އަދުގެ ޚާއްސަ

Print

ތަވާޟުޢުވެރިކަން....

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ތަވާޟުޢުވެރިކަން ވަނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާ އެކީގަ އެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ތަވާޟުޢުވެރިކަމަކީ ވަރަށް މާތް ސިފައެކެވެ. ތަވާޟުޢުވެރިކަމޭ މި ދެންނެވީ ހިތްތިރިކަމާއި ބޮޑާކަމެއް ނެތުމާއި ސާދާކަމާއި މި ފަދަ މާތް ސިފަތަކަކުން އެކުލެވިފައިވާ ވަރަށް މަތިވެރި ސިފަ އަކަށެވެ. މި ސިފަޔަށް އިނގިރޭސިބަހުން ކިޔުން އެންމެ އެކަށީގެންވާ ނަމަކީ "ހިޔުމިލިޓީ" (humility) ކަމަށްވެދާނެ އެވެ.
ކޮންމެ އަކަސް މިއީ ކޮންމެ އިންސާނަކަށް ވެސް ދީނާއި ދުނިޔެ ލާޒިމުކުރާ ސިފައެކެވެ. ސަބަބަކީ އިންސާނާ އަކީ މާތް ﷲ ހައްދަވައިފައިވާ ގޮތުން ވެސް، އެކަކު އަނެކަކާ އެކުލަވައިގެން މުޖުތަމަޢުގައި އުޅެންޖެހިފައިވާ މީހެކެވެ. އެހެންކަމުން، ތިމާއަށް އަނެކުންގެ ރުހުމާއި ލޯބި ލިބުމަކީ ތިމާއަށް މުޖްތަމަޢުގައި އުޅެން ފަސޭހަވާނޭ ކަމެކެވެ. ތިމާއަކީ ހިތްތިރި، ސާދާ މީހެއް ނަމަ، އިޚުލާޞްތެރި، ތެދުވެރި، އެހެން މީހުން ތިމާ ދެކެ ލޯބިވާނެ އެވެ. އޭނާ އަށް ޤަދަރުކުރާނެ އެވެ. މީހުންގެ މެދުގައި ނަން ހިނގައި މަޝްހޫރުވާނީ އޭރުންނެވެ.  ނަތީޖާއަކަށް ވާނީ ދުނިޔޭގެ ބާއްޖަވެރިކަން ލިބުމެވެ. އަނެއް ކޮޅުން ބަލާއިރު، ބޮޑާކަމާއި ފޮނިކަމާއި ކިބުރުވެރިކަން މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ އެ މީހަކަށް އަނެކުން ޤަދަރެއް ނުކުރާނެ އެވެ. އެ މީހެއްގެ މުއްސަނދިކަމުން ނުވަތަ މަގާމުގެ ބާރުގަދަކަމުން ބަޔަކު ޤަދަރުކުރާ ކަމަށް ދެއްކިޔަސް އެ ވާނީ ބޭރުފުށުން ދައްކާ ދަޅައަކަށެވެ. ނަތީޖާ އަކަށް ވާނީ މީހުންގެ ނަފުރަތާއި މަލާމާތާއި ލަޢުނަތް ތިމާއަށް ނޭނގި ތިމާއަށް ރައްދުވުމެވެ. ބާއްޖަވެރި ކަމަށް ހުރަސް އެޅިގެން ދިޔުމެވެ. ތިމާ ދެ ދުނިޔޭގެ އަބާއްޖަވެރިކަމަށް ހުށަހޮޅުމެވެ.

ތަވާޟުޢުވެރިކަމަކީ އިސްލާމީ އަދަބުތަކުގެ ތެރޭގައި ހިމެނޭ މާތް ސިފައެކެވެ. ކީރިތި ރަސޫލާގެ ޚުލްޤުފުޅުގައި ހިމެނިފައިވާ މާތް ސިފަފުޅެކެވެ. އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ސިފައެކެވެ. ސުވަރުގެ ވަންތަވެރީންގެ ސިފައެކެވެ. ތަވާޟުޢުވެރިކަމުގެ އިދިކޮޅަކީ ކިބުރުވެރިކަމެވެ. ކީރިތި ރަސޫލާ މި އުންމަތަށް އަންގަވައި އިންޒާރުކުރައްވައިފައި ވަނީ ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު އެ މީހެއްގެ ހިތުގައި ވާ މީހާއަށް ﷲ ގެ ރުއްސެވުމެއް ނުލިބޭނެކަމަށެވެ. އެހެންވީމާ ތަވާޟުޢުވެރިކަމަކީ ދީނާއި ދުނިޔެ ލާޒިމުކުރާ ސިފައެއްކަން ވަރަށް ރަނގަޅަށް އެބަ ހާމަވެ އެވެ.

ތަވާޟުޢުވެރިކަން ތިމާގެ ކިބައިގައި އަށަގެންނުވޭނީ ތިމާގެ އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރު އޮވެގެންނެވެ. ތިމާ ލަދުގަންނަން ޖެހޭ ކަންކަމާއި ލަދުގަންނަން ނުޖެހޭ ކަންކަން ސާފުކޮށް އެނގިގެންނެވެ. ތިމާގެ އަމިއްލަ ޒަމީރުގެ މައްޗަށް ބާރު ހިންގިގެންނެވެ. މީހަކު ނުހައްގުން ކިޔައިފާނެ އެއްޗަކަށް ނުވަތަ ކޮށްފާނެ މަލާމާތަކަށް ޖެހިލުން ނުވާ ވަރަށް ތިމާގެ ނަފްސުގެ މައްޗަށް އިތުބާރު ލިބިގެންނެވެ. މި ކަމަށް އާދެ! މި ސިފަޔަށް އިނގިރޭސިބަހުން (Self Confidence) ސެލްފް ކޮންފިޑެންސޭ ކިޔައިފާނެ އެވެ.
 
ކޮންމެ އަކަސް ތިމާގެ ކިބައިގައި ތަވާޟުޢުވެރިކަމުގެ މާތްސިފަ އަށަގަންނުވަން ބޭނުންވާނަމަ ތިމާގެ އަމިއްލަ ނަފުސަށް އިތުބާރުކުރަން އެބަޖެހެ އެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރެވޭނީ ކަން އޮންނަ ގޮތް ރަނގަޅަށް ޔަގީންވެގެންނެވެ. މިކަމަށް ޓަކައި މަޢުލޫމާތު ހޯދަން އެބަ ބޭނުންވެ އެވެ. ތިމާ ކަމެއް ކުރާނަމަ މިކުރާ ކަމަކީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ވާޖިބުކަމެއްކަން ނުވަތަ އެންމެ ކުޑަ މިނުން ހުއްދަ ކަމެއް ކަން އެބަ ޔަޤީންވާންޖެހެ އެވެ. އަދި އެތަނެއްގެ އާންމު އަދަބުތަކާ ފުށުނާރާ ކަމެއްކަން ސާފުކޮށް އެނގި މުރުއްވަތްތެރިކަން އިސްކުރަން އެބަޖެހެ އެވެ. މުރުއްވަތްތެރިކަމުގެ މާނައަކީ ބަނިޔާދަންކަމެވެ. ނުވަތަ އާދަމުގެ ދަރިވަންތަކަމެވެ. އަދަބުވެރިކަމާއި ޚުލްޤުހެޔޮކަމެވެ. އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފުނުވެ އުޅުމެވެ. މަޑުމައިތިރިކަމެވެ. ސުލޫކުގެ ފުރިހަމަ ކަމެވެ. މިކަން ކަމާ އެކު ތިމާ ކަންކަމާ ކުރިމަތިލާނަމަ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަޤީންކަން ކަށަވަރުވާނެ އެވެ.

ކޮންމެ އަކަސް ތަވާޟުޢުވެރިކަމަކީ ދީނާއި ދުނިޔެ ލާޒިމުކުރާ ކަމަކަށް ވާއިރު މި މާތް ސިފަ ލިބިގަނެވޭނީ އަމިއްލަ ނަފުގެ މައްޗަށް އިތުބާރު އޮވެގެންކަމީ ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ނަމަ އެ މީހަކު ކުރާ ކަމެއް ކުރާނީ ފިސާރި ޔަޤީންކަމާއި ސާބިތުކަމާއެކުގަ އެވެ. ނުޙައްޤުން ބަޔަކު ކިޔައިފާނެ އެއްޗަކުން އެ މީހެއްގެ ޢަޒުމް ބަލިކައްޓެއް ނުވާނެ އެވެ.

އަޅުގަނޑުމެން އެންމެންނަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ކިބުރުވެރިކަމުން ދުރުވެގެންވާ މުރުއްވަތްތެރި ތަވާޟުޢުވެރިންކަމުގައި މާތް ﷲ ލައްވާށި! އާމީން!
------------------
 (ނިމުނީ)

މި ލިޔުން؛

  ފޮނުވުން:   އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކްރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން:   ''        ''



ހަމަމިގަލަމުން

އިދާރާ

ވާހަކަ