www.fanvai.info

Print

އައްސައްޔިދު ޞައްދާމު ޙުސައިން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދުނިޔެ


ބަޔޮގްރަފީ

މި އަދަކީ، އަވާހާރަ ކޮށްލެވުނުތާ ހަތަރު އަހަރު ފުރުނު ދުވަސް


 އަޙްމަދު ސިރާޖު   ބުލްބުލާގެ/ށ.ފުނަދޫ
 
ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޢަރަބި ދުނިޔޭގައި އެންމެ ފާހަގަކުރެވުނު އެންމެ ހިތްވަރުގަދަ ޝަޚްޞިއްޔަތަކީ ޝައްކެއްވެސް ނެތްގޮތުގައި 1937 ވަނައަހަރުގެ އޭޕްރީލް މަހުން 28 ވަނަދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިންނެވެ. ޞައްދާމް ތަޢުލީމް އުނގެނިވަޑައިގެން އެއަށްފަހު މިސްރަށްވަޑައިގެން ޤާނޫނު ކިޔަވައި ވިދާޅުވިއެވެ. ކިޔެވުމުގެ ދުވަސްވަރު ޞައްދާމް ބަޢަޘް ޕާޓީއާއި ގުޅިވަޑައިގެންނެވިއެވެ. އަދި ދެ ފަހަރު މަތިން މަސައްކަތްޕުޅު ކުރައްވައިގެން އޭރު އޮތް ޢިރާޤުގެ ސަރުކާރު 17 ޖުލައި 1968 ގައި ވައްޓާލައްވައި އިންގިލާބެއް ގެންނެވި އެވެ.
 
1968 ވަނައަހަރު ގެނެވުން އިންޤިލާބާއި ގުޅިގެން ޞައްދާމަށް އިންޤިލާބީ ކައުންސިލްގެ ނައިބު ރައީސްކަން ލިބިވަޑައިގަތެވެ. އަދި އޭގެ 10 އަހަރު ފަހުން 17 ޖުލައި 1979 ގައި ޢިރާޤުގެ ރައީސް ކަމާއި ޙަވާލުވެ ވަޑައިގެންނެވިއެވެ. އަދި ހަމައެދުވަހު ޞައްދާމް ދެއްވި ތަޤުރީރެއްގައި ވިދާޅުވިއެވެ. " އަޅުގަނޑު، އަޅުގަނޑުގެ ރައްޔިތަކަށް، އެކުވެރިއަކަށް ނުވަތަ ޕާޓީގެ މެންބަރެއްގެ ގާތު އަޅުގަނޑު އަމިއްލައަށް ނުކުރާނެކަމުގެ ވާހަކައެއް ނުބުނަން. ހަމަ އެގޮތަށް އަޅުގަނޑު ކުރާނެކަމެއް އެމީހުންގެ ކިބައިން މަނައެއްވެސް ނުކުރާނަން. އަޅުގަނޑުގެ ލަނޑުދަނޑިއަކީ އިންސާފު ހޯދުމަށް ހަނގުރާމަކުރުން. މަސައްކަތްކުރުން. ފިއްތުންތަކާއި ދެކޮޅުހެދުން. އަޅުގަނޑުމެންނަށް ގޯނާއެއްކޮށްފިނަމަ އަޅުގަނޑުމެން ކަމެއްނުކޮށް އަތް އުރާލައިގެން ހިލޭ ނުތިބޭނަން." މި ބަސްފުޅުންވެސް ޞައްދާމްގެ ހިތްވަރުގަދަކަމާއި ޢަޒުމްގެ ވަރުގަދަކަން ހާމަވެގެންދެ އެވެ.
 
ޢިރާޤުގެ ވެރިކަމާއި ޞައްދާމް ޙަވާލުވެ ވަޑައިގެންނެވުމުގެ ކުރިއްސުރެ ޞައްދާމަކީ ޢަރަބީންގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޢަރަބީންނަކީ އެއްބައިވަންތަ އެކުވެރި ބަޔަކަށް ހައްދަވަން ޞައްދާމް ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އެގޮތުން ޢަރަބި ސަމިޓްތައް ބޭއްވުމަށް ޞައްދާމް ވަރަށްބޮޑަށް ބާރު އެޅުއްވިއެވެ. އަދި ޢިރާން-ޢިރާޤު ހަނގުރާމަ ހިނގިޔަނުދީ މައިތިރިކުރައްވަންވެސް ވަރަށް ޙިކުމަތްތެރިކަމާއިއެކު މަސައްކަތްޕުޅު ކުރެއްވިއެވެ.
  
ރައީސް ޞައްދާމް ޙުސައިނަކީ ވެރިކަމުގައި ރައްޔިތުންގެ ޙާލު ވަރަށް ކައިރިން ބައްލަވައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި މީގެއިތުރުން ދީނީ ކަންތަކަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވެވިއެވެ. އެގޮތުން އިސްލާމް ދީން ފެތުރުއްވުމުގެ ބޭނުންފުޅުގައި ކީރިތި ޤުރުއާނުގެ ކޮޕީތައް މުސްލިމް ނޫން ޤައުމުތަކަށް ބެހުމަށްވެސް ޚާއްޞަ މަސައްކަތްޕުޅެއް ކުރެއްވެވިއެވެ. އަދި ލެޓިން އެމެރިކާއާއި އޭޝިޔާއާއި އެފްރިކާގެ ޤައުމު ތަކުގައި މިސްކިތްތައް ބިނާކުރުމަށް އެހީ ދެއްވިއެވެ.
  
ޞައްދާމަކީ ޒިންމާދާރުވެރިއެކެވެ. އޮފީހުގައިވެސް މަސައްކަތުގައި ގިނަވަގުތުތައް ހޭދަކުރައްވައެވެ. ޢިރާޤުގެ މަދަރުސާތަކަށް ޒިޔާރަތްކުރައްވައި ތަފާތު ޢުމުރު ތަކުގެ ދަރިވަރުންނާއި ވަކިވަކިން ބައްދަލު ކުރައްވައި ނަޞޭޙަތް ދެއްވައެވެ. އެގޮތުން އެއްފަހަރަކު ދަރިވަރުންތަކަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ. " ޢިރާޤުގެ 13 އަހަރާއި 14 އަހަރުގެ ޒުވާނުން ޢަރަބި ޤައުމުތަކުގެ މުސްތަޤުބަލާއިމެދު ވިސްނާނަމަ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށެވެ."
 
ޞައްދާމަކީ ވެރިންނަށް ހުރި ނަމޫނާއެކެވެ. ދަޢުވަތު ދެއްވައިގެން ރަސްމީ ގަނޑުވަރަށް ރައްޔިތުން ގެންނަވައި، ޙާލުއަހުވާލު ބައްލަވައި ދަތިވާ ކަންތައްއަކަކީ ކޮބައިތޯ ބައްލަވައެވެ. އަދި ފޯނުންނާއި ސިޓީއިން ރައްޔިތުންގެ ޝަކުވާތަކާއި ދަތިތައް އޮޅުންފިލުއްވަމުން ގެންދެވިއެވެ. އަމިއްލަފުޅަށް ފޯނުކުރައްވައިގެންވެސް ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރައްވަން މަސައްކަތްޕުޅުކުރައްވައެވެ. ރިޔާސީ ގަނޑުވަރުގައި ހަފުތާއަކު އެއްފަހަރު ބާއްވާ ބައްދަލުވުމަށް ޢިރާޤުގެ އެކި ހިސާބުތަކުން 200 އަށްވުރެ ގިނަމީހުންނަށް ދަޢުވަތު ދެއްވައިގެން ގެންދަވައެވެ. މީގެއިތުރުން މަހަކު އެއްފަހަރު އޮންނަ ޓީވީ ޕްރޮގުރާމެއްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވައެވެ. މީގެ ނަތީޖާއަކަށްވީ ޢިރާޤުގެ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިގެންވާ ބޭފުޅަކަށް ޞައްދާމް ޙުސައިންވުމެވެ. ޢިރާޤުގެ ރައްޔިތުންގެ ނަޒަރުގައި ޞައްދާމަކީ ހިތްވަރުގަދަ ބަޠަލެކެވެ.
 
ޞައްދާމް އެންމެ ތުއްޕުޅުއިރުއްސުރެވެސް އެމެރިކާގެ ދުޝްމަނެކެވެ. ސަބަބަކީ ޞައްދާމް ތުއްޕުޅުއިރު އެމެރިކާ ސިފައިންތަކެއް ޞައްދާމްގެ އާއިލާގެ  ބޭފުޅުންތަކެއް ޙައްޤަކާއިނުލައި މަރާފައިވުމެވެ. ޞައްދާމްގެ ވެރިކަމުގައިވެސް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތައް އެމެރިކާއަށް ދެމުން، އެމީހުންގެ ޒުވާބުތައް ރައްދުކުރައްވަމުން އިސްލާމްދީނުގެ ޙައްޤުގައި ތެދުވެރި މުޢުމިނަކަށް ވެހުރެ ބަހުންނާއި ޢަމަލުން ޖިހާދު ކުރެއްވިއެވެ.
 
ޞައްދާމް މިދުނިޔެއާއި ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހަމަ ކުއްލިއަކަށެވެ. އެއީ މީލާދީން 2003 ވަނަ އަހަރުގެ މާރޗް މަހުން 20 ވަނަދުވަހު އެމެރިކާގެ ގުޅފައިވާ ލަޝްކަރުން އ.ދ ގެ މުއާހަދާ ތަކާއި އެންމެހާ ޤާނޫނުތަކާއި ޚިލާފަށް ޢިރާޤަށް އަރައި ޢިރާޤު ހިފުމާއި ގުޅިގެންނެވެ. އެމެރިކާ މި ހަނގުރާމައަށް ތައްޔާރުވަމުން ދިޔައިރުވެސް ދުނިޔޭގެ އެހެނިހެން ޤައުމުތަކުން ތިބީ ބަލާށެވެ. އެމެރިކާގެ ބޭސްތައް ޢިރާޤުގެ އަވަށްޓެރި ޤައުމުތަކުގައި ހަދާ ޢިރާޤަށް ޙަމަލާތައް ދިނެވެ. އަދި ޞައްދާމް ވެރިކަމުން ވައްޓާލީ އެމެރިކާއާއި ޢިރާޤުގެ ވެސް ގިނަ ރައްޔިތުންގެ ނުރުހުމުގައެވެ. ނަމަވެސް މިތަން ބަލަން ޢަރަބިން ތިބީ ހަމަ ހެވިފައެވެ. ޞައްދާމް ޢަރަބިންނާއި ދޭތެރޭ ދެކޭގޮތަކަށް ފަރުވާލެއް ނުބަހައްޓައެވެ. ޞައްދާމް ޢަރަބިންނާއި ދޭތެރޭ ދެކޭގޮތް ހާމަކުރައްވަމުން ވިދާޅުވެފައިވެއެވެ. " އަހަރެމެން ޢިރާޤު ރައްޔިތުން މިތިބީ އަހަރެމެންގެ ކަރުވެސް ޢަރަބިންގެ ފައިދަށުގައި ބާއްވަން ތައްޔާރަށެވެ. ޢަރަބީންގެ ބޭނުންތައް ޙާޞިލުވާނޭނަމައެވެ." ނަމަވެސް ޢަރަބިން އެކަމެއް ނުދަތެވެ.
 
ޞައްދާމަކި ކެރިހުންނަވައިގެން އަމިއްލަ ރައްޔިތުންގެ ދިފާޢުގައި އަޑު އުފުއްލެވި ބޭފުޅެކެވެ. އަދި އެންމެ ކުރިއްސުރެ ހުޅަނގުގެ އުޞޫލުތަކާއި ޞައްދާމް ދެކޮޅުހެއްދެވިއެވެ. އަދި ބަހުގެ އެތައް ހަމަލާތަކެއް އިސްލާމުންގެ އެންމެ ބޮޑު ދުޝްމަނުންކަމުގައިވާ އެމެރިކާއާއި އިޒްރޭލާއި ދެކޮޅަށް ދެއްވިއެވެ. ޞައްދާމް އެމެރިކާއާއި އެހާބޮޑަށް ދެކޮޅުވެރިވުމުގެ ސަބަބަކީ އެމެރިކާއިން މުސްލިމުންނާއި ދޭތެރޭ ކަންތައް ކުރާގޮތުންނެވެ. މިހެންކަމުން އެމެރިކާގެ މަކަރުވެރި ޙީލަތް ޞައްދާމް އަށް ވަރަށް ރަނގަޅަށް އެނގިލައްވައެވެ. އެމީހުންގެ އަމާޒަކީ ހުރިހާ ޢަރަބި އަދި އިސްލާމީ ޤައުމުތައް ކަންވެސްދަނެއެވެ. އެހެންކަމުން ޢަރަބިންގެ ވެރިންނަށް މިކަން ވިސްނައިދެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ.
 
ޞައްދާމް ޙުސައިން ރަޙުމް ކުޑަގޮތަކަށް ދުނިޔޭގެ އެންމެންގެ ކުރިމަތީގައި އަވަހާރަކޮށްލާފައިވަނީ 2006 ވަނައަހަރުގެ ޑިސެމްބަރު މަހުން 30 ވަނައަށްވީ ދުވަހު ހެނދުނު 6:00 ހާއިރުއެވެ. އެއީ މުސްލިމުންގެ އެއަހަރުގެ އަޟުޙާ ޢީދު ދުވަސްވެސްމެއެވެ. ޞައްދާމް މި ފަނާވަނިވި ދުނިޔޭގައި ހޭދަކުރެއްވި އެންމެ ފަހު ވަގުތުކޮޅުވެސް ވިދާޅުވީ ޖަލުގައި ހުންނަވައިގެންވެސް ވިދާޅުވި ބަސްފުޅެވެ. އެއީ އެމަނިކުފާނުގެ ޢަޒުމެވެ. ޝިޔާރެވެ. އުންމީދެވެ. އެއީ "ހުރިހާ އެއްޗަކަށްވުރެ މާތްﷲ ގެ ކުޅަދުންވަންތަކަން ބޮޑެވެ. އަހަރެންގެ ލޮބުވެތި ރައްޔިތުން ސަލާމަތްކަންމަތީ ލައްވާނދޭވެ! ޢިރާޤު މިނިވަންކަންމަތީ ދަމަހައްޓަވާންދޭވެ! އަދި ޣައްދާރުންގެ މައްޗަށް ގަދަވުމުގެ ބާރު މުސްލިމުންނަށް ދެއްވާނދޭވެ!" މި ދުޢާއެވެ. އަދި އެވަގުތު ޞައްދާމްގެ މޫނުފުޅު މަތިން ފެންނަންހުރީ ޢަޒުމާއި ޢުންމީދުގެ ކުލަވަރުތަކެވެ. އާދެ! މި ހުރިހާ އުންމީދެއްވެސްވަނީ ޢަރަބީންނާއި ރައްޔިތުންގެ އަތްމަތީގައެވެ. ހިތްވަރުގަދަ މި ބަޠަލު އެންމެފަހުން ދުނިޔޭގައި އުފުއްލެވީ ދުނިޔޭގައިވާ އެންމެ މާތް ފޮތެވެ. މާތްﷲ ގެ ކަލާމްފުޅެވެ. އެންމެފަހު ޢަމަލުފުޅަކީ ނަމާދެވެ. ދީނުގެ ތަނބެވެ. އަދި އެންމެފަހުގެ ބަހަކީ ޝަހާދަތެވެ. ދީނުގެ މަތިވެރި ޝިޔާރެވެ. ސުވަރުގޭގެ ތަޅުދަނޑިވެސްމެއެވެ.
 
މިފަދަ މާތް ބޭކަލަކަށް އަޅުގަނޑުމެން ބަޠަލެއްގެ މަޤާމް ނުދޭންވީ އެއްވެސް ސަބަބެއްނެތެވެ. އަޅުގަނޑުގެ އަބަދުވެސް ދުޢާއަކީ އިސްލާމްދީނާއި ޢަރަބީންގެ ދިފާޢުގައި އެފަދަ ހިތްވަރެއް ކުރެއްވި ބޭކަލަކަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް އަބަދުގެ އަބަދަށް މިންވަރު ކުރެއްވުމެވެ. އާމީން...
------------
(ނިމުނީ)



މި ލިޔުމާބެހޭ އިތުރުބައެއް މަޢުލޫމާތު؛

ލިޔުން ތާރީޚް: 10 ޖެނުއަރީ 2007

މަޢުލޫމާތަށްޓަކައި: މި ބަޔޮގްރަފީއަކީ 2007 ވަނައަހަރު ށ.ފުނަދޫ ސްކޫލުގައި އޮތް ބަޔޮގްރަފީ ލިޔުމުގެ މުބާރާތުން 01 ވަނަ އަށް ހޮވިފައިވާ ބަޔޮގްރަފީއެވެ.

ހަވާލާ:

1.    ޞައްދާމް ގެ ޙަޔާތަށް އަލިއަޅުވައިލާ 1991 ވަނަ އަހަރު އޮކްޓޯބަރ މަހު އަބްދުﷲ ނަޢީމް އާއި މުޙައްމަދު ވަޙީދު މުސާ ވަޖުދީ  ލިޔުއްވާފައިވާ "ޞައްދާމް ޙުސައިންގެ ކާމިޔާބާއި ނާކާމިޔާބު" ފޮތް

2.     ވިކި ޕީޑިއާ (ގިނަ ތާރީޚްތައް ނެގީ)

3.    އަލްޖަޒީރާ ނިވްސް، ބީބީސީ ނިވްސް ސައިޓް، ނިވްސްވީކް، ދިވެހިރާއްޖޭގެ އަޑު. 

4.    ޞައްދާމް ޙުސައިން އަވަހާރަކޮށްލި ވަގުތު ނަގާފައިވާ ވީޑިއޯ

އަޅުގަނޑު މި ބަޔޮގްރަފީ ލިޔަން ފެށިއިރު ޞައްދާމް ޙުސައިން ދުނިޔޭގައި ހުންނެވި އެވެ. ނަމަވެސް އޭރު ޞައްދާމް ހުންނެވީ އެމެރިކާގެ ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި އެދުވަސްވަރަކީ ޞައްދާމްގެ ޚަބަރު ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން މީޑިއާތަކުން ގެންނަމުންދިޔަ ދުވަސްކޮޅެއްކަމުން މަޢުލޫމާތުތައް ހޯދުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބުނެވެ. މި ބަޔޮގްރަފީގެ ފަހުބައި އަޅުގަނޑު ލިޔެފައި އެވަނީ ޞައްދާމް ދުނިޔޭގެ ކުރިމަތީގައި ރަޙުމް ކުޑަގޮތަކަށް އަވަހާރަކޮށްލާފައިވަނިކޮށެވެ. މިހާރު ލިޔެ ނިމުނު ތާރީޚް ކަމަށް އަޅުގަނޑު ޖަހާފައި އެވަނީ ޞައްދާމް އަވަހާރަކޮށްލެވުނު ފަހުން އިތުރުކުރިބައި ލިޔުން ދުވަހެވެ.


މި ލިޔުން؛

   ފޮނުވުން:    އަލްފާޟިލް އަޙްމަދު ސިރާޖު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:   ''        ''



www.fanvai.info