ވެއްޓޭ ފަތް
އާދަމް ނަޞީރު އިބްރާހީމް (2010)
ވަރަށް ފާގަތި ބުސްތާނެއްގައި ލިޔުންތެރިޔަކު ހިނގަމުން ދިޔަ އެވެ. ގަސްތައް ގިނަ ތިޔާގި ބުސްތާނެކެވެ. އޭގެ ތެރޭގައި ބިޔަ ގަސްތައް ހުއްޓެވެ. ފޮނި މޭވާގެ ގަސްތައް ހުއްޓެވެ. ވެޔޮ ގަސްތައް ހުއްޓެވެ. ހަރު ލަކުޑީގެ ބާވަތްތައް ވެސް ވެ އެވެ. ގަސްތައް ހެދިފައިވާލެއް ބޯކަމުން އަވިކޮޅެއް ލިބެނީ ވެސް މަދު ދިމާއަކުންނެވެ.
އަވީގެ ހޫނުކަން އިޙްސާސްކުރަން ނުޖެހުނަސް، ވަރުބަލިކަން އިޙްސާސްކުރަންޖެހުނެވެ. ވަރުބަލި ފިލުވައިލުމުގެ ބޭނުމުގައި ލިޔުންތެރިޔާ އެތާ ގަހެއްގެ ދަށުގައި އިށީނދެ ލި އެވެ.
''الحمد لله''
ކުއްލިޔަކަށް ލިޔުންތެރިޔާ އަށް އިވުނީ މި ހެން ގޮވާލެވުނު އަޑެވެ. އޭނާ މަތި ބަލައިލި އެވެ. އޭރު ކުރިމަތީގައި ހުރި ވަރަށް ބިޔަ ގަހަކުން ފަތެއް ދޮންވެގެން ވެއްޓެވެ. މަޑުވައިރޯޅިޔާ ކުޅެމުން އައި ފަތް އެ އައި ގޮތަށް އައިސް ގަސްބުޑަށް ބިންމައްޗަށް ވެއްޓުނެވެ.
ލިޔުންތެރިޔާ ވިސްނުންތެރިކަމާއެކު އެ ފަތަށް ބަލަން އިނެވެ. އިރުކޮޅަކުން އެ ފަތް ވާހަކަ ދައްކަން ފެށި އެވެ.
'' އަހަރެން ކުޅަދުންވަންތަ މާތް ﷲ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ އެ ކަލާނގެ ޒާތުފުޅު ފިޔަވައި ކޮންމެ އެއްޗަކަށް އަޖަލެއް މިންވަރު ކުރެއްވި ރަސްކަލާނގެ އެވެ. އެއީ އެ ކަލާނގެ މި ދުނިޔޭގައި ލެއްވި އިލާހީ ޤާނޫނެވެ. ހަމަ އެއްވެސް މަޚުލޫޤަކަށް މި ޤާނޫނާ ޚިލާފެއް ނުވެވޭނެ އެވެ.
އޭ އަހަރެންގެ މަންމަ ކަމުގައި ހިމެނުނު ގަހާ އެވެ! ދުވަސްތަކަކަށް ފަހު، ތިބާ އަހަރެން ބިންމައްޗަށް ވައްޓާލީތީ، މި އަދު އަހަރެން ތިބާއާ މެދު ކިހިނަކުން ހީކުރާނެ ކަމަށް ތިބާ ހީކުރަމުހެއްޔެވެ؟ އަހަރެން ތިބާއަށް ޒީނަތްތެރިކަން ނުދެމުހެއްޔެވެ؟ ފެހިސުންދުސީ ފޭރާމުން ފޭރާން ނުލައްވަމުހެއްޔެވެ؟ ފިނިވައިރޯޅިޔާއެކު ހިތްގައިމު މިޔުޒިކުތައް ކުޅެނުދެމުހެއްޔެވެ؟ ވާރޭގެ ތިކިތަކާއެކު ރީތި ނެށުންތައް ނަށައިނުދެމުހެއްޔެވެ؟ އިރުގެ ދޯތިތަކުގެ އެހީގައި އުޖާލާ ބެބުޅުންތައް ބަބުޅައިނުދެމުހެއްޔެވެ؟
އެކަންކަމުގެ އަގަކީ މިއީ ހެއްޔެވެ؟ މި އަދު މި އޮތީ ބިންމަތީގަ އެވެ. ވެލިގަނޑު މަތީގަ އެވެ. ކުލަގެއްލިފަ އެވެ. ސިފަގެއްލިފަ އެވެ.
ގަހާ އެވެ! ބުނަންހެއްޔެވެ؟ އަހަރެން ތިބާއާ މީން އެއްވެސް ސުވާލެއް ނުކުރާނަމެވެ. އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެން ތިބާއާ މެދު ދެކެނީ މި ބަޔާން ކުރި ގޮތަކަށްނޫނެވެ. އެންމެ ފުރަތަމަ ނުކުތާއަކީ ތޯ އެވެ؟ ތިބާ އަށް އަހަރެން އެއްލައިލެވިދާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ސަބަބަކީ އެ ކަމަކީ އިރާދަފުޅާ ގުޅިފައިވާ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ މައިވަންތަކުގެ ތެރޭން އަހަރެން މި ދުނިޔެއަށް ނޭވައިލީ ނޭވައިލުމަކީ ވެސް ޤުދުރަތުގެ ޤާނޫނާ ގުޅިފައިވާ ކަމެކެވެ.
ގަހާ އެވެ! އަހަރެންގެ ހިތް ތިބާޔާ މެދު މާ ސާފެވެ. މާ ހެވެވެ. މާ އިޚްލާޞްތެރި އެވެ. ވަރަށް މަތީގައި ލައްކަ ދުވަހު އިނދެފީމެވެ. އެ ތާ އިނދެގެން ގަހުގެތިރިޔަށް ވިސްނީމެވެ. އަހަންނަށް ވިސްނުނީ މުޅިން އެހެންކަންތައްތަކެކެވެ.
އެ ދުވަހު އަހަންނަށް ލިބުނު ޅަނދޮޅުކަމާއި އާރޯކަން، ފެހިކަމާއި ތާޒާކަން ގުޅިފައިވަނީ އަހަރެންގެ ކުރިން ތަނޑިންލުހިގެން ބިމަށްވެއްޓުނު ފަތްތަކާ އެވެ. އެ ފަތްތައް ގަސްބުޑުގައި ފަނާވެ ދިޔައީ އެވެ. ގަހުގައި ގެންފައިވާ މޭވާ އޭގެ ޙައްޤުވެރީންނަށް ފޮނިކަމާއި ތާޒާކަންމަތީ ލިބިދިނުމަށްޓަކަ އެވެ. އެ ޤުރުބާނީން ގަހަށް ކާދު ލިބުނެވެ. ކާނާ ލިބުނެވެ. އެ ކާނާގެ ހަކަތައިން އަހަންނަށް އާރޯކަމާއި ތާޒާކަން ލިބުނީ އެވެ. ''
ކުއްލިޔަކަށް ވިލާ ބޯވެލައިފި އެވެ. ގުގުރާލުމަކާ އެކު ވިދާލައިފި އެވެ. ވައިރޯޅި ބާރުވެލައިފި އެވެ. ކެރީގެ ތުނިތުނި ފައްތަކެއް ގަސްތަކާއި ބިންގަނޑު ތެންމަން ފަށައިފި އެވެ.
މި ވަގުތު އެ ފަތް ގަދަ އަޑުން އާދޭސް ކުރަންފެށި އެވެ. '' އޭ ވައިރޯޅި އާ އެވެ! އަހަރެން މި ތަނުން ދުރަށް ނުގެންދާށެވެ! އަހަރެން މި ތާ އޮވެ ނިމިގެންދާން ދޫކޮށްދޭށެވެ! އޭ ބިންގަނޑާ އެވެ. ވީއެންމެ އަވަހަކަށް އަހަރެން ބިމުހުރި ވެއްޔަށް ހަދާލަދޭށެވެ! އޭ ވާރޭ ވިލާގަނޑާ އެވެ! ތިބާގެ ދީލަތި އޮހޮރާލުމުގައި އަހަރެން ކުދިކުދި ކޮށްލަށޭވެ! މި ފަސްގަނޑު އަހަރެންގެ ތާސީރުން ފުރާލަދޭވެ! މިހިރަ ގަހުގެ މައިމުލާ ހަމައަށް އެ އަސަރުތައް ފާއްދާލަ ދޭށެވެ! މި ތާނގައި އަހަރެން ފުނޑުފުނޑުކޮށްލައިދޭށެވެ!
އޭ ގަހާ އެވެ! މި އަދު އަހަރެން ބޭނުންވަނީ މި ފަދައިން ވާށެވެ. އަހަރެން މި ފަސްގަނޑުގައި ފީވެ ވެއްޔަށްވެގެން މި ދަނީ އެވެ. އުފަލާއެކުގަ އެވެ. ޝުކުރާ އެކުގަ އެވެ. ތިބާ ދެމި ހުންނާށެވެ. އަހަރެންގެ މި ޤުރުބާނީން އާ ފަތްތައް ފޮޅުވާށެވެ. އާ ފަތްތަކަށް ދިރުންދޭށެވެ. އާ ފެހިކަމާއި ތާޒާކަން ނެރެދޭށެވެ. މޭވާޔަށް ފޮނިކަން ލިއްބައިދޭށެވެ. ތިބާގެ ޚިދުމަތުގައި އަހަރެން ފިދާވެގެން މި ދަނީ، މާދަމާ ތިބާ ދެކޭނެ ރޯޝަންކަމަށްޓަކައި ފަޚްރުވެރިވަމުންނެވެ. ދީލަތި ކަމާއެކު ތިބާގެ މޭވާ އޭގެ ޙައްޤުވެރީނަށް ބަހައިދިނުމުގައި ސާބިތުވެ ހުންނާށެވެ! އަހަރެންގެ އަބަދުގެ އުފަލަކީ އެއީ އެވެ. އުންމީދަކީ، ހެޔޮ ދުޢާއަކީ އެއީ އެވެ. ޤުދުރަތުން އަހަރެން ޚަލްޤުކުރައްވައި ހަވާލު ކުރެއްވި މަސްއޫލިއްޔަތަށް އަމާނާތްތެރިވުމަކީ މި އެވެ!''
ގުގުރައިގަތުމާއެކު، ވާރޭ އޮއްސައިގެންފި އެވެ. ވިދާލާ ވިދުވަރުން ފިތްކަނޑައިގެންދާހައި ވެ އެވެ. ހަލުއި ފިޔަވަޅުތަކެއްގައި ލިޔުންތެރިޔާ ދުވެގޮސް ރައްކާތެރި ނިވަލަކުން ހިޔަލެއް ހޯދި އެވެ. އެ ގަހާއި ދާދި ކައިރިންނެވެ. އޭނާ ދުށީ ބޯވާރޭގެ ތިކިތަކާއި، ގަދަވައިގެ ރޯޅިފައްތަކާއެކު، އެ ފަތް ބިމުގެ ވެލިގަނޑުގެ ތެރެއަށް އެކުވެ މަސްހުނިވަމުންދާތަނެވެ. ބިމުގެ ތެތް ކިސަޑުން ކަފުންވެ، އެ ކަޅުވެލިގަނޑުގެ ކަށްވަޅުގައި ކުނިތަކާ އުސުނޑި ބުސުނޑީގެތެރޭގައި ސަންދޯކުއެޅިގެން ދިޔަ ތަނެވެ.
މި މަންޒަރު ދެކެންހުރި ލިޔުންތެރިޔާ ހިތަށް އެރި އެވެ. ޤައުމެއްގެ ނިސްބަތުގައި ފަރުދެއްގެ ހައިސިއްޔަތަކީ ވެސް މިއީ ނޫންހެއްޔެވެ؟ ގަހެއްގެ ބުޑަށް ވެއްޓުނު ފަތެއްގެ ކިބައިން ނަމަވެސް މި ލިބުނީ ލިޔެލަން ކިހައި ރަނގަޅު، ކިހައި ރީތި ވާހަކަ އެއްހެއްޔެވެ؟ ޢިބްރަތް ޙާޞިލުކުރާނެ ކޮންމެ ވެސް ބަޔަކު ތިބޭނެ ކަމާ މެދަކު ކުޑަ ވެސް ޝައްކެއް ނެތެވެ.
------------------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން؛
ލިޔުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު/ ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: '' ''
ޝާއިޢުކުރުން: '' ''