަލާންޖެހުމަކީ ކުރާ ހިތްވާ ކަމަކަށް ނުވާތީ އަމިއްލަ މަސައްކަތެއް ފެށޭވަރު ލާރިކޮޅެއް ލިބޭތޯ އޭނާ މަސައްކަތް ފެށީ އެހެންވެގެންނެވެ.  ގާތް ރަޙްމަތްތެރިޔަކު ގާތަށް ދިޔުމުން، އޭނާ އެއް ހާސް ރުފިޔާ ދީފި އެވެ.  އޭގެ ފަންސަވީސް އަހަރު ފަހުން، މި އަދު އެއްހާސް ރުފިޔާއަކީ މާބޮޑު އެއްޗެއް ކަމަށް ނުވިޔަސް، އެ ދުވަހު އެއީ ފިސާރި އެއްޗެކެވެ. އެކަމަކު ހަމަ ގައިމު އޭރު ވެސް އެއްހާސް ރުފިޔާއަކަށް އިސްޕީޓު ލާންޗެއް ނުގަނެވޭނެ އެވެ. ބެންކޮކު ޑުބާއީ ޓިކެޓެއް ވެސް ނުނެގޭނެ އެވެ. ޓޫރިސްޓު ޝޮޕެއް ނުހުޅުވޭނެ އެވެ. ކީއްތޯ އެވެ؟ އާދައިގެ މަސްދޯނި ގަނޑެއް ވެސް ނުހޯދޭނެ އެވެ.

އެއްހާސް ރުފިޔާ ހިފައިގެން ދޮންމަނިކު ހިނގައްޖެ އެވެ. ދެން އެ އަށް ހެދި ގޮތް ލިޔަންވެއްޖެއްޔާ މި ލިޔުން މާ ދިގުވެދާނެ އެވެ. އެހެން ކަމުން ނަތީޖާ އާ ހަމަޔަށް ދަމާތޯ އެވެ! މި އަދު ދޮންމަނިކަކީ، ދިހަބާރަ ފެރީ ލާންޗުގެ ވެރިއެކެވެ. ތިންހަތަރު ޓޫރިސްޓް ޝޮޕާއި ކޮފީޝޮޕެއްގެ ވެރިއެކެވެ. ފޮއްޗާއި ގަހަނާގެ ސާމާނުތައް ވިއްކާ ތިން ހަތަރު ފިހާރަ މާލޭގައި ވެސް އެބަ ހުއްޓެވެ. ދަރީންކޮޅު ބޮޑުވެ ކިޔަވައި ނިމިފައި ތިއްބަސް، މުދާ ބަލައި މަހަކު ދެފަހަރު ބެންކޮކަށް ޑުބާއީއަށް  ދަތުރު ކުރަނީ ވެސް  ހަމަ އޭނާ އެކަނި މާ އެކަންޏެވެ.

   2-  މާލޭގެ މަދަރުސާއެއްގައި އެއްކިލާހެއްގައި ކިޔަވަމުން ދިޔަ ދެ ކުދީންނެވެ. އިންޓޯލު ގަޑީގައި ބޭރަށް ނިކުމެ ފިހާރަޔަކަށް ވަދެއްޖެ އެވެ. މި ތަނުން އެއްކުއްޖަކު ސިއްރުން އެޕޯލޯއެއް ނަގައި ޖީބަށް ލީ ތަން އެ ފިހާރައިގެ ސޭޓަށް ފެނިއްޖެ އެވެ. އެޕޯލޯއެއްގެ އަގަކީ އެއްހާސް ރުފިޔާއެއް ނޫނެވެ. އެންމެ އެއް ރުފިޔާ އެވެ.

    ސޭޓު މި މައްސަލަ ސިއްރެއް ނުކުރި އެވެ. އިސްކޫލަށް މިކަން އެންގި އެވެ. އިސްކޫލުން އެ ކުއްޖާގެ މަންމަ އަށް އެންގި އެވެ.

    މަންމަ ދެއްކި ވާހަކައެއް ދެއްކީ، ދިން ރައްދެއް ދިނީ، ހަމަ އެކަނި އިސްކޫލުގެ ވެރިންގެ އަރިހަކު ނޫނެވެ. އެ ތަނުން ނިކުމެގެން އެ ކުއްޖާ އަތުގައި ހިފައިގެން، ދިޔައީ ސޭޓާ ދިމާއަށެވެ. ސޭޓުފަކީރަށް ސަހަރޯއޭ ހީވާވަރު ކޮށްލި އެވެ.

    މަދުރަސީ ތަޢުލީމު  ނިމިގެން މި ދެކުދީންކުރެ އެއްކުއްޖަކު ވަނީ ދައުލަތުގެ ޤަދަރު ހުރި މުއައްސަސާއެއްގެ ވަޒީފާ އަށެވެ. މި އަދު އޭނާ އަކީ އާދަޔާ ޚިލާފު ވަރުގަދަ ޝަޚްޞިއްޔަތެކެވެ. އެ މުއައްސަސާގެ އެންމެ އިސްވެރިޔަކީ މި އަދު އޭނާ އެވެ. އެޕޯލޯ ނެގި ކުއްޖާ ކޮބައިބާވަ އެވެ؟ މި އަދު ރާއްޖޭގައި ވައްކަމާއި މާރާމާރީގެ ރެކޯޑުގައި ތިބި މީހުންގެ ލިސްޓެއް ބަލާނަމަ، އެ ލިސްޓުގެ އެންމެ ކުރީގައި އެކުއްޖަކު އެބަ ހިމެނެ އެވެ.

   3- އިބްރާހީމް ޙަސަނަކީ، އެއްދުވަސްވަރެއްގައި މަޖީދިއްޔާގައި ކިޔަވަން އުޅުނު ދަރިވަރެކެވެ. އޭރު ވެސް މާއްދާއެއްގެ ގޮތުގައި އިނގިރޭސި ބަސް ކިޔަވައިދެ އެވެ. އެއްދުވަހަކު ކިލާހަށް އާދެވުނީ  ކިޔަވަން މަދަރުސާއަށް ގެންނަން ޖެހޭ ފޮތްތަކުގެ އިތުރަށް އިނގިރޭސި ވާހަކަ ފޮތެއް ހިފައިގެންނެވެ. ވާހަކަ ފޮތެއް ނަމަވެސް، މަދަރުސާގެ ފޮތް ލިސްޓުގައި ނުހިމެނޭ ފޮތެއް ގެނައުމަކީ މަނާ ކަމެކެވެ.
  
ކޮންމެ ވެސް ގޮތަކުން ނާޒިރާ ހަމަޔަށް މި ފޮތުގެ ޚަބަރު ފޯރައިފި އެވެ.  ނާޒިރަކީ ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. އެ މަނިކުފާނު ކިލާހަށް ވަޑައިގެން، ފޮތާއި، ފޮތް ގެނައި ދަރިވަރު އެ މަނިކުފާނުގެ ކޮޓަރިކޮޅަށް ހާޒިރު ކުރައްވައިފި އެވެ. ކިހިނެއް ހޯދި ފޮތެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި ދެންނެވުނީ ގޭގައި އޮތް ފޮތެއްކަމަށެވެ. ކާކުގެ ފޮތެއްކަން ބުނެދޭން ފަސްޖެހެވުނެވެ. ސަބަބަކީތޯ އެވެ؟ ޙަޤީޤަތުގައި އެ ފޮތަކީ އޭނާގެ ބޭބެގެ ފޮތެކެވެ. އެކަމަކު އިބްރާހީމް ޙަސަނުގެ ބޮޑުބޭބެ އަކީ، އުރުދޫ ފޮތެއް ގެންގުޅުމުގެ ކުށުގައި  އެއް އަހަރު ދުވަހަށް އަރުވާލެވި އަދަބު ލިބިފައިވާ މީހަކަށް ވާތީ، ބޭބެއަށް ލިބިދާނެ ގެއްލުމަކުން ބޭބެ ސަލާމަތް ކުރުމަށްޓަކައި، ސާފު ތެދުބަހުން ޖަވާބު އަރުވަން ފަސްޖެހެވުނީ އެވެ. 

ކޮންމެ އަކަސް މުޙަންމަދު އަމީނު ވިދާޅުވި ކަމަށްވެ އެވެ. ''ކަލޭމެނަށް ކިޔަވައިދޭންޖެހޭ އެއްޗެއް ކިޔަވައިދެމުން މިދަނީ އެކަމަށް ކަނޑައެޅި ހަމަޖެހިފައިވާ ގޮތެއްގެ މަތިންނެވެ. އެހެންވީމާ އިތުރަށް ތަންތަނުން ފޮތް ހޯދައިގެން ކިޔާކަށް ނުޖެހޭނެ އެވެ.'' މިހެން ވިދާޅުވެފައި މޭޒުކޮޅުމަތީ ފޮތް ބޭއްވެވީ އެވެ. އިބްރާހީމް ޙަސަން ބުނުއްވި އެވެ. ތިމަންނަ އަނބުރާ ފޮނުވައިލެއްވީ އެވެ. އެ ދުވަހަށް ފަހު އިނގިރޭސި ބަސް ކިޔެވުން ތިމަންނަ އަމިއްލަ ނަފުސުގެ މައްޗަށް ހަރާން ކޮށްފީމެވެ. ވީފޫއްސެއްގެ ބޮޑުކަމުންނެވެ.

ދަންނަވަންތޯ އެވެ! މި ތިން ހާދިސާއަކީ ޙަޤީޤީ ތިން ހާދިސާ އެވެ. ތިބާ ވިސްނައި ފިކުރުކޮށް ބަލައި ހޯދައިފި ނަމަ، ލިބޭނީ މި ކަހަލަ ތިން ހާދިސާއެއް ހަ ހާދިސާއެއް ނޫނެވެ.  ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ފަދަ ހަ ހާސް ހާދިސާ ވެސް ލިބިދާނެ އެވެ. އެހެނީ  އަޅުގަނޑުމެންގެ ޙަޔާތުގައި ކޮންމެ ދުވަހެއް  ކޮންމެ ރެޔެއް ވޭތުވަނީ މި ފަދަ އެތައް ޙަޤީޤަތްތަކަކާ އެކީގަ އެވެ.

      ވަޒަން ކުރުމުގެ ނަޒަރަކުން މި ތިން ހާދިސާއަށް

 ބަލައިލުން


     1- އާދައިގެ ރަށެއްގައި ދިރި އުޅުނު އާދައިގެ ފަގީރަކު ބޮޑު މުއްސަންޖަކަށް ހެދީ އޭނާގެ ރަޙްމަތްތެރި ފޯރުންތެރިޔަކު އޭނާ އަށް ދިއްކޮށްލި ކުޑަ ކުޑަ އެހީ އެކެވެ. ކުޑަ ކުޑަ އޮށަކުން ބޮޑު ބިޔަ ގަހެއް ހެދި މޭވާ ގެން ފައްކާވީ އެވެ.

     2- މާރާމާރީއާއި، ބަދުއަޚުލާޤާއި، ޤާނޫނަށް ބޯނުލެނބުމުގެ ރެކޯޑެއް ހާސިލުކޮށްފައިވާ މުޖުރިމެއްގެ ކުށުގެ ތާރީޚު ފެށުނީ އެންމެ ރުފިޔާއަކަށް ދޭ އެޕޯލޯ އަކުންނެވެ. ކީއްތޯ އެވެ؟ ޚާއްޞަކޮށް އެ އެޕޯލޯ ނެގި ދުވަހު އޭނާގެ މަންމައަށް އެ ކަމާ މެދު ފިޔަވަޅު އެޅުނު ގޮތުންނެވެ. އޭގެ ފަހުން ކުރި ކުށްތަކުގައި ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުނީމާ ވެސްކަންވީ ހަމަ އެހެންނެވެ.  އެ މަންމަ އަށް ނުބައިވާކަމަށްވަނީ އެ މުއައްސަސާތަކެވެ. އެ ތަންތާނގައި ތިއްބެވި ވެރީންނެވެ. ދަރިފުޅެއް ނޫނެވެ.

     3- ކިޔަވާ ކުއްޖަކު ދުނިޔެއަށް ލޯހުޅުވުމަށް އޮތް ފުރުޞަތު މުޅިން ބަންދުވެގެން ދިޔައީ ވެސް މާބޮޑު ކަމެއްގެ ސަބަބަކުން ނޫނެވެ.  މޭޒެއްގެ މަތީގައި ބާއްވާލެވުނު ތިރީހަކަށް ޞަފުޙާގެ ވާހަކަ ފޮތެއްގެ ސަބަބުންނެވެ. ކުރެވުނު ކަންތައް ކުޑަ އެވެ. ނިކުތް ނަތީޖާ ބޮޑެވެ. ހިއްޗެވެ.
       
ކަންމިހެން އޮތް އިރު، މި އަދު އަޅުގަނޑުމެން ވަގުތު ނެތިގެން، ތުއްތުކުދިން އިނގިލި ކުރީލަވައިގެން ޓްރެފިކްލައިޓުގެ ގަވާއިދާ ޚިލާފަށް ހުރަސްކޮށްލާ ހުރަސްކޮށްލުން އެއީ މާދަމާ އެހާ ކުޑަ ކަމަކަށް ވެދާނެ ބާވަ އެވެ. މާދަމާ އެކުދީންނަށް އިސްކޮޅު ލިބި ބާރަށް ދުވާސައިކަލުތަކަށް އަތްފައިފޯރީމާ ދުވެލީގެ ގަވާއިދާއި، އެއްކޮޅަށް/ ދެކޮޅަށް ދުއްވޭ މަގުތަކުން ދަތުރު ކުރުމުގެ ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތައިފާނެ ބާވަ އެވެ؟ ދާންޖެހޭ ތާކަށް ދާންވާލެއް އަވަސްކަމުން ވަގުތު ނެތިގެން، އެއްކޮޅަށް ދުއްވާ މަގުން ބާރު ދުވެލީގައި އިދިކޮޅަށް ވަންނަ ވަގުތު މުޑި އަރާ މުޑި އެރުމެއްގައި ދުވަހަކު ވެސް އަލުން އެނބުރި ނާދެވޭނެ ހިސާބު ދުރު ދުނިޔެއަކަށް އޭނާގެ ފުރާނަ އުދުހިގެން ދިޔުމުން، އެ ކަން އެއީ ބޮޑުކަމަކަށް ނުވެދާނެތޯ އެވެ؟

ތުއްތު ދަރިފުޅަކީ އަދި ހެޔޮ ނުވިސްނޭ ކުޑަ ކުއްޖަކަށްވާތީ، ސިނގިރޭޓެއް ބޮމުން އޭނާ ގޮވައިގެން ސައިކަލުގައި ދަތުރެއް ކޮށްލުމީ މި އަދު އާދައިގެ ކަމަކަށް ވިޔަސް، އެ ކުއްޖާއަށް ބޯނެ އެއްޗެއް ލިބިގެން އެ ބޯ ދުވަހު، ބޮއިގެން އިންތަނުން ހިރި ނުލެވުނީމާ އެއީ އާދައިގެ ކަމަކަށް އެ ދުވަހުން ވާނެތޯ އެވެ؟

މަދަރުސާގައި  އެސެމްބްލީގައި ވާހަކަ ދައްކަން ޖެހުމުން، ބަހުގެ މޮޅު އުސްތާޛަކު ލައްވައި ތަޤުރީރެއް ލިޔުއްވައިގެން އެ ކުއްޖާ ލައްވައި އެ ވާހަކަ ދެއްކުވުމުން، މަތީ ތަޢުލީމުގެ މަރުޙަލާގައި މޮޅުކޮށްލަންވެގެން ވަގު އެސައިންމަންޓެއް ނުވަތަ ވަގު ސެޓުފިކެޓެއް  ހުށަހަޅައިގެން އެ ކަން ފަޟީޙަތްވާ ދުވަހު އެއީ ބޮޑު ގެއްލުމަކަށް ނޫނީ ވާނެ ބާވަ އެވެ؟

ކަން މިހެން އޮތް އިރު، ގަވާއިދާ ޚިލާފަށް ޓްރެފިކްލައިޓެއް ހުރަސްކޮށްލުމާއި، ދަރިފުޅު މޮޅު ކޮށްލަން މީހަކު ލިޔެދޭ ތަޤުރީރަކުން ވަނަ ހޯދައި ދިނުމާއި މި ކަހަލަ ''ކުދިކުދި'' އެތައް ކަމެއް އެކުވެގެން އޭނާގެ މާނަވީ އަޚުލާޤު ތަރުބިއްޔަތުވެފައިވާ ދަރިފުޅު، މާދަމާ ކޮށްލާ ކަންތައްތައް މުޅި މުޖުތަމަޢު ސިއްސައިގެންދާވަރުގެ ''ބޮޑެތި ސިންގާ ކަންތައްތަކަށް'' ނުވާނެ ބާވަ އެވެ؟

ހަމަ އެހެންމެ ހޮސްޕިޓަލުގައި ބަލިވެ އޮތް ބޮޑުދައިތައަށް ގޮވައިލަން، ތުއްތުދަރިފުޅު އަތުގައި ހިފައިގެން ގޮސް އެ ބޮޑުދައިތައަށް ހޭހަން ކޮށްދިނުމުން، ތިބާ އުމުރުން ދުވަސްވެ ނުކުޅެދޭ ދުވަހު އެ ދަރިފުޅު ވެދޭ އެހީތެރިކަމަކީ ބޮޑު އުފަލަކަށް ނޫނީ ވާނެ ބާވަ އެވެ؟

ނަތީޖާ


ޝައްކެއްނެތެވެ. ކޮންމެ ބޮޑު އެއްޗެއްގެ އަސްލަކީ ކުދިކުދި އެއްޗެހި ތަކެކެވެ.  އުސްމިނުގައި 481 ފޫޓު ހުންނަ މިޞުރުގެ ބޮޑު އަހުރާމު އެކުލެވިގެންވަނީ 2.5 މިލިޔަން ހިލައިންނެވެ.(4) އެ ހިލަތައް ކަނޑައިގެން ގެނައީ، ފަރުބަދަތަކުން ކަމުގައިވާ ނަމަ، އެހެރީ ޢުހުދު ފަރުބަދަ އެވެ. ބޮޑުމިން ބައްލަވައިލައްވާށެވެ.  އަޅުގަނޑުމެން ދިރިއުޅެމުން މިދާ ރާއްޖޭގެ ކުދި،ފުށި، އަދި މާ ރަށްރަށް އެކުލެވި، އުފެދިފައި މި ވަނީ ކުދިކުދި ވެލިފުއްތަކަކުންނެވެ.  ކީއްތޯ އެވެ؟  ތިބާގެ ރޫފަހެޔޮ  ހަށިގަނޑު ވެސް  އުފެދިފައިވަނީ، ހަމަލޮލަށް ނުފެންނަ ކުދިކުދި،  އެއްސައްތަ ޓްރިލިޔަން ސެލް އެކުވެގެން ނޫންތޯ އެވެ؟(5) މި ބިޔަ  މާސިންގާ އަދަދުގެ ތެރޭން  އެންމެ ސެލަކަށް ލިބޭ ގެއްލުމުގެ ނަތީޖާއަކީ ކޮބައިތޯ އެވެ؟  ހަށިގަނޑު އެ ހުށަހެޅެނީ ކެންސަރުގެ ފަނާވަނިވި ނުރައްކަލަށެވެ!!!

ޙަޤީޤަތަކީ މިއީ ކަމަށްވާއިރު، މި ''ކުދިކުދިން'' ބަރީއަވާ ހަމަ އެކައްޗެއް ނެތެވެ. އަދި މި މާނައިގައި، ބަލާއިރު މި ''ކުދިކުދިން'' ދޫކޮށްލެވޭނެއެއްޗެއް، އިހުމާލުކޮށްލެވޭނެ ކަމެއް، ފަރުވާ ކުޑަ ކޮށްލެވިގެންވާނެ ދާއިރާއެއް ވެސް ނެތެވެ.  ފަހުން ނުފެނި ނުދާނެ ނަތީޖާގެ ''ބޮޑުބޮޑު'' ކަމުންނެވެ.

ނިންމާލުން


އަޅުގަނޑުގެ ހިތް ބުނަނީ މިހެންނެވެ. ހަމަ އެއްވެސް ކަމަކީ، އޭގެ ޒާތުގައި އެހައި ކުޑަކަމެއް ނޫނެވެ. ޤާނޫނާއި ގަވާއިދާ ޚިލާފުވާ ނަމަ އެވެ. އަޚުލާޤާއި އާންމު އަދަބުތަކާ ފުށުއަރާ ނަމަ އެވެ.  ޢިލްމާއި ބުއްދީގެ ހަމަތަކާ އަރާރުންވާ ނަމަ އެވެ. ސަބަބަކީ އެ ފަދަ ކޮންމެ ލޯ މަރާލުމެއްގެ ނަތީޖާ ފަހުން ވިހަޔަކަށް ވާތީ އެވެ. ފަހުން މާ ބޮޑުކަމަކަށް ވާތީ އެވެ. މި ދުނިޔޭގައި ނުވިއްޔާ ދެން ދާން އޮތް ދުނިޔޭގަ އެވެ.

ހެޔޮ ކަމެއް ނަމަ މީގެ އިދިކޮޅެވެ. އޭގައި ނުރައްކަލެއް ނެތެވެ. ވޭނެއް ކަރުނަ އެއް ނެތެވެ. ހެޔޮ ރަނގަޅު ކޮންމެ ޢަމަލެއްގެ ޙަޤީޤީ ބަދަލު ފެންނާނީ ރަނުގެ ފަރުގަދައެއް ފަދައިންވެ. ނަބަވީ ބަސްފުޅެއްގެ ޚުލާޞާ މަފުހޫމުގައި  އޮންނަކަމަށް ދަންނަ ބޭކަލުން ވިދާޅުވާތީ އަހަމެވެ. އަނެކާގެ ކުރިމަތީގައި  އިޚްލާޞްތެރިކަމާއެކު ހިނިތުން ވެލުމަކީ ވެސް ޞަދަޤާތެކެވެ.

އެހެންވީމާ ހެޔޮ ކަމެއް ވިޔަސް، ނުބައި ކަމެއް ވިޔަސް، އެއީ ''ކުދިކުދި ކަންތަކޭ'' ބުނެވޭ ނަމަ ދަންނަވަންޖެހެނީ ތިޔަ ވާހަކަ އަށް އެއްބަސް ވެވެން އޮތީ ހަމަ އެންމެ ޖުމުލަ އަކުންނެވެ. އާދޭހެވެ. ކުދިކުދި ކަންތައްތަކެވެ. އެކަމަކު ޢުހުދުފަރުބަދަވަރުގެ ކުދިކުދި ކަންތައްތަކެވެ.
    --------------------
    (ނިމުނީ)

މަޢުލޫމާތު:

1-    (މަޞްލަހަތަށްޓަކައި ނަން ސިއްރުކުރެވިފައި)
2-    (މަޞްލަޙަތަށްޓަކައި ނަން ސިއްރު ކުރެވިފައި)
3-    އަލްފާޟިލް އިބްރާހީމް ޙަސަން/ ހ. ރީޙުއްޞަބާ
4-    http://wiki.answers.com
     http://ask.yahoo.com     -5


މި ލިޔުން:

      އެކުލަވައިލުން:    އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު/ އިދާރީ ލިޔުންތެރިއެއް)
      އަލުން ބެލުން:      ''                 ''
      ޝާއިޢުކުރުން:      ''                 ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ