އަދުގެ ޚާއްސަ

Print

ހަނދާނުގެ މާފައްޗެއް

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ދިވެހި


ނޯޓު: މިއީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާގުޅިގެން އެ މަނިކުފާނާބެހޭ ގޮތުން ލިޔުއްވާފައިވާ ވަރަށް އަސަރުގަދަ ލިޔުއްވުމެކެވެ.

ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު

"ފަރިކަމާއެކު، ބާޣުގައި ފޮޅެމުން އެއައިމާތައް އެކީ
    ފަރިކަމެއްނެތި ހިކިމިލައިގޮސް އޭގެވަސްވެސް ހަމަނެތޭ.
އާނއެކޭ! ރޫޙަށް އިތިރުވޭނެއްލިބޭމީ ދަރުސެކޭ،
    އާނއެކޭ! ޤުދުރަތުގެ ޤާނޫނޭ    ބުނުން ނޫނީނެތޭ.
އުފެދުމާ ނެތުމާއި އެކުލެވިފައިއެވާ ޤާނޫނަކަށް،
    އުފެދުމާއެކު ބޯލަނބާ ކިއަމަންނުވާ އެއްޗެއްނެތޭ"

އަޅުގަނޑުގެ ޚިޔާލީ ލޮލަށް، ފެންނަމުން، ނުފެންނަމުން ދަނީ، ދުންޔަވީ މަސްރަޙުގެ މަތީގައި ތަމްސީލު ވަމުންދާ މަންޒަރުތަކެކެވެ. ބައެއްފަހަރަށް، ދިވެހިރާއްޖޭގެ މަޙްކަމަތުއްޝަރީޢާގެ ފެންޑާމައްޗެވެ. އަނެއްބައިފަހަރަށް،މާލޭގައިވެވޭ އެކިއެކި މަޖްލިސްތަކެވެ. އަނެއްބައި ފަހަރަށް، މާލޭގެ ގެއެއްގެ ދެކުނުފަރާތުގެ، ފެންޑާމަތީގައި ހުންނަ އުނދޯއްޔެކެވެ. އަދިވެސް އަނެއްބައިފަހަރަށް، ހުކުރު މިސްކިތުގެ މިންބަރެވެ. ދެން، މާލޭގެ ފާލަމެވެ. ބްރިގް، ޢަޠިއްޔަތުއްރަޙްމާނެވެ. މިނިވަން ލަންކާއެވެ. ދެން، އާދެ! ދެން، ކޮނޅުބުގެ ސެންޓްރަލް ހަސްފަތާލުގެ ކޮޓަރިއެކެވެ. އެންމެފަހުން، ސިލޯނުގެ ކުޕިޔަވައްތޭގެ ގަބުރުސްތާނެވެ. ހުރިހާ މަންޒަރެއްމެ އަޅުގަނޑުގެ ޚިޔާލީ ލޮލަށް، ފުރިހަމަކަމާއި، ކުލަޔާއިއެކު ގެނެވެއެވެ.

ދެކެވޭ ވާހަކަތަކުގެ އަޑުތައް، ކަންފަތަށް އިވޭ ކަހަލައެވެ. އެންމެ ފަހު މަންޒަރު، އާދެ! އެ މަންޒަރު ވަކީން ފުރިހަމަ ސާފުކަމަކާއިގެން، އަޅުގަނޑުގެ ލޮލަށް ފެންނަ ކަހަލައެވެ. ދުވަހަކީ، ޛުލްޤަޢިދާ މަހު 16 ވީ ހޯމަދުވަހުގެ ކޮންމެވެސް ވަގުތެކެވެ. ކުޕިޔަވައްތޭގެ ޤަބްރުސްތާނުގައި ޖަހާފައިވާ މަހާނަގާތަކުގެ ތެރެއިން، އެންމެއާ، އެންމެރީތި ދެގަލުގެ ކައިރިއެވެ. އާދެ! އަޅުގަނޑުމެންގެ ލޯބިވެރި ހިއްމަތްތެރި މުޙައްމަދު ރަޝީދުގެ މަހާނައިގެ ކައިރިއެވެ. ހިތާމައިން ބޯލެނބިފައިވާ ތެދުވެރި ދަރިންކޮޅެކެވެ. ދިވެހި ދަރިއެއްގެ ޤަބުރަށް، ދުނިޔެމަތީގައި އަދާކުރެވޭނޭ އެންމެފަހު ވާޖިބުތައް އަދާކުރުމަށްފަހު، އިޙްތިރާމްގެ ބޯލަނބާލުމަކުން ބޯލަނބާލުމަށް އެއްވެފައިވާ ދިވެހިދަރީންކޮޅެކެވެ. އެމީހުންގެ ތެރޭގައި، އަޅުގަނޑުމެންގެ މާތްވެރި، ސުމުއްވުލްއަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު، ޤައުމުގެ އެންމެ ވަފާތެރި އެއްވެރިޔަކު ކަމުގައިވާ، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، ދިވެހިރާއްޖޭގެ ދީނީ ތަޢުލީމްގެ ހަރުދަނާ ދެވަކީލުން ކަމުގައި ހިމެނޭ، އައްނަބީލު އިބްރާހީމް ފަރީދު ދީދީ އާއި، ފަޟީލަތުއްޝައިޚް ޢަލީ ޙުސައިން ދީދީ، އަޅުގަނޑަށް  ފެނެއެވެ. ދެން، އާދެ! ދެލޮލުން ކަރުނަ އޮހިއޮހި ހުރި ލަޠީފު ފިރިހެން ކުއްޖެކެވެ. އާދޭހެވެ! ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުއްތަމަފަނޑިޔާރު މަނިކުފާނު ފަސްދާނުލުމަށް، ވަރަށް އެކަށީގެންވާ ބޭފުޅުންކޮޅެކެވެ.
       
އާދޭހެވެ! ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ސަންދޯއްޕުޅު ސިރީލަންކާގެ މުށިކުލައިގެ ވެލިތަކެއްގެ ތެރެއަށް ގެއްލިގެން ދިޔައީއެވެ. ދިވެހިރާއްޖޭގައި، އޭނާގެ މަޤާމު ހުސްވީއެވެ. ދިވެހިންގެ ޢުލޫމްގެ މާބަގީޗާގެ ގަސްތައް، އަސަރުގެ މިލިމަކުން މިލުވައިލީއެވެ. މާމެލާމެލީގެ މާގަނޑުތައް، ހިތާމައިން ލެނބިލީއެވެ. ޝުކުރުވެރި ދިވެހި ހިތްތަކުން ހުރަހަކާއި ނުލައި ލެއިކަރުނަތަކެއް އޮހޮރާން ފެށީއެވެ. ނަމަވެސް، ހިތާމަކުޅައުމުގެ މާނައެއް ނެތެވެ. ޝަކުވާކުޅައުމުގެ އެއްވެސް ޙައްޤެއްނެތެވެ. ފުރިހަމަ ވެގެން އެދިޔައީ އިލާހީ ޙިކްމަތެކެވެ. ތަމްސީލުވެގެން ދިޔައީ ޤުދުރަތީ ޤާނޫނެކެވެ. ޙުސައިން ޞަލާޙުއްދީން އެއަވަހާރަވީ ކަލާނގެ މިންވަރުކުރައްވާފައިވާ ގޮތުގެ މަތީން އޭނާގެ ވާޖިބުތައް އަދާކުރެއްވުމަށް ފަހުގައެވެ. ޙަޔާތުގެ ރޭހުން އަގުމާތް އިނާމުތަކެއްގެ ފަޚްރުވެރި ވެރިޔަކަށް ވެވަޑައިގެންނެވުމަށް ފަހުގައެވެ. އޭނާއަށް ލިބިވަޑައިގެންފައިވި ދީނީ ޢިލްމުތަކުގެ އަސަރު ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފަތުރުއްވާލައްވާފައެވެ. އެހެންކަމުން،.....

އެކަކަށްފަހު އަނެކަކު މަރުނުވަނީނަމަ، އެކެއް ހުސްކުރާ މަޤާމު ފުރާން އަނެކަކު ނުލިބެނީނަމަ، އާދެ! ދުނިޔަވީ ހަމަތަކަކަށް ދެމިއެއްނުއޮވެވޭނެއެވެ. އިލާހީ ޤާނޫނުތަކެއް ފުރިހަމައެއް ނުވާނެއެވެ. ނިކަން ވިސްނަވާށެވެ. ފިކުރު ފޯރުއްވަވާށެވެ. މީހެއްގެ ޙަޤީޤީ އަގު ވަޒަންކުރެވެނީ އެމީހަކު ނެތިދިއުމަށް ފަހުގައެވެ. އާދޭހެވެ! ހަމަ މުޅީންމެ ޔަޤީނެވެ. އަގެއްނެތް ޖިސްމުތައް، ދާދި އަވަހަށް ނެތިފަނާވެގެން ހިނގައިދެއެވެ. ދެމިހުންނަ އެއްޗަކީ އެމީހަކު ކުޅަ ހެއު ޢަމަލުތަކެވެ. އިޚްލާޞްތެރިކަމާއިއެކު އަދާކުޅަ ޚިދުމަތެކެވެ. އާދޭހެވެ! ކަށިތަކާއި، މަސްތައް ވެއްޔަށްވެގެން ހިނގައިދެއެވެ. ނަމަވެސް "ތާއަބަދު ދެމިހުންނަ ހެޔޮޒިކުރާއަކަށް ނިމުމެއް ނެތެވެ"

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ތިޔައެންމެ ބެއިފުޅުންމެ ދެނެވަޑައިގަންނަވާނޭ ފަދައިން، ބޮޑުގަލު މާކޮށާރު ބަނޑޭރި، އަލްފާޟިލް އަލްމަރްޙޫމް މޫސާ ދީދީއާއި، ދަރަވަންދޫގޭ ތުއްތުމަނިކެއާ ދެކަނބަލުންގެ ދަރިކަލުންނެވެ. ވަރަށް ތުއްޕުޅުއިރުއްސުރެ ފެށިގެން އޭނާގެ ހިތްޕުޅުގައި ޢިލްމުގެ މައްޗަށް އުފެދިފައި ހުންނަނީ ވަރަށް މަތިވެރި ލޯބިފުޅެކެވެ. ނަތީޖާއެއްގެގޮތުން، ދިވެހިރާއްޖޭގައި ތަޢްލީމު ލިބިގަތުމުގެ މަގުތައް ވަރަށް ނުތަނަވަސްކޮށް އޮތް ދުވަސްވަރެއްގައިވެސް އަމިއްލަ މަސައްކަތްޕުޅުން އޭނާ ޢިލްމު ޙާޞިލް ކުރައްވާން ފައްޓަވައިފިއެވެ. އޭނާގެ ފުރަތަމަ އުސްތާޛަކީ، އައްޑޫ ހިތަދޫ ދޮންބެއްޔާއެވެ. ދެން، ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތޫއެވެ.
       
ޢުމުރުފުޅުން ވަރަށް ޅަފުޅުއިރު، ޙުސައިން ޞަލާޙުއްދީން    ދިވެހި ދައުލަތުގެ ޚިދުމަތް އަދާކުރައްވާން ފައްޓަވައިގެންފިއެވެ. އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވަނީނަމަ، ދައުލަތުގެ ބަންޑާރަނައިބުކަން އޭނާއަށް ލިބިވަޑައިގަތީ، ޢުމުރުފުޅުން 18 އަހަރުފުޅު ފުރުނުތަނާއެވެ. އެއީ، އެއިރުވެސް އޭނާއަށް ޙާޞިލުވެވަޑައިގެންފައިވާ ޢިލްމުގެ މައްޗަށް     އަދާކުރެވުނު މުބާރަކްބާދީގެ ޖިޒީއެކެވެ. ދުވަސްވަރަކީ، ޙާޖީ ޢިމާދުއްދީން ރަސްކަމުގެ ފަހުކޮޅެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި އެނބުރެމުންދިޔަ ސިޔާސަތުގެ ވަރުގަދަ އޮއިވަރެއްގެ ތެރެއެވެ. ޙާޖީ ޢިމާދުއްދީންގެ ރަސްކަން ބަދަލުވިއިރު، ޙުސައިން ޞަލާޙުއްދީން ހުންނެވީ، ސިޔާސީ ވަފްދެއްގެ މެންބަރެއްގެގޮތުން ވަޑައިގެން، ކޮޅުނބުގައެވެ.
       
ރަސްކަން ބަދަލުވެއްޖެއެވެ. އަޅުގަނޑުމެންނަށް ފެނުނީ ދިވެހިރާއްޖޭގެ މިޒަމާނުގެ ތަހުޛީބާއި، ތަމައްދުންގެ ހަރުދަނާ ބަފައަކުކަމުގައި ހިމެނޭ، ސުމުއްވުލްއަމީރު އަލްޙާއްޖު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، ޒުވާން ޙުސައިން ޞަލާޙުއްދީނުގެ އަތްޕުޅުގައި ހިއްޕެވިތަނެވެ.
       
މާލަސްތަކެއްނުވެ، ޙުސައިން ޞަލާޙުއްދީން މާލެ ވަޑައިގެންފިއެވެ. ދައުލަތުގެ އަމުރާއިއެކު މާލޭގައި ޢަރަބި ކިޔަވާދެއްވާން ފައްޓަވައިފިއެވެ. އާދެ! މާފަންނުގާ ހުންނަ ދެކުނުގޭގައެވެ. އޭނާގެ ފުރަތަމަ ދަރިވަރުން ކަމުގައި ހިމެނުނީ، އަލްމަރްޙޫމް ބޮޑުފެންވަޅުގޭ ސީދީއާއި، ދަރަވަންދޫގޭ ޢަބްދުﷲ ދީދީއެވެ. ލަސްތަކެއްނުވެ، ދަރިވަރުންތައްދިޔައީ ގިނަވަމުންނެވެ. މަލިމް މޫސާ ކަލޭގެފާނު، ކަޅުހުރާގޭ ތުއްތު ސީދީ، މަލިމް މަނިއްޕުޅުގެ މުޙައްމަދު ދީދީ، އަޙްމަދު ކާމިލް ދީދީ، އިބްރާހީމް ލުޠުފީފަދަ ބޭބޭފުޅުންނާއި ކުދީންނެވެ.
       
ދެން އަޅުގަނޑުމެންނަށް ފެންނާން ފެއްޓީ، ޙުސައިން ޞަލާޙުއްދީން ބަންޑާރަނައިބުކަމުގެ މަޤާމުގައި ހުންނަވައިގެން މަޙްކަމަތުއްޝަރީޢާ ހިންގަވާން ފެއްޓެވިތަނެވެ. ދެން އައީ، އޭނާގެ ފަނޑިޔާރުކަމުގެ ދައުރެވެ. ބަޙުޘެއް އޮތްމަޤާމެއް ނޫނެވެ. މާލޭގެ މަޙްކަމަތުއްޝަރީޢާއަށް އެދެވޭގޮތުގެމަތީން ބަދަލުތަކެއް އައިސްފައިވާކަމުގައިވާނަމަ، އެ އިޞްލާޙްތަކުގެ ބިންގާ އެޅުއްވީ އަޅުގަނޑުމެންގެ މާތްވެރި ސުމުއްވުލްއަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަނދޭރި ކިލެގެފާނުންގެ އިރުޝާދުގެމަތީން، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. މިހާރުގެ ފަނޑިޔާރުގޭގެ ޢިމާރާތް އާރާސްތުކުރެވުނީވެސް އެމަނިކުފާނުންގެ ފަނޑިޔާރުކަމުގެ ދުވަސްވަރުގައެވެ. ޙުސައިން ޞަލާޙުއްދީނަށް ފަނޑިޔާރުކަމަށް ކޮލިލެއްވީ 1347 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. އަޅުގަނޑުގެ ހަނދާން ވަރަށް ބަލިކަމުގައި ނުވަނީނަމަ، އެމަހުގެ 5 ވަނަ ދުވަހުއެވެ. އާދެ! ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުންގެ ފުރަތަމަ ޙައްޖު ދަތުރުފުޅަށް ތައްޔާރުވަނިކޮންނެވެ. ޙުސައިން ޞަލާޙުއްދީންގެ ދިރިއުޅުއްވުން މިދެންނެވި ހިސާބަށް އައިއިރު، އޭނާއަކީ އެއިރު އޮތް ދައުލަތުގެ އިސް މަޖިލީހުގެވެސް ވަރަށް ޢިއްޒަތްތެރި މެންބަރެކެވެ. ދުވަސްތަކެއް ވެއަތުވެ ހިނގައްޖެއެވެ. ދިވެހިރާއްޖޭގެ މަސްރަޙުގެމަތީން ފެންނާންފެށީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އުފެއްދުމުގެ މަންޒަރުތަކެވެ. ކަމުގެ މުނާސަބަތުގައި އެންމެ ފުރަތަމައިން އުފެދުނީ ޤާނޫނު އަސާސީ ލިއުނު މަޖިލީހެކެވެ. އާދެ! އެމަޖިލީހުގެ ނުހަނު ހީވާގި ސެކްރެޓަރީއެއްކަމުގައިވީ، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ދެން އައީ، މަޝްވަރާ މަޖިލީހަކުން ދައުލަތް ހިންގި ދައުރެކެވެ. މެންބަރުންގެ ތެރެއިން އެއްބޭފުޅަކީ، ޙުސައިން ޞަލާޙުއްދީނެވެ. އާދެ! މަޞްރަޙުގެމަތީން ދެން ފެންނާންފެށީ، 1351 ވަނަ އަހަރުގެ ޝަޢްބާންމަހެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވި އަހަރެވެ. އަލަށް އުފެދުނު ވުޒާރާގައި، ވަޒީރުލްޙައްޤާނިއްޔާގެ މަތިވެރި މަޤާމު ފުރުއްވެވީ އަޅުގަނޑުގެ މިމަޒުމޫނުގެ ބަޠަލެވެ.
       
ދެން އައީ، އާދެ! ދެން އައީ، "ޗުއްޓީއަކަށްޓަކައި" ކޮޅުނބުގައި އުޅުއްވި ކުޑަ ދުވަސްކޮޅެކެވެ. އެދުވަސްވަރު، ދިވެހިރާއްޖޭގެ ސިޔާސީ ނަވަށް ވަރަށް މަތިވެރި ދަރަޖައަކަށް އަސަރުކުރުވި ކޮޅިގަނޑު ހަމަ ޖެހުނުއިރު ޙުސައިން ޞަލާޙުއްދީން އިންނެވީ، އަނެއްކާވެސް މަޙްކަމަތުއްޝަރްޢިއްޔާގައެވެ. ފަނޑިޔާރުކަމުގެ މަތިވެރި ގޮނޑީގައެވެ. އަޅުގަނޑުގެ ހަނދާން، އަޅުގަނޑާ ކުޅެނީކަމުގައި ނުވާނަމަ އެދުވަސްވަރުވެސް އެމަނިކުފާނަށް ފަނޑިޔާރުކަމަށް ކޮލިލެވުނެވެ. އެގޮތުގެމަތިން، އެތަކެއް އަހަރުތަކެއް އޭނާ އަނެއްކާވެސް ވެއަތު ކުރައްވައިފިއެވެ. ދެން އައީ، މަޙްކަމަތުއްޝަރްޢިއްޔާގެ ހިންގުމަށް މުހިއްމު ބަދަލުތަކެއްއައި ދައުރެކެވެ. އެ މަޙްކަމާ ހިންގުމުގެ ވެރިއެއްކަމުގައި، "ޤާޟީއެއް" އިސްކުރެވުނު ދައުރެކެވެ. މިދެންނެވިފަދަ ބަދަލެއް އައުމާއިއެކުވެސް، ޙުސައިން ޞަލާޙުއްދީންގެ ޚިދުމަތްތަކަކުން މަޙްކަމަތުއްޝަރްޢިއްޔާ މަޙްރޫމެއް ނުވެއެވެ. އޭނާ ހުންނެވީ، އެ މަޙްކަމާގެ މުސްތަޝާރެއްފަދަ މަޤާމެއްގައެވެ. އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ ނަމުގައެވެ. މަޙްކަމަތުއްޝަރްޢިއްޔާގެ ފުރަތަމަ ޤާޟީއެއް ކަމުގައި، އޭނާގެ އެންމެ އަގުހުރި އެއް ދަރިވަރު، ފަޟީލަތުއްޝައިޚް ޢަބްދުﷲ ފަހްމީ ދީދީ ޢައްޔަން ކުރެވުނުކަން އެއީ، ޙުސައިން ޞަލާޙުއްދީނަށް ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ފަޚްރެއްކަން ޔަޤީނެވެ.
       
ޙުސައިން ޞަލާޙުއްދީން އެ އަވަހާރަވީ، އޭނާ ދިވެހި ޤައުމަށް ޚިދުމަތް ކުރައްވާން ފެއްޓެވުމަށްފަހު، ފަންސާސް އެތައް އަހަރެއް ވުމަށްފަހުގައެވެ. އާދޭހެވެ! މެދުކެނޑުމުން، މެދުކެނޑެމުންކަމުގައި އަޅުގަނޑުވެސް އެއްބަހެވެ. ނަމަވެސް މިދެންނެވި ދިގު މުއްދަތުގެ ތެރޭގައި، އެމަނިކުފާނުގެ ޚިދުމަތްތައް އެހެނިހެން ގޮތްގޮތުންވެސް ދިވެހި ޤައުމަށް ލިބެމުން ދިޔައީ ވަރަށްވެސް މަތިވެރި ދަރަޖައަކަށެވެ. ދިވެހި ރައްޔިތުން، އެންމެ ދަހިވެތިކަމާއެކު އިންތިޒާރުކޮށްކޮށް ތިބެނީ، އައްޝައިޚް ޙުސައިން ޞަލާޙުއްދީން ހުކުރު ކުރައްވާ ދުވަސް ދުވަހަށެވެ. އޭނާގެ މަތިވެރި ޚުތުބާތަކަށެވެ. ދިވެހި އަދީބުންތައް އެންމެބޮޑު ޝައުޤުވެރިކަމަކާއެކު ބަލަބަލާ ތިބެނީ، ޙުސައިން ޞަލާޙުއްދީންގެ ފޮތެއް ޝާއިޢް ވެގެން ނުކުމޭތޯއެވެ. ޅެމަށް ލޯބިކުރާ ދިވެހީންގެ ހިތްތަކުގައި އެމަނިކުފާނުންގެ ޅެންތަކަށާއި ރައިވަރުތަކަށް ދެވިފައި އޮންނަނީ، ވަރަށްވެސް މަތިވެރި މަޤާމެކެވެ.
       
އިސްވެދިޔަ ހުރިހާ ސަބަބަކަށްޓަކައި، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަށް ދިވެހި ޤައުމު ދަރާފައިވާ ދަރަނި ބޮޑެވެ. އަދާކުރުން ޙައްޤުވެގެންވާ ޝުކުރު ގިނަގުނައެވެ. ނަމަވެސް، ޝައްކެއްނެތެވެ. ދިވެހި ޤައުމަށް ޙުސައިން ޞަލާޙުއްދީނަށް ކުރެއްވުނު އެންމެ މަތިވެރި ޚިދުމަތަކީ، ދީނީ ތަޢުލީމު ފެތުރުއްވުމަށް ކުރެއްވުނު ޚިދުމަތްތަކެވެ. މިއަދު، ޢަރަބި ޢިލްމު އުނގެނިފައިވާ ކަމުގައި، ދީނީ ޢިލްމުގެ ތެރެއަށް ވަދެވިފައިވާ ކަމުގައި ދަޢުވާކުރާ ދިވެހި ދަރީންގެ ތެރެއިން ގާތްގަނޑަކަށް، ސަތޭކައަކުން ނުވަދިހަނުވަ ޠާލިބުންގެ ފުރަތަމަ އުސްތާޛެއްކަމުގައި ހިމެނިގެންވާނީ، ޙުސައިން ޞަލާޙުއްދީނެވެ.

އަޅުގަނޑުމެންނަށް، ޢަބްދުﷲ ފަހްމީ ދީދީއަކާއި ބޮޑުފެންވަޅުގޭ ސީދީއެއް، އިބްރާހީމް ލުޠުފީއަކާއި އަޙްމަދު ކާމިލެއް، މަލިމް މޫސާ ކަލޭގެފާނަކާއި ޢަބްދުލްޤައްޔޫމެއް، މުޙައްމަދު ނަޞީރު މަނިކަކާއި މުޙައްމަދު ޖަމީލު ދީދީއެއް ލިބުނީ، ޙުސައިން ޞަލާޙުއްދީން އެޅުއްވި ބިންގަލެއްގެ ވަރުގަދަކަމުންނެވެ. އެމަދަރުސާއަކަށްޓަކައި އަޅުގަނޑުމެން މިއަދު ފަޚްރުވެރިވާ، މަދަރުސަތުލްމަޖީދިއްޔާގެ ފުރަތަމަ ނާޒިރަކީވެސް ހަމަ އެމަނިކުފާނެވެ. ޝައްކެއްވަސްވާހެއް ނެތެވެ. ދިވެހި ތަޢުލީމަށް ޚިދުމަތްކުޅަ ތެދުވެރި ދިވެހި ދަރީންގެ ލިސްޓުގައި، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަށް ޙައްޤުވެގެންވަނީ، ވަރަށްވެސް މަތިވެރި މަޤާމެކެވެ. އޭނާގެ ޒިކުރާއަކީ، ދިވެހި ޢިލްމުވެރީންގެ މެދުގައި ފަސޭހައެއްކޮށް ފަނޑުވާނޭ ޒިކުރާއެއްނޫނެވެ.
       
އިއްޔެ ދިވެހި ޖައްވުގައި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ފުރުއްވެވީ ވަރަށްވެސް ހަރުދަނާ މަޤާމުތަކެކެވެ. އޭނާ ހެލިފެލިވެ އުޅުއްވީ، އިންސާނީ ހޫނުކަމަކާއިގެންނެވެ. ޢަމަލު ކުރައްވަމުން ގެންދެވީ... ނަމަވެސް، މިއަދު...

"އިއްޔެފެންނަންހުރި ގޮތެއް ނޫނޭ މިއަދު ފެންނަންހުރީ،
        އިއްޔެ ދޭހުން ހާމަވީ ގިނަ ކުލަތަކެއް މިއަދަކުނެތޭ.
އުދަރެހަށް އަލިކަން ދެމުން، އަރަމުން އެއައި ތަރިތައްއެކީ،
        އުދަރެހުން އަދުއޮއްސިގެން ގޮސްއޭގެއަލިކަންވެސްނެތޭ."

އާދޭހެވެ! ޝައްކެއްވަސްވާހެއް ނެތެވެ. "ބޭވަފާތެރި ދުނިޔެ" އަޅުގަނޑުމެންނަށް ދޭހަކޮށްދޭ ޢިބްރަތްތަކުން، ބޭނުން ނުކޮށްވާނޭ ހަމަ އެއްވެސް ގޮތެއްނެތެވެ. "ކޮންމެކަމަކުން ދުންޔަވީ" އަޅުގަނޑުމެންނަށް ފެނިގެއްލިދަނީ، މިހުވަފެނެއްފަދަ ދުނިޔޭގެ ދޯދިޔާކަމެވެ. އަންނަނިވި ދުވަހުގެ ދާއިމީކަމެވެ. ނަމަވެސް، އަޅުގަނޑުމެންނަށް، މިތިބެވެނީ އިންތިހާ ދަރަޖައިގެ ބޭވަފާތެރިކަމެއްގެ ތެރެއަށް ގެއްލިގެންނެވެ. ފެންނަ މަންޒަރަކުން، އިވޭ އަޑަކުން، އަޅުގަނޑުމެންނަށް އެއްވެސް އަސަރެއް ނުކުރެއެވެ. މާދަމާއާއި ދޭތެރޭ ކުޑަވެސް ފަރުވާލެއް ނުކުރެއެވެ. ހިތާމައަކީ، އެއީއެވެ. ހިތިހިތާމައަކީ އެއީއެވެ.


"އެންމެހާ އަލިގަދަވި ނޫރުގެ އަސްލަކަށްވާ ފެހިއަލިން
        އެންމެފައިދާއެން ނުހޯދުނުކަމުގެ ހިތިކަން ލިބެވެނީ.
ކަނޑައަޅާހައި އަޒުމުތައް އުވިގެއްލިދާކަން ހީވެފައި
        މަޑުމަޑުންނަމަވެސް ހިތަށް އަދުހިތި އަސަރުކުރަމުން ދަނީ"

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ދިވެހި ޖައްވުގައި އޭނާ ފުރުއްވި މަޤާމުތައް ހުސްވެއްޖެއެވެ. އޭނާގެ މާތް ޢާއިލާއަށްޓަކައި، އަޅުގަނޑުމެންގެ ލޯތަކުން އޮހޮރެނީ ޞަރީޙަ ކަރުނަތަކެވެ. ރަޙީމްވަންތަ ރަސްކަލާނގެ ކިބައިން، އަޅުގަނޑުމެން އެދެނީ ޙުސައިން ޞަލާޙުއްދީންގެ ބޭފުޅުންނަށް ކެތްތެރިކަމާއި ޞަބްރުވެރިކަން ދެއްވުމެވެ. ޙުސައިން ޞަލާޙުއްދީނަށް އަޅުގަނޑު ވެދުންކުރާނީ، ލިބުނު އެންމެ ރީތި މާތަކަކުން ގަތާފައިވާ ޤަދަރުވެރިކަމާއި ޝުކުރުވެރިކަމުގެ ގުލްދަސްތާއަކުންނެވެ. ދިވެހި ދައުލަތުގެ ނަމުގައެވެ. ދިވެހި ރައްޔިތުންގެ ފަރާތުންނެވެ.ދިވެހި ޝާޢިރުންގެ ހެޔޮއެދުންތަކާ އެކުގައެވެ. ދިވެހި އަދީބުންގެ ހިތުގެ އަޑީން އުފެދިގެން އުތުރިއަރާ ޝުޢޫރުތަކެއްގެ އަސަރާއެކުގައެވެ. ލޯބިވާ އަޚުންނާއި އުޚުތުންނޭވެ!

"ކުރާށޭ ޢަމަލުތައް ޞާލިޙުވެދާ މީޒާނުގައި ރާޖިޙް
        ނުދާށޭ ނުކުމެ ހުސްދެއަތާ، އެދޭނަމަ ވާށަ ނިޢުމަތުގައި
ހަވާ ނަފުސުން ދުރުހެލިވެގެން، ފަވާފާ ކަންތަކުން ދިނިގެން
        އުޅޭށޭ ހެޔޮގޮތަށް ލެނބިގެން، ހިނގާށޭ ރީތި ތެދުމަގުގައި"
------------------------
(ނިމުނީ)

ފޮޓޯގެ ތަޢާރުފު؛

  1- ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު
  2- ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު

ހަވާލާ؛

 ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް (ނޮވެލްޓީ ޕްރެސް)

މި ލިޔުން؛

  ޓައިޕުކުރުން:   މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
  އަލުން ބެލުން:     ''      ''
  ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


އިދާރާ

ވާހަކަ